ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަން ޑޭޓާ ބޭސްއެއް ޤާއިމު ކުރައްވައި، ސިވިލް ރަޖިސްޓްރޭޝަނާބެހޭ އިދާރީ ހުރިހާ މަސައްކަތްކުރާ ސަރުކާރުގެ އިދާރާއަކީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

މިހާރު ރަޖިސްޓްރޭޝަނާ ގުޅޭ އެކިއެކި މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ، ސަރުކާރުގެ އެކިއެކި އިދާރާތަކުންނެވެ. މިގޮތުން، ވިހާ މަރުވާގެ ރެކޯޑުތައް ބަލަހައްޓަވަނީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިންނެވެ. މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީއާއި، އުފަންދުވަހުގެ ސެޓްފިކެޓާބެހޭ ކަންތައްތައް ބަލަހައްޓަވަނީ، މާލޭ މުނިސިޕަލްޓީއިންނެވެ. އަދި ރަށްރަށުގެ ރަށްވެހިންގެ ރަޖިސްޓްރީ ބަލަހައްޓަވަނީ ރަށު އޮފީސްތަކުންނެވެ. މިގޮތަށް އެކި އިދާރާތަކުން އެކި މަޢްލޫމާތުތައް ބަލަހައްޓަވަމުން ގެންދަވާތީ، ބައެއް މަޢްލޫމާތުތައް ދިމާނުވާކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް އެކިއޮފީސްތަކުން ހޯދާ މަޢްލޫމާތު ދިމާނުވުމުގެ ސަބަބުން، ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމުގައިވެސް މެންބަރުން ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރަޖިސްޓްރޭޝަންގެ މަސައްކަތް، އެއް އޮފީހަކުން ކޮންޓްރޯލް ކުރައްވައިގެން ބަލަހައްޓަވައި އަދި އެއް އުޞޫލަކުން އެމަސައްކަތްތައް ކުރެއްވުމުން، ކުރިމަތިވާ މައްސަލަތައް މަދުވެ، ތަކުރާރުވާ މަސައްކަތްތައްވެސް މަދުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި މަރްކަޒީ ރަޖިސްޓްރޭޝަން ސިސްޓަމެއް ޤާއިމު ކުރުމަކީ، ބޯހިމެނުންފަދަ ތަފާސް ހިސާބުތައް ނެގުމަށް ފަސޭހަވެގެންދާނެ ކަމެއްކަމާއި، އަދި ދައުލަތުގެ އެކި ބޭނުންތަކަށް ރައްޔިތުންގެ މަޢްލޫމާތު ނަގަން ބޭނުންވެއްޖެ ހިނދެއްގައި، އެއްއޮފީހަކުން މަޢްލޫމާތު ލިބެން ހުންނާނެތީ، އެއީވެސް ވަރަށްބޮޑު ފަސޭހަތަކެއް ލިބި، މަޢްލޫމާތުތައް ކަށަވަރު ކުރެވޭނެ ކަމެއް ކަމުގައިވެސް މެންބަރުން ވިދާޅުވިއެވެ.

ސިވިލް ރަޖިސްޓްރޭޝަން ޑޭޓާ ބޭސްއެއް ޤާއިމު ކުރައްވައި، ސިވިލް ރަޖިސްޓްރޭޝަނާބެހޭ އިދާރީ ހުރިހާ މަސައްކަތެއްކުރާ ސަރުކާރުގެ އިދާރާއަކީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު މިނިންމެވީ، މަޖިލީހުގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި މިދެންނެވި ކަންތައްތަކުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ.