ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި އެންމެ މުހިންމު އެއް ދައުރު ކުޅެންޖެހޭ އެއްބަޔަކީ، އަމިއްލަ ޖަމާޢަތްތައް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ.) އިން، މަދަނީ ޖަމްޢިއްޔާތަކަށް ޕްރޮޕޯސަލް ޑިވެލޮޕްމަންޓާބެހޭ މަޢުލޫމާތު ދެއްވުމަށް، ރާއްޖޭގައި ހުންނަ އ.ދ.ގެ އޮފީހުގައި މިއަދު ހެނދުނު ފެށި ވާރކްޝޮޕް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށް އެކަށީގެންވާ އެހީ އަދި ލިބެމުން ނުދާކަން ގަބޫލު ކުރައްވާކަމުގައި ވިދާޅުވިއެވެ. މިއާއެކު، މަސްތުވާތަކެއްޗާ ދެކޮޅަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުން ހަރުދަނާ ކުރުމަށް މިހާރު ފަށްޓަވާފައިވާ މަޝްރޫޢު އެކުލަވާލެއްވުމުގައި އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ އެއްކަމަކީ، އަމިއްލަ ޖަމާޢަތްތަކަށް އެހީތެރިވެދެއްވައިގެން، އަމިއްލަ ޖަމާޢަތްތަކުގެ ދައުރު ފުޅާކުރައްވައި، އެ ފަރާތްތަކުގެ މަސައްކަތް މިހާރަށް ވުރެ ފުރިހަމަ ގޮތެއްގައި ކުރެވޭނެގޮތް ހަމަޖައްސެވުމަށް ސަރުކާރުގެ ފަރާތުން ބާރުއެޅުއްވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، އަމިއްލަ ޖަމާޢަތްތަކުގެ ފޯރުންތެރިކަން، މާލީ ގޮތުންނާއި ފަންނީގޮތުން ކުޑަވުމުގެ ސަބަބުން، ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޢަމަލީ ސިފައެއްގައި މަސައްކަތް ކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ހަނިކަން ފާހަގަކުރައްވައި، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގަވާ މަޝްރޫޢުގެ ބޭނުމަކީ، އަމިއްލަ ޖަމާޢަތްތަކުގެ މާލީ އަދި ފަންނީ ފޯރުންތެރިކަން އިތުރުކުރުން ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، މިހާރުވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ހޯއްދަވަމުން ގެންދަވާކަން ހާމަކުރައްވަމުން، މަސްތުވާތަކެތިން ސަލާމަތްވުމަށް ހިންގަންޖެހޭ މަޝްރޫޢުތައް މިހާރުވަނީ ރޭވިފައި ކަމަށާއި، އެ މަޝްރޫޢުތައް ރޭވިފައިވަނީ މަދަނީ ޖަމާޢަތްތަކުގެ ޚިޔާލާއި ބައިވެރިވުމާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވާ ހުރިހާ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން އިތުރުކުރައްވައި، މިކަމުގައި ކުރިއަށް ދެވޭނެ ގޮތުގެ ޢަމަލީ މަޝްރޫޢެއް އެކުލަވާލެއްވުމަށް، މިދިޔަ އަހަރު އޯގަސްޓްމަހު ބޭއްވުނު "ފިއުޗަރ ސާރޗް ކޮންފަރެންސް"ގައި ފާޅުކުރެވުނު ޚިޔާލުތައްވަނީ ރާއްޖޭގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި، ސަރުކާރުގެ މައިގަނޑު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިފައިކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން މިހާރު ހިންގަވާ މަޝްރޫޢުތަކާއި ކުރިއަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުން ހަރުދަނާ ކުރުމަށް މިހާރު ހިންގަވާ މަޝްރޫޢު ނުވަތަ "ސްޓްރެންތެނިންގ ދަ ނޭޝަނަލް ރެސްޕޮންސް ޓު ކޮމްބެޓް ޑްރަގް އެބިއުޒް އިން ދަ މޯލްޑިވްސް" އަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ޔޫ.އެން.އޯ.ޑީ.ސީ.ގެ ފަންނީ އެހީތެރިކަން ފޯރުއްވައިދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.)ގެ އެހީގައި ހިންގަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި، ސަރުކާރާއި ޔޫ.އެން.އޯ.ޑީ.ސީ.އާ ދެމެދު ސޮއިކުރައްވާފައިވަނީ 19 ޖެނުއަރީ 2010 ގައެވެ.
މިއަދު މިފެށުނު ވާރކްޝޮޕަކީ، ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުން، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތަކަށް އެހީވުމަށް، މި މަޝްރޫޢުގެ ދަށުން ކަނޑައެޅިފައިވާ އެހީ ހޯދުމަށް ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ތައްޔާރުކުރުމާބެހޭ މަޢުލޫމާތު ދިނުމަށް، އީ.ޔޫ.ގެ އެހީގައި ޔޫ.އެން.އޯ.ޑީ.ސީ.އިން ހިންގާ ދެ ދުވަހުގެ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކުން ބައިވެރިވެއެވެ.