އިންޑޮނޭޝިއާގެ ދެކުނު ސުލާވެސީ ޕްރޮވިންސްގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސް، ހިޒް އެކްސަލަންސީ ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، 8 ކުރޫއިންނާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް މެރީން އެފެއާޒް އެންޑް ފިޝަރީޒްގެ 3 އޮފިޝަލުންގެ ފުރާނަ ގެއްލިދިޔަ މިހާދިސާއާ ގުޅިގެން ކުއްލި ސިހުމަކާއި ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރެއްވިއެވެ.

އަދި ރައީސް ސުބިއަންތޯއާއި އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށާއި، މި ހާދިސާގެ ސަބަބުން ހިތްދަތިކަން ތަޙައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. ހަމަމިއާއެކު، މީހުން ހޯދައި ސަލާމަތްކުރުމަށް ހިންގާ އޮޕަރޭޝަން، ކާމިޔާބުކަމާއެކު ކުރިއަށްދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.