بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، މިއަދު އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބެއްކަމަށް ދެކެނީ، އަޅުގަނޑު ފޮނަދުއަށް އައި އައުމުގައި، ފޮނަދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި، ވަރަށް އިޚްލާޞްތެރި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުން.
އަޅުގަނޑު މިއަދު ފޮނަދުއަށް އައުމަށް ހަމަޖެހިފައިވާތީ، ފޮނަދޫގެ ރައްޔިތުން އަދި ފޮނަދޫގެ ވެރިން އަދި ކޮމިޓީތަކުގެ މެންބަރުން އެކަމަށް ތައްޔާރުވެވަޑައިގެންފައިވަނީ ވަރަށް ފުރިހަމަގޮތެއްގައި. އެހެންކަމުން، ފޮނަދޫގެ ވެރިންނާއި ކޮމިޓީތަކުގެ މެންބަރުންނާއި އަދި ޢާންމު ރައްޔިތުން މި މުނާސަބަތަށްޓަކައި ކުރައްވާފައިވާ ބުރަ މަސައްކަތްތައް ފެނިފައި، އެކަމަށްޓަކައިވެސް ފޮނަދޫގެ ރައްޔިތުންނަށާއި ވެރިންނަށާއި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި، މިއަދުގެ މި އުފާވެރި ޖަލްސާގައި ހައްދުންމަތީގެ އެހެން ރަށްރަށުގެ ވެރިންވެސް ތިއްބެވިކަން އަޅުގަނޑު ފާހަގަކޮށް، އެ ބޭފުޅުންނަށާއި އަދި އެ ބޭފުޅުން މެދުވެރިކޮށް ހައްދުންމަތީގެ ހުރިހާ ރަށްރަށުގެ ރައްޔިތުންނަށް އަޅުގަނޑުގެ ހެޔޮއެދުމާއި އިޚްލާޞްތެރި ހުރިހާވެސް ޝުޢޫރުތަކެއް ރައްދުކުރަން.
އަޅުގަނޑު މި ކުރާ ދަތުރަކީ ދެކުނުގެ ތިން އަތޮޅަކަށް އާދެ، ތިން އަތޮޅެއްގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއް. އެންމެ ފުރަތަމަ އިއްޔެ އަޅުގަނޑު ކައްދުއަށް އައިސް މިތަނުން ދިޔައީ ހުވަދުއަތޮޅު ދެކުނުބުރީ ވެރިކަންކުރާ ރަށް، ތިނަދުއަށް. ތިނަދޫން ފުރައިގެން ހުވަދުއަތޮޅު އުތުރުބުރީ ވެރިކަންކުރާ ރަށް، ވިލިނގިއްޔަށް ދިޔައީ. ވިލިނގިއްޔަށް ޒިޔާރަތްކުރުމަށްފަހުގައި އެ އަތޮޅު ކޮލަމާފުށްޓަށް ދިޔުމުގެ އުފާވެސް އަޅުގަނޑަށް އިއްޔެ ލިބުނު. އޭގެފަހުން، މިއަދު މި އަތޮޅުގެ ދެރަށަކަށް އަޅުގަނޑު ކުރާ ދަތުރެއް ފަށައިގެން މިއުޅެނީ. އާދެ، ފުރަތަމަ މިއަދު ހެނދުނު ދިޔައީ ގަމަށް. ގަމުގެ ރައްޔިތުންނާ ބައްދަލުކުރުމަށްފަހުގައި އަޅުގަނޑު މިއައީ ތިޔަބޭފުޅުންނާ އާދެ، ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށްޓަކައި.
ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރޭގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ކުރިއަރުވައި، ރާއްޖެތެރޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ޙާލު އެއްދުވަހުން އަނެއްދުވަހަށް އިތުރަށް ތަނަވަސްކޮށް، ދިރިއުޅުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ފިލުވައިދިނުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާތާ އެތައް އަހަރެއްވެއްޖެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެތެރެއަށް މިހާރުވަނީ ކުރިއެރުމުގެ ރޫޙު އައިސްފައި. ބަލައިލި ކޮންމެ ދިމާއަކުން ތަރައްޤީގެ އަސަރުތައް ވަރަށްފާޅުގޮތެއްގައި ފެންނަން އެބަހުރި. ޝައްކެއްނެތް، އެކަމަކީ، އަޅުގަނޑެކޭ އެއްފަދައިން ތިޔަ ހުރިހާ ބޭފުޅުންވެސް ވަރަށްބޮޑަށް އުފާކުރައްވާނެ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެއަށް ބަލައިލާއިރު، ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުގައި ވަރަށް ކުޑަ ޤައުމެއްކަން ޤަބޫލުކުރަންޖެހޭ. ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޢަދަދުވެސް މަދު. އަދި ރާއްޖެއަކީ ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތްތައްވެސް ވަރަށްމަދު ޤައުމަކަށްވާތީއާއެކުގައި، ތަރައްޤީގެ މަގުގައި ރާއްޖެއަށް މީގެކުރިން އެޅިފައިވާ ފިޔަވަޅުތަކަކީ، މާ ހަލުވި ފިޔަވަޅުތަކެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންނަކީވެސް ދުނިޔޭގައި ﷲ ލައްވާފައިވާ ޤައުމެއް. އަޅުގަނޑުމެންނަށް ވަނީ މިނިވަންކަން ލިބިފައި. އެހެންކަމުން، އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ޤައުމައިގެން ކުރިއަށްދިޔުމަކީ ޤައުމީގޮތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއްކަން ކަށަވަރު.
އާދެ، ޝައްކެއްނެތް، ރާއްޖޭގެ ރައްޔިތުން މިވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ކުރިއަށްދިޔުމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވޭ. ތަޢުލީމީގޮތުން، ޞިއްޙީގޮތުން، ޢުމްރާނީގޮތުން، އިޤްތިޞާދާއި ވިޔަފާރީގެ ގޮތުން. މިހެންގޮސް ދިރިއުޅުން ތަރައްޤީކޮށް، ދިރިއުޅުމުގެ ފަސޭހަތައް ލިބިގަތުމަށްޓަކައި އިންސާނުންކުރާ ކޮންމެ ބާވަތެއްގެ މަސައްކަތެއް، އިންސާނުން ކުރިއަރަމުންދާ ކޮންމެ ރޮނގެއްގައި ހިންމަތްތެރި މަސައްކަތްތަކެއް ދިވެހި ރައްޔިތުންވެސް މި އަންނަނީ ކުރަމުން. އާދެ، މިކަމުގައި ސަރުކާރުން ކޮށްދޭ ކަމަކީ، ރައްޔިތުންނަށް އެ ކަންތައްތަކުގެ މަގު ފަހިކޮށްދިނުން. ސަރުކާރުގެ ޚަރަދުގައި އެކިއެކި މަޝްރޫޢުތައް ރާވައި ހިންގަނީ. އެ މަޝްރޫޢުތައް ހިންގުމުން ލިބޭ ފައިދާއަކީ ރައްޔިތުންނަށް ލިބޭ ފައިދާ. ތިޔަބޭފުޅުންގެ މި އަތޮޅަށްވެސް ވަރަށް ގިނަ ކަންތައްތައް ހަމަޖެހިގެން ހިނގަމުންދާ ތަން ތިޔަބޭފުޅުންނަށް އޮންނާނީ ފެނިވަޑައިގެންފައި. އާދެ، ކުޑަކުޑަ މިސާލެއް ދަންނަވާލަންޏާ، މި އަތޮޅަށް މި އަންނަމުންދާ ތަޢުލީމުގެ ކުރިއެރުން އެއީވެސް ފާހަގަކޮށްލެވޭފަދަ ކަމެއް. އަޅުގަނޑުމެން މި ޖަލްސާ ކުރަމުން މިގެންދާ ފޮނަދޫ ތަޢުލީމީ މަރުކަޒަކީ، މީގެ ދިހަވަރަކަށް އަހަރު ކުރިން އުފެދި ޤާއިމުވެ ހުޅުވިފައިވާ ތަނެއް. އެތާނގެ ޚިދުމަތް ލިބެމުން ދަނީ މި ރަށުގެ ކިޔަވާކުދިންނަށް، ހަމައެކަނި މި ރަށުގެ ކިޔަވާކުދިންނަކަށް ނޫން، މި ރަށުގެ ކިޔަވާކުދިންގެ އިތުރަށް މި އަތޮޅުގެ އެހެން ރަށްރަށުގެ ކިޔަވާކުދިންނަށްވެސް ލިބެމުން. އާދެ، އަޅުގަނޑުވެސް އެއްބަސް އަދި މި އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވައިދެމުން މިގެންދަނީކީ، އަޅުގަނޑުމެން އެދޭ ފެންވަރަކަށެއް ނޫން. އެއީ، ސަބަބުތަކެއް ނެތިއެއްވެސްނޫން. އެހެންނަމަވެސް، މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ، މި މަދަރުސާވެސް މި ތަޢުލީމީ މަރުކަޒުވެސް ޘާނަވީ ތަޢުލީމު ލިބިދޭ ތަނަކަށް ބަދަލުވެގެންދާނެ. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން އެގޮތަށް އެކަން ހަމަޖެހޭނެ. އޭގެއިތުރުން، މި އަތޮޅުގައި ތަޢުލީމީގޮތުން އިތުރު މަސައްކަތްތަކެއް ފެށުމަށްވެސްވަނީ ހަމަޖެހިފައި.
އާދެ، މިއަދު ހެނދުނު ގަމުގެ ރައްޔިތުންނާ ބައްދަލުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައި، އަޅުގަނޑު އިޝާރާތްކުރިފަދައިން، ޤަތަރުގެ އަމީރުގެ ނަންފުޅަށް ނިސްބަތްވާ ސްކޫލެއް ނުވަތަ މަދަރުސާއެއް ބިނާކުރާގޮތަށް ހަމަޖެހިފައިވަނީ ގަމުގައި. ގަމަކީވެސް މި އަތޮޅުގެ ރަށެއް. އެހެންކަމުން، އެ މަދަރުސާގެ ސަބަބުންވެސް މި އަތޮޅުގެ ތަޢުލީމީ ޙަޔާތަށް އިތުރު ދިރުމެއް، އިތުރު ފަހިކަމެއް، އިތުރު ކުރިއެރުމެއް އަންނާނެކަން ކަށަވަރު.
އާދެ، ޞިއްޙީގޮތުންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި އަތޮޅުގައި އަދި ސަރަޙައްދީ ހަސްފަތާލެއް ނެތްކަމުގައިވިޔަސް، ދައުލަތުގެ ފަރާތުން ހަދައިގެން ހިންގަމުން ގެންދާ ޞިއްޙީ މަރުކަޒުތަކެއް އެބަހުރި. އޭގެ ތެރެއިން އެއް މަރުކަޒު ހުރީ ގަމުގައި. އެ މަރުކަޒަކީ މީގެ ކުރިން އެ މަރުކަޒުގެ ފަރާތުން އެއްވެސް ޚިދުމަތެއް ރައްޔިތުންނަށް އަދި ލިބިފައިނުވާ މަރުކަޒެއް ކަމުގައިވިޔަސް، މިހާރު ހަމަޖެހިފައިވަނީ ވަރަށް އަވަހަށް އެ މަރުކަޒުގެ ޚިދުމަތް ރައްޔިތުންނަށް ލިބިދެވޭގޮތަކަށް ކަންތައްތައް ގެންދިޔުމަށް. އަދި އެތާނގައި ޑަކްޓަރެއްގެ ޚިދުމަތްވެސް ލިބޭގޮތަށް މިހާރުވަނީ ހަމަޖެހިފައި.
އާދެ، މި ރަށުގައި، ފޮނަދޫގައި ތަޖުރިބާކުރުމުގެ ގޮތުން ސަރުކާރުން ވަރަށް މުހިންމު އެހެން މަޝްރޫޢެއްވެސް ހިންގަމުން އެބަގެންދޭ. އެއީ ދަނާލުގެ މަޝްރޫޢު. ދަނާލަކީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ތަޢުލީމީ މަރުކަޒުތަކާއި، އަތޮޅު މަދަރުސާތައް މި ހުންނަނީ ވަކި ރަށްރަށެއްގައި ކަމަށްވާއިރު، އެހެން ރަށްރަށުގައި ތަޢުލީމު ޙާޞިލްކުރާ ޢުމުރުގެ ކުދިންނަށް އެ މަރުކަޒުތަކުން ނުވަތަ އެ މަދަރުސާތަކުން ތަޢުލީމު ލިބޭގޮތަކަށް ހަމަޖެއްސުމަށްޓަކައި ކޮންމެހެން ބޭނުންތަނެއް. އާދެ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ބޯޑިންގ ސްކޫލް ހުންނަފަދައިން، ނުވަތަ ބޯޑިންގ، ކިޔަވާކުދިން ދިރިއުޅޭގޮތަށް ހަމަޖެހިފައިވާ، އެ ކުދިން ބެލެހެއްޓޭނެ އިންތިޒާމެއްގެ ދަށުން އެ ކުދިން އެތާނގައި އުޅެ، ކައިރީގައި ހުންނަ މަދަރުސާއަކަށް ނުވަތަ ސްކޫލަކަށް ތަޢުލީމު ޙާޞިލްކުރަންދާ ފަދައިން، ރާއްޖޭގައިވެސް އެކަން ފެށުމުގެ ތަޖުރިބާއެއް ކުރެވެމުން މިދަނީ. އެހެން ހަދަންޖެހޭ ސަބަބަކީ، އަޅުގަނޑުމެންގެ ރަށްތަކަކީ ޖަޒީރާތަކަކަށްވާކަން. ކިތަންމެ ކައިރީގައި އޮތް ރަށަކުންނަމަވެސް، ދަތުރުކޮށްފައި، އާދެ، ކަނޑުދަތުރުކޮށްފައި، އަނެއްރަށަކަށް ދިޔުމަކީ ކިޔަވާކުދިންނަށް ކުރެވޭވަރުގެ ކަމަކަށްނުވޭ. އެހެންކަމުން، މިފަދަ ބޯޑިންގއެއް ނުވަތަ ދަނާލެއް ޤާއިމުކޮށް، އެތާނގައި އެ އަތޮޅުގެ އެހެން ރަށްރަށުގެ ކުދިން އައިސްތިބޭގޮތަކަށް ހަމަޖެހިއްޖެނަމަ، އެރަށެއްގައި އެ ހުންނަ ސްކޫލެއްގެ ނުވަތަ ތަޢުލީމީ މަރުކަޒެއްގެ ޚިދުމަތް އެހެން ރަށްރަށަށްވެސް ލިބޭނެ. އެގޮތުން ތަޖުރިބާކުރުމުގެ ގޮތުން ހިންގަމުންގެންދާ ތަނެއް ދަނާލު އެއީ. އާދެ، މި ތަޖުރިބާއަކީ ކާމިޔާބު ތަޖުރިބާއަކަށް ވެއްޖެނަމަ، މުސްތަޤްބަލުގައި މިފަދަ އެހެން ތަންތަންވެސް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ.
އާދެ، ތަޢުލީމީގޮތުން ބަލާއިރު، އެންމެ ފުރަތަމަ ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން ހަދަމުން ގެންދިޔަ ތަޢުލީމީ މަރުކަޒުތަކާއި އަދި އަތޮޅު މަދަރުސާތަކުގައި ކިޔަވައިދެއްވަމުން ގެންދެވުނީ ހަމައެކަނި ފަށާ ތަޢުލީމުގެ މިންވަރަށް. އޭގެފަހުން މެދުމަދަރުސީ ތަޢުލީމުގެ ކްލާސްތައްވެސް ހިންގަން ފެށުނު. މިހާރު ރާއްޖެތެރޭގެ ވަރަށް ގިނަ ތަނެއްގައި ސެކަންޑްރީ ތަޢުލީމު އާދެ، ޘާނަވީ ތަޢުލީމުގެ ކްލާސްތަކެއްވެސް ހިނގަމުން އެބަދޭ. އެހެންވީމާ، އަޅުގަނޑުމެންގެ ތަޢުލީމު ރާއްޖެތެރެއަށް އެދަނީވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ ކުރިއަރަމުންދާ ކަހަލަ ގޮތެއްގައޭ. އަޅުގަނޑުމެން މިތިބީކީ ހަމައެކަނި އެއްތަނެއްގައެއްނޫން. ކުރިއަރަމުން މިދަނީ. ރާއްޖޭގެ ޤާބިލިއްޔަތާއި، ރާއްޖޭގެ ތަނަވަސްކަން ހުރި މިންވަރަކުން މި ޚިދުމަތްތައް ރާއްޖެތެރެއަށް ފެތުރެމުން އެދަނީ. އަދި ކުރިން ތަޢުލީމީ މަރުކަޒުތަކާއި އަތޮޅު މަދަރުސާތަކުގައި ކިޔަވައިދެމުން ގެންދިޔައިރު، އެ ތަންތާނގައި އިނގިރޭސި ކިޔަވައިދޭން ޓީޗަރުން ނެތުމުގެ މައްސަލަވެސް އޮތީ ވަރަށް ބޮޑަށް ނުކުމެފައި. އެއީ، ރާއްޖެތެރޭގެ ދަރިވަރުންނަކީވެސް އިނގިރޭސި ބަސް ކިޔަވަން ބޭނުންވާ އަދި އިނގިރޭސި ބަސް ކިޔަވައިދޭންޖެހޭ ބަޔަކަށްވާތީ. އެހެންނަމަވެސް، މިހާރު އެ މައްސަލަވެސް މިދަނީ ޙައްލުވަމުން. ސަރުކާރުގެ ޚަރަދުގައި، ރާއްޖެތެރޭގެ ވަރަށްގިނަ ސްކޫލްތަކެއްގައި މިހާރު ބިދޭސީ ޓީޗަރުން މަސައްކަތްކުރަމުން އެބަގެންދޭ. އެއީ، ހަމައެކަނި އިނގިރޭސި ކިޔަވައިދޭކަށް ނޫން. އިނގިރޭސި ކިޔަވައިދޭށާއި އަދި ސައިންސްގެ އެހެން މާއްދާތަކާއި މި މާއްދާތައް ކިޔަވައިދިނުމަށްޓަކައި. އަދި އަޅުގަނޑުމެންގެ ރާއްޖެތެރޭގައި މިހާރު އިނގިރޭސި ބަސް ކިޔަވައިދޭ، ދިވެހި ޓީޗަރުންވެސް އެބަތިބި. އެހެންކަމުން، މިއީވެސް އަޅުގަނޑުމެންގެ ތަޢުލީމީ ޙަޔާތަށް އައި ހެޔޮބަދަލެއްކަމުގައި އަޅުގަނޑު ދެކެން. އެހެންނަމަވެސް، އެ ބަދަލަކީ މިހާހިސާބަށް އަދި މުޅިން ނިމިފައިވާ ބަދަލެއްނޫން. މި ކަންތައްތައް މިދަނީ ކުރިއަށް. އެއްދުވަހުން އަނެއް ދުވަހަށް، އިރާދަކުރެއްވިއްޔާ ތަޢުލީމީ ކަންތައްތައްވެސް ދާނީ ތަރައްޤީވަމުން.
އާދެ، ރާއްޖެތެރެއަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ގިނަ ރަށްރަށުގެ ފަޅުގެ ދަތިކަން. އެއީ އަޅުގަނޑުދާ ކޮންމެ ރަށަކުންވެސް އެންމެ ބޮޑަށް އެ ރަށެއްގެ ރައްޔިތުން ފާހަގަކުރައްވައި ވިދާޅުވާ ކަމެއް. ސަރުކާރުގެ ޚަރަދުގައި މިހާރުވެސް ބައެއް ރަށްރަށުގެ ފަޅު ފުންކުރެވިފައިވާކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި ފޮނަދޫގެ ފަޅުވެސް މިހާރު މިދަނީ ފުންކުރެވުމުން. އެ މަސައްކަތަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމެއް. އެ މަސައްކަތް ކުރަމުން މިގެންދަނީ ސަރުކާރުގެ ބަޖެޓުން. އެހެންވީމާ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެކަމަކީ އަޅުގަނޑުމެން އެދޭހާ ހަލުވިގޮތަކަށް ގެންދެވޭނެ ކަމެއް ނޫންކަން. މިހާރުވެސް ރާއްޖެތެރޭގެ 8 ރަށެއްގައި ފަޅުފުންކުރުމުގެ މަސައްކަތް އެއްފަހަރާ ހިނގަމުން އެބަދޭ. އެ ހުރިހާ ކަމަކަށް ވަރަށް ބޮޑެތި ޚަރަދު ސަރުކާރުގެ ބަޖެޓުން ހިނގަމުންދޭ. އެހެންވީމާ، އަޅުގަނޑަށް ދަންނަވަން މަޖުބޫރުވަނީ އިރާދަކުރެއްވިއްޔާ ބަޖެޓުގެ ތަނަވަސްކަން އޮތް މިންވަރަކުން އެކަންވެސް ވީހާ ހަލުވިކޮށް ގެންދެވޭތޯ ސަރުކާރުން ބަލާނެއޭ.
އާދެ، މިހާރު މި ރަށަށް ހައްދުންމަތީގެ ވެރިކަންކުރުން ބަދަލުވެފައިވާތީ، މި ރަށުގައި މިހާރު އަތޮޅުއޮފީހެއް ޢިމާރާތްކުރެވެމުން އެދަނީ. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެތަންވެސް ނިމޭނެ. އޭރުން މި އަތޮޅުގެ އިދާރީ ކަންތައްތައް މިހާރަށްވުރެ ފުރިހަމަގޮތެއްގައި ގެންދެވޭނެކަން ކަށަވަރު. އެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި އަތޮޅުގެ އަތޮޅުވެރިންނަކީ މިހާރު ވަރަށްފަހުން މިތަނަށް ޢައްޔަންކުރެވުނު ބޭފުޅެކޭ. އެ ބޭފުޅަކީ، އެ ބޭފުޅެއްގެ ޤާބިލިއްޔަތު ހުރިގޮތުން އަތޮޅަށް ވަރަށް ފައިދާހުރި ޚިދުމަތްތަކެއް ކުރެއްވިދާނެ ބޭފުޅެއްކަމުގައި އަޅުގަނޑު ދެކެމޭ. އާދެ، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި އެ އިންނެވީ، މި އަތޮޅުގެ އަތޮޅުވެރިން އަލްފާޟިލް އިބްރާހީމް ޒުހައިރު. އޭނާއަކީ ތަޢުލީމީގޮތުން އެކަށީގެންވާ ފެންވަރެއް ޙާޞިލްކުރައްވާފައިވާ އަދި ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވަމުން ގެންދަވާ ޒުވާން ބޭފުޅެއް. އެފަދަ ބޭފުޅުންކޮޅެއް މިހާރު ވާނީ ރާއްޖޭގެ ބައެއް އަތޮޅުތަކަށް ހަމަޖެއްސިފައި. ބޭނުމަކީ، މިހާރާ އެކަށީގެންވާ ގޮތެއްގައި، މިހާރު ބޭނުންވާ ތަރައްޤީގެ ހަލުވިމިނާ އެއްބާރުމިނެއްގައި ދަތުރުކުރެއްވުން ދަތިނުވާފަދަ ފެންވަރުގެ ބޭފުޅުން އަތޮޅުތަކަށް ހަމަޖެއްސުން. އެގޮތުން މިހާރު ޒުވާން ތަޢުލީމީ ޙަރަކާތްތެރި ބޭފުޅުން އަތޮޅުތަކަށް ހަމަޖައްސަމުން މި ގެންދެވެނީ. އަޅުގަނޑު ދެކޭގޮތުގައި، މި ކަންތައް މުޅި ރާއްޖެއަށް ޢާންމުވުމުން ރާއްޖެތެރޭގެ ތަރައްޤީއަށް ވަރަށްބޮޑު ހަލުވިކަމެއް އަންނާނެ.
އާދެ، އަޅުގަނޑުމެންނަކީ، މި ދެންނެވީ ދިވެހިންނަކީ ޒަމާނުއްސުރެ މަސްވެރިކަން ތަރައްޤީކޮށްގެން މަސްވެރިކަމުން ދިރިއުޅެމުން އައި ބައެއް. ހައްދުންމައްޗަކީވެސް މަސްވެރިކަމުގެ އަތޮޅެއް. އެހެންކަމުން، މަސްވެރިކަމާ ބެހޭގޮތުން ސަރުކާރުން ހިންގާ އެކިއެކި ބޮޑެތި މަސައްކަތްތަކާއި މަޝްރޫޢުތައް ތިޔަބޭފުޅުންނަށްވެސް އަޅުގަނޑަށް ހީވަނީ އެނގިވަޑައިގަންނަވާނެހެން. މިހާރުވެސް މި އަތޮޅުގައި މަސްވެރިކަން ތަރައްޤީކުރުމުގެ، އާ މަޝްރޫޢެއް ހިންގަމުން އެބަގެންދެވޭ. މާންދޫގައި މިހާރު އެ މަސައްކަތް ހިނގަމުންދާ މަޝްރޫޢު އެއީ. އެ މަޝްރޫޢު ނިމުމުން، މި އަތޮޅުގެ މަސްވެރިންނަށާއި އަދި މި އަތޮޅު ކައިރީގައިވާ އެހެން އަތޮޅުތަކުގެ މަސްވެރިންނަށް އިތުރު ފައިދާތަކެއް ލިބޭނެކަމަށް އަޅުގަނޑު އުންމީދުކުރަން. މި ދެންނެވި މަޝްރޫޢުގެ އިތުރުންވެސް، މުޅި ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި ތަރައްޤީކޮށް، އަދި ރާއްޖެއަށް މަސްވެރިކަމުން ލިބޭ ފައިދާ އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރުމަށްޓަކައި ވަރަށްގިނަ ބޮޑެތި މަޝްރޫޢުތަކެއްވަނީ ހިންގިފައި. އަދި މިހާރުވެސް އެހެން މަޝްރޫޢުތަކެއް ހިންގަމުން އެބަގެންދެވޭ.
އާދެ، ޝައްކެއްނެތްގޮތުގައި، މަސްވެރިކަން ކުރިއަރުވައި މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިކަމުން ދިވެހިރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ލިބޭ ފައިދާތައް އިތުރުކުރުމަކީ، ތަރައްޤީގެ މަގުގައި ރާއްޖެ އަޅާ ފިޔަވަޅުތަކަށް ވަރަށްބޮޑު ހަލުވިކަމެއް އަންނާނެ ކަމެއް. އެހެންކަމުން، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް މަސްވެރިކަމަށް ދީގެން، މަސްވެރިކަން ތަރައްޤީކުރެވޭތޯ މިގެންދަނީ ބަލަމުން. ހަމަ އެއާއެކީގައި، މަސްވެރިންނަށް ލިބޭ ފައިދާ، އެއްދުވަހުން އަނެއްދުވަހަށް އިތުރުކޮށްދެވޭތޯވެސް ސަރުކާރުން އެބަ ބަލާ. ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި އޮންނާނެ ފަދައިން، މިއަދުން ފެށިގެން ސަރުކާރަށް މަސްގަންނަ އަގުވެސް މިހާރުވަނީ ބަދަލުކޮށްދެވިފައި. އެއީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އައި ހެޔޮބަދަލަކާ ގުޅިގެން، އެކަންތައް އެހެން ކޮށްދެވެން އޮތީމާ ސަރުކާރުން އެކަންތައް ކޮށްދިނީ. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައިވެސް އަބަދުވެސް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ރައްޔިތުންނަށް އިތުރު ފައިދާތައް ޙާޞިލްވާނެގޮތަކަށް ސަރުކާރުން މައްސަލަތައް ނިންމަމުން ގެންދާނީ.
އާދެ، ތަޢުލީމީގޮތުން އަދި އެއްވާހަކަ އަޅުގަނޑު ދަންނަވާލަން އެބަޖެހޭ. އެއީ މި އަތޮޅު މާވަށުގައި ހިނގަމުންދާ މަދަރުސަތުއްތަރުބިޔާ، އެއީ މެދުނުކެނޑި ހިނގަމުންދާތާ 23 އަހަރަށްވުރެ ގިނަދުވަސް ވަންދެން ހިނގަމުން ގޮސްފައިވާ ތަނެއް. އެހެންކަމުން، އެ ރަށުގެ ރައްޔިތުންގެ އެދުމާވެސް އެއްގޮތްވާ ގޮތުގެމަތީން، ސަރުކާރުން ޤަޞްދުކުރަނީ މިއަދުން ފެށިގެން މާވަށު މަދަރްސަތުއްތަރުބިޔާއަކީ، ސަރުކާރުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް.
އާދެ، ތަރައްޤީވުމަށްޓަކައި، ތަރައްޤީއަކީ ވަކި ހިސާބަކުން ހުއްޓޭކަމެއްނޫން. ތަރައްޤީއަކީ އަބަދުވެސް އިތުރަށް ކުރިއަށްގެންދަންޖެހޭ ކަމެއް. ދުނިޔެވެސްދަނީ ތަރައްޤީވަމުން. ބަދަލުވަމުން. އެހެންކަމުން، އަޅުގަނޑުމެންގެ ރާއްޖެވެސް ދާންޖެހޭނީ ތަރައްޤީވަމުން. ބަދަލުވަމުން. ތަރައްޤީގެ މަގަކީ ވަރަށް ދިގު މަގެއް. ވަކި ހިސާބަކުން އެކަން ހުއްޓުނީކަމަށް ބަލައިގެންވާނެ މަގެއްނޫން އެއީކީ. އެހެންކަމުން، އަޅުގަނޑުމެން ކުރިއަށް އޮތްތާނގައިވެސް ރާއްޖެއަށް އިތުރު ފައިދާ ލިބެނިވި ހުރިހާ ރޮނގުރޮނގަކުން އިތުރަށް މަސައްކަތް ކުރެވޭތޯ ބަލަންވާނެ. އޭގެތެރޭގައި، ޓުއަރިޒަމްވެސް ހިމެނޭ. ވިޔަފާރި ހިމެނޭ. އަދި އެނޫންވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ތަކެތި އުފެއްދުމާ، މިކަހަލަ ކަންތައްތައްވެސް ހިމެނޭ. އެގޮތުން، މި އަތޮޅު ގަމުގައި ޞިނާޢީ ސަރަޙައްދެއް ޤާއިމުކުރެވިގެން، ބޭރުގެ ފަރާތްތަކަށް އެތާނގައި މަސައްކަތްކުރުމުގެ ހުއްދަދީގެން، ބޭރުގެ އިންވެސްޓަރުން އައިސްގެން، އެމީހުންގެ ފައިސާ ޚަރަދުކޮށްގެން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރެވޭތޯ ސަރުކާރުން ބަލަމުން މިގެންދަނީ. އާދެ، މިހާރު ދެ ކުންފުންޏެއްގެ މަސައްކަތް ގަމުގައި ހިނގަމުން އެބަދޭ. ސަރުކާރުން އުންމީދުކުރަނީ، މުސްތަޤްބަލުގައި އެއަށްވުރެވެސް ގިނަ ކުންފުނިތައް އަންނާނެ ކަމަށް. އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ފައިދާތަކެއް ލިބެމުންދާނެ ކަމަށް. ރާއްޖޭގެ ޤައުމީ އިޤްތިޞާދަށް ލިބޭ ފައިދާގެ އިތުރުން، އަޅުގަނޑުމެންގެ ރައްޔިތުންގެ އެތައް ބަޔަކަށްވެސް އެކަމުން ފައިދާކުރާނެ. އެއީ، އެމީހުން އެތަންތާނގެ ވަޒީފާގައި އުޅޭކަމުގައިވަންޏާ، އެ މީހުންނަށް ލިބޭ މުސާރައާއި، އެހެނިހެން ޢިނާޔަތްތަކުން އެމީހުންނަށް، އެމީހުންގެ ދިރިއުޅުމަށް ކުރިއެރުން ލިބެމުންދާނެތީ.
އާދެ، ރާއްޖެއަކީ ކުރިންވެސް ދެންނެވިފަދައިން، ވަރަށް ކުޑަކުޑަ ތަނެއް. އަޅުގަނޑުމެންނަށް އިޤްތިޞާދީ ގޮތުން ކުރެވެންހުރި މަސައްކަތްތައްވެސް މާގިނައެއްނޫން. އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ބަލަންޖެހެނީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ ދާއިރާ ފުޅާކުރެވޭތޯ. އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކުރެވޭތޯ. އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ފޮނުވާ މުދާވެސް އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރެވޭތޯ. އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ބޭރުފައިސާވެސް އިތުރުކުރެވޭތޯ. މިގޮތުން، މި އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރެވެމުން މިދަނީ. ބޭނުމަކީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަން މިހާރަށްވުރެ އިތުރުކޮށް އަދި އުފެއްދުންތެރިކަމަށް ހުރަސްއެޅޭ ގޮތަށްހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެ ކަންތައްތައް އިޞްލާޙުކުރުން. އަދި އުފެއްދުންތެރިކަން އިތުރުކޮށް، ރާއްޖެއިން އެކްސްޕޯޓް ކުރާ މުދާވެސް އިތުރުވެގެން ދިޔުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެ، ދިރިއުޅުމުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މަތިވެގެންދިޔުން. މި ކަންތައްތައް މިގޮތަށް ކުރަމުން ގެންދާއިރު ރައްޔިތުންގެ އެއްބާރުލެއްވުން ވަރަށްބޮޑަށް ބޭނުންވޭ. އެއީ، ސަރުކާރުން ކޮންމެ މަޝްރޫޢެއް ރޭވިޔަސް، އަދި ކޮންމެ މަސައްކަތެއް ހިންގިޔަސް އަދި ކޮންމެ ފަދަ ޚަރަދެއް ކުރިކަމުގައިވިޔަސް، އެކަމެއްގެ ނަތީޖާ ލިބޭނީ ރައްޔިތުން އެކަމެއްގައި އެއްބާރުލެއްވި މިންވަރަކުން ކަމަށްވާތީ. ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަންޖެހޭނީ. އެހެންކަމުން، ސަރުކާރުން މަގުފަހިކޮށްދިނީމާ، އެމަގުން ހިނގުމަކީ ރައްޔިތުންގެ ކަމެއް. ރައްޔިތުން އިޚްލާޞްތެރިކަމާއެކުގައި ސަރުކާރާ އެއްބާރުލައްވައިގެން ކުރިއަށް ވަޑައިގަންނަވާ ކަމަށްވަންޏާ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން މި ދެކެން ބޭނުންވާ މުސްތަޤްބަލް އަޅުގަނޑުމެންނަށް ފެންނާނެ. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އަޅުގަނޑުމެން އުންމީދުކުރާ ލަނޑުދަނޑިތަކާ ހަމައަށް އަޅުގަނޑުމެންނަށް ވާޞިލްވެވޭނެ.
އާދެ، އަޅުގަނޑުގެ ދަތުރު ހަމަޖެހިފައިވާ ގޮތުން، މިތާނގައި މާގިނަ ވާހަކަތަކެއް ދެއްކުމުގެ ފުރުޞަތެއް ނެތް. އެހެންކަމުން، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، ފޮނަދޫގެ ވެރިންނަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި، މި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް، އެ ރަށްރަށުގެ ވެރިން މެދުވެރިކޮށް، ސަރުކާރުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވަން.
އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި އަޅުގަނޑުމެން ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ނުވަތަ ރައްޔިތުން އަމިއްލައަށްނަމަވެސް ކުރަމުންގެންދާ، ތަރައްޤީގެ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، ރާއްޖެއަށް އިތުރު ކުރިއެރުމާއި ފަހިކަން މިންވަރު ކުރެއްވުން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.