بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وأصحـابه أجمعـين.
އާދެ، މިއަދަކީ އަޅުގަނޑަށް ވަރަށް މަތިވެރި އުފަލަކާއި ޝަރަފެއް ލިބޭ ދުވަހެއް. އާދެ، މިއަދަކީ ބޭރުގެ ފަރާތެއް ކަމުގައިވާ ރާބިޠަތުލްޢާލަމިލް އިސްލާމީގެ ފަރާތުން ލިބުނު އެހީއަކާއި އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރެވުނު ފައިސާއަކާއެކީގައި ފޭދޫގައި ބިނާކުރެވުނު މިސްކިތް އާދެ، "މަސްޖިދުލްއަމާން" ހުޅުވޭ ދުވަސް. ޝައްކެއްނެތް، މިސްކިތެއް ޢިމާރާތްކޮށް، އެ މިސްކިތެއް ހުޅުވުމަކީ އިސްލާމީ މުޖްތަމަޢަކަށް ލިބޭނެ އެންމެ މަތިވެރި އުފާ، އެންމެ މަތިވެރި ޝަރަފް، އެންމެ މަތިވެރި ކާމިޔާބީ. އާދެ، މި މަތިވެރި ނިޢުމަތް اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވިކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. ހަމަ އެ ނޭވާގައި އެކަލާނގެ އަޅުގަނޑުމެންގެ މުރުޝިދެއްގެ ގޮތުގައި، އަޅުގަނޑުމެންގެ މުޢައްލިމެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ނަބިއްޔެއްގެ ގޮތުގައި ފޮނުއްވި މާތް ސާހިބާ مُحَمَّـد صـلّى الله علـيـه وسـلّم މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
އާދެ، މި މިސްކިތް ހުޅުވައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބޭ، ވަރަށް މަތިވެރި އުފަލެއް. މިސްކިތަކީ އިސްލާމީ މުޖްތަމަޢެއްގައި އެންމެ ޤަދަރުކުރެވޭ ތަން. އެތަނަކީ ﷲގެ ނަންފުޅަށް ނިސްބަތްވާ ގެއެއް. އެހެންކަމުން، މިފަދަ މިސްކިތެއް ހުޅުވިގެންދާކަން އެއީ، އަޅުގަނޑުމެން ފޭދޫގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމަކާއި އުފަލަކަށްވާނެކަމާމެދަކު ޝައްކެއްނެތް. އާދެ، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގެ ފަރާތުން ދެންމެ ވާހަކަފުޅު ދެއްކެވި ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤް މުޙަންމަދު، މި މިސްކިތުގެ މަޝްރޫޢު ރޭވިގެންއައިގޮތާއި، އެ މަޝްރޫޢަށް އެހީދިން ފަރާތްތަކާއި، އެ މަޝްރޫޢު ކުރިއަށްގޮސް މާތްﷲގެ ވާގިފުޅާއެކު ނިމިގެންދިޔަގޮތުގެ ވާހަކަ، ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވައިފި. އެހެންކަމުން، އެކަމާ ދޭތެރޭގައި އަޅުގަނޑު މާދިގުކޮށް ވާހަކަ ދައްކާކަށް ޤަޞްދެއްނުކުރަން. އެހެންނަމަވެސް، މި މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ޙާޞިލްވެފައި މިވަނީ ވަރަށް ދީލަތި ފަރާތްތަކެއްގެ އެހީއާއި އެއްބާރުލެއްވުން ލިބިގެން ކަމަށްވާތީ، އެފަރާތްތަކަށް ދިވެހި ސަރުކާރުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވާޖިބެއްކަމަށް ދެކެން.
އާދެ، އެންމެ ފުރަތަމަ ބޭރުގެ އެހީ ދެއްވި ފަރާތް، ރާބިޠަތުލްޢާލަމިލް އިސްލާމީ އަދި އެ ރާބިޠާއާ ގުޅިފައިވާ، ދުނިޔޭގެ މިސްކިތްތަކާ ބެހޭ މަޖްލިސް. އެ މަޖްލިސްގެ ފަރާތުން، މި މިސްކިތް ބިނާކުރުމަށް ވަރަށް ދީލަތިކޮށް ފައިސާ ޚަރަދުކުރައްވާފައިވާކަން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. ހަމަ އެފަދައިން، އެ މިސްކިތުގެ ކަންތައް ރާއްޖޭގައި ކުރިއަށް ގެންދެވުމުގައި އެންމެ އިސް ބައެއް ކުޅުއްވާފައިވަނީ، މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުން ކަމަށްވާތީ، އެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ފަޟީލަތުއްޝައިޚް އަޙްމަދު ޝާޠިރު މޫސާއަށާއި، އެ މަޖްލިސްގެ ޢިއްޒަތްތެރި އެހެން މެންބަރުންނަށާއި، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގެ ވެރިންނަށާއި، މުވައްޒަފުންނަށާއި އަދި ރާބިޠަތުލްޢާލަމިލް އިސްލާމީގެ ފަރާތުން މާލޭގައި އެ ރާބިޠާގެ ކަންތައްތައް ހިންގަވާ އޮފީހުގެ ވެރިންނަށާއި، އަދި މިކަމުގައި އެހީތެރިކަން ބަހައްޓަވައިދެއްވި، ސަރުކާރުގެ ތަފާތު ފަރާތްތަކަށާއި، ފޭދޫގެ އިޚްލާޞްތެރި، ވަފާތެރި ރައްޔިތުންނާއި ވެރިންނަށް، މި ފުރުޞަތުގައި ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވުމަކީ އަޅުގަނޑުގެ އުފަލެއްކަމުގައި ދެކެން.
މިސްކިތަކީ، އިސްލާމީ ކޮންމެ މުޖްތަމަޢެއްގެ އެންމެ މުހިންމު މަރުކަޒު. އިސްލާމީ މުޖްތަމަޢަށް ހިދާޔަތުގެ އަލި ލިބިގެން އަންނަނީ މި މުހިންމު މަރުކަޒުން. މިސްކިތަކީ ހަމައެކަނި އަޅުގަނޑުމެން ފަރްޟު ފަސްނަމާދު ކުރުމަށްޓަކައި ޢިމާރާތްކުރާ ތަނެއްނޫން. ޝައްކެއްނެތް، އެއީ ވަރަށް މުހިންމު ކަމެއް. ފަރްޟު ފަސްނަމާދު ޤާއިމްކުރުމަކީ އިސްލާމްދީނުގެ އެންމެ މަތިވެރި ރުކުން. އެކަން އެހެން އޮތުމާއެކީގައި، އެކަމާ ބެހޭގޮތުން އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއްނުވޭ. ނަމާދު ޤާއިމްކުރުމުގެ އިތުރަށް، މިސްކިތުގައި ކުރެވޭ، ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރިކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ، އިސްލާމީ ހޭލުންތެރިކަން އުފެއްދުމާއި، މީސްތަކުންނަށް ދީނުގެ ޙުކުމްތަކާއި އުޞޫލުތައް އަންގައިދިނުމާއި، އަދި މިސްކިތުގައި ރައްޔިތުންނަށްޓަކައި ކުރެވޭ ފައިދާހުރި ކަންތައްތައް ކުރުން. އެކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުން. ބައްދަލުވުންތައް ބޭއްވުން. މިފަދަ ވަރަށްގިނަ، ފައިދާހުރި މުހިންމު ކަންތައްތަކެއް ކުރެވޭ މަރުކަޒެއް، މިސްކިތް އެއީ.
އާދެ، އެންމެ ފުރަތަމަ ކީރިތި رســول اللّـه صـلّى الله علـيـه وسـلّم، އެކަލޭގެފާނުގެ މިސްކިތަށް ބަލައިލިނަމަވެސް، މި ދެންނެވި ކަންތައްތައް އެ މިސްކިތުގައި ވެގެންދިޔަކަން އަޅުގަނޑުމެންނަށް އިސްލާމީ ތާރީޚުން އެނގެން އެބައޮތް. އެ މިސްކިތަކީ رســول اللّـه صـلّى الله علـيـه وسـلّم އެ މާތް ނަބިއްޔާ މި އުންމަތަށް، މި އުންމަތުގެ މީހުންނަށް ދީނުގެ ޙުކުމްތައް އަންގަވައިދެއްވި މިސްކިތް. އެކަލޭގެފާނުގެ މަތިވެރި ޚުޠުބާތައް މީސްތަކުންނަށް އިއްވަވައިދެއްވި މިސްކިތް. އެކަލޭގެފާނު މީސްތަކުންނާއިގެން އިމާމުވެވަޑައިގެން ނަމާދުކޮށްދެއްވި މިސްކިތް. އަދި ހުރިހާގޮތަކުންވެސް މުސްލިމުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން އެކަލޭގެފާނު ކުރެއްވި އެންމެ މުހިންމު މަސައްކަތްޕުޅުތައް ކުރެއްވި މިސްކިތް. އޭގެފަހުންވެސް، އިސްލާމީ ތާރީޚުގައި މިސްކިތްތައް ކުޅެމުން އައިސްފައިވަނީ ވަރަށް މަތިވެރި ދައުރެއް. އެ ދައުރު އެއީ އަޅުގަނޑުމެންނަށް އެނގޭ އެއްޗެއް. އެހެންކަމުން، އެވާހަކަވެސް މާދިގުކޮށް ދައްކާކަށް ބޭނުމެއްނުވޭ.
އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިސްކިތަކީ އިސްލާމީ މުޖްތަމަޢުގައި މިހާ މުހިންމު ޤަދަރެއް ދެވޭ ތަނަކަށްވުމާއެކީގައި، އަޅުގަނޑުމެންގެ މި ފޭދޫގައި މި ބިނާކުރެވުނު މިސްކިތަށްވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ޙުރްމަތްތެރިކޮށްހިތައި ޤަދަރުކުރަންޖެހޭނެއޭ. އާދެ، ހަމަ އެއާއެކީގައި، މިހާރު މި ކުރެވިފައިވާ ބޮޑު މަސައްކަތް ޒަމާންތަކަކަށް ދެމެހެއްޓުމަށްޓަކައި އިޚްލާޞްތެރި ބުރަ މަސައްކަތްތަކެއް ކުރުމަކީވެސް އަޅުގަނޑުމެންގެ ވާޖިބެއް. ރަނގަޅަށް މިސްކިތް ބެލެހެއްޓުމާއި، އަބަދުވެސް ސާފުތާހިރުކޮށް އެތަން ބެހެއްޓުމާއި، ނަމާދުކުރާ މީހުންނަށާއި، ޛިކުރުކުރާ މީހުންނަށާއި، ﷲ ހަނދުމަކުރާ މީހުންނަށާއި، އަދި އިޢުތިކާފުކުރާ މީހުންނަށް، އެ މިސްކިތަކީ އެމީހުން ހިތްހަމަޖެހިގެން އެމީހުން އެކުރާ އަޅުކަންތަކާއި، މުހިންމު ކަންތައްތައް އަދާކުރެވޭނެ ތަނެއްގެ ގޮތުގައި ބެހެއްޓުމަށް ފޭދޫގެ ރައްޔިތުންނާއި ވެރިން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.
އާދެ، މިއަދުގެ މި ޖަލްސާއަކީ ފޭދޫގައި އަލަށް މި ހުޅުވޭ މިސްކިތް ހުޅުވުމާ ބެހޭގޮތުން ބޭއްވުނު ޖަލްސާ. އެހެންނަމަވެސް، މިއަދު މިދިމާވަނީ އަޅުގަނޑު އައްޑުއަތޮޅަށްވެސް ކުރާ ދަތުރެއްގައި ފޭދުއަށް ޒިޔާރަތްކުރާ ދުވަހާ. އެހެންކަމުން، ހަމަ މި ޖަލްސާގައި ފޭދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށް، އަޅުގަނޑު ދައްކަން ބޭނުންވާ ބައެއް ވާހަކަ ދެއްކުމަކީވެސް އަޅުގަނޑުހިތުން ހަމަ އެންމެ ރަނގަޅު ކަމެއް.
އާދެ، ފޭދުއަށް އަޅުގަނޑު މިއައީ ފޭދޫގައި މިއަދު މި ހުޅުވޭ މިސްކިތް ހުޅުވައިދިނުމަށް ކަމުގައިވިޔަސް، ފޭދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ މަތިވެރި އުފާވެސް ޙާޞިލްކުރުމަށްޓަކައި. ފޭދުއަކީ އައްޑުއަތޮޅުގެ ވަރަށް މުހިންމު ރަށެއް. އައްޑުއަތޮޅުގައި މީހުން އުޅޭ ރަށްތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން މީހުންއުޅޭ ރަށް. މި ރަށަށް ސަރުކާރުންދޭ އަހަންމިއްޔަތު ފޭދޫގެ ރައްޔިތުންނަށާއި ވެރިންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން މި ޖަލްސާ ކުރަމުންމިދާ ތަނަކީވެސް އާދެ، ފޭދޫ ސްކޫލް އެއީވެސް ސަރުކާރުގެ ޚަރަދުގައި މިހާރު ހިނގަމުންދާ، ސަރުކާރުގެ ސްކޫލެއް. އަދި ފޭދުއަށް ސަރުކާރުން ކޮށްދީފައިވާ ކަންތައްތައް ކޮންމެހެން ތަފްޞީލުކޮށް ނުދެންނެވި ނަމަވެސް، ފޭދޫގެ ރައްޔިތުންނަށް އެ ކަންތައްތައް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ފޭދޫގެ ރައްޔިތުންނަށް އެންމެ ކަންބޮޑުވާން ޖެހިވަޑައިގަންނަވާ ކަމަކީ، ފޭދޫގެ އިރުއުތުރު ފަރާތް ގިރަމުންދާ ގިރުން. މިކަމާ ބެހޭގޮތުން ވަރަށްގިނަފަހަރު ފޭދޫގެ ރައްޔިތުންނާއި ވެރިން ވަނީ، ސަރުކާރަށް މައްސަލަ ހުށަހަޅުއްވާފައި. އެކަމަކީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއްދޭ ކަމެއް. މިފަދަ ކަންތައް މި ދިމާވަނީ ހަމައެކަނި ފޭދުއަކަށް ނޫން. ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް މިހާރު ތިމާވެށީގެ މައްސަލަތައް ދިމާވަމުން އެބަދޭ. އޭގެތެރޭގައި، ރަށްގިރުމުގެ މައްސަލައަކީ ވަރަށް ގިނަ ރަށްރަށަށް ދިމާވަމުންދާ ކަމެއް.
އެހެންނަމަވެސް، ފޭދުއަށް މިކަން ވަރަށް ފާހަގަކުރެވޭކަހަލަ ގޮތެއްގައި ފަހަކަށްއައިސް ދިމާވަމުންދާތީ، ސަރުކާރުން މިކަމާ ދޭތެރޭގައި ވަރަށް ގިނަ ވިސްނުންތައް ވިސްނައި، މިކަމާ ބެހޭގޮތުން އެޅެންހުރި ފިޔަވަޅުތައް މިގެންދަނީ އަޅަމުން. އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރަށެއް ރައްކާތެރިކުރުމަކީ، މާފަސޭހަ ކަމަކަށްނުވާނެ. މާކުޑަ ޚަރަދަކުންވެސް ކުރެވޭ ކަމަކަށްނުވާނެ. އަނެއްކާ އެބާވަތުގެ ކަންތައްތައް އަޅުގަނޑުމެންނަށް ކުރަންޖެހެނީ، އަޅުގަނޑުމެން އެކުރާ ކަމަކުން ތިމާވެށްޓަށް އިތުރު ގެއްލުމެއް ނުލިބޭނެ ގޮތެއްގެ މަތިން. ތިމާވެށްޓަކީ ވަރަށް ނާޒުކު އެއްޗެއް. އަޅުގަނޑުމެން އެކަމަކުން ސަލާމަތްވުމަށްޓަކައި، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ކުރާ ކަމަކުން، އެކުރި ކަމަކަށްވުރެ ބޮޑު ނުރައްކަލެއް ނުވަތަ ބޮޑު ގެއްލުމެއް ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު އެބައޮތް ތިމާވެށްޓާބެހޭ ދިރާސާތައް ކުރައްވާ، ތިމާވެށްޓާބެހޭ ކަންތައްތައް ހިންގަވާ މިނިސްޓްރީއެއް. މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓް. އަދި އެ މިނިސްޓްރީގެ ޚާއްޞަ ސެކްޝަނެއް ހުރޭ، އެކަމާ ބެހޭގޮތުން މަސައްކަތް ކުރައްވާ. އެހެންވީމާ، އެ މިނިސްޓްރީއާއި އެ މިނިސްޓްރީއާ ގުޅިފައިވާ ތިމާވެށްޓާބެހޭ ޤައުމީ މަޖްލިހާއި، މި ތަންތާނގެ ލަފާގެ މަތިން، ސަރުކާރުން މިފަދަ ކަންތައްތައް ޙައްލުކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދަނީ. އެގޮތުން، އަޅުގަނޑަށް ދަންނަވަންޖެހެނީ، ފޭދޫ ގިރުމުގެ މައްސަލައާ ބެހޭގޮތުން އެ މިނިސްޓްރީންވެސް ވަރަށް ބޮޑަށް މިހާރުދަނީ ބައްލަވަމުންނޭ. އަދި އެކިއެކި ދިރާސާތައް ކުރައްވަމުންނޭ.
މިވަގުތަށް އެ މިނިސްޓްރީއަށް ފެނިވަޑައިގަންނަވާ ގޮތަކީ، މިހާރު ހިތަދޫ ފަޅުކޮނުމުގައި އެ ބޭނުންކުރާ ބޯޓު ފޭދުއަށް އައުމުން، އެބޯޓުގެ ބޭނުންކޮށްގެން، ފޭދޫގެ އެ ގިރާތަނަށް ފަސްއަޅައި، ވެލީގެ ގޮތުން އެ ގޮނޑުދޮށް މުއްސަނދިކުރުން. އާދެ، ވެލީގެ ގޮތުން ގޮނޑުދޮށެއް މުއްސަނދިކުރުމަކީ މާފަސޭހަ ކަމެއްވެސްނޫން. އަދި އޭގެ ފައިދާ އެއީ ކިހާދުވަހަކު ދެމިހުންނާނެ އެއްޗެއް ކަމެއްވެސް ޔަޤީނަކަށް އަދި އަޅުގަނޑުމެންނަކަށް ނޭނގެ. އެކަން އެހެން އޮތްކަމުގައިވިޔަސް، މި ރަށަށް ކުރިމަތިވެފައިވާ މައްސަލައަކީ ވަރަށް އަވަސް ޙައްލަކަށް ބޭނުންވާ މައްސަލައެއް ކަމަށްވާތީ، ސަރުކާރުން އެގޮތަށް އެކަން ކުރަން ޤަޞްދުކުރަނީ. އިރާދަކުރެއްވިއްޔާ ފުރަތަމަ އެ މަސައްކަތް އެހެން ކުރުމަށްފަހުގައި، އޭގެފަހުން ދެން އެނޫން ގޮތްގޮތްވެސް އޮތްތޯ، ދާއިމީ ޙައްލަކަށް ގެނެވޭނެ ގޮތެއް އޮތްތޯ، މިހާރުވެސް ސަރުކާރުން ކުރަމުންމިގެންދާ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ.
އާދެ، އައްޑޫގެ ނުވަތަ އައްޑުއަތޮޅުގެ ތިމާވެށްޓާބެހޭ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރުންވަނީ މަޝްރޫޢެއްވެސް ރާވާފައި. އާދެ، އެއީ ތިމާވެށްޓަށް ލިބޭ ގެއްލުންތައް މަނާކުރުމާބެހޭ މަޝްރޫޢެއް. އެހެންނަމަވެސް، އެ މަޝްރޫޢަކީ ވަރަށް ބޮޑު މަޝްރޫޢެއް. ވަރަށް ގިނަ މަސައްކަތްތަކެއް އެކުލެވިގެންވާ މަޝްރޫޢެއް. އަދި އެކަމަށް ހިނގާ ޚަރަދުވެސް ވަރަށްބޮޑުވާނެ. އެހެންކަމާއެކީގައި، ސަރުކާރުން މިހާތަނަށް މަސައްކަތް ކުރަމުން ގެންދިޔައީ، އެ މަޝްރޫޢަށް ބޭރުގެ އެހީ ލިބޭތޯ. ބޭރުގެ ދެ ޤައުމަކާ ގުޅައިގެން މަސައްކަތްކުރި ކުރުމުން އަދި އެ މަޝްރޫޢަށް ބޭރުގެ އެހީއެއް ލިބޭގޮތެއް ހަމައެއްނުޖެހޭ. މިހާރު އެ މަޝްރޫޢު ފުރަތަމަ ރޭވިތާ ހަތަރު އަހަރުވެފައިވާތީއާ އެކީގައި، މަސައްކަތް ކުރަމުން މިގެންދަނީ އެ މަޝްރޫޢަށް މިހާރު ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބަލައި، އެ ބަދަލުތައް ގެނައުމަށް. އޭގެފަހުގައި ސަރުކާރުން ޤަޞްދުކުރަނީ އަލުން ބޭރުގެ ފަރާތްތަކަށް އެ މަޝްރޫޢު ހުށަހަޅައިގެން، އެހީވެދޭ އެއްވެސް ފަރާތެއްވޭތޯ މަސައްކަތް ކުރަމުން ގެންދިޔުމަށް.
އާދެ، އައްޑުއަތޮޅުގެ ތިމާވެށްޓާބެހޭ މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނެވޭނީ، އެފަދަ މަޝްރޫޢެއް ރާވައިގެން ހިންގައިގެން ކަމަށް ޤަބޫލުކުރެވޭ. އާދެ، މި ދެންނެވި މައްސަލަ ފޭދޫގެ ރައްޔިތުންނަށް މިހެން ކުރިމަތިވެފައި އޮތްކަމުގައިވިޔަސް، ފޭދޫގެ ރައްޔިތުންނަކީ، ވަރަށް ކެތްތެރި، ހީވާގި އަދި މުރާލި ބައެއްކަން އަޅުގަނޑު ދަންނަން. އަދި ފޭދޫގެ ތަރައްޤީއަށާއި، ރަށުގެ ކުރިއެރުމަށް ފޭދޫގެ ރައްޔިތުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާކަންވެސް އަޅުގަނޑަށްވަނީ އެނގިފައި. އޭގެތެރޭގައި، ފޭދޫގެ ވެރިންނާއި، ފޭދޫ ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުންނާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންނާއި އަދި ފޭދޫގައި ވަޒީފާ އަދާކުރައްވާ، ސަރުކާރުގެ ތަފާތު ދާއިރާތަކުގެ މުވައްޒަފުންނާއި، އަދި ފޭދޫގެ ޢާންމު ރައްޔިތުން ހިމެނޭ. އެހެންކަމުން، އެކަމަށްޓަކައި މި ދެންނެވި ހުރިހާ ފަރާތްތަކަކަށް ޝުކުރު ދެންނެވުމަށް އަޅުގަނޑު އަވަސްވެގަންނަން.
އާދެ، ފޭދުއަށް ކޮށްދެވިފައިވާ ކަންތައްތަކުގެ ތެރޭގައި، މި ރަށަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ސަރުކާރުން ހަމަޖައްސައިދިންކަން އަޅުގަނޑުހިތުން ފޭދޫގެ ރައްޔިތުން ޤަބޫލުކުރައްވާނެ. ޝައްކެއްނެތް، ކަރަންޓުގެ ޚިދުމަތަކީ މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެއްޗެއް. ރާއްޖޭގެ ކޮންމެ ރަށަކަށް، ކޮންމެ އަތޮޅަކަށް، މީހުން އުޅޭ ކޮންމެ ތަނަކަށް ބޭނުންވާ ޚިދުމަތެއް އެއީ. އެހެންނަމަވެސް، އެކަމަކީވެސް ވަރަށް އަގުބޮޑު ޚިދުމަތަކަށްވާތީ، ސަރުކާރުން އަދި ބޭނުންވިޔަސް، ހުރިހާ ތަނަކަށް އެއްފަހަރަކާ އެކަން ކޮށްދެވޭކަށް ނޯވޭ. އެހެންނަމަވެސް، އެ މަސައްކަތްވެސް ދަނީ ހިނގަމުން. މިހާރުވެސް ސަރުކާރުގެ ޚަރަދުގައި ކަރަންޓްލައިދެވިފައިވާ ރަށްތަކެއް އެބަހުރި. އޭގެ އިތުރުން، އެހެން ރަށްތަކެއް ފާހަގަކޮށް، އެ ރަށްތަކަށް ބޭރުގެ އެހީގައި ކަރަންޓްލައިދިނުމުގެ މަޝްރޫޢެއްވެސް މިހާރު އެބަ ހިނގާ. އަދި މީގެއިތުރުންވެސް، މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ ސަރުކާރުން މި މަސައްކަތަށް، މި މުހިންމު ބޭނުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ގެންދާނީ ކޮށްދެމުން. އޭގެތެރޭގައި، ފައިސާގެގޮތުން އެހީވެދިނުމަށްޓަކައި މިހާރުވަނީ އުޞޫލުތަކެއް ކަނޑައެޅިފައި. އަޅުގަނޑުހިތުން ތިޔަބޭފުޅުންނަށް ރޭޑިޔޯގެ ޛަރީޢާއިން އެ ވާހަކަ އޮންނާނީ އިވިވަޑައިގެންފައި. އެއީ މިހާރު ކަރަންޓުގެ މަސައްކަތް އަމިއްލައަށް ކުރަމުންގެންދާ ފަރާތްތަކަށް، މި ދެންނެވީ، ރަށަށް އަމިއްލަ ޚަރަދުގައި ރައްޔިތުން އަމިއްލައަށް ކަރަންޓްލުމުގެ ކަންތައްތަކުގެ މަސައްކަތް ހިންގާ ފަރާތްތަކަށް ސަރުކާރުންވެދޭ ޢިނާޔަތެއްގެ ގޮތުގައި ދޭ ފައިސާގެ އެހީއެއް. އެއީވެސް އެކަން އަވަސްކުރުމަށްޓަކައި ކޮށްދެމުން ގެންދާ ކަމެއް.
އާދެ، މިއަދުގެ މި ފުރުޞަތަކީ މާދިގުކޮށް ވާހަކަ ދެއްކުމަށް ލިބިފައިވާ ފުރުޞަތެއް ނޫން. މީގެފަހުން އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހެނީ ވަރަށް އުފާވެރި، ވަރަށް މުހިންމު، ވަރަށް ޝަރަފްވެރި ވާޖިބަކާ. އާދެ، އެއީ ފޭދޫގެ މިސްކިތް "މަސްޖިދުލްއަމާން" ހުޅުވުމާއި، އެ މިސްކިތުގައި، އިރާދަކުރެއްވިއްޔާ މިއަދުގެ މެންދުރު ނަމާދުކުރުން. އެހެންކަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އަދިވެސް އެއްފަހަރު، ފޭދޫގެ ރައްޔިތުންނަށާއި، ވެރިންނަށް ޝުކުރު ދަންނަވަމުން.
އަޅުގަނޑު މިއަދު މި ރަށަށް އައުމުގެ މުނާސަބަތުގައި، ވަރަށްގިނަ ކަންތައްތައް ރަށުގައި ކުރައްވާފައި އެބަހުރި. އެ ކަންތައްތަކަކީ ކޮންމެހެން ކުރައްވަންޖެހޭނެ ކަންތައްތަކެއް ނޫން. އެހެންނަމަވެސް، ފޭދޫގެ ރައްޔިތުން އެ ކަންތައްތައް ކޮށްދެއްވާފައި އެވަނީ ނުވަތަ ކުރައްވާފައި އެވަނީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަމުންކަން އަޅުގަނޑަށް ވަޒަންކުރެވޭތީ، އެކަން އަޅުގަނޑު ބަލައިގަނެ. އެކަމަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި، ފޭދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަދި މި އަތޮޅު ހިންގަވަން ތިއްބެވި އިސްވެރިންގެ ފަރާތުން ޚާއްޞަކޮށް، އަތޮޅުވެރިން، އަލްފާޟިލް ހައިވަކަރު އަޙްމަދުފުޅުގެ ފަރާތްޕުޅުންނާއި އަދި އެނޫންވެސް އަތޮޅުގެ އިސްބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް މި ލިބުނު ހޫނު މަރްޙަބާއަށްޓަކައި، އެ ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ ފޮނުއްވި މާތްދީން، އާދެ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ހިފެހެއްޓުމުގެ މަތިވެރި ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އެ ދީނުގެ މަތިވެރި އުޞޫލުތަކަށް ކިޔަމަންތެރިވެ، އެ ދީނުގައި އަންގަވާފައިވާ ގޮތުގެމަތިން، އަޅުގަނޑުމެންގެ ދުނިޔޭގެ ކަންތައްތައް ގެންދިޔުމަށް އަޅުގަނޑުމެންނަށް ވާގިވެރިވެދެއްވުން. ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ އަމިއްލަ ތަރައްޤީއަށާއި، މުޅި ޤައުމުގެ ތަރައްޤީއަށް ސަރުކާރާއި ރައްޔިތުން ގުޅިގެން ނުވަތަ ރައްޔިތުން އަމިއްލައަށްނަމަވެސް، ކުރަމުންގެންދާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތްލައްވައި، އެ މަސައްކަތްތަކުގެ ހެޔޮނަތީޖާ އަވަސް މަގަކުން އަޅުގަނޑުމެންނަށް ދެއްކެވުން.
والسّلام عليكم ورحمـة اللّـه وبركاته.