بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيِّدنا محمّد وعلـى آلـه وَأصحابه أجمـعـين.

އާދެ، އަޅުގަނޑު ދެކުނުގެ ބައެއް އަތޮޅުތަކަށް، ރާއްޖޭގެ ދެކުނުގައިވާ، އެންމެ ދެކުނުގައިވާ ދެ އަތޮޅަށް ކުރާ މި ޒިޔާރަތުގައި މިހާރު އައިސް މިހިރީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށުގައި ނުވަތަ ލޮބުވެތި އަތޮޅުގައި، ފުވައްމުލަކުގައި. ފުވައްމުލަކަށް އައުމަކީ، އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ކަމެއް. ތިޔަބޭފުޅުންގެ ތެރެއިން، ހަމަގައިމުވެސް ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެފަދައިން، މީގެ ކުރިންވެސް، އަޅުގަނޑު މި މަގާމާ ހަވާލުވިފަހުން ފަސް ފަހަރެއްގެ މަތިން ފުވައްމުލަކަށް ޒިޔާރަތްކޮށްފިން.

ފުވައްމުލަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އަތޮޅެއް އަދި ރާއްޖެތެރޭގެ ރަށްރަށުގެ ތެރެއިންވެސް ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ރަށެއް. އާދެ، ހަމައެކަނި އެންމެ ރަށަކުން އެކުލެވިފައިވާ އަތޮޅަކީ ފުވައްމުލައް. އަދި ފުވައްމުލަކަކީ އާބާދީ ވަރަށްބޮޑު، ފަސްގަނޑުވެސް ބޮޑު، ރާއްޖޭގެ އެހެން ރަށްރަށުގައި ނުކުރެވޭ ކަހަލަ މަސައްކަތްތަކެއް ކުރެވޭ ރަށެއް. ހަމަ އެއާއެކީގައި، ފުވައްމުލަކަކީ ތަޢުލީމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ، ތަޢުލީމަށް ވަރަށްބޮޑު އަހަންމިއްޔަތެއްވެސް ދެމުންގެންދާ ރަށެއް. މިކަންކަން މިހެން ހުރުމާއެކީގައި، ފުވައްމުލަކަށް ޒިޔާރަތްކުރުމަކީ އަބަދުވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝައުޤުވެރިވާ ކަމެއް. އަޅުގަނޑުގެ މަސައްކަތް ހުންނަގޮތުން އަޅުގަނޑު ބޭނުންވާހާ ގިނަގިނައިން ނާދެވުނު ކަމުގައިވިޔަސް، މިރަށާދޭތެރޭގައި، އަބަދުވެސް އަޅުގަނޑު ކަންތައްތައް އޮޅުންފިލުވައި ހަދަން. އަދި ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާ ބެހޭގޮތުންވެސް މައްސަލަތައް އޮޅުންފިލުވައި، ސަރުކާރުން ވެވެންއޮތް އެހީއެއް ވަމުންގެންދަން.

އާދެ، މިއަދު އަޅުގަނޑު ފުވައްމުލަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާތީ، ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުން ވަރަށް ފުރިހަމަގޮތެއްގައި ވަނީ ރަށް ތައްޔާރުކުރައްވާފައި. ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި. ވަރަށް އެކަށީގެންވާ ގޮތެއްގައި ރަށުތެރެ ޒީނަތްތެރިކުރައްވައި، މަރްޙަބާގެ ޢިބާރާތްތައް ބަހައްޓަވައި ހައްދަވައިފައިވޭ. އާދެ، މިބާވަތުގެ މަސައްކަތްތަކަކީ މީގެކުރީގެ ދަތުރުތަކުގައިވެސް އަޅުގަނޑަށް ދަންނަވާލެވިފައި ވާނެ ފަދައިން، ތިޔަބޭފުޅުން ކުރައްވާކަށް އަޅުގަނޑު އެދޭ ކަންތައްތަކެއް ނޫން. އެހެންނަމަވެސް، ތިޔަބޭފުޅުންވެސް އެ ކަންތައްތައް އެ ކުރައްވަނީ ކޮންމެވެސް މަޤްޞަދެއްގައިކަން އަޅުގަނޑަށް ޤަބޫލުކުރެވޭ. އާދެ، އެންމެ މުހިންމު މަޤްޞަދަކީ ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސަރުކާރާ ދޭތެރޭގައިވާ އިޚްލާޞްތެރިކަން ހާމަކުރެއްވުން. އެހެންކަމުން، ސަރުކާރާ ރައްޔިތުންނާ ދޭތެރޭގައި އޮންނަ ގުޅުން ރަމްޒުކޮށްދޭ އަދި ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އޮންނަ ހިތްހެޔޮކަން ފާޅުކޮށްދޭ ކަމަކަށް އެ މަސައްކަތްތައްވާތީ، އެގޮތުގެމަތިން ވަރަށް އުފަލާއެކު އަޅުގަނޑު އެ މަސައްކަތްތައް ޤަބޫލުކޮށް، މި އަތޮޅުގެ އަތޮޅުވެރިންނަށާއި، އަތޮޅުއޮފީސް ހިންގަވަން ތިއްބެވި އިސްވެރިންނަށާއި، މި ރަށުގެ ބޮޑުކަތީބަށާއި، ކަތީބުންނަށާއި އަދި ސަރުކާރުގެ އެހެނިހެން މުވައްޒަފުންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި، އަދި ފުވައްމުލަކުގެ ލޮބުވެތި ޢާންމު ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ މި ދަތުރަކީ ވަރަށް އާދަޔާޚިލާފު ގޮތަކަށް ކުރެވޭ ދަތުރެއް. އާދެ، އެއީ ވަގުތުކޮޅު ކުޑަކަމާއެކީގައި މި ރަށަށް އަންނަންވެސް މި ޖެހުނީ ހެލިކޮޕްޓަރުގައި. އަދި މިއަދު މި ރަށުގެ ޒިޔާރަތް ނިންމުމަށްފަހުގައި، އަޅުގަނޑު އެނބުރި އައްޑުއަތޮޅަށް ދާން އެބަޖެހޭ. އެ އަތޮޅުގެ ބައެއް ރަށްރަށަށްވެސް އަދި މިއަދު އަޅުގަނޑު ޒިޔާރަތްކުރާގޮތަށް ހަމަޖެހިފައި އޮތީ. އެހެންކަމުން، މި މުނާސަބަތުގައި މާދިގުކޮށް ވާހަކަދައްކާކަށް ފުރުޞަތެއް ލިބިފައެއް ނެތް. އެހެންނަމަވެސް، ބައެއް ނުކުތާތަކާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް ދަންނަވާލުމަކީ އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް އެދިވަޑައިގަންނަވާނެ ކަމެއް. ފުވައްމުލަކުގެ ރައްޔިތުންނަށް ދަތިވެފައިވާ ކިތަންމެ ކަމެއް އެބަހުރި. އަދި ފުވައްމުލަކުގައި ހިނގަމުންދާ ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތަކެއްވެސް އެބަހުރި.

އާދެ، ކުރިންވެސް ދެންނެވިފަދައިން، ފުވައްމުލަކަކީ ތަޢުލީމަށް ލޯބިކުރައްވާ ރައްޔިތަކު ދިރިއުޅުއްވާ ރަށަކަށްވާތީ، މި ރަށުގެ ތަޢުލީމީ ކަންތައްތައް އަޅުގަނޑުހިތުން މިހާރުދަނީ ވަރަށް އެކަށީގެންވާ ގޮތެއްގައި ކުރިއަށް. މި އަތޮޅުގައި މި ތަޢުލީމީ މަރުކަޒު އުފެދި، އެ ތަޢުލީމީ މަރްކަޒުގައި ކިޔަވާކުދިން އެކަށީގެންވާ ގޮތެއްގައި ތަޢުލީމު ޙާޞިލްކުރަމުން ގެންދަނީ. އަދި މިހާރު ސެކަންޑަރީ ތަޢުލީމުގެ މަރްޙަލާވެސް ވަނީ ފެށިފައި. ގްރޭޑް 10 އާ ހަމައަށް މި އަތޮޅުގެ ނުވަތަ މި ރަށުގެ ތަޢުލީމީ މަރުކަޒުގައި ކިޔަވައިދެއްވަމުން ގެންދެވޭކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކޮށްލަން. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މި ރަށުގެ ތަޢުލީމީ ކަންތައްތައް ދާނީ މިހާރަށްވުރެވެސް ހަރުދަނާގޮތެއްގައި ކުރިއަށް. ތަޢުލީމީ މަރުކަޒުގެ އިތުރަށް، ސަރުކާރުގެ އެހީގައި މިތާނގައި ހިނގާ އެހެން މަދަރުސާތައްވެސް އެބަހުރި. އަދި ތަޢުލީމަށް ސަރުކާރުންދޭ އަހަންމިއްޔަތުގެ ސަބަބުން މިރަށުގެ ތަޢުލީމަށްދޭ ތަފާތު އެހީތައް އެބަހުރިކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

އަދި އޭގެއިތުރުން، ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް، ސަރުކާރުން މިދިޔަ އަހަރުން ފެށިގެން ހަމަޖައްސައިދެވިފައިވާކަން އެއީވެސް، އަޅުގަނޑުވެސް ވަރަށް އުފާކުރާ ކަމެއް. އަދި ތިޔަބޭފުޅުންވެސް އުފާކުރައްވާނެ ކަމެއްކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑު މި އިޝާރާތްކުރަނީ ކަރަންޓުގެ ޚިދުމަތް ތިޔަބޭފުޅުންނަށް ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާތީ އެކަމުގެ މައްޗަށް. ޝައްކެއްނެތްގޮތުގައި، އިލެކްޓްރިކް ކަރަންޓަކީ ކުރިއަށްދިޔުމުގެ ވަރަށް މުހިންމު ވަސީލަތެއް. އެހެންކަމުން، ރާއްޖޭގެ ރައްޔިތުންނަށްވެސް ވަރަށް ބޭނުންވެފައިވާ ޚިދުމަތެއް އެއީ. ކަމަކީ ވަރަށް ބޮޑު ކަމަކަށްވެފައި، ވަރަށް ގިނަ ޚަރަދު ހިނގާ ކަމަކަށްވާތީ، ސަރުކާރުން ހުރިހާ ރަށެއްގައި އެކަން އަދި ކުރެވޭގޮތަކަށް ހަމަޖެހިފައެއް ނެތް. އެހެންނަމަވެސް، ސަރުކާރުގެ ޚަރަދުގައި މިހާރުވެސް ބައެއް ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ދެވެމުން އެބަގެންދެވޭ. އަދި އޭގެއިތުރުން، ބޭރުގެ އެހީ ހޯދައިގެންވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ކަރަންޓްލުމުގެ މަޝްރޫޢެއް ސަރުކާރުން މިހާރު ފަށައިގެން ކުރިއަށް އެބަގެންދޭ. މީގެ އިތުރުންވެސް، ރަށްރަށުގެ ރައްޔިތުން އަމިއްލައަށް ކަރަންޓްލުމުގެ މަސައްކަތްކުރާ ރަށްރަށަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުން ފައިސާގެ އެހީއެއް ދޭގޮތަށްވެސް މިހާރުވަނީ ހަމަޖެހިފައި.

އާދެ، މީގެއިތުރުން، މިރަށަށް ދިމާވެފައިވާ ވަރަށްބޮޑު ދައްޗެއްގެ ވާހަކަވެސް، އަޅުގަނޑުވެސް ދަންނަވާލާހިތްވޭ. އެއީ، މި ރަށުގެ ބަނދަރުގެ މައްސަލަ. އެއީ ޒަމާނުއްސުރެ މިރަށުގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލަ ކަމުގައި ދެންނެވުމަކީ ކުށަކަށްނުވާނެ. އެ މައްސަލަ ޙައްލަކަށް ގެނެވޭތޯ ސަރުކާރުން މަސައްކަތްކުރާކަންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެންމެފަހުން ބޭރުގެ ބަޔަކު އައިސްގެން ޕްރިލިމިނަރީ ސްޓަޑީއެއް، އާދެ، އެކަމާ ބެހޭގޮތުން އެންމެ ފުރަތަމަ ހޯދުންތައް ހޯދުމާބެހޭ ދިރާސާއެއް މިހާރުވަނީ ކުރެވިފައި. އެ ދިރާސާގެ އަލީގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކީގައި މިހާރުވަނީ ފުވައްމުލަކުގައި ބަނދަރު ހެދުމުގެ މަޝްރޫޢާބެހޭ ފީޒިބިލިޓީ ސްޓަޑީއެއް ހެދުމަށް ތައްޔާރުވެފައި. އާދެ، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެ ސްޓަޑީ ހެދޭނެ. އެ ސްޓަޑީ ހެދުމުން އަޅުގަނޑުމެންނަށް އެނގޭނީ ކިހިނެއްކަން ފުވައްމުލަކުގައި ބަނދަރެއް ހެދެންއޮތީ. އެއީ ކިހާވަރެއްގެ ކަމެއްކަން. ކިހާ ޚަރަދެއް ހިނގާނެ ކަމެއްކަން. އަދި އެކަމަކީ ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯ؟ އެ ކަންތައްތައް ނިންމޭނީ، މި ދެންނެވި ފީޒިބިލިޓީ ސްޓަޑީ ހެދުމަށްފަހުގައި. އެހެންނަމަވެސް، އެކަމަކީ މިރަށަށް އެހާ މުހިންމު އަދި އެހާބޮޑު ކަމަކަށްވާތީ، އެ ސްޓަޑީ ހެދުމުގެ ކަންތައް އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރިއަށް އެބަގެންދަން.

އާދެ، ދެން މިރަށަށް ދިމާވެފައިވާ ވަރަށް ބޮޑު އެހެން ދައްޗެއްގެ ވާހަކަވެސް ދަންނަވާލަން ބޭނުންވޭ. އެއީ ރަށުގައި ފެންބޮޑުވުމުގެ މައްސަލަ. ރަށުގައި ކުރިން ހެދިފައިވާ ކާނުތައް މިހާރުވަނީ ކޮންމެވެސްވަރަކަށް ހަލާކުވެފައި. ބައެއް ކާނުތައް ވަނީ ބެދިފައި. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، 1984 ވަނަ އަހަރު ސަރުކާރުން އެފް.އޭ.އޯ.ގެ އެހީގައި ފުވައްމުލަކުގައި ކާނުތައް ހަދައިދިނީ. އެހެންނަމަވެސް، މިހާރު ދުވަސްތަކެއް ވެފައިވުމާއެކީގައި، އެ ކާނުތައް ވަނީ އަލުން މަރާމާތުކުރަން ޖެހިފައި. އާދެ، އެކަމަކީވެސް މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަކަށްވާތީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ސަރުކާރުން މިރަށުގެ ކާނުތައް މަރާމާތުކޮށްދޭނެ ވާހަކަ ވަރަށް އުފަލާއެކު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ އިޖުތިމާޢީ ޚިދުމަތްތަކުގެ ތެރެއިން އެންމެ މުހިންމު އަނެއް ޚިދުމަތަކީ ޞިއްޙީ ޚިދުމަތް. ޞިއްޙީ ޚިދުމަތަކީ ރައްޔިތުންނަށް ވަރަށްބޭނުން ޚިދުމަތެއް. ޚާއްޞަކޮށް، ރާއްޖެފަދަ ޤައުމެއްގައި. އެކިއެކި ތަފާތު ބަލިތައް އަޅުގަނޑުމެންގެ ޅަކުދިންނަށް ޖެހެމުންދާ، އަދި އަޅުގަނޑުމެންގެ ބޮޑެތި މީހުންވެސް، އެމީހުންނަށް ދިމާވާ ބަލިބަލިން ސަލާމަތްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭފަދަ ޤައުމެއްގައި، ޞިއްޙީ ޚިދުމަތުގެ މުހިންމުކަން ވަރަށްބޮޑުކަން އަޅުގަނޑުމެން ހުރިހާ އެންމެންވެސް ޤަބޫލުކުރަންޖެހޭ. މި ރަށުގައިވެސް ޞިއްޙީ މަރުކަޒެއް އެބަހުރި. އެހެންނަމަވެސް، މި ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ފެންވަރަކަށް އެ މަރުކަޒުގެ ޚިދުމަތެއް ލިބެމަކުންނެއް ނުދޭ. ސަބަބަކީ، އެތާނގައި ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދޭނެ ޑަކްޓަރަކު ނެތްކަން. ތިޔަބޭފުޅުންނަށް މިހާރު އެނގިވަޑައިގެންފައިވާނެ ފަދައިން، ސަރުކާރުން ގަސްތުކޮށްފައިވަނީ ދެހާސް މީހުން ހަމަވާ ރަށްރަށް ހުންނަ އަތޮޅުތަކުގައި، އެ އަތޮޅުތަކުގައި ސަރަޙައްދީ ހަސްފަތާލެއް ނެތްނަމަ، ދެހާސް މީހުން ހަމަވާ ރަށްރަށުގައި އެންމެ ފުރަތަމަވެސް ޑަކްޓަރަކު ބަހައްޓަން. އެހެންވީމާ، އެގޮތުގެމަތިން ފުވައްމުލަކަކީ، ދެހާހެއްނޫން، އަށްހާސް މީހުން ދިރިއުޅެމުންގެންދާ ރަށަކަށްވާތީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ރަށުންވެސް ޑަކްޓަރެއްގެ ޚިދުމަތް ލިބެން ހުންނާނެ.

އާދެ، ކުރިންވެސް އަޅުގަނޑު އިޝާރާތްކުރި ފަދައިން، ފުވައްމުލަކަކީ ވަރަށްބޮޑު ރަށެއް. ވަރަށް ފަސްގަނޑު މޮޅު ރަށެއް. ދަނޑުވެރިކަމުގެ ގޮތުން ރާއްޖޭގެ އެއްވަނަ ރަށޭ ދެންނެވުމަކީ ދޮގަކަށްނުވާނެ. މިރަށުގެ ރައްޔިތުންގެ އާމްދަނީގެ ވަރަށްބޮޑު ބައެއް ބިނާވެފައި އޮންނަނީ ދަނޑުވެރިކަމުގެ މައްޗަށް. ގަސްހެއްދުމުގެ މައްޗަށް. އެހެންކަމުން، އެކަމަކީ ސަރުކާރުން ވަރަށް ތަރުޙީބުދޭ ކަމެއްކަމުގައި އަޅުގަނޑު ދަންނަވަން ބޭނުން. ހަމަ އެއާއެކީގައި، އަޅުގަނޑު އެދެނީ އަދިވެސް އިތުރަށް ކުރެވެންހުރި ކަންތައްތައް މިރަށުގައި ކުރެއްވުން. މަތިންދާބޯޓުން އަޅުގަނޑު މިއަދު މިރަށަށް އައި އައުމުގައި އަޅުގަނޑަށް ފެނުނީ، މި ރަށުގެ ބިމުގެ ވަރަށްބޮޑު ބައެއް، އެއްވެސް ބޭނުމެއް ނުކުރެވި ހުސްކޮށް އޮތްތަން. މި ދެންނެވީ ރުއްގަސްވެސް ނެތި، އާދައިގެ ވިނަ ނުވަތަ އެނޫންވެސް، ބޭނުމެއް ނުކުރެވޭފަދަ ގަސްހެދިފައި ހުރި ތަންތަން. ވަރަށްބޮޑު ބައެއް، ވަރަށްބޮޑު ސަރަޙައްދެއް އެބައޮތް. އަޅުގަނޑު ހިތުން މި ރަށުގެ ރައްޔިތުން އެކަމާ ދޭތެރޭގައި ވިސްނަވާފައި، އެ ބޮޑެތި ބިންތައް ރަށަށް ފައިދާހުރި ގޮތެއްގައި އަދި ރަށުގެ ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ބޭނުންކުރެއްވޭތޯ ބެއްލެވުމަކީ ވަރަށް މުހިންމު ކަމެއް. އެންމެކުޑަމިނުގައި ރުއް އިންދައިގެންވެސް އަޅުގަނޑުހިތުން އެއިން ހަމަ އެދެވޭވަރުގެ އާމްދަނީއެއް ލިބޭނެ. އެނޫނަސް އެހެން ކަންތައްތައްވެސް ކުރެވެން ހުންނާނެ.

އާދެ، މިދިޔަ މިނިވަންދުވަހުގެ މުނާސަބަތުގައި އަޅުގަނޑު އަތޮޅުތަކުގެ ވަފްދުތަކާ ބައްދަލުކުރި ކުރުމުގައި، ފުވައްމުލަކުގެ ފަރާތުން ވަޑައިގެންނެވި ވަފުދުން ވިދާޅުވި ވާހަކަޔަކަށް އިޝާރާތެއް ކޮށްލާހިތްވޭ. އެއީ މި ރަށުގައިވެސް ކޮންމެވެސްކަހަލަ ފެކްޓަރީއެއް ހިންގުން. އެކަމާ ދޭތެރޭގައި އަޅުގަނޑަށް ދަންނަވަންޖެހެނީ، ބޭރުގެ ބަޔަކު އައިސް އެކަހަލަ ކަމެއް ކުރުމަށް ސަރުކާރުން ވަރަށް ތަރުޙީބުދޭނެއޭ. އެހެންނަމަވެސް، ބޭރުބަޔަކު އައިސް އެފަދަ ކަމެއް ކުރަން ފަށާނީ، އެމީހުންނަށްވެސް އެއީ ދެކޮޅުޖެއްސޭފަދަ ކަމަކަށްވަންޏާ. އެމީހުން އެ ކުރާ ޚަރަދާ އަޅައިބަލާއިރު، އެތަނެއްގައި އެ އުފައްދާ އެއްޗަކުން އެމީހުންނަށް އެކަށީގެންވާ ފައިދާއެއް ލިބޭގޮތަކަށް އެކަން ރޭވޭނެކަމަށް އެމީހުންގެ ހިތަށް ވަންނަންޏާ. އެހެންވީމާ، އެކަމަކީ ހަމައެކަނި ސަރުކާރުގެ އަތްމަތީގައި އޮތް ކަމެއްނޫން. ސަރުކާރުން މިހާރުވެސް ބޭރުގެ އިންވެސްޓްމަންޓްތަކަށް ވަރަށް ތަރުޙީބުދޭ. ބޭރުގެ މީހުން އައިސްގެން، ރާއްޖޭގައި ފައިސާ ޚަރަދުކޮށްގެން ތަފާތު ކަންތައްތައް ފެށުމަށް ސަރުކާރުން އެމީހުންނަށް ހިތްވަރުދީ، އެމީހުންނަށް އެކިއެކި ފަސޭހަތައް ކޮށްދެމުންދޭ. އެގޮތުގެމަތިން، ފުވައްމުލަކުގައިވެސް، ބޭރުބަޔަކު އައިސްގެން މިތާނގައި ކަމެއް ކުރާކަމަށްވަންޏާ، ކަމެއްކުރަން ޚިޔާލުކުރަންޏާ، އެކަމަކަށް ސަރުކާރުން ވަރަށް ތަރުޙީބު ދޭނެ. އަދި ސަރުކާރުން އެމީހުންނަށް ވެވެން އޮތް ހުރިހާ އެހީއެއްވެސް ވެދޭނެ. އެހެންނަމަވެސް، މިބާވަތުގެ ކަމަކީ ސަރުކާރުން ޚަރަދުކޮށްގެން ކުރެވޭކަހަލަ ކަމަކަށްނުވާތީ، އެ ވާހަކަ ދަންނަވާލަން އަޅުގަނޑު ބޭނުންވަނީ.

އާދެ، ރާއްޖެތެރެ ތަރައްޤީކުރުމުގައި އަޅުގަނޑުމެންނަށް ޖެހެނީ، އާ ވިސްނުންތަކެއް ވިސްނަން. އާ ގޮތްތަކަކަށް ޚިޔާލުކުރަން އަޅުގަނޑުމެންނަށް މަޖުބޫރުވެފައިވޭ. އެއީ، އަޅުގަނޑުމެންގެ ރާއްޖޭގެ ކުޑަކަމާއި، ރާއްޖެއިން ލިބެން ހުންނަ ޤުދްރަތީ ވަސީލަތްތަކުގެ މަދުކަމާއި، އަދި އެކި ކަންކަމުގެ ޤާބިލިއްޔަތު ލިބިފައިވާ މީހުންވެސް މަދުކަމުން. އެހެންކަމުން، ސަރުކާރުން މިހާރު ޚިޔާލުކުރަމުން މިގެންދަނީ ރާއްޖެތެރޭގެ ހިންގުމަށް އިތުރު ހަލުވިކަމެއް ގެނައުމާ ބެހޭގޮތުން. މިގޮތުން މިހާރު ހަމަޖެހިފައިވާ އުޞޫލަކީ ނުވަތަ އެ އުޞޫލަކަށް ޢަމަލުކުރެވޭތޯ މަސައްކަތް ކުރަމުންދާ އުޞޫލަކީ އަތޮޅުވެރިކަމުގައި ފޮނުވާ ބޭފުޅުންނަކީ، ތަޢުލީމީ އަދި ޒުވާން ބޭފުޅުން ކަމުގައިވޭތޯ ބެލުން. އެގޮތުން ތިޔަބޭފުޅުންގެ އަތޮޅަށް، އާދެ ފުވައްމުލަކަށް ވަރަށްފަހުން ހަމަޖެއްސުނު އަތޮޅުވެރިޔާ، އަލްފާޟިލް މުޞްޠަފާ ލުޠުފީ ވަޑައިގެން އެ އިންނެވީ. މުޞްޠަފާ ލުޠުފީއަކީ މީގެކުރިން އަތޮޅުވެރިކަން ކުރައްވާފައިވާ ބޭފުޅަކު ކަމުގައިނުވިޔަސް، އޭނާއަކީ ތަޢުލީމީގޮތުން ވަރަށްމަތީ ފެންވަރަކަށް ވަޑައިގެންފައިވާ، ޒުވާން، އަދި ޚިޔާލުހުރި، ތަނަވަސް ޚިޔާލުގެ ވެރި ބޭފުޅެއް. އަދި އޭނާ ރާއްޖެތެރެއަށް އެހެން ޙައިޘިއްޔަތަކުން ވަރަށްގިނަ ދުވަސް ވަންދެން ވަނީ ޚިދުމަތްކޮށްދެއްވާފައި. ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އެތައް އަހަރުތަކެއް ވަންދެން ޚިދުމަތުގައި ވަނީ ދެމިހުންނަވާފައި.

އެހެންވީމާ، ރާއްޖެތެރޭގެ ކަންތައްތައް ހުންނަގޮތްވެސް އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަދި ރާއްޖެތެރެއަށް ގެންނަންޖެހޭ ތަރައްޤީގެ ކަންތައްތައް ގެންދަންޖެހޭގޮތްވެސް އޭނާއަށް ވިސްނިވަޑައިގަންނަވާނެ. އަޅުގަނޑު އުންމީދުކުރަނީ، އެފަދަ ބޭފުޅަކު ފުވައްމުލަކުގެ އަތޮޅުވެރިކަމުގެ މަޤާމުގައި ހުންނެވުމުން، ތަރައްޤީގެ ކަންތައްތައް މިހާރަށްވުރެ ހަލުވިކޮށް ފުވައްމުލަކުގައި ހިނގާނެ ކަމަށް. އަދި އޭގެ ސަބަބުން، ފުވައްމުލަކުގެ ރައްޔިތުންނަށް މުސްތަޤްބަލުގައި މިހާރަށްވުރެ ގިނަގުނަ ފައިދާތައް ޙާޞިލްވަމުންދާނެ ކަމަށް.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުގެ މި ދަތުރަކީ ވަރަށް ކުއްލިގޮތެއްގައި، ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮށް ނިންމާލަން ޖެހިފައިވާ ދަތުރެއް. އެހެންކަމުން، މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން ގަސްތުކުރަނީ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން. އިސްލާމީ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތާ، އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިރިއުޅުމުގެ ކަންތައްތައް ބައްޓަންކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި ހަމަޖެހުން، އެގޮތުގެމަތީގައި ދެމެހެއްޓުމުގެ ވިސްނުމާއި ޤާބިލިއްޔަތު އަޅުގަނޑުމެންނަށް ދެއްވުން. ދިވެހި ސަރުކާރާއި ރައްޔިތުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ ގިނަގުނަ މަސައްކަތްތަކުގައި ބަރަކާތްލައްވައި، އަޅުގަނޑުމެންނަށް އުފާވެރި، ބާއްޖަވެރި، އަމާން، މުސްތަޤްބަލެއް ދެއްކެވުން.

والسّلام عليكم ورحمـة اللّـه وبركاته.