ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް ގެނެސްދެއްވަނީ ޒަމާންވީ އިހުގެ ސަގާފަތާ އެއްގޮތަށް ކަމަށާއި އެކަން ނުގެއްލޭ ގޮތަށް ޑިޖިޓަލް ޒަމާނެއްގައި ރޭޑިއޯ ޕްލެޓްފޯމް ކުރިއަރައިގެން އަންނަތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ގެ ޚާއްޞަ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ޕްރޮގްރާމުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިހާރުގެ ޖެނެރޭޝަނަށް ބޭނުންވާ ކަހަލަ ޝޯތައް ރޭޑިއޯ މެދުވެރިކޮށް ގެނެސްދެވެން ޖެހޭ ކަމަށާއި ރޭޑިއޯއަކީ މިހާރުގެ ޖެނެރޭޝަނާ ގުޅިފައިވާ އެމީހުންގެ އިތުބާރު ލިބިފައިވާ ތަނަކަށް، އަބަދުވެސްވާން ޖެހޭކަމަށެވެ. ރޭޑިއޯގެ ޒަރީޢާއިން ޤައުމުގައި ހިނގާ ކަންކަމާއި އެންމެ ފަހުގެ މަޢުލޫމާތު ލިބެމުން އަންނަ ކަމަށާއި ރޭޑިއޯއަކީ މުޖުތަމަޢު ހަމަމަގަށް އެޅުވުމަށް ފުރުސަތުލިބޭ ތަނެއްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ރޭޑިއޯއަކީ، ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ބޭނުންކުރެވޭނެ އަދި ރައްޔިތުންނާ ގުޅިފައިވާ ތަނެއްގެ ގޮތުގައި ވެގެންދާ ދުވަސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމު ބިނާކޮށް، ހަމަޖެހޭތަނެއްގެ ގޮތުގައި ދެމިއޮތުމުގައި ދިވެހިރާއްޖޭގެ އަޑަކީ ވަރަށް މުހިންމު ރޯލެއް އަދާކުރެވޭނެ ތަނެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ އަޑުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބަލައިގަންނަންޖެހޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ރޭޑިއޯއިން ގެނެސްދޭ އެކި މަޢުލޫމާތު ހެޔޮގޮތުގައި ބޭނުންކުރެއްވުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނާއި އަދި ޚާއްޞަކޮށް ޤައުމުގެ ޒުވާނުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

ޤައުމީ ޚިދުމަތެއްގެ ގޮތުގައި ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ދިވެހިރާއްޖޭގެ އަޑުން ކުރައްވަމުން ގެންދަވާ މަސައްކަތާއި، ރާއްޖޭގައި އިޖުތިމާޢީ އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ވެރިންނާއި، މިހާރުގެ ވެރިން އަދި މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުން ވަނީ އަމިއްލަފުޅު ދިރިއުޅުއްވުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ ބައްޕާފުޅާއި، އެމަނިކުފާނުގެ އުސްތާޛެއްގެ އިތުރުން ޢާންމުންގެ ތެރެއިން ޕްރޮގްރާމުގައި ބައިވެރިވުމަށް ގުޅާލެއްވި ފަރާތްތަކުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަވައި ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.