އަދުގެ ސަރުކާރަކީ ނޫސްވެރިންނަށް ފުރުޞަތު ފަހިކޮށްދެއްވާ ސަރުކާރެއް ކަމަށާ، ނޫސްވެރިކަމުގެ މިނިވަންކަން މި ރާއްޖޭގައި އޮތީ "ތަންމިނަށް" ހުޅުވާލެވިފައި ކަމަށާ، ނަމަވެސް، އެއްވެސް މީހެއްގެ ޢަބުރު ކަތިލުމުގެ ފުރުޞަތެއް އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާއެކު މިރޭ ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް އިޝާރާތްކުރައްވަމުންނެވެ.

ރައްޔިތުންގެ ގާތަށް ވަޑައިގެން މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަނީވެސް ހުރިހާ ވާހަކަތަކެއް ހިއްސާކުރެއްވުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށާ، ޚިޔާލު ތަފާތު ބޭފުޅަކު އެއްޗެއް ވިދާޅުވެދާނެކަމަކަށް ކަންބޮޑުވެވަޑައިނުގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަށް މަރްޙަބާ ވިދާޅުވާކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުން ބޭނުންވެ ވަޑައިގަންނަވާ ކަންކަން ހިއްސާކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންފައެވެ. ކޮންމެ ރައްޔިތަކީވެސް އެމަނިކުފާނަށް ހަމަހަމަ ރައްޔިތެއް ކަމަށާ، ކޮންމެ ރައްޔިތަކާ މެދުވެސް ސަރުކާރުން އަމަލުކުރައްވާނީ ޢަދަލުވެރިކަމާއި، ހަމަހަމަކަމާއެކުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޫސްވެރިކަމަކީ، އެހެން ދާއިރާތައް ފަދައިން ނުހަނު ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއްކަމަށާ، ޚަބަރު ފެތުރުމުގައި 2 ފަރާތްވެސް ހަމަހަމަކޮށް، ޙަޤީޤަތް ގެނެސްދެވެންޖެހޭނެކަމަށެވެ. އެގޮތުން އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި އިޢުތިރާފުވެވޭ ހިސާބުން، އެބަޔަކަށް ވަކި ފަރާތަކަށް ބުރަވެވުނީ ކަމަށާ، އެއީ ނޫސްވެރިކަމުގެ ބަދަލުގައި ސިޔާސީ ހަރަކާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމުގެ އިމުގެ ތެރެއިން އެއްވެސް ބަޔަކު ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަހެއް ކުރިމަތިނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ނަމަވެސް އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުވާފަދަ މޭރުމަކުން އެ ފުރުޞަތު ދެވެން ނޯންނާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ރައްޔިތެއްގެ ޢަބުރަކީ ހަމަހަމަ އެއްޗެއް ކަމަށާ، އެއީ އިލާހީ ޤާނޫނު ކަމަށާ، އެ ޤާނޫނާ ޚިލާފުވުމުގެ ފުރުޞަތެއް، ކޮންމެ ލޭބަލެއްގައި އައިކަމުގައި ވީ ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ އެމަނިކުފާނަށް އޮތް ފުރުޞަތެއް ނޫންކަމަށާ، ނަމަވެސް، އެއްވެސް ކަހަލަ ސިޔާސީ ވިސްނުމެއް ނެތި، ދެފަރާތް ހަމަހަމައަށް، ތެދުބަހުން ގެނެސްދެވޭ ކޮންމެ ކަމަކަށް މި ސަރުކާރުން ސައްތަ އިންސައްތަ މަރްޙަބާ ކިޔާނެކަމަށާ، މިފަދައިން ކުރާ ނޫސްވެރިކަމަކަށް އަޅާނެ އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.