ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އިންޑިއާގެ އޯވަރސީސް އިންޑިއަން އެފެއާޒް މިނިސްޓަރ މިސްޓަރ ވަޔާލަރ ރަވީ، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނުއެވެ.

އިންޑިޔާއިން ބޭރުގައި ދިރިއުޅޭ އިންޑިޔާގެ ރައްޔިތުންގެ ކަންތައްތަކާބެހޭ ވަޒީރާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކުރެއްވި މަޝްވަރާތައް މައިގަނޑުގޮތެއްގައި އަމާޒު ކުރެއްވީ، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާބެހޭ ގޮތުންނެވެ. މިގޮތުން، ވިޔަފާރީގެ ދާއިރާއިން ރާއްޖެއާއި އިންޑިޔާއާއި، ޚާއްޞަ ގޮތެއްގައި ދެކުނު އިންޑިޔާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކޮށް، އިންޑިޔާއިން ހެޔޮއަގުގައި ލިބެން ހުންނަ އުފެއްދުންތައް އެޤައުމުން ސީދާ ރާއްޖެއަށް އެތެރެކުރެވޭނެފަދަ އިންތިޒާމެއް ހަމަޖެހިގެން ދިޔުމަކީ، އެކަމުން ދެޤައުމަށްވެސް އިޤްތިޞާދީގޮތުން ފައިދާކުރާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސާކް ޤައުމުތަކުގެ ތެރެއިން އައްސޭރިފަށުގެ ހުރިހާ ޤައުމެއް ކަނޑު ދަތުރުފަތުރުގެ ގުޅުމަކުން ގުޅާލުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. މިއީ، ސާކްގެ ޤައުމުތަކުގެ އިޤްތިޞާދަށް ވަރަށް މުހިންމު، އަދި މުދަލުގެ ވިޔަފާރި ހިންގުމަށާއި ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސް ކުރުމަށް މުހިންމު ކަމެއްކަން މިނިސްޓަރ ރަވީ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މަސައްކަތްކޮށް އަދި ދިރިއުޅުމުންދާ ބޭރުމީހުންނާބެހޭ ކަންތައްތައް ހަރުދަނާ ކުރެއްވުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިސްޓަރ ރަވީ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަތްފަހުން މިވީ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ގުޅުން ވަރަށްބޮޑަށް ފުޅާވެ، އިތުރަށް ބަދަހި ވެގެންގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް މިސްޓަރ ރަވީ ވިދާޅުވިއެވެ. މީގެއިތުރުން، އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް ޙަސަން ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ.