بســم اللّـه الرّحمـن الرّحيــم
الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، މިއަދު އަޅުގަނޑު ހޯރަފުށްޓަށް އައުމުން، ހޯރަފުށީގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި، ވަރަށް ހޫނު މަރުޙަބާއަށްޓަކައި އެއްވެސް ހިފެހެއްޓުމެއްނެތި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ހުރިހާ ބޭފުޅުންނަށް، އާދެ، ހޯރަފުށީގެ ވެރިންނަށާއި، ރައްޔިތުންނަށް ޝުކުރު ދަންނަވަން. ހޯރަފުށިން އަޅުގަނޑަށް ތިޔަ ވިދާޅުވި މަރުޙަބާއަކީ، ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ މަރުޙަބާއެއް. ތިޔަބޭފުޅުން ވަރަށް ކުޑަކުޑަ މުއްދަތެއްގެ ތެރޭގައި ވަރަށް ރަނގަޅު ފެންވަރަކަށް، ވަރަށް ރީތިކޮށް، މި ރީތި ހިތްގައިމު ރަށް ތައްޔާރުކޮށްދެއްވައިފީމު. އަދި މަރުޙަބާގެ ލިޔުންތައް ބަހައްޓަވައި، އަޑުގަދަކުރާއިން މަރުޙަބާގެ ލަވަ ޖައްސަވައި އަދި އެނޫންވެސް މަރުޙަބާގެ ޝުޢޫރުތައް ތިޔަބޭފުޅުންގެ މޫނުފުޅުމަތިންނާއި، ތިޔަބޭފުޅުންގެ ވާހަކަފުޅުތަކުން އަޅުގަނޑަށް ދޭހަކޮށްދެއްވައިފީމު. އެކަމަށްޓަކައި ތިޔަބޭފުޅުންނަށް އަޅުގަނޑު މި ޝުކުރު ދަންނަވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު. ހަމައެފަދައިން، ތިޔަބޭފުޅުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި، ހޯރަފުށީގެ ބޮޑުކަތީބު އަލްފާޟިލް ޢަބްދުލްޣަފޫރުގެ ވާހަކަފުޅުގައި އެ ވިދާޅުވި އޯގާވެރި އިޚްލާޞްތެރި ބަސްފުޅުތަކަށް، އޭނާއަށާއި އަދި ތިޔަބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.
އަޅުގަނޑު މި ކުރާ ދަތުރަކީ ވަރަށް ކުއްލިގޮތެއްގައި، ވަރަށް އަވަސްގޮތަކަށް ކުރާ ދަތުރެއް. އާދެ، މިއަދުވެސް މީގެކުރިން ދެ ރަށަކަށް އަޅުގަނޑު ޒިޔާރަތްކޮށްފިން. އެއީ، ތިލަދުންމަތީ ދެކުނުބުރީ ވެރިކަންކުރާ ރަށް ކުޅުދުއްފުށްޓަށާއި، އަދި ތިލަދުންމަތީ އުތުރުބުރީ ވެރިކަންކުރާ ރަށް ދިއްދުއަށް. އޭގެފަހުގައި އަޅުގަނޑު މިއައީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށް ހޯރަފުށްޓަށް. އާދެ، މި ދަތުރު ރޭވިފައިވާ ގޮތުން، މާގިނަ ވަގުތުތަކެއް ހޭދަކުރެވޭކަށެއް ނެތް. އަދި އަޅުގަނޑު މި ދަތުރުކުރަނީ ހެލިކޮޕްޓަރުން ކަމަށްވާތީ، އެ ދުއްވާ މީހުންވެސް ބުނާގޮތުން، މާގިނަ ވަގުތު ހޭދަނުކޮށް އަޅުގަނޑަށް ފުރަންޖެހޭ. އެއީ އަޅުގަނޑު ވަރަށްދެރަވާ ކަމެއް. ވަރަށް ހިތާމަކުރަން، ތިޔަބޭފުޅުންގެ ތިޔަ ދިގު އިންތިޒާރަށްފަހުގައި އަޅުގަނޑު މި ރަށަށް އައިސް، އަޅުގަނޑަށް ހޭދަކުރަން މި ލިބޭ ވަގުތުކޮޅަކީ ވަރަށް ކުޑަކުޑަ ވަގުތުކޮޅަކަށްވާތީ. އެއީ، އަޅުގަނޑު ވަރަށްދެރަވާ ކަމެއްކަމުގައި ދަންނަވާލަން. އެހެންނަމަވެސް، ދަތުރު ހަމަޖެހިފައިވާ ގޮތުން، އެކަން އެނޫން ގޮތަކަށްވާންނެތީ. ތިޔަބޭފުޅުން އެގޮތް ހެޔޮހިތްޕުޅުން ޤަބޫލުކުރައްވައި، އަޅުގަނޑަށް މާފުކުރައްވާނެ ކަމަށް ހީކުރަން.
އާދެ، ތަރައްޤީގެ ރޮނގުގައި ހޯރަފުށިވެސް އެއްދުވަހުން އަނެއްދުވަހަށް މިދަނީ ހަލުވި ފިޔަވަޅުތަކެއް ކުރިއަށްއަޅަމުން. ރާއްޖެތެރެއަށް މި އަންނަ ތަރައްޤީތައް ހޯރަފުށިންވެސް ފެންނަމުންދަނީ ވަރަށް އެކަށީގެންވާ ގޮތެއްގައޭ، އަޅުގަނޑު މި ދަންނަވަނީ ވަރަށް ޚާއްޞަ އުފަލަކާއެކީގައި. މި ރަށުގެ ތަރައްޤީއަށް ރަށުގެ ރައްޔިތުން ކުރައްވާ މަސައްކަތްތަކުގައި، ސަރުކާރަށް ވެވެންއޮތް އެހީއެއް މިހާތަނަށް މިއައީ ވަމުން. އާދެ، ތިޔަބޭފުޅުން މިހާރު ތިޔަ ތިއްބެވި މި ހިތްގައިމު މަދަރުސާ، އާދެ، އަތޮޅު މަދަރުސާ މިއީވެސް ސަރުކާރުން ހޯދައިދިން އެހީއެއްގައި މިތާނގައި ޢިމާރާތް ކުރެވިފައިވާ މަދަރުސާއެއް. މި މަދަރުސާގެ ސަބަބުން ހޯރަފުށީގައި ތަޢުލީމު ޙާޞިލްކުރަމުންދާ ކުދިންނަށް ތަޢުލީމު ޙާޞިލްކުރުމުގެ ރަނުގެ ފުރުޞަތެއް ލިބިގެންދިޔަކަން އެއީ، އަޅުގަނޑުހިތުން މި ރަށުގެ ރައްޔިތުން ވަރަށް އުފަލާއެކު ބަލައިގަންނާނެ ކަމެއް. އާދެ، މިތާނގައި އަޅުގަނޑުމެންގެ ދިވެހި މުދައްރިސުންގެ އިތުރަށް ބޭރުގެ މުދައްރިސުންވެސް ކިޔަވައިދެއްވަމުން ގެންދަވާކަމުން ދޭހަވަނީ ހޯރަފުށްޓަކީވެސް ތަޢުލީމުގެ ރޮނގުގައި ކުރިއަށްދާ ރަށެއްކަން.
އާދެ، ތަޢުލީމަކީ ޝައްކެއްނެތްގޮތުގައި، ވަރަށް މުހިންމު އެއްޗެއް. ތަޢުލީމާ ނުލައި އެއްވެސް ޤައުމަކަށް ކުރިއަށް ނުދެވޭނެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ތަޢުލީމު ޙާޞިލްކުރަމުންދާ ކުދިންގެ އަދަދު މިހާރު އެއްދުވަހުން އަނެއްދުވަހަށް ދަނީ ގިނަވަމުން. އަދި އެ ކުދިން އެ ތަޢުލީމު ޙާޞިލްކުރާ ފެންވަރުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް މަތިވަމުން. ރާއްޖެތެރޭގައިވެސް މިހާރު ޘާނަވީ ތަޢުލީމުދޭ ކިތަންމެ ތަނެއް އެބަހުރި. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މިހާރު އެ ތަޢުލީމު ދެވެމުންދާ ތަންތަނަށްވުރެވެސް ގިނަ ތަންތާނގައި އެ ތަޢުލީމު ދެވެމުންދާނެ.
އަޅުގަނޑުމެންގެ އިޤްތިޞާދީ ހަރަކާތްތައް އަވަސްކުރުމަށްޓަކައި ނުވަތަ އަޅުގަނޑުމެންނަށް ޙައްޤުވެގެންވާ މަޤާމު ހޯދުމަށްޓަކައި ތަފާތު މަސައްކަތްތައްވެސް، ސަރުކާރުންވެސް ކުރަމުން އެބަގެންދޭ. އަދި އެކަމުގައި ރާއްޖެތެރޭގެ ރައްޔިތުން ވަރަށް އެކަށީގެންވާ ގޮތެއްގައި ބައިވެރިވެވަޑައިގަންނަވަމުން އެބަގެންދަވާ. މި ރަށަށްވެސް ބައެއް ކަންތައްތައް ވަނީ މީގެކުރިންވެސް ހަމަޖެހިފައި. އާދެ، އޭގެތެރޭގައި އެންމެފަހުން ދާދި އިހަކަށްދުވަހު ހޯރަފުށީ ކައިރީގައި މި ބެހެއްޓުނު އޮއިވާލި ކަނދުފަތި އެއީވެސް އަޅުގަނޑުހިތުން މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި އަދި މަސްވެރިކަމުން މި ރަށުގެ މަސްވެރިންނަށާއި އަދި މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުވުމަށްޓަކައި އެޅުނު، ވަރަށް ރަނގަޅު ފިޔަވަޅެއް. މިފަދަ ފިޔަވަޅުތައް ސަރުކާރުން އަޅަމުން މިގެންދަނީ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކޮށްދިނުމަށްޓަކައި. ރާއްޖޭގެ އިޤްތިޞާދު އެއްދުވަހުން އަނެއްދުވަހަށް ކުރިއަށްގެންގޮސް، އެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ކޮންމެ ޤައުމެއްވެސް މަސައްކަތް ކުރަމުން ދަނީ އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިއަށްދިޔުމަށް. އެ ކުރާ މަސައްކަތަކީ ވަރަށް ހީވާގިކަމާއި މުރާލިކަމާއެކީގައި، އަދި އެއްވެސް ފޫހިވުމެއްނެތި ކުރަމުންގެންދާ މަސައްކަތަކަށް ވާންޖެހޭ. އަޅުގަނޑުމެން ދިވެހިންނަކީވެސް ވަރަށް ކުރިއްސުރެ މުރާލި ހީވާގި ބައެއްކަމުގައި ފާހަގަކުރެވިފައިވާ ބައެއް. ޚާއްޞަކޮށް، މަސްވެރިކަމުގެ މައިދާނުގައި ދިވެހީން ޙާޞިލްކޮށްފައިވާ ކާމިޔާބީތަކަކީ، އަޅުގަނޑު އިތުރު އެއްޗެއް ނުދެންނެވިނަމަވެސް ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކާމިޔާބީތަކެއް.
އާދެ، ހޯރަފުށްޓަކީ މަސްވެރި ރަށެއް. މި އަތޮޅުގެ މަސްވެރިކަން ކުރާ ރަށްތަކުގެ ތެރެއިން އެންމެ އިސް އެއްރަށޭ އަޅުގަނޑަށް ދަންނަވަންޖެހެނީ ނުހަނު އުފަލާއެކީގައި. ހޯރަފުށީގެ ހީވާގި، މުރާލި ރައްޔިތުން އެ ކުރައްވާ މަސައްކަތުގެ ނަތީޖާ މި ރަށަށް ފެންނަމުންދާކަމީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑެކޭ އެއްފަދައިން، ތިޔަބޭފުޅުން އުފާކުރައްވާނެ ކަމެއް. ރާއްޖޭގެ އިޤްތިޞާދު މިހާރަށްވުރެ ފުޅާކޮށް، އިޤްތިޞާދީ ހަރަކާތްތައް މިހާރަށްވުރެ ހަލުވިކޮށް ކުރިއަށް ގެންދިޔުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެހެންކަމުން، މި އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި މިދަނީ ފާހަގަކުރަމުން. ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދުގެ ބިންގާ މިހާރަށްވުރެ ތަނަވަސްކުރުން. މިހާރަށްވުރެ ފުޅާކުރުން. އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކުރުން. އަދި އަޅުގަނޑުމެން އެކްސްޕޯޓް ކުރާ މުދާ މިހާރަށްވުރެ އިތުރުކުރުން. އަދި އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ބޭރުފައިސާވެސް މިހާރަށްވުރެ އިތުރުކުރުން. މިކަންކަން މިހެން ގެންދެވިއްޖެނަމަ، މުސްތަޤްބަލުގައި ދިވެހިރާއްޖެއަށްވެސް ފެންނަމުންދާނީ ވަރަށް ތިޔާގި އަދި އުފާވެރި ދުވަސްތަކެއްކަން ކަށަވަރު. އާދެ، މަސްވެރިކަމުގެ ރޮނގުން ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް މިގެންދަނީ ކުރަމުން. އެކިއެކި މަޝްރޫޢުގެ ދަށުން އެކި ކަންތައްތައް އެބަކުރެވޭ. މިހާރުވެސް މި ރަށުގައި އެސް.ޓީ.އޯ. ފިޝިންގ ވިލެޖް ހިނގަމުން އެބަދޭ. އެއީ، ބިނާކުރެއްވުމަށްފަހުގައި ދުވަސްތަކެއްވަންދެން އެއްވެސް ކަމެއް ނުކުރެވިހުރި ކަމުގައިވިޔަސް، މިހާރު އެތާނގެ ހަރަކާތްތައް މިއޮތީ ފެށިފައި. އެތަނުގެ ސަބަބުން ދިވެހި ސަރުކާރަށްވެސް އިތުރު ކުރިއެރުމެއް ލިބެމުންދާނެ. ޤައުމުގެ އިޤްތިޞާދަށް. ހަމަ އެއާއެކީގައި، މި ރަށުގެ މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށްވެސް އިތުރަށް ކުރިއެރުން ލިބޭފަދަ ކަންތައްތަކެއް ހަމަޖެހިގެން މިހާރު ހިނގައްޖެ ކަމުގައި އަޅުގަނޑު ދެކެން. ހަމަ މިއާއެކީގައި ދަންނަވަންޖެހެނީ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުމަށްޓަކައި ސަރުކާރުން މަހުގެ އަގުވެސް މިގެންދަނީ، އެވަގުތަކަށް ބަދަލުކުރެވެން އޮތްވަރަކަށް ބަދަލުކޮށްގެން މައްޗަށް ޖައްސަމުންނޭ.
އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރަށް މަސް ގަންނަ އަގު މިހާރުވަނީ ބަދަލުކޮށްފައި. ކުރިއަށްވުރެ މަހުގެއަގު ވަނީ އިތުރުކޮށްފައި. އަދި ކުރިން ގަންނަމުންނުދާ ވައްތަރުގެ ބަރުމިނުގެ މަސް މިހާރު ސަރުކާރުން ގަންނަމުން އެބަގެންދޭ. ބޭނުމަކީ އެ ހުރިހާ މަހެއް ވިއްކުމުގެ ސަބަބުން، ރައްޔިތުން ނުވަތަ މަސްވެރިންނަށް އިތުރު އާމްދަނީ ލިބޭނޭގޮތް މެދުވެރިކޮށްދިނުން. މަހުގެ އަގަކީ އަޅުގަނޑުމެން އަމިއްލައަށް ކޮންޓްރޯލް ކުރެވޭ އެއްޗެއް ނޫން. އެއީ، ސަރުކާރަށް ގަންނަ މަސްވެސް މިދަނީ އެކްސްޕޯޓް ކުރަމުން. ބޭރުގެ ދުނިޔޭގައި މަހުގެ އަގު ހުންނަގޮތަކަށް ބަލާފައި، އަޅުގަނޑުމެންނަށް މަހުގެ އަގު ހަމަޖައްސަންޖެހެނީ. މިވަގުތު މަހުގެ އަގު ބޭރުގައި ތަންކޮޅެއް ރަނގަޅުވުމާއެކީގައި މިކަމަށް ހަމަޖެހިފައިވާ ކޮމިޓީގެ މަޝްވަރާޔާވެސް އެކީގައި މިފަހަރު ސަރުކާރުން މި ދެންނެވި ގޮތަށް މަހުގެ އަގު ބޮޑުކޮށްދީފައި އެވަނީ.
އާދެ، މި ކަންތައްތައް މިހެން ކުރަމުން މިގެންދަނީ ރައްޔިތުންގެ ފައިދާއަށްޓަކައި. ސަރުކާރެއް އެއްވެސް ތަނެއްގައި ޤާއިމްވެފައި އޮންނަނީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް. ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް. އާދެ، މި ސަރުކާރުންވެސް އެ ރޮނގުން މަސައްކަތް ކުރަމުން މިގެންދަނީ. މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެތެރޭގައި ދިވެހި ރައްޔިތުންނަށް ތަފާތު ރޮނގުރޮނގުން ސަރުކާރުން ޚިދުމަތްކޮށްދެވޭތޯ ވާނީ ބަލާފައި. އެ ޚިދުމަތްތަކަކީ ރައްޔިތުން ރުހިވަޑައިގަންނަވާ، ރައްޔިތުން ޤަބޫލުކުރައްވާ، ރައްޔިތުން ހިތްހަމަޖެހޭ ޚިދުމަތްތަކަކަށް ވެއްޖެނަމަ، އެއްވެސް ޝައްކެއްނެތްގޮތުގައި، ސަރުކާރުންވެސް އެކަމާދޭތެރޭގައި ވަރަށް ބޮޑަށް އުފާކުރާނެ.
އާދެ، މިރަށަށް އަޅުގަނޑަށް މީގެކުރިންވެސް އާދެވިއްޖެ، ތިންފަހަރެއްގެ މަތިން. މިއީ އަޅުގަނޑު އަންނަ ހަތަރުވަނަ ފަހަރު. ކޮންމެފަހަރަކުވެސް އަޅުގަނޑަށް މި ރަށުން ފެނިގެންދަނީ ވަރަށްވެސް އުފާވެރި މަންޒަރުތަކެކޭ އަޅުގަނޑު ދަންނަވަން ނުހަނު އުފަލާއެކީގައި. މި ރަށުގެ ރައްޔިތުން އަޅުގަނޑަށް ބަހައްޓަވާ ގާތްކަމާއި އިޚްލާޞްތެރިކަމަކީ، އަޅުގަނޑު ދުވަހަކުވެސް ހަނދާންނެތޭނެ ކަމެއްނޫން. އަދި އެކަމަށްޓަކައި މި ރަށުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުވެސް ދަންނަވާ ކަމެއް.
އާދެ، މި ރަށުގެ ތަރައްޤީ މިހާރަށްވުރެ ހަލުވިކޮށް ކުރިއަށްގެންދިޔުމަށްޓަކައި އަދިވެސް އިތުރު ކަންތައްތަކެއް ކުރަމުން އެބަގެންދެވޭ. އަދި ކުރެވުމަށް ހަމަޖެހިފައިވެސްވޭ. މި ރަށުގައި މިހާރު ރަށުއޮފީހެއް ޢިމާރާތްކުރެވި ވަނީ ހުޅުވިފައި. އަދި 50 ޓަނުގެ ތެޔޮތާނގީއެއް ވަނީ ބަހައްޓައި ނިމިފައި. އޭގެ، ބައެއް އިތުރު މަސައްކަތްތައް މިހާރުދަނީ ކުރެވެމުން. އޭގެފަހުން، އިރާދަކުރެއްވިއްޔާ މި ރަށުން ތެޔޮ ލިބެންވެސް ހުންނާނެ. އަދި މިހާރުވެސް ރަށުކޯޓުގެ ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާކަން ތިޔަބޭފުޅުންނަށް ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުންވެސް އެނގިވަޑައިގެންފި. ހަމަ އެފަދައިން، އިރާދަކުރެއްވިއްޔާ މިއަދު މި ޖަލްސާގެ ފަހުގައި މި ރަށުގައި އަލަށް ޢިމާރާތްކުރެވޭ ޞިއްޙީ މަރުކަޒުގެ ބިންގާ އަޅައިދިނުމުގެ އުފާ އަޅުގަނޑު ލިބިގަންނާނަން، އިރާދަކުރެއްވިއްޔާ. އެ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުމުންވެސް ރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިވަޑައިގަންނަވަމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
އާދެ، ދެންއޮތީ ވަރަށް ބޮޑެތި ކަންތައްތަކެއް. އޭގެތެރެއިން އެއްކަމަކީ ފަޅު ފުންކުރުން. އަނެއްކަމަކީ ކަރަންޓްލުން. މިއީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ވަރަށް ބޮޑެތި ޚަރަދު ހިނގާ ކަންތައްތަކެއް. ސަރުކާރުން އެއްފަހަރާ ހުރިހާ ރަށެއްގައި ކޮށްދެވޭވަރުގެ ކަންތައްތަކެއްވެސް ނޫން.
ފަޅު ފުންކުރުމަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކަށް ބޭނުންވެފައިވާ ޚިދުމަތެއް. ގިނަ ރަށްރަށުގެ ފަޅުތަކަކީ ވަރަށްތިލަ، އަދި ލަފާފުރުން ވަރަށްދަތި ފަޅުތަކެއް. އެ ޝަކުވާ އެއީ، އަޅުގަނޑު ރާއްޖެތެރެއަށް ދާ ކޮންމެރަށަކުންވެސް ޢާންމުކޮށް އަޅުގަނޑަށް އިވެމުންދާ ޝަކުވާއެއް. މި ރަށުގެ ކަންތައްވެސް އޮތީ އެހެން. އެހެންކަމުން، މި ރަށުގެ ފަޅު ފުންކުރުމުގެ މަސައްކަތްވެސް އޮތީ ކުރާގޮތަށް ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެކަން ކުރިއަށްދާނެ. މިހާރު ހަމަޖެހިފައިވާ ގޮތުން، ކޮމަންޑޫގައި ފަޅު ފުންކުރުމަށް ހަމަޖެހިފައިވާ ސެޓް، އެތާނގެ މަސައްކަތް ނިމުމުން އަންނާނީ ހޯރަފުށްޓަށް. އައިސްފައި މި ރަށުގެ ފަޅު ފުންކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށާނެ.
ކަރަންޓުގެ ޚިދުމަތް ހޯދައިދިނުމަކީވެސް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދާ ކަމެއް. އެހެންނަމަވެސް، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އެހާގިނަ ރަށްރަށަށް އެއްފަހަރާ ކަރަންޓުގެ ޚިދުމަތް ދިނުމަކީ، ސަރުކާރަށް ކުރެވޭވަރުގެ ކަމަކަށް ނުވާނެ. އެހެންނަމަވެސް، ބޭރުގެ އެހީ ހޯދައިގެންވެސް އެކަން ކުރުމުގެ މަގު ސަރުކާރުން ތަނަވަސްކުރެވޭތޯ ބަލަމުން އެބަގެންދަން. އޭގެތެރޭގައި، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މި ރަށަށްވެސް ކަރަންޓުގެ ޚިދުމަތް ލިބެމުންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އާދެ، މި ކަންތައް މިވެނި ތާރީޚެއްގައި ނިމޭނެއޭ ނުވަތަ މިވެނި ދުވަސްވަރެއްގައި ވާނެއެކޭ ދަންނަވާކަށް އަޅުގަނޑަކަށް ނުކެރޭނެ. އެއީ، އަޅުގަނޑުމެންގެ ބަޖެޓުގެވެސް ދަތިކަމާއެކީގައި، ކުރިންވެސް ދެންނެވިފަދައިން، ބޭރުގެ އެހީވެސް ހޯދައިގެން ކުރަންޖެހޭ ކަންތައްތަކަކަށްވާތީ. އެހެންނަމަވެސް، ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަނީ ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި އަދި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ބޭރުގެ އެހީވެސް ލިބެންއޮތްވަރަކުން ހޯދައިގެން މަސައްކަތްތައް ކުރަމުން ގެންދިޔުމަށް. އެ ކަންތައްތައް އެހެން ކުރަމުންގެންދާއިރު، އަޅުގަނޑުމެންގެ ކޮންޓްރޯލްގެ ދަށުގައިވާ ކަމެއްނަމަ، އަޅުގަނޑުމެންނަށް އަވަހަށް އެކަމެއް ކުރެވޭނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ކޮންޓްރޯލުން ބޭރުގައިވާ ކަމެއްނަމަ، އެކަމެއް ކުރުމުގެ ޤާބިލިއްޔަތެއް އަޅުގަނޑުމެންނަކަށް ލިބިފައެއް ނޯންނާނެ. އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް. އެ މަސައްކަތް ކާމިޔާބާ ހަމައަށް ގެންގޮސްދެއްވާނީ اللهُ سُبْحَانَهُ وَتَعَالَى.
އާދެ، މިއަދުގެ ދަތުރު ހަމަޖެހިފައިވާ ގޮތުން، މިތާނގައި މާގިނައިރު ހުރެވެން ނެތުމާއެކީގައި އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ. ވާހަކަކޮޅު ކުރުކޮށްލަމުންވެސް، މި ރަށުން އަޅުގަނޑަށް ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި މިރަށުން މި އަތޮޅުގެ ބައެއް ރަށްރަށުގެ ވެރިންނާއި، މެޖިސްޓްރޭޓުންނާއި، ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުވުމުގެ އުފާ އަޅުގަނޑަށް ލިބިފައިވާތީ، އެ ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވަމުން، އަދި އެބޭފުޅުން މެދުވެރިކޮށް، މި އަތޮޅުގެ، އެ ބޭފުޅުން އެ ތަމްސީލު ކުރައްވާ ރަށްރަށުގެ ޢާންމު ރައްޔިތުންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި، ސަރުކާރުގެ ދާއިރާތަކުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންނަށާއި، އަދި ރަށުގެ ކުދި ބޮޑު، އަންހެން ފިރިހެން އެންމެންނަށް އަޅުގަނޑުގެ ހެޔޮއެދުންތައް ފޮނުވަން.
އަޅުގަނޑު އެދެނީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ކުރިއަށްދިޔުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަޅުގަނޑުމެން ކުރަމުން މިގެންދާ ބުރަ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތްލައްވައި، އެ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންނަށް އަވަސް މަގަކުން ދެއްކެވުން. އަދި ދިވެހިރާއްޖެއަކީ އަމާންކަން ލިބިގެންވާ، ޞުލްޙަމަޞްލަޙަތު ހަމަޖެހިފައިވާ، އަދި ރައްޔިތުންގެ މެދުގައި އިސްލާމީ އުޚުއްވަތްތެރިކަމާއި އެއްބާރުލުން އުފެދިފައިވާ، އަދި އެ ގުޅުން ބަދަހިވަމުންދާ ޤައުމެއް ކަމުގައި ލައްވައި، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކޮށްދެއްވުން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.