بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وأصـحابه أجمـعـين.

އަޅުގަނޑު މިއަދު މި ފެށީ އައްޑުއަތޮޅަށް ކުރާ ޒިޔާރަތެއް. މި ޒިޔާރަތުގައި މިވަގުތު އައިސް މިހިރީ މަރަދުއާއި މަރަދޫފޭދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކުރުމަށްޓަކައި އިރްޝާދިއްޔާގައި. އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްކަމަށް ދެކެނީ މިއަދު އަޅުގަނޑަށް ފެނިގެންދިޔަ އިޚްލާޞްތެރިކަމާއި ހިތްހެޔޮކަމުގެ ޝުޢޫރުތަކަށްޓަކައި މަރަދުއާއި މަރަދޫފޭދޫގެ ލޮބުވެތި ރައްޔިތުންނަށާއި ވެރިންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދެންނެވުން.

އަޅުގަނޑު މި އަތޮޅަށް ޒިޔާރަތްކުރުމުގެ މުނާސަބަތުގައި، އަތޮޅުގެ ރައްޔިތުން މުޅި އަތޮޅުވެސް ތައްޔާރުކުރައްވާފައި ވަނީ ވަރަށް ފުރިހަމަގޮތެއްގައި. އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން، ވަރަށް ބޮޑެތި މަސައްކަތްތަކެއް އަތޮޅުގެ ރައްޔިތުން ކުރައްވާފައިވޭ. އަދި ޚާއްޞަކޮށް، މަރަދުއާއި މަރަދޫފޭދޫގެ ރައްޔިތުން ކުރައްވާފައިވާ ބޮޑެތި މަސައްކަތްތައް މި ދެރަށުގެ މަގުމަގުން ކިތަންމެ ރަނގަޅަކަށްވެސް ފެންނަން އެބަހުރި. އާދެ! އެކަންތައްތައް އެހެން ކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމެއްނޫން. އަޅުގަނޑު ރާއްޖެތެރެއަށް ޒިޔާރަތް މި ކުރަނީ ރާއްޖެތެރޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ބޭނުމުގައި. ރާއްޖެތެރޭގައި، އެކި އަތޮޅުތަކުގައި، އެކި ރަށްރަށުގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބަލައިލުމުގެ މަޤްޞަދުގައި. އަދި ތަރައްޤީގެ މަގުގައި ރައްޔިތުން ކުރައްވަމުން ގެންދަވަނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބަލައި، އެކަންކަމަށް ސަރުކާރުން އެހީވެދެވެން އޮތްތޯ ބެލުމަށްޓަކައި. އެހެންނަމަވެސް، އަޅުގަނޑަށްވެސް އެނގޭ، ތިޔަބޭފުޅުންގެ ހިތްޕުޅުގައިވާ އިޚްލާޞްތެރިކަމެއްގެ ބޮޑުކަމުން، އާދެ! ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި އޮތް ގުޅުން، ތިޔަބޭފުޅުން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރައްވާތީ، މިފަދަ މުނާސަބަތުތަކުގައި މަރުޙަބާގެ ލިޔުންތައް ބަހައްޓަވައި އަދި އެނޫންވެސް މަރުޙަބާގެ ޝުޢޫރުތައް ފާޅުކުރެއްވުމުގެ ކަންތައްތައް ކުރައްވާފައިވަނީ. އެހެންކަމުން، ތިޔަބޭފުޅުންގެ އިޚްލާޞްތެރި ހެޔޮއެދުންތައް، ހަމަ އެފަދަ އިޚްލާޞްތެރިކަމާއި ހެޔޮއެދުމާއެކީގައި އަޅުގަނޑު ބަލައިގަނެ، އަދިވެސް އެއްފަހަރު، މަރަދުއާއި މަރަދޫފޭދޫގެ ވެރިންނާއި އަދި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބަޔަކަށްވެސް ދަތިތަކެއް ކުރިމަތިވެފައިވޭ. އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވެފައި، އަޅުގަނޑުމެންގެ ތަނަވަސްކަންވެސް ކުޑަވީމާ، އަޅުގަނޑުމެން ބޭނުންހާ ކަންތައްތައް ކުރާކަށެއް އަޅުގަނޑުމެންގެ ވަސީލަތްތައް ތަނެއްނުދޭ. އަދި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރުވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ ފެންވަރަކަށް ގޮސްފައެއްނުވޭ. އެއީ، ޠަބީޢީގޮތުން އެކަން ވާނެވެސް ގޮތް. އެހެންނަމަވެސް، އަޅުގަނޑުމެންނަކީވެސް ދުނިޔޭގައި ދިރިއުޅެމުންދާ ބައެއް. މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދުނިޔެ ޤަބޫލުކުރާ ބައެއް. އެހެންކަމުން، އަޅުގަނޑުމެންވެސް ތަރައްޤީވާންޖެހޭނެ. ކުރިއަރަންޖެހޭނެ. ކުރިއަރަމުންދާ ޤައުމުތަކުގެ ސަފުގައި އަޅުގަނޑުމެންވެސް ފައިތިލަ ސާބިތުކުރަންޖެހޭނެ. އެގޮތުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ. އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން ކުރާ އެންމެ މުހިންމު ދެ މަސައްކަތަކީ މަސްވެރިކަމާއި ޓޫރިޒަމް.

މަސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި އެންމެ މުހިންމު މަސައްކަތް. އެ މަސައްކަތުގެ ސަބަބުން ރާއްޖެއަށް ތިޔާގިކަމާއި، ތަނަވަސްކަންވަނީ ލިބެމުން އައިސްފައި. ޓޫރިޒަމަކީ ދާދިފަހުން ރާއްޖެއަށް ތަޢާރުފްވި މަސައްކަތެއް. އެހެންނަމަވެސް، އެ މަސައްކަތަކީވެސް ވަރަށް މުހިންމު އިޤްތިޞާދީ މަސައްކަތެއް ކަމުގައި މިއަދުވަނީ ވެފައި. ޚާއްޞަކޮށް، ބޭރުފައިސާ ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް އެތެރެވަނީ ޓޫރިޒަމްގެ ޛަރީޢާއިން ކަމަށްވާތީ، ޓޫރިޒަމަކީ މިއަދު ދިވެހިން ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެމުންގެންދާ އަދި ދޭންޖެހޭނެ މަސައްކަތެއް ކަމުގައިވަނީ ވެފައި.

އާދެ! އިޤްތިޞާދީ ގޮތުން ކުރިއަށްދިޔުމުގެ އިތުރަށް، އަޅުގަނޑުމެން އިޖްތިމާޢީ ގޮތުން ކުރިއަށްދާންޖެހޭ. އިޖްތިމާޢީ ޚިދުމަތުގެ އެކިއެކި ކަންތައްތައް އަޅުގަނޑުމެންގެ ރާއްޖޭގައި ޤާއިމުކުރަންޖެހޭ. އޭގެތެރެއިން އެންމެ މުހިންމު ކަންތައްތަކަކީ ތަޢުލީމާއި، ޞިއްޙަތު. ސަރުކާރުން ރާއްޖެތެރޭގައި ތަޢުލީމު ފެތުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތައް ކުރަމުންދާކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަތޮޅު ތަޢުލީމީ މަރުކަޒުތަކާއި، އަތޮޅު މަދަރުސާތައް ވަނީ މިހާރު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް އުފެއްދިފައި. އެ ތަންތާނގައި ކިޔަވައިދޭނޭ ޓީޗަރުން، އޭގެތެރެއިން އެއްބަޔަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ދަރީން. އެކަމަށް ތަމްރީނުވެގެން އެ މަސައްކަތް ކުރަމުންގެންދަނީ. އަނެއްބަޔަކީ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުން އަޅުގަނޑުމެން ގެންނަ ބައެއް. މި ކަންތައްތައް މިގޮތަށް ކުރަމުން މިގެންދަނީ ތަޢުލީމަކީ ކުރިއެރުމުގެ އެންމެ މުހިންމު ބިންގާ ކަމަށްވާތީ. ތަޢުލީމެއްނެތި އެއްވެސް ޤައުމަކަށް، އެއްވެސް ޖަމާޢަތަކަށް ކުރިއަށްދެވިފައެއް ނެތް. އެހެންކަމުން، އަޅުގަނޑުމެންގެ ޅަދަރީންނަށް އެކަށީގެންވާ ފެންވަރެއްގެ ތަޢުލީމެއް ޙާޞިލްކޮށްދިނުމަކީ، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމުގައި އަޅުގަނޑުމެން އެންމެންނަށްވެސް ޤަބޫލުކުރެވިގެން، އެ މަސައްކަތް އެގޮތުގައި ކުރަމުން މިގެންދަނީ.

ހަމަ އެފަދައިން، ޞިއްޙީ ޚިދުމަތަކީވެސް ވަރަށް މުހިންމު ޚިދުމަތެއް. ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ ބަޔަކަށް ނޫނީ އުފެއްދުންތެރި މަސައްކަތެއް ނުކުރެވޭނެ. ތަޢުލީމެއްވެސް ޙާޞިލެއް ނުކުރެވޭނެ. އެކަން އެހެންއޮތުމާއެކީގައި، ޞިއްޙީ ޚިދުމަތުގެ ފެންވަރުވެސް އެއްދުވަހުން އަނެއްދުވަހަށް މަތިކޮށް، އޭގެ ދާއިރާވެސް ފުޅާކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި މިހާރު ސަރަޙައްދީ ހަސްފަތާލުތައް ހިނގަމުން އެބަދޭ. މި އަތޮޅުގައިވެސް، އާދެ، މި އަތޮޅުގެ ވެރިކަންކުރާ ރަށް ހިތަދޫގައި ސަރަޙައްދީ ހަސްފަތާލެއް ހިނގަމުން އެބަދޭ. އެ ހަސްފަތާލަށް ޒިޔާރަތްކުރުމުގެ އުފާ އަޅުގަނޑަށް މިރޭގެ ވަރަށް އިރާކޮޅު ވަގުތެއްގައި ލިބުނު. އެތަންވެސް މިހާރު އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހިނގަމުންދާތަން ވަނީ ފެނިފައި. އެހެންކަމުން، އެ ހަސްފަތާލުގެ ޚިދުމަތް މި އަތޮޅުގެ ރައްޔިތުންނަށް އަދި ޚާއްޞަކޮށް، ބަލިމީހުންނަށް ލިބެމުންދާކަމީ ޝައްކެއްނެތްގޮތުގައި، މި އަތޮޅުގެ ރައްޔިތުންވެސް އުފާކުރައްވާނެ ކަމެއް.

އާދެ! މި ރޮނގުން ވިސްނާއިރު، އަޅުގަނޑުމެންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެވޭތޯ މަސައްކަތްތަކެއް ކުރަންޖެހޭ. އިޤްތިޞާދީ ގޮތުން ކުރިއަށްދާން ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭ. އަދި އިޖްތިމާޢީ ގޮތުން ކުރިއަށްދިޔުމަށްޓަކައިވެސް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ކުރަންޖެހޭ. ސަރުކާރުން މިގެންދަނީ ރައްޔިތުންނަށް މި މަސައްކަތްތަކުގެ މަގު ފަހިކޮށްދެވޭތޯ ބަލަމުން. ކުރިންވެސް ދެންނެވި ފަދައިން، ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ތަޢުލީމީ މަރުކަޒެއް އެބަހުރި. އަތޮޅު މަދަރުސާއެއް އެބަހުރި. އަދި ސަރުކާރުގެ ޚަރަދުގައި ހިންގާ އެހެން ސްކޫލްތަކެއްވެސް އެބަހުރި. އެގޮތުން، މަދަރުސަތުލް އިރްޝާދިއްޔާ މިއީވެސް މިހާރު ސަރުކާރުން ހިންގަމުންގެންދާ ތަނެއް. ބޭނުމަކީ މަރަދުއާއި މަރަދޫފޭދޫގެ ކިޔަވާ ކުދިންނަށް އެކަށީގެންވާ ފެންވަރެއްގައި ތަޢުލީމު ޙާޞިލްކުރެވޭނެގޮތް ހަދައިދިނުން. މިނޫން ކަންތައްތައްވެސް ސަރުކާރުން ފަހިކޮށްދެވޭތޯ ބަލަމުން އެބަގެންދޭ. ގޯތިގެދޮރުގެ ދަތިކަމަކީވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ކުރިމަތިވެފައިވާ ދަތިކަމެއް. މާލޭގައިވެސް އެ ދަތިކަން ވަރަށްބޮޑު. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އަދި ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައިވެސް އެ ދަތިކަންވަނީ ފޯރާފައި. އެ ރަށްރަށުގެ ރައްޔިތުންނަށް އެ ދަތިކަންވަނީ އިޙްސާސް ކުރައްވަން ޖެހިވަޑައިގެންފައި. އެގޮތުން، މަރަދުއާއި މަރަދޫފޭދޫގެ ރައްޔިތުންނަށްވެސް އަޅުގަނޑަށް ހީވަނީ ގޯތިގެދޮރުގެ ދަތިކަންވަނީ ފޯރާފައިހެން. ކޮންމެއަކަސް، މި އަތޮޅުގައި ގޯތިގެދޮރުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ މީހުންނަށް ލުއި ހޯދައިދެވޭތޯ ސަރުކާރުން ބޮޑެތި ރަށްރަށުގައި، އާދެ! ހިތަދުއާއި ހުޅުމީދޫ ފަދަ ތަންތާނގައި، އެހެން ރަށްރަށުން ގޯތި ބޭނުންވެގެން ގޯތި ލިބިފައިނުވާ މީހުންނަށް ގޯތި ދިނުމުގެ ކަންތައްތައް ކުރަމުން އެބަގެންދޭ. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މިއަތޮޅުގެ ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަގޮތެއްގައި ގޯތިގެދޮރުގެ ކަންތައްތައް ހަމަޖެހިގެންދާނެ.

އާދެ! ކުރިއެރުމުގައި އިލެކްޓްރިކް ކަރަންޓަކީވެސް ވަރަށް މުހިންމު ވަސީލަތެއް. ހަމަޖެހޭގޮތެއްގައި ދިރިއުޅުން ކުރިއަށް ގެންދިޔުމުގައިވެސް އަދި ބޭނުންތެރި ކޮންމެ މަސައްކަތެއް ކުރުމުގައިވެސް، އިލެކްޓްރިކް ކަރަންޓުގެ މުހިންމުކަން އަޅުގަނޑުމެން އެންމެންނަށްވެސް ވަޒަންކުރެވޭ. އެގޮތުން، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މިހާރު އެކި ގޮތްގޮތުން ކަރަންޓުގެ ޚިދުމަތް، އެ ރަށްރަށުގެ ރައްޔިތުން ހޯއްދަވަމުން އެބަ ގެންދަވާ. އޭގެތެރޭގައި، ސަރުކާރުން ކަރަންޓުގެ ޚިދުމަތްދޭ ތަންތަނާއި، އަމިއްލަ ގޮތްގޮތުން ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ތަންތަން އެބަހުރި. މަސައްކަތަކީ ވަރަށްބޮޑު މަސައްކަތަކަށް ވެފައި، ވަރަށްބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަމަކަށްވާތީ، ސަރުކާރުން އެކަނި މިކަން ކުރެވޭކަށެއް ނެތް. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ މަރަދުއާއި، މަރަދޫފޭދޫގެ ރައްޔިތުންނަކީ ނަޞީބުވެރި ބައެއްހެން. އެއީ، ސަރުކާރުގެ ޚަރަދުގައި ތިޔަބޭފުޅުންނަށް ކަރަންޓުގެ ޚިދުމަތް ލިބެމުންދާތީ.

އާދެ! މިގޮތުން ވަރަށްގިނަ ކަންތައްތަކެއް ތަރައްޤީގެ މަގު ތަނަވަސްކުރެވޭތޯ ރައްޔިތުންނާއި ސަރުކާރާ ގުޅިގެން މިގެންދަނީ ކުރަމުން. މި އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރު. މި އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރެވޭ އަހަރު. ބޭނުމަކީ އިޤްތިޞާދީ ގޮތުން ކުރިއަށްދިޔުމަށް އިތުރު މަސައްކަތްތަކެއް ކުރުން. އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ވަރަށްހަނި ބިންގަލެއްގެ މައްޗަށް ކަމަށްވާތީ، އެ ބިންގާ މިހާރަށްވުރެ ތަނަވަސްކުރެވޭތޯ، ފުޅާކުރެވޭތޯ ބެލުން.

ޝައްކެއްނެތް، އިޤްތިޞާދީ ގޮތުން ކުރިއަށްގޮސްގެން އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްވާނީ. އަޅުގަނޑުމެންގެ ބޭނުންތައް ފުއްދޭނީ. އަޅުގަނޑުމެންގެ ދަރީންނަށް ތަޢުލީމު ޙާޞިލްކޮށްދެވޭނީ. އަދި އަޅުގަނޑުމެން ބަލިވެއްޖެނަމަ، ބޭސްކުރެވޭނީ ނުވަތަ އަޅުގަނޑުމެންގެ ގޯތިގެދޮރު އެކަށީގެންވާ ފެންވަރަކަށް ހެދޭނީ. މި ކަންތައްތަކާއި މިނޫންވެސް ޙަޔާތުގެ، ދިރިއުޅުމުގެ މުހިންމު ބޭނުންތައް ފުއްދެނީ، އެބަޔަކަށް ލިބޭ އާމްދަނީއަކުން. އެހެންކަމުން، އާމްދަނީ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ތަފާތު މަސައްކަތްތައް، ދިވެހިރާއްޖޭގެ ރައްޔިތުން ކުރައްވަމުން އެގެންދަވަނީ. ފިރިހެނުން ކުރާ މަސައްކަތްތަކާއި، އަންހެނުންކުރާ މަސައްކަތްތައް، އެމީހުން ހީވާގިކަމާއި މުރާލިކަމާއެކު ކުރަމުން އެގެންދަނީ. އެކަމަކީ ސަރުކާރުން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށް، ދިވެހި ރައްޔިތުންނަށް އެކަމަށްޓަކައި ޝުކުރުއަދާކުރާ ކަމެއް.

އާދެ! މިރޭ އަޅުގަނޑު މިތަނަށް މިއައީ ވަރަށް މުހިންމު ބޭނުމެއްގައި. އާދެ! އެއީ ދިވެހި ސަރުކާރުގެ އިޚްލާޞްތެރި ހެޔޮއެދުން މަރަދުއާއި މަރަދޫފޭދޫގެ ލޮބުވެތި ރައްޔިތުންނަށް ރައްދުކުރުން. ހަމަ އެއާއެކީގައި، މުސްތަޤްބަލުގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންގެ ފައިދާއަށްޓަކައި ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އެރުވުން. ޝައްކެއްނެތް، ސަރުކާރާއި، ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދަނީކަމުގައިވަންޏާ، އެ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންނަށް ލިބެމުންދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަންޖެހޭ، ވަރަށް މުހިންމު ނުކުތާއެއްވެސް އެބައޮތް. އެއީ، އިޤްތިޞާދީ މަސައްކަތްތައް ކުރަމުންދާއިރުވެސް، އަޅުގަނޑުމެންނަކީ އެކުވެރި ބަޔަކަށްވާންޖެހޭނެކަން. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ މެދުގައި ފުރިހަމަ އެއްބާރުލުމެއްވާ ބަޔަކަށްވާންޖެހޭނެކަން. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ މާތް ދީން އަމުރުކުރާ ފަދައިން، އުޚުއްވަތްތެރި ބަޔަކަށްވާންޖެހޭނެކަން. އަޅުގަނޑުމެންނަކީ، އެކުވެރި، އެއްބަނޑުއެއްބަފާ ބަޔަކަށް ވެއްޖެނަމަ، އަޅުގަނޑުމެންކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވާނެ. އަދި އެ މަސައްކަތްތަކުގެ ފޮނި ނަތީޖާ އަޅުގަނޑުމެންނަށް ދައްކަވާނެ. އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދިގެނެއްނުވާނެ. އަޅުގަނޑުމެންނަކީ ފިތުނަވެރި ބަޔަކަށް ވެގެނެއްނުވާނެ. އަޅުގަނޑުމެން ވާންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ފަދައިން އަޚުންތަކަކަށް. ﷲ ވަޙީކުރައްވަނީ. "إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ" (الحجرات 10) "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކެވެ. އެއްބަނޑުއެއްބަފާ ބައެކެވެ." މިއީ އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމެއް. ކޮންމެ ކަމެއް ކުރާއިރުވެސް އަޅުގަނޑުމެންގެ ޝިޢާރަކަށް ވާންޖެހޭނީ މި ޝިޢާރު. އަޅުގަނޑުމެން އިޖްތިމާޢީ ގޮތުންވެސް، އަދި އިޤްތިޞާދީ ގޮތުންވެސް ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު، މި ޝިޢާރު ފިސާރި ސާބިތުކަމާއެކުގައި އުފުލައިގެން ނޫނީ، އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލް މަޤްޞޫދާ ހަމައަކަށް ނުދެވޭނެ.

އާދެ! އަޅުގަނޑުހިތުން މި ނުކުތާއަކީ، ދިވެހީންގެ ދެ މީހަކު ތަފާތު ޚިޔާލެއް ގެންގުޅޭ ނުކުތާއެއް ނޫން. އަޅުގަނޑުމެންނަށް ޤުދްރަތީގޮތުންވެސް އަޅުގަނޑުމެންގެ މެދުގައި މިއޮތް އެއްބައިވަންތަކަމާއި، އެކުވެރިކަން ދެމެހެއްޓޭނެ މަގު ވަނީ ފަހިވެފައި. އެއީ، އަޅުގަނޑުމެންނަކީ، އެއްދީނެއްގެ އަހުލުވެރިން ކަމަށްވާތީ، އެއްބަހަކުން ވާހަކަދައްކާ ބަޔަކަށްވާތީ، އެއް ޤައުމިއްޔަތެއްގެ ފަޚުރުވެރި އަހުލުވެރިން ކަމަށްވާތީ. މި ކަންތައްތައް މިހެން ހުރުމާއެކީގައި، އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށާއި، އެކުވެރިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެންދީގެން، އަޅުގަނޑުމެންގެމެދުގައި އެއްވެސްކަހަލަ ހަމަނުޖެހުމަކަށް ނުވަތަ ފިތުނަވެރިކަމަކަށް ނުވަތަ ބައިބައިވުމަކަށް ތަންނުދީ، މަސައްކަތްކުރަމުން ގެންދާކަމަށްވަންޏާ، އަޅުގަނޑުމެންނަށް ފެނިގެންދާނީ، ވަރަށްވެސް ބާއްޖަވެރި އަދި އުފާވެރި މުސްތަޤްބަލެއްކަމާމެދަކު ޝައްކެއްނެތް.

އާދެ! މިރޭގެ ޕްރޮގުރާމް ހަމަޖެހިފައިވާ ގޮތުން، މިތާނގައި މާދިގު ވާހަކަތަކެއް ދައްކާކަށް އަޅުގަނޑު ޤަޞްދެއްނުކުރަން. އަޅުގަނޑުގެ އެދުމަކީ އަދި އިޚްލާޞްތެރި ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އަބަދުވެސް ތެދުމަގު ދެއްކެވުން. އެކަލާނގެ އިންސާނިއްޔަތަށް ނިޢުމަތެއްކަމުގައި ފޮނުއްވާފައިވާ މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި، ދިވެހި ސަރުކާރާއި، ރައްޔިތުންނާ، ތަރައްޤީގެ މަގުގައި މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް އަދަށްވުރެ ފަހި އަދި ތަނަވަސް އަދި ބާއްޖަވެރި މާދަމާއެއް ދެއްކެވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.