ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "މޯލްޑިވްސް ޑިޖިޓަލް ސަރވިސް"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ" މިއަދުން ފެށިގެން އުވައިލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

    "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފެއްދެވީ، ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރާ ގުޅޭގޮތުން 2025 ސެޕްޓެންބަރު 25ވަނަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައި މަޝްވަރާކުރައްވައިފައިވާ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓު ތަންފީޒުކުރުމާ ގުޅޭގޮތުން އެ މަޖިލީހުން ނިންމަވައިފައިވާ ނިންމެވުންތަކުގެ ތެރޭގައި، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކީ، މޯލްޑިވްސް ޑިޖިޓަލް ސަރވިސް ކަމުގައި ހަމަޖެއްސެވުމަށް ނިންމަވައިފައިވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

    މޯލްޑިވްސް ޑިޖިޓަލް ސަރވިސް އުފެއްދެވުމާ ގުޅިގެން، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028- ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ކުރައްވަންޖެހޭ މަސައްކަތްތަކުގެ އިތުރުން، އެން.ސީ.އައި.ޓީ.އިން މިހައިތަނަށް ކުރައްވަމުން ގެންދެވި މަސައްކަތްތައް ކުރައްވަމުން ގެންދަވާނީ، މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

    ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޑިޖިޓަލް ސަރވިސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 1137 އެވެ.