بســم اللّـه الرّحمـن الرّحيــم
الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމަށް ދެކެނީ، އަޅުގަނޑު ގަމަށް އައުމުން، ގަމުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.
ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނާއިބު ޑޮކްޓަރ މުޙަންމަދު ލަޠީފް އެ ވިދާޅުވިފަދައިން، އަޅުގަނޑުގެ މި ބައްދަލުކޮށްލުމަކީ، ގަމުގެ ތިން އަވަށުގެ ރައްޔިތުންނާ ބައްދަލުކޮށްލާ ބައްދަލުކޮށްލުމެއް. އާދެ، އަޅުގަނޑު އުންމީދުކުރާގޮތަކީ، ކޮންމެ އަވަށަކަށް ވަކިން ގޮސް، އެ އަވަށުގެ ރައްޔިތުންނާ ވަކިން ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބޭގޮތްވުން. އެހެންނަމަވެސް، ދަތުރުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތުން، އެގޮތަށް ކަންތައްތައް ގެންދިޔުމަށް މިއަދު އަޅުގަނޑަށް ފުރުޞަތު ލިބިފައެއް ނެތް. އެހެންކަމާއެކު، އަޅުގަނޑު ޤަޞްދުކުރީ ގަމުގެ ތިން އަވަށުގެ ރައްޔިތުންނާ އެއްތަނަކުން ބައްދަލުކޮށްލައި، އެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައެއް ދަންނަވާލުމަށް.
އާދެ، އެހެންކަމުން، އަޅުގަނޑުގެ މި ބައްދަލުކޮށްލުމަކީ ހައްދުންމަތީ ގަމުގެ ހުރިހާ ރައްޔިތުންނާ ބައްދަލުކޮށްލާ ބައްދަލުކޮށްލުމެއްކަން ތިޔަބޭފުޅުން ޤަބޫލުކުރެއްވުން އެދެން. އާދެ، ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެފަދައިން، މީގެކުރިންވެސް އަޅުގަނޑު ގަމަށް ޒިޔާރަތްކޮށްފިން، އެތައްފަހަރެއްގެ މަތިން. އާދެ، މީގެކުރިން އައި ފަހަރުފަހަރުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާފައި ވާނީ، ރައްޔިތުންނާ ސަރުކާރާ ދެމެދުގައި އުފެދިފައިވާ ގުޅުމަކީ ވަރަށް ހަރުދަނާ ގުޅުމެކޭ. އަދި އެ ގުޅުން އަބަދުވެސް ހަރުދަނާކޮށް، އިތުރަށް ތަރައްޤީކުރުމަކީ ވަރަށް ބޮޑަށް ބޭނުންކަމެކޭ.
އާދެ، ސަރުކާރެއް އުފެދިފައި އޮންނަނީ، އެ ސަރުކާރެއް އުފެދިފައި އޮންނަ ޤައުމެއްގެ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށްޓަކައި. އެހެންކަމުން، އެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި އަބަދުވެސް އެ ސަރުކާރަކުން އެ ޤައުމެއްގެ ރައްޔިތުންނަށް ލިބިދޭންޖެހޭނެކަމީ، ޝައްކެތް އޮތްކަމެއްނޫން. މިގޮތުން، ރާއްޖެތެރޭގައި ދިރިއުޅުއްވާ، ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުގެ ތަފާތު ޚިދުމަތްތައް ލިބެމުންދާކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އޭގެތެރޭގައި ތިޔަބޭފުޅުންގެ ރަށް، ގަމަށްވެސް ޚާއްޞަ ޚިދުމަތްތަކެއް ސަރުކާރުން ދެމުންގެންދާކަން ތިޔަބޭފުޅުން ޤަބޫލުކުރައްވާނެ.
އާދެ، ގަމަކީ ވަރަށް ޚާއްޞަ ރަށެއް. ތާރީޚީ ރަށެއް. ތާރީޚީ ތަންތަންވެސް ގަމުގައި އެބަހުރި. ހަމައެފަދައިން، އަޅުގަޑުމެންގެ ދިވެހި ތާރީޚު ލިޔުއްވި އެންމެ މަޝްހޫރު އެއް ލިޔުންތެރިއަކު ކަމުގައިވާ، ޙަސަން ތާޖުއްދީނަކީ މިރަށުގެ ބޭފުޅެއް ކަމުގައިވުމުން، މިރަށަށް ލިބޭ އަހަންމިއްޔަތު އިތުރުވެގެންދާކަން ކަށަވަރު.
މިރަށުގެ ރައްޔިތުންނަކީ ވަރަށް ޙަރަކާތްތެރި، މުރާލި، ހީވާގި ބައެއް. ދިރިއުޅުމަށްޓަކައި ވަރަށްގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ބައެއް. ޚާއްޞަކޮށް، މަސްވެރިކަމުގެ މަސައްކަތާއި، ދަނޑުވެރިކަމުގެ މަސައްކަތް. އާދެ، ގަމަކީ ފަސްގަނޑު ވަރަށް ބޮޑު، ފަސްގަނޑު ވަރަށް މޮޅު ރަށެއް. އެހެންކަމުން، ގަސް އިންދުމާއި، ދަނޑުވެރިކަމުން ރަށުގެ ރައްޔިތުންނަށް އިތުރު ކުރިއެރުން ލިބޭނެކަން ކަށަވަރު. އެރޮނގުގައި ގަމުގެ ރައްޔިތުން ކުރައްވާ މަސައްކަތަކީ ފާހަގަކުރެވޭ މަސައްކަތެއް ކަމުގައި އަޅުގަނޑު ދަންނަވަން.
އާދެ، މަސްވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ތަފާތު މަޝްރޫޢުތައް ހިންގާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިހާރުވެސް އާ މަޝްރޫޢެއްގެ މަސައްކަތް މިރަށާ ވަރަށް ކައިރީގައި ހިނގަމުން އެބަދޭ. އެއީ، މާންދޫ މަޝްރޫޢު. އެ މަޝްރޫޢު ނިމުމުން، ދެކުނުގެ ބައެއް އަތޮޅުތަކުގެ މަސްވެރިންނަށް ކުރިއަށްވުރެ ބޮޑު ކުރިއެރުމެއް ލިބުމަށް އުންމީދުކުރެވޭ. އާދެ، އެތަނަށް މަސްކިރުވައި، މި ހިސާބުގަނޑުގައި މަސްވެރިކަންކުރާ މީހުން، މިދެންނެވި އަތޮޅުތަކުގައި، ލ. އަތޮޅާއި އަދި މިހިސާބުގަނޑުގެ ބައެއް އެހެން އަތޮޅުތަކުގައި މަސްވެރިކަންކުރާ މަސްވެރިންނަށްވެސް، އެމީހުން ބާނާ މަސް ފަސޭހަގޮތެއްގައި ސަރުކާރަށް ވިއްކާލެވޭނެ އިންތިޒާމު އޭރުން އޮންނާނީ ހަމަޖެހިފައި. އެކަމުގެ ސަބަބުން، މުސްތަޤްބަލުގައި މިއަތޮޅަށް އަދި މިއަތޮޅާ ކައިރީގައިވާ އަތޮޅުތަކަށް އިތުރު ކުރިއެރުމާއި ދިރުން ލިބޭނެކަމާމެދަކު ޝައްކެއްނެތް.
މީގެއިތުރުން، ގަމަކީ މިހާރު ސަރުކާރުން ޞިނާޢީ ސަރަޙައްދެއް ޤާއިމުކޮށްފައިވާ ރަށެއް. މި ޞިނާޢީ ސަރަޙައްދުގައި ބޭރުގެ ކުންފުނިތަކުން މަސައްކަތް ހިންގަމުން އެބަދޭ. މިހާރުވެސް ދެ ކުންފުންޏެއްގެ މަސައްކަތް މިތާނގައި ހިނގަމުން އެބަދޭ. އެ މަސައްކަތަކީވެސް ރާއްޖޭގެ އިޤްތިޞާދަށް އަދި މިއަތޮޅުގެ ރައްޔިތުންނަށާއި އަދި ޚާއްޞަކޮށް، ގަމުގެ ރައްޔިތުންނަށް ފައިދާތަކެއް ކުރަމުންދާ، އަދި މުސްތަޤްބަލުގައި ކުރާނެވެސް މަސައްކަތެއް.
އާދެ، އަޅުގަނޑުމެންގެ ތެރެއިން އެ ކާރުޚާނާތަކުގެ ވަޒީފާއަށް އެދޭ މީހުންނަށް ވަޒީފާ ލިބޭނެ. އަދި އެ ވަޒީފާގައި އަޅުގަނޑުމެން ދެމިތިބެއްޖެނަމަ، އޭގެ ސަބަބުން އަޅުގަނޑުމެންގެ އާމްދަނީ އިތުރުވަމުންދާނެ. އަޅުގަނޑަށްވެސް އެނގޭ، މިހާރު އެތަންތާނގައި މަސައްކަތްކުރާ ދިވެހީންގެ ޢަދަދު އަދި މާގިނަނޫންކަން. އެހެންނަމަވެސް، އެހެން އެ ދިމާވާ ސަބަބަކީ، އަޅުގަނޑުމެންގެ ތެރޭގައި އަދި އެ މަސައްކަތް ދަންނަ މީހުން މަދުކަން. އަދި އަޅުގަނޑުމެންނަށް އާދަވެފައިވާ ގޮތުން، މަސައްކަތުގައި ގިނަދުވަހު ދެމިތިބޭ މީހުންވެސް މަދުކަން. އަޅުގަނޑުމެންގެ ރާއްޖެއަށް ޞިނާޢީ އެކިއެކި މަސައްކަތް ތަޢާރަފުވުމާއެކީގައި، އަޅުގަނޑުމެންނަށް ޖެހޭނެ އެ މަސައްކަތްތަކުގައި އުޅެން. އަދި އެ މަސައްކަތްތަކުގައި އުޅުމަށްޓަކައި އަޅުގަނޑުމެންގެ ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތަކާއި، އަޅުގަނޑުމެންގެ މަސައްކަތު އާދަތަކަށް އަންނަންޖެހޭ ތަރައްޤީ އަޅުގަނޑުމެން ގެންނަންޖެހޭނެ. މަސައްކަތުގައި ގިނަދުވަހު ދެމިތިބުމަކީ، އެފަދަ މަސައްކަތްތައް ކާމިޔާބުވުމަށް ވަރަށް ބޭނުންތެރި ކަމެއް. ގިނަދުވަހު މަސައްކަތުގައި، މަސައްކަތު މީހުން ދެމިނުތިބޭ ކަމަށްވަންޏާ، ބޭރުގެ ފަރާތްތަކުން ވަރަށްގިނަ ޢަދަދަކަށް ފައިސާ ޚަރަދުކޮށްގެން އެ ފަށްޓާ މަސައްކަތްތަކުގެ ފައިދާއެއް އެބަޔަކަށް ނުފެންނާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ޖެހޭނީ އެ ތަންތަނުގެ ވަޒީފާގައި އުޅޭކަމުގައިވަންޏާ، ވަޒީފާގައި ގިނަދުވަހު ދެމިތިބެވޭގޮތަށް އަޅުގަނޑުމެންގެ ކަންތައްތައް ހަމަޖައްސަން.
އާދެ، ކޮންމެއަކަސް މިރަށުގައި ޞިނާޢީ ސަރަޙައްދެއް ޤާއިމުވެފައި އޮތުމާއެކީގައި، މުސްތަޤްބަލުގައި އެ ޞިނާޢީ ސަރަޙައްދުގައި ބޭރުގެ އިތުރު ކުންފުނިތަކުން އިންވެސްޓްކޮށް، ފައިސާ ޚަރަދުކޮށްގެން، ތަފާތު މަސައްކަތްތައް ކުރާނެ ކާރުޚާނާތައް އުފައްދަމުން ގެންދާނެކަމަށް ސަރުކާރުން އުންމީދުކުރޭ. އަދި އެފަދަ ދުވަހެއް އަތުވެއްޖެނަމަ، ޝައްކެއްނެތްގޮތުގައި، އެކަމަކީ މުޅި ޤައުމުގެ ތަރައްޤީއަށް އަދި ލ. އަތޮޅުގެ ތަރައްޤީއަށާއި، ގަމުގެ ތަރައްޤީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަން އަޅުގަނޑުހިތުން އަޅުގަނޑެކޭ އެއްފަދައިން، ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ.
އާދެ، މިރަށާ ކައިރީގައި ދެންއޮތް އެންމެ މުހިންމު ވަސީލަތަކީ، އެއަރޕޯޓުގެ ވަސީލަތް. ކައްދޫގައި އެއަރޕޯޓެއް ސަރުކާރުން ޤާއިމުކޮށްފައި އެވަނީ ރާއްޖޭގެ މުވާޞަލާތު މިޒަމާނާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށްޓަކައި. ވައިގެ ދަތުރުފަތުރަކީ އިޤްތިޞާދީ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ވަރަށް ބޭނުންތެރި ކަމެއް. މިހާރު ރާއްޖޭގައި ތަފާތު ސަރަޙައްދުތަކުގައި މަޑުމަޑުންނަމަވެސް ވައިގެ ބަނދަރުތައް އެދަނީ އުފެދެމުން. ހަނިމާދޫގައި ވައިގެ ބަނދަރެއް އެބައޮތް. ސ. އަތޮޅު ގަމުގައި ވައިގެ ބަނދަރެއް ކުރިއްސުރެ އޮވޭ. އަދި މިހާރު ކާޑެއްދޫގެ މަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ. އެ މަސައްކަތް ނިމުމުން، އިރާދަކުރެއްވިއްޔާ އުންމީދުކުރެވޭ ގޮތުގައި މި އަހަރުގެ ފަހުކޮޅުގައި އެތާނގައި އެ ވައިގެ ބަނދަރުގެ ޚިދުމަތްތައް ލިބެންފަށާނެ. އާދެ އެގޮތުން، ކައްދޫ އެއަރޕޯޓަކީ ތަންކޮޅެއް ކުރިއްސުރެ އުފެދިފައިވާ އެއަރޕޯޓެއް. އެ އެއަރޕޯޓުގެ ސަބަބުން، ދަތުރުފަތުރު ކުރުމަށާއި، އަދި އެއްތަނުން އަނެއްތަނަށް މުދާ ގެންދިޔުމަށް ވަރަށް ބޮޑު ހަލުވިކަމެއް އައިސްފައިވޭ. އެހެންނަމަވެސް، އެ ވަސީލަތުގެ ބޭނުން އަދި އެންމެ ފުރިހަމަގޮތުގައި އަޅުގަނޑުމެންނަށް ކުރެވިފައި އޮތެކޭ، އަޅުގަނޑަކަށް ދެންނެވޭކަށް ނެތް. އެއީ، އެ ވަސީލަތް ބޭނުންކުރާ މީހުންގެ ޢަދަދު މަދުކަމުން. އެހެންނަމަވެސް، މުސްތަޤްބަލަށް ވިސްނާއިރު، ރާއްޖޭގައި ވައިގެ ދަތުރުފަތުރުކުރާ ނިޒާމެއް، ރާއްޖޭގެ އެކިހިސާބުގައި ޤާއިމުވެފައި އޮތުމަކީ، ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ.
އާދެ، ކުރިއަށްދިޔުމުގައި އިލެކްޓްރިކް ކަރަންޓަކީ ވަރަށް މުހިންމު އެއްޗެއް، ވަރަށް ބޭނުންތެރި ވަސީލަތެއް. މިރަށުގެ ރައްޔިތުންވެސް އެކަމަށް ތިޔަ ތިއްބަވަނީ އެދިވަޑައިގެން. ރާއްޖެތެރެއަށް ކަރަންޓުގެ ޚިދުމަތް ފޯރުވައިދެވޭތޯ ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތް ކުރަމުން އެބަގެންދޭ. ވަރަށްގިނަ ހޭދަތައްވެސް އެބަކުރޭ. އެގޮތުން، ސަރުކާރުގެ ޚަރަދުގައި ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރުވަނީ 24 ގަޑިއިރު ކަރަންޓް ދެވޭގޮތަށް، އެ ކަންތައްތައް ޤާއިމުކުރެވިފައި. އެހެންނަމަވެސް، އެކަމަކީ ވަރަށްބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ ހުރިހާ ރަށެއްގައި ކަރަންޓްލައިދެވޭ ގޮތަށް އަދި މަސައްކަތް ކުރިއަށް ގެންދެވޭކަށެއް ނެތް. އެކަން އެހެން އޮތުމާއެކީގައި، ބޭރުގެ ބައެއް ފަރާތްތަކުގެ އެހީވެސް ހޯދައިގެން، ސަރުކާރުން މިގެންދަނީ ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދެވޭތޯ ބަލަމުން. އޭގެތެރެއިން، ފަހަރެއްގައި ތިޔަބޭފުޅުން އައްސަވާފައި އޮވެދާނެ، ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ކަރަންޓްލުމުގެ މަސައްކަތް ފެށެންއުޅޭ ވާހަކަ.
އާދެ، ޖަޕާން ސަރުކާރުން މިހާރު ދިވެހި ސަރުކާރާ އެކަމަށް ވާހަކަ ދައްކައިގެން، ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި، ތިޔަބޭފުޅުންގެ ރަށް، ގަންވެސް ހިމެނޭކަން އަޅުގަނޑު މި ދަންނަވަނީ ވަރަށް ޚާއްޞަ އުފަލަކާއެކީގައި.
އާދެ، އެ މަސައްކަތް އެންމެ ފުރަތަމަ ހިންގަން އެމީހުން އެއްބަސްވެފައިވާ ތިންރަށުގެ ތެރެއިން އެއްރަށް ގަމަކީ. އަޅުގަނޑު އުންމީދުކުރާ ގޮތުގައި، މާލަހެއްނުވެ އެ މަޝްރޫޢުގެ މަސައްކަތް ފެށޭނެ. އެހެންނަމަވެސް، ބޭރުގެ އެހީން ކުރާ ކަންތައްތަކަކީ، އަޅުގަނޑުމެންގެ އަތްފޯރާ ހިސާބުގައިވާ ކަމަކަށްނުވާތީ، އަޅުގަނޑުމެން ބޭނުންހާ ގޮތަކަށް ނުވަތަ ބޭނުންހާ އަވަހަކަށް އެ ކަންތައްތަކެއް ނުކުރެވޭނެ. އެކަން އަޅުގަނޑުހިތުން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ.
އާދެ، ގަމުގައި މީގެ ދެއަހަރެއްހާ ދުވަސްކުރިން ޞިއްޙީ މަރުކަޒެއްވެސް ވަނީ ޢިމާރާތްކުރެވިފައި. އެހެންނަމަވެސް، އެ މަރުކަޒުގެ ޚިދުމަތް އަދި ވަނީ ރައްޔިތުންނަށް ނުލިބި. އެހެންނަމަވެސް، މިހާރު އެކަން ވަރަށް އަވަހަށް އިޞްލާޙުކުރުމަށް ފިޔަވަޅުތަކެއްވަނީ އެޅިފައި. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެފަދައިން، ދާދިފަހުން މިނިސްޓަރ އޮފް ހެލްތުގެ ނާއިބު ޑޮކްޓަރ ޢަބްދުއްސަތާރު ޔޫސުފް މިރަށަށް ވަޑައިގެންނެވި. އަދި މި އަތޮޅުގެ އަތޮޅުވެރިންނާ މަޝްވަރާކުރައްވައި ހެއްދެވި. އޭގެ ނަތީޖާއެއްގެ ގޮތުން، މިހާރު ހަމަޖެހިފައިވަނީ ގަމުގައިހުރި ޞިއްޙީ މަރުކަޒުގެ ޚިދުމަތް، ރައްޔިތުންނަށް ވަރަށް އަވަހަށް ލިބޭގޮތަށް ހަމަޖެއްސުން. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، އެ މަރުކަޒުގެ ޚިދުމަތް ރައްޔިތުންނަށް ލިބެންފަށާނެ. އަދި އިރާދަކުރެއްވިއްޔާ އެތާނގައި ޑަކްޓަރެއްގެ ޚިދުމަތް ލިބޭގޮތަށްވެސް ހަމަޖެހިގެންދާނެ.
އާދެ، ދެންވެސް ދަންނަވާލަން އޮތީ، އުފާވެރި ޚަބަރެއް. އެއީ، އަޅުގަނޑުމެންގެ އެކުވެރި ޤައުމެއް ކަމުގައިވާ ޤަޠަރު، އެތާނގެ ވެރިޔާ، ޤަޠަރުގެ އަމީރު އައްޝައިޚް ޚަލީފާ ބިން ޙަމަދު އާލްޘާނީގެ ނަންފުޅުގައި އިމާރާތްކުރެވޭ މަދަރުސާއެއް ގަމުގައި ޢިމާރާތްކުރާ ގޮތަށް މިހާރުވަނީ ހަމަޖެހިފައި. އާދެ، އޭނާގެ ނަންފުޅުގައި އެ ޢިމާރާތްކުރެވޭ މަދަރުސާއަށް އެފަރާތުގެ އެހީ ލިބޭނެކަމަށްވަނީ އަންގަވާފައި. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ، އެ މަސައްކަތްވެސް ގަމުގައި ފެށޭނެ. އޭރުން ޝައްކެއްނެތް ގޮތުގައި، މިރަށުގެ ތަޢުލީމީ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށްދާނެ. މިހާރުވެސް މިރަށުގެ ކޮންމެ އަވަށެއްގައި މަދަރުސާއެއް އެބަހުރި. އެހެންނަމަވެސް، އެ ތިން މަދަރުސާއިން އަދި އެ ލިބިދެވޭ ތަޢުލީމަކީ މިރަށުގެ ކިޔަވާކުދިންނަށް އެންމެ އެކަށީގެންވާ ފެންވަރުގެ ތަޢުލީމަކަށްނުވޭ. އެހެންކަމުން، މުސްތަޤްބަލުގައި ގަމުގައި މި އުފެދޭ މަދަރުސާގެ ސަބަބުން، މިރަށުގެ ކިޔަވަކުދިންނަށާއި އަދި މި އަތޮޅުގެ އެހެން ރަށްރަށުގެ ކިޔަވާކުދިންނަށް މިހާރަށްވުރެ ރަނގަޅު، މިހާރަށްވުރެ ފެންވަރުމަތީ ތަޢުލީމެއް ޙާޞިލްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން.
އާދެ، އަޅުގަނޑުގެ މި ދަތުރުގެ ބޭނުމަކީ، ގަމަށް އައިސް، ގަމުގެ ރައްޔިތުންނާ ބައްދަލުކޮށް، ސަރުކާރުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ގަމުގެ ރައްޔިތުންނަށް ރައްދުކޮށްދިނުން. އަޅުގަނޑުގެ ވާހަކަ ފަށަމުންވެސް ދެންނެވިފަދައިން، ސަރުކާރާ ރައްޔިތުންނާ ދޭތެރޭގައި އޮންނަ ގުޅުމަކީ، ވަރަށް ރަނގަޅު އަދި ވަރަށް ބަދަހި ގުޅުމަކަށްވާންޖެހޭ. އެ ގުޅުން ބަދަހިވެގެން ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ. ސަރުކާރުން ރާވާ މަޝްރޫޢުތަކަށް ޢަމަލީސިފަ އަންނާނީ، ރައްޔިތުން އެކަމުގައި ބައިވެރިވެ، އެއްބާރުލެއްވި މިންވަރަކުން. އަދި ސަރުކާރުން އަބަދުވެސް ކަންތައްތައް ރާވަމުން ގެންދަނީ، އަދި ގެންދަންވާނީ ރައްޔިތުންނަށް އެކަންކަމުން ފައިދާވާގޮތަށްކަން، ރައްޔިތުން ޤަބޫލުކުރެއްވުމަކީވެސް މިދެންނެވި މަޤްޞަދު ޙާޞިލްވުމަށް އެޅޭ ވަރަށްބޮޑު ބާރަކަށްވާނެ.
އާދެ، މިއަދު އަޅުގަނޑު ގަމަށް އައިސް، ގަމުގެ ރައްޔިތުންނާ ބައްދަލުކުރުމުގެ މުނާސަބަތުގައި، ގަމުގެ ތިން އަވަށުގެ އޮފީސް ހިންގަވާ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، އަދި ރައްޔިތުންގެ ފަރާތުން ކުރައްވާފައިވާ ބުރަ މަސައްކަތްތައް އަޅުގަނޑަށް ފެނި، އެކަމަށްޓަކައި ގަމުގެ ވެރިންނަށާއި، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ގަމަކީ ވަރަށް ބޮޑު ރަށެއް. އެހެންކަމުން، އެފަދަ މަސައްކަތްތައް ކުރައްވަންޖެހޭ ސަރަޙައްދުވެސް އެހާމެ ބޮޑު. އެ މަސައްކަތްތަކަކީ ވަރަށް ބުރަ މަސައްކަތްތަކެއް. ރާއްޖެތެރޭގެ ރަށަކަށް އަޅުގަނޑު ޒިޔާރަތްކުރާތީ، އެ ރަށުގެ ރައްޔިތުން ފަހަރެއްގައިވެސް އެފަދަ މަސައްކަތްތަކެއް ކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމެއްނޫން. އަޅުގަނޑު އެދެނީ އަބަދުވެސް ރައްޔިތުންގެ އަމިއްލަ މަސައްކަތުގައި، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ކުރައްވާ މަސައްކަތްތަކުގައި، ރައްޔިތުން އަވަދިނެތި އުޅުއްވުން. އެކަން އެހެން އޮތްކަމުގައިވިޔަސް، ގަމުގެ ރައްޔިތުން މި މަސައްކަތްތައް ކުރައްވާފައިވަނީ، ގަމުގެ ރައްޔިތުންގެ ހިތުގައިވެސް ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމެއްގެ ސަބަބުންކަން އަޅުގަނޑަށް ޤަބޫލުކުރެވޭތީ، އެ ކަންތައްތައް އެގޮތުގެ މަތިން ބަލައިގަނެ، އަދިވެސް އެއްފަހަރު ގަމުގެ ވެރިންނަށާއި، ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ހެޔޮމަގު ދެއްކެވުން. ދުނިޔޭގެ ތަރައްޤީއާއި، އާޚިރަތުގެ ބާއްޖަވެރިކަމަށް އަޅުގަނޑުމެންނަށް މަގުފަހިކޮށްދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލީގައި ކުރިއަށްދިޔުމުގެ ތައުފީޤު ދެއްވުން. ހަމަ އެފަދައިން، އަޅުގަނޑުމެންގެ ޤައުމުގެ ކުރިއެރުމަށާއި، އަޅުގަނޑުމެންގެ ރަށުގެ ތަރައްޤީއަށް އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.