ސަރުކާރެއް އުފެދިފައިއޮތުމުގެ ބޭނުމަކީ، ރައްޔިތުންގެ ޙައްޤުތައް ލިބިދީ ކަށަވަރުކޮށްދިނުން ކަމަށާއި، މިއަދުގެ ސަރުކާރުން އިސްކަމެއްދެއްވައިގެން ހިންގަވާ ހުރިހާ ޕްރޮގްރާމްތަކެއްގެ މަޤްޞަދަކީ، ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ލިބިދެއްވުން ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ސަރުކާރުގެ މިނިސްޓްރީތަކަށް ހިއުމަން ރައިޓްސް ފޯކަލް ޕޮއިންޓުގެ ގޮތުގައި ޢައްޔަން ކުރައްވާފައިވާ ފަރާތްތަކަށް އަމާޒުކުރައްވައިގެން، ސަރުކާރުގެ މަސައްކަތުގައި އިންސާނީ ޙައްޤުތަކުގެ ފިކުރު އެކުލެވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހިންގަވާ ތަމްރީން ޕްރޮގްރާމް ފެށްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އާ ޤާނޫނުއަސާސީގައި ދިވެހިރައްޔިތުންގެ ޙައްޤުތައް ވަރަށް ފުރިހަމައަށް ކަނޑައެޅިފައިވާކަން ފާހަގަކުރައްވައި، ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި، އިދާރާތަކާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން، އެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަކީ އެ ތަންތާގެ މައްޗަށް ވާޖިބު ކަމެއްކަމުގައި ވިދާޅުވިއެވެ. "ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީ، ސަރުކާރާއި އެކި މުއައްސަސާތަކުން ރާވާ ޕްރޮގްރާމްތަކާއި ޕްލޭންތަކުން އެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ ޙައްޤުތައް ލިބިދެވޭނެ އިންތިޒާމްތައް ކުރުން" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެޕްރޮގްރާމްތަކާއި ޕްލޭންތައް ތަންފީޒު ކުރެއްވުމުގައި ޤާނޫނުން ލިބިދޭ މަންފާތައް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދިނުމުގެ ޙައްޤުވެސް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކަށަވަރުކޮށްދޭން ޖެހޭކަމެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އަޅުގަނޑުމެން ކުރާ މަސައްކަތުގައި އިންސާނީ ޙައްޤުތައް ހިމެނުނަށްޓަކައި އެންމެ މުހިންމު ކަމަކީ، އިންސާނީ ޙައްޤުތައް ފުރިހަމައަށް ގަބޫލުކުރުންކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އިންސާނީ ޙައްޤުތަކަކީ ހުޅަނގުގެ އިސްތިޢުމާރު ދުނިޔޭގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތެއްކަމަށް އަޅުގަނޑުމެންގެ ތެރޭގައި ގަބޫލުކުރެވޭ ގަބޫލު ކުރުންތަކަކީ ވަރަށް ބޮޑު ކުށްހީއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއާ ޚިލާފަށް ދުނިޔޭގައި އިންސާނީ މުޖްތަމަޢުތައް ޤާއިމްވެގެން ހިނގަން ފެށީއްސުރެ އިންސާނުންގެ ޙައްޤުތަކާއި އެމީހުންގެ މަސްއޫލިއްޔަތުތަކާބެހޭގޮތުންވަނީ ޚިޔާލު އުފެދި، އެކަމާބެހޭ ގޮތުން އެކިއެކި ލިޔުންތައް ލިޔަން ފެށިފައިވާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.