މީގެ 45 އަހަރު ކުރިން، 21 ސެޕްޓެމްބަރ 1965ގައި، އ.ދ.ގެ މެންބަރަކަށް ރާއްޖެ ވީފަހުން، ރާއްޖެއިން ވަރަށް ގިނަ، މުހިންމު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށާއި، މީގެތެރެއިން ގިނަކަންކަން ޙާޞިލް ކުރެވިފައިވަނީ އ.ދ.ގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައި ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދަކީ މިއަހަރުގެ އ.ދ. ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އ.ދ.ގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް ތަޢާރުފް ކުރެވިފައިމިވާ ގިނަ ޕާޓީތައް ބައިވެރިވާ ޒަމާނީ ޑިމޮކްރަސީގެ ނިޒާމަކީ، އ،ދ.ގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ހާސިލު ކުރެވިފައިވާ ކާމިޔާބީއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އ.ދ.އިން ކަނޑައަޅާފައިވާ ސާސްކަފްގެ ތަރައްޤީގެ ލަނޑުދަނޑިތައް (މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް) ހާސިލު ކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީގެ ސަބަބުން، ކުރިއަށް އޮތް އަހަރުން ފެށިގެން މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމަކަށް ރާއްޖެ ވެގެންދާނެ ކަމުގައި ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. ތަރައްޤީގެ މި ކާމިޔާބީތަކާއެކު، ވަރަށް ގިނަ ގޮންޖެހުންތަކެއްވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ކަމުގައި ވިދާޅުވަމުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވުމުން، މިހާރު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ލިބެމުން އަންނަ އެހީ ނުލިބޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް ހާސިލު ނުކުރެވިހުރި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލު ކުރައްވައި، ޑިމޮކްރަސީ ހަރުދަނާކުރައްވައި، ރައްޔިތުންގެ ތެރެއިން އެންމެ ނާޒުކު އާބާދީއަށް ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް، ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުން އެދޭ ހެޔޮބަދަލުތައް އޮމާންކަމާއެކު ރައްޔިތުނަށް ވާސިލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފުރިހަމަ ކުރެއްވުމުގައި، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ރާއްޖެއަށް ދެއްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިކަންކަން ހާސިލު ކުރުމުގައި، ހަރުދަނާ މަދަނީ މުޖްތަމަޢެއް ޤާއިމު ކުރުމާއި، ޑިމޮކްރެޓިކް މުއައްސަސާތަކުގެ މުހިންމުކަން ބަޔާން ކުރައްވަމުން، އ.ދ.އިން ރާއްޖެއަށް އެކަށައަޅާފައިވާ ތަރައްޤީގެ އޮނިގަނޑުގައި، ސަރުކާރުގެ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ފާހަގަ ކޮށްފައިވާ ކަންކަމަށް އިސްކަން ދީފައިވާކަން ފާހަގަ ކުރައްވައި، އެކަމާ ހިތްޕުޅުހަމަ ޖެހިވަޑައިގަންނަވާ ކަން ހާމަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ބައިނަލްއަޤްވާމީ މައިދާނުގެ މުހިންމު ބައިވެރިއެއްގެ ދައުރު އަދާކުރުމުގެ ސިޔާސީ ޢަޒުމާއި، ޤާބިލްކަން ރާއްޖެއަށް ލިބިފައިވާކަން ރާއްޖެއިން ޤަބޫލުކުރާކަމުގައި ވިދާޅުވަމުންނެވެ.

އ.ދ. އުފެދުނީ މީގެ 65 އަހަރު ކުރިން، 1945 ވަނަ އަހަރުގެ އޮކްޓޯބަރުމަހު 24 ވަނަ ދުވަހުއެވެ.