ކޮންމެ ރައްޔިތަކު އެދިލައްވާ ކޮންމެ ކަމެއްވެސް ނިޒާމުގެ ތެރެއިން، ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކޮށްދެއްވާނެކަމަށާ، ކުރެވެމުންދާ ކަންކަމަށްވެސް ވަކީން ބޮޑު އިސްކަމެއްދެއްވައިގެން އެކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ ޚިޔާލާއި ޝުޢޫރު، އަދި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ މަޝްވަރާބައްދަލުކުރެއްވުންތަކުގެ ތެރެއިން، މާލޭ ސިޓީގެ ގަލޮޅު އަވަށުގެ ރައްޔިތުންނާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައެވެ.

ޢިމާދުއްދީން ސްކޫލުގައި މިރޭ ކުރިއަށްގެންދެވި މަޝްވަރާބައްދަލުކުރެއްވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންނާއެކު ކުރިއަށްގެންދެވުނު މިފަދަ މަޝްވަރާ ބައްދަލުވުންތަކުގައި ޙިއްސާކުރެވިދިޔަ ބައެއް ކަންބޮޑުވުންތަކުގެ ތެރެއިން، އެމަނިކުފާނުގެ ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައްލު ކުރައްވަމުން ގެންދަވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.

މި މޭރުމުން މައިގަނޑު 2 ކަމެއް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ފުރަތަމަކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މީގެ ކުރިން އިޢުލާންކުރެވުނު ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން 1 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އިތުރު ސްކީމަކަށް ކުރިމަތިނުލެވޭ ގޮތަށް އޮންނަ އޮތުމާ ގުޅިގެން ރައްޔިތުން ފާޅުކުރައްވަމުން ގެންދެވި ކަންބޮޑުވުމަށް ޙައްލު ހޯއްދަވައިދެއްވިކަމެވެ. ކުރީގެ ބައްދަލުވުންތަކުގައި ލިބިވަޑައިގެންނެވި ހިޔާލުތަކުގެ ތެރެއިން، ގޯތިގެދޮރުގެ މައްސަލައާއި ގުޅޭގޮތުން މިހާރު އޮތް ޝަރުތުތަކުގެ ތެރެއިން، ކުރީގެ ސްކީމްތަކުން 1 ކޮޓަރި ލިބިފައިވާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާ ސްކީމަށް ކުރިމަތިލެވޭގޮތަށް، އުޞޫލަށް ބަދަލުގެނެވި، ޝަރުތު ހަމަވާނަމަ އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމަށްފަހު މިހާރު ހުޅުވާލާފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓަށް ބަދަލުވުމުގެ ފުރުޞަތު ހުޅުވާލެވިފައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެވަނަކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ މަސާޖްޕާލާތަކުގެ މައްސަލައެވެ. އެފަދަ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތަކީ މީގެ ކުރިންވެސް ޤަވާޢިދުން ކުރެވެމުންދިޔަ ކަމެއްނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު، ވަކީން ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރެއްވި މަސައްކަތުން، ހަފްތާއެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މީގެ ތެރެއިން 24 ތަނަކީ މިހާރު ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން ބަންދުކުރެވުނު ތަންތަން ކަމަށާ، ދެން ހުރި ތަންތަނަކީ، މިވަރުގަދަ އޮޕަރޭޝަން ކުރިއަށްދިއުމާއެކު އެބަޔަކު އަމިއްލައަށް ބަންދުކުރި ތަންތަންކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު، މި އޮޕަރޭޝަން އަދިވެސް ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލައަކީ މިރޭގެ ބައްދަލުވުމުގައިވެސް ގިނަ ޢަދަދެއްގެ ރައްޔިތުން ފާހަގަކުރެއްވި މައްސަލައަކަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އަހައްމިއްޔަތު ތަކުރާރުކުރައްވާފައެވެ. އެގޮތުން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން ހަރަކާތްތެރިވާން އޮތް ފުރުޞަތުތައް ބަންދުކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ވަރުގަދަ ކުރައްވާފައިވާއިރު، ނުޤަވާޢިދުން ބިދޭސީން ހިންގަމުންދިޔަ 38 ވިޔަފާރިއެއް، 2 ހަފުތާ ތެރޭގައި ބަންދުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިކަންކަމުގެ އިތުރުންވެސް ރައްޔިތުން ފާހަގަކުރެއްވި އިތުރު ކަންބޮޑުވުންތަކާއި، ހިއްސާކުރެއްވި ޝުޢޫރުތަކުގެ އަޑުއައްސަވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގެންފައެވެ. އެގޮތުން ގަލޮޅުގެ ރައްޔިތުންގެ އެދިލެއްވުމާ އެއްގޮތަށް، ކުޅިވަރު ކުޅޭ ދަނޑު ތަރައްޤީކުރެއްވުމުގެ މަސައްކަތް، ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ބޭސްފަރުވާގެ ކަންކަމާއި، ތަޢުލީމީ ދާއިރާގެ އެކި ކަންކަމަށް ހިނގާ ޚަރަދުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުން ހުށަހެޅުއްވި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ ބައްދަލުވުމުގައި ޖަވާބުދާރީވެވަޑައިގެންފައެވެ.

ރައްޔިތުން ހިއްސާކުރައްވާ ކޮންމެ ކަމަކީވެސް މުހިންމު ކަމެއްކަމަށާ، މިއިން ކޮންމެ ކަމަކަށް މި ބައްދަލުކުރެއްވުމުގައި ޖަވާބުދާރީވެވަޑައިނުގެންނެވުނު ނަމަވެސް، ކޮންމެ ކަމަކީވެސް ސީރިއަސް ގޮތެއްގައި ބައްލަވާނެ ކަމެއްކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިރޭގެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއިން ކޮންމެ ކަމެއްވެސް، ވީ އެންމެ ރަނގަޅަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ތަކުރާރުކޮށްދެއްވާފައެވެ.