އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، ޤާނޫނީ ބާރު ލިބިދީފައިވާ މިނިވަން މުއައްސަސާއަކަށްވުމާއެކު، އެ މުއައްސަސާއަށް އިޙްތިރާމް ކުރެއްވުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަންގަވައިފިއެވެ. މިކަން އަންގަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވައި، ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވާފައިވާ ދެންނެވުމުގައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްލަވަމުން ގެންދަވާ އެކި މައްސަލަތަކަށް ސަރުކާރުން ވަރަށްބޮޑު އެއްބާރުލެއްވުމެއް ދެއްވަން ބޭނުންފުޅުވާ ކަމަށާއި، ސަރުކާރުގެ އިދާރާއަކުން ޢަމަލުކުރައްވަމުން ގެންދަވާ ގޮތަކުން، އެ ކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލައެއް ބެއްލެވުމަށް އެއްވެސް ހުރަހެއް އެޅިދާނެފަދަ ކަމެއް ހިނގަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުނުވާކަމަށްވެސް މި ދެންނެވުމުގައި ވިދާޅުވެފައިވެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، މިދިޔަ އަންގާރަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުން ހިންގަވާ ކަމެއް ލަސްކޮށްލެއްވުމަށް ނުވަތަ ހުއްޓަވާލެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަންގަވައިފިނަމަ، އެކޮމިޝަނުން އެންގެވި ގޮތަކަށް ވަގުތުން ޢަމަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައިވެސް، ސަރުކާރުން ހިންގަވާ ކަމެއް ލަސްކޮށްލެއްވުމަށް ނުވަތަ ހުއްޓަވާލެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަންގަވައިފިނަމަ، އެކޮމިޝަނުން އެންގެވި ގޮތަކަށް ވަގުތުން ޢަމަލުކުރެއްވުމަށް ސަރުކާރުގެ އިދާރާތަކަށްވަނީ އަންގަވާފައެވެ.