ގޮތްނިންމުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ޒުވާނުންނަށް ފުރުސަތު ދިނުމަކީ، އެންމެ ބިނާކުރަނިވި، ދެމެހެއްޓެނިވި އަދި މާނަހުރިގޮތުގައި މި ޤައުމު ތަރައްޤީކުރަންޏާ އެކަން ކުރަންޖެހޭނެގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެދުވަހުގެ މުއްދަތަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ޤައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެންކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ނޭޝަނަލް ޔޫތު ކޮންފަރެންސްގެ 6 ގްރޫޕަކުން، 6 ދާއިރާއެއްގެ މައްޗަށް ޕްރެޒެންޓޭޝަންތައް ހުށަހަޅައި، މަޝްވަރާތައް ކުރިއަށްދިޔައެވެ. މި ޕްރެޒެންޓޭޝަންތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ޕްރެޒެންޓޭޝަނެއްގައި ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކުރައްވައި އެކަންކަމާގުޅޭގޮތުން ސަރުކާރުގެ ވިސްނުން ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގޮތް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމުކަމަށާއި ރާއްޖޭގައި ޒަމާނުއްސުރެ ކަންހިނގަމުންދާގޮތަށް ބަލާނަމަ، ހަރުދަނާ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ނެތްކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ހައްލު ގެނައުމަށްޓަކައި އެކަން މެނިފެސްޓޯގައި ހިމަނުއްވައި، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފެއްދެވިކަން ފާހަގަކުރެއްވިއެވެ. އަދި ދިމާވި އެކިއެކި ގޮންޖެހުންތަކާއެކުގައިވެސް އެ ބޯޑުން ހުއްޓުމެއްބެތި މަސައްކަތްކުރަމުން ގެންދިޔަކަމަށާ، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި އެ ބޯޑުގެ މަސައްކަތް އިތުރަށް ރަނގަޅުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުންގެ ފަރާތުން މިރޭ ފާޅުކުރި ބައެއް ކަންކަމަށް ނިސްބަތްކުރައްވައި، ޒުވާނުންގެ އިސްނެގުމުގައި ހިންގާ ވިޔަފާރިތަކުގެ ނިސްބަތް މަދުކަން ފާހަގަކުރައްވައި، އެކަންކަން ރަނގަޅުކުރެއްވުމަށް ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަށްދިއުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. ސްކޫލް ސިސްޓަމްގެ ތެރެއިން ގެނެވޭނެ އެކިއެކި ހައްލުތަކާއި ސްކޫލް ނިންމުމަށްފަހު ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އޭ-ލެވެލް ޕާތުވޭގެ ތެރެއަށްވެސް ވޮކޭޝަނަލް ޕާތުވޭއެއް މިހާރު ގާއިމުކުރެވިފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒުވާނުން ކުރިއަރައިދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަން ނުލިބުން ކަމަށާއި އެކަން ހައްލުކުރުމަށްޓަކައި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން، އެ ޒުވާނުންގެ އަމިއްލަ ރަށާއި ރިސޯޓުތަކާއި ކައިރިން ބޮޑެތި އާބާދީތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް އިސްކަންދެއްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ހަމައެކަނި މާލެ ސަރަހައްދަށް ފޯކަސްކުރުމުގެ ބަދަލުގައި ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން 800 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އެޅުމަށް އެކި ރަށްރަށުގައި ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައިވެސް، ޒުވާނުންނަށާއި ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ، އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކި އިންސައްތައެއް ޚާއްޞަކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި ހިންގާ ހިޔާވަހިކަމުގެ މަޝްރޫޢުތަކުންވެސް ޒުވާނުންނަށާއި އަލަށް ކައިވެނިކޮށް ވަކި ދިރިއުޅުމެއް ފަށާ ފަރާތްތަކަށް ފުރުސަތު ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.