މަސްވެރިކަމުގެ ސިނާޢަތް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމީ ސިނާޢަތުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޚިޔާލާ މަޝްވަރާކަމަށާއި، މި މޭރުމުން ފާޅުކުރައްވާ އެއްވެސް ޚިޔާލުފުޅަކާއި ދެއްވާ މަޝްވަރާއަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދަވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، މިއަދު މެންދުރު، މަސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިކަމުގެ ސިނާޢަތުގައި އެކި ގޮތްގޮތުން ޝާމިލުވެވަޑައިގަންނަވާ ގިނަ ޢަދަދެއްގެ ބޭފުޅުންނާއި، މަސްވެރިންގެ ޙައްޤުގައި ވަކާލާތުކުރައްވާ ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ވަނީ، ދާއިރާގެ ކަންކަމާ ބެހޭގޮތުން، އެކި ކަންކަމުގައި ޚިޔާލާއި މަޝްވަރާދެއްވާފައެވެ. އަދި އެކި ގޮތްގޮތުން ހުރި ކަންބޮޑުވުންތައްވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ޝާމިލުވެވަޑައިގަންނަވާ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ، އަދި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ޖަލީސުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިއްސާކުރެއްވި އެއްވެސް ޚިޔާލަކާއި މަޝްވަރާއަކީ ބޭކާރުވެގެންދާނެ ކަމެއް ނޫންކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އީޖާބީ ގޮތެއްގައި މަސައްކަތްކޮށްދެއްވާނެކަމަށާ، މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތާ ގުޅިގެން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންކަމަކީ ވަގުތުތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދެވޭ ކަންތައްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކެއް ކަމަށާ، އަނެއްބައި ކަންކަމަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު އެކަމަކަށް ފައްކާވުމާ ގުޅިފައި އޮތް މަސައްކަތްޕުޅުތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި، ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ކުރިއަށްގެންދެވޭ މަޝްރޫޢުތަކާއި، ސީދާ ދިވެހި ސަރުކާރުން ހިންގަވާ މަޝްރޫޢުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާޢަތް ކޮޅަށްޖަހާ ކުރިއަށް ގެންދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިރޭ ކުރިއަށްގެންދަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އުފާވެރި ޚަބަރުތަކެއް ޙިއްސާކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެއީ އިޚްލާޞްތެރިކަމާއެކު އަދާކޮށްދެއްވާނެ ކަންތައްތަކެއްކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. މަސްވެރިކަމުގެ ސިނާޢަތް، ޙަޤީޤީ މާނާގައި ކުރިއަރާދިއުމަކީ ބޭނުންފުޅުވާ ގޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މަސްވެރިންނާ ބައްދަލުކުރެއްވުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދެވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، އެކިއެކި މުއައްސަސާތުގެ އިސްވެރިންނާއި، ސިނާޢަތުގައި އެކި ގޮތްގޮތުން ޝާމިލުވެވަޑައިގަންނަވާ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.