ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކުރެވިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތަކެއް ތިބުމުންކަން އެއީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، މި މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކޮށް އަދި މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ، ޢާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކުގެ ނިޔަތާއި ޢަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެ، އެންމެންގެ ޚިޔާލުވެސް އެފަދަ ކަންކަމުގައި އެއްގޮތްވެގެންކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، އަޅުގަނޑުމެންނަކީ ފާޙިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވުމަށް އެދި ދުޢާކުރައްވަމުންނެވެ.