މި ފެށުނު މީލާދީ އައު އަހަރުގެ ތަހުނިޔާއާއި މުބާރަކްބާދު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.

ކޮންމެ އައު އަހަރެއްގެ ފެށުމަކީ، ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ތިމާ އުފަންވި ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތެކެވެ.

މިއީ، ތާރީޚީގޮތުން ވަރަށް މުހިންމު މުނާސަބާއެއް ދިވެހީންނާ ބައްދަލުކުރާނޭ އަހަރެކެވެ. އެއީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުމެވެ. މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚެވެ.

މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށެވެ.

ދިވެހީންގެ އެންމެ އެވޭލާ ތާރީޚުއްސުރެ މިއަދާ ހަމަޔަށް ފެންނާން އޮތް އެއް ޙަޤީޤަތަކީ، އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލުވޭތޯ ކާބަފައި ޒަމާނުއްސުރެ އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރަމުން ދިޔަކަމެވެ. ޤައުމުގެ ތަމައްދުނާއި ތަރައްޤީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް، ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ދިވެހީން ހިންމަތްކުރަމުން ދިޔަކަމެވެ.

އިރާދަކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުން އަބަދުމެ ދެމިތިބޭނީ، މި ރޫޙާއި މި ވިސްނުމުގައެވެ. ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ޤައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ޤާބިލް ދިވެހި ދަރީންތަކެއްވެސް ބިނާކޮށްދިނުމެވެ. ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅައިފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުމެވެ.

އަޅުގަނޑުމެން އެންމެން ގުޅިގެން ޤައުމަށްޓަކައި މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ. އަހަރަކަށްވުރެ އަހަރެއް، ވިޔަވަތިކަމާއި، އުފާވެރިކަމާއި، ރޯޝަންކަމުގައި ދިވެހިރާއްޖެ ދަމަހައްޓަވާށިއެވެ. އާމީން