ސަޢުދީ ކެންސަރ ފައުންޑޭޝަންގެ ފަރާތުން ރާއްޖެއަށް މިހާރު ޒިޔާރަތް ކުރަމުން ގެންދާ އެފައުންޑޭޝަންގެ ޑޮކްޓަރުންގެ ވަފްދާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވިވާހަކަފުޅުގައި، ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި ކެންސަރު ބައްޔާބެހޭ ފުރިހަމަ ޕްރޮގްރާމެއް އެކުލަވާލުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމެއް ހިންގުމުގައި، ސަޢުދީ ކެންސަރު ފައުންޑޭޝަންގެ ފަރާތުން ރާއްޖެއަށް ފޯރުއްވައިދެއްވިދާނެ އެހީތެރިކަމާބެހޭގޮތުން، ވަފުދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މިބަލީގެ ޙާލަތު މިހާރު އޮތް މިންވަރު ދެނެގަތުމަށް މިހާރުން މިހާރަށް މަސައްކަތް ކުރައްވަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރު ހުރި ވަސީލަތްތަކާއި، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ އެހީގައި، ބަލި ޖެހިފައިވާކަން ދެނެގަތުމަށް ކުރެވޭ އެންމެ އާދައިގެ ޓެސްޓްތައް ކުރެވޭނެ މަގުފަހި ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އަދި، ރާއްޖޭގައި މިދާއިރާ ކުރެވޭ މަސައްކަތަށް އެ ފައުންޑޭޝަންގެ ބައިވެރިވުން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.

ސަޢުދީ ކެންސަރު ފައުންޑޭޝަންގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން ރާއްޖެ ވަޑައިގެންނެވި، އެ ފައުންޑޭޝަންގެ ރައީސް ޢަބްދުލްޢަޒީޒް ޢަލީ އަލް-ތުރްކީ ދެއްކެވި ވާހަކަފުޅުގައި، އެވަފްދުގެ ބޭފުޅުން ރާއްޖެއަށް މި ކުރައްވަމުން ގެންދަވާ ޒިޔާރަތާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. މިވަފުދުގެ ބޭފުޅުން، އައި.ޖީ.އެމް. ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ކެންސަރު ބަލީގެ މީހުން ބައްލަވާފައިވެއެވެ. އަދި މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަނާ ގުޅިވަޑައިގެން، އެ ކޯޕަރޭޝަނުގެ ޑޮކްޓަރުންނަށް އަމާޒުކުރައްވައިގެން ކެންސަރާ ބެހޭ ދެ މަސައްކަތު ބައްދަލުވުމެއް ހިންގަވާފައިވެއެވެ.

މިވަފްދުގެ ބޭފުޅުންގެ ވާހަކަފުޅުގައި، ސަޢުދީ ކެންސަރ ފައުންޑޭޝަންގެ ފަރާތުން، ރާއްޖޭގައި ކެންސަރު ބައްޔަށް ދެވޭ ފަރުވާ ހަރުދަނާކުރުމަށް އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެފައުންޑޭޝަންގެ ފަރާތުން ރާއްޖޭގެ ޑޮކްޓަރުންނަށް، ކެންސަރު ބައްޔަށް ފަރުވާދިނުމާބެހޭ އިތުރު ތަމްރީނު ދެއްވުމަށް ތައްޔާރަށް ތިއްބެވިކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި މި ބަލި ކޮންޓްރޯލްކޮށް، މި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށް، ބައްޔާބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މުހިންމުކަންވެސް މި ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.