ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކާވާ ކަޕް ފޮރ ވިމެން 2025 ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ކުރިއަށްދިޔަ މިއަހަރުގެ ކާވާ ކަޕް އަންހެނުންގެ ވޮލީމުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ދިވެހިރާއްޖެއާއި ކިރިގިސްތާނުގެ ޓީމެވެ. މިރޭ ކުޅުނު ފައިނަލް މެޗު 3 ސެޓް 1 ސެޓުގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރީީ ކިރިގިސްތާނު ޓީމެވެ.

މި މެޗު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ދިވެހި ޓީމުގެ ކުޅުންތެރިންނާއި ސަލާމްކުރައްވައި، ކުޅުންތެރިންނަށް ހިތްވަރުދެއްވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު، ކާވާ ކަޕްގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަކީ ވަރަށް ބޮޑު ފަޚުރެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސް ވަނީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ. އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ހިއްސާކުރެއްވި މި މެސެޖުގައި ފައިނަލްމެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ދިވެހީންނަށް ލިބުމަށް އުންމީދުކުރައްވާކަން ހާމަކުރައްވާ، ދިވެހިން ތިބީ ޓީމުގެ ފަހަތުގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޗެމްޕިއަން ޓީމަށް ގޯލްޑް މެޑެއްޔާއި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޗެމްޕިއަން ޓީމާއެކު ގްރޫޕް ފޮޓޯއެއް ނަންގަވާފައެވެ.