ކުށެއްގެ ތުހުމަތުގައި ބަންދަށް ގެންދެވޭ ހިސާބުން އެ ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާނުވާ އެނގޭ ހިސާބަށް ކަންކަން ގެންގޮސްދެވިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ތާޖުދީން ސްކޫލުގައި މިރޭ ކުރިއަށްގެންދެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަޝްވަރާ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްގެންދެވި މި ޖަލްސާގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް އަޑުއައްސަވާ، އެކަންކަމަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރަށް ކުރެވެން ހުރި ކަންކަން ބައްލަވާ، އެކަންކަން ކޮށްދެއްވާފައިވާކަމަށެވެ. އެގޮތުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވައި، މާލީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ކަށަވަރުކޮށްދެއްވާފައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދައިން ކަންކަން ހަމަޖެހެން ފެށުމާއެކު، ބަންދުގައި ތިބި ފަރާތްތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކުރެވިގެންދާ ގޮތުގެ މައުލޫމާތު އެ ފަރާތްތަކަށް ލިބޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ވާނުވާ" ބަންދުގައި ތިބި ފަރާތްތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް ދޫކޮށްލެވިދާނެކަމަށް ދޭހަވާފަދަ މޭރުމަކުން ދެކެވޭ ވާހަކައަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، "ވާނުވާ" ބަންދުގައި މިވަގުތު ތިބި މީހުންގެ ޢަދަދާއި، އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތްތައް އާންމު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން "ވާނުވާ" ބަންދުގައި މިވަގުތު 347 މީހުން އެބަ ތިބިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ 117 މީހަކާއި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުކުރެވޭ 116 މީހުންގެ އިތުރުން، ޓެރަރިޒަމާއި، މީހުން މެރުމާއި، މާރާމާރީގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ކަޅުފައިސާ ދޮވުމާއި، ހަށިވިއްކުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ތިބި ބަޔަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ކުށްކުށުގައި ހައްޔަރުކުރެވިފައިވާ ބަޔަކު، ބަލަންޖެހޭ މިންވަރަށް ކަންކަމަށް ބެލުމެއް ނެތި މުޖުތުމަޢުގެތެރެއަށް ދޫކޮށްލުމަށް އެއްވެސް ރައްޔިތަކު ބޭނުންފުޅުވާނެތޯ ރައީސުލްޖުމްހޫރިއްޔާ ވަނީ ސުވާލުކުރައްވާފައެވެ.
މާލީ އަދި އިދާރީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ހޯއްދަވައިދެއްވާފައިވާނެ ކަމަށާ، އަދުގެ ސަރުކާރަކީ ވަކި މީހަކަށް ވަކި ގޮތަކަށް ޙުކުމެއް ކުރުމަށް ޝަރުޢީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ސަރުކާރެއް ނޫން ކަމަށާ، ކުރިއަށް އޮތްތަނުގައިވެސް އެކަން އޮންނާނީ އެގޮތުގައި ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށްދެއްވާފައެވެ.