بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ވިލިމާލޭގެ ލޮބުވެތި އެންމެހައި ރައްޔިތުން، ދާއިރާގެ މަޖިލިސް މެންބަރު، ވަޑައިގެން ތިއްބެވި އެންމެހައި ވަޒީރުންނާއި، އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ ބައްލަވައި، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، ދުވަސްކޮޅަކަށްފަހު އަޅުގަނޑަށް މި އާދެވުނީ ވިލިމާލެއަށް. ތިޔަބޭފުޅުން ދެންމެ ވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
ދާދި މިދާކަށް ދުވަހު، ސަރުކާރަށް ދެ އަހަރުވެގެން ބޭއްވި ޕްރެޒެންޓޭޝަން، ނޫނީވިއްޔާ މަޢުލޫމާތު ދިނުމުގެ ސެޝަންގައި އަޅުގަނޑު ދަންނަވާލިން ނިންމާލަމުން، މާލޭގެ ހުރިހާ ރައްޔިތުންނާ ބައްދަލުކުރަން މަސައްކަތްކުރާނަމޭ. ސިލްސިލާ ބައްދަލުވުންތަކެއްގެ ގޮތުގައި، ނޫނީވިއްޔާ ކޮންމެ އަވަށަކާ ވަކިން. އެގޮތުން، އެންމެ ފުރަތަމަ ބައްދަލުވުން މި ބޭއްވެނީ މި ވިލިމާލޭގައި.
އާދެ، މި ބައްދަލުވުން މި ބާއްވަނީ، ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން ޙިއްޞާކުރުމުގެ ފުރުޞަތު ދޭގޮތަށް. ބޭނުންފުޅުވާ ކޮންމެ ކަމެއް ވިދާޅުވެވޭނެ. މަޝްވަރާއެއް ކަމުގައިވިޔަސް، ޚިޔާލެއް ކަމުގައިވިޔަސް، ކަންބޮޑުވުމެއް ކަމުގައިވިޔަސް، މައްސަލައެއް ކަމުގައިވިޔަސް، ނޫނީ އެހެން ކަމެއް ކަމުގައިވިޔަސް، ވިދާޅުވުމުގެ ފުރުޞަތު ވަރަށް ފުޅާ ދާއިރާއެއްގައި އޮންނާނެ.
އާދެ، އަޅުގަނޑު ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ، ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުންނަށް އަޅުގަނޑު ވީ ވަޢުދުތައް، އަޅުގަނޑު ފުރިހަމައަށް ހަނދާން އެބަހުއްޓޭ. އޭގެތެރެއިން، ބައެއް ކަންކަން ފުރިހަމަކުރެވި، ބައެއް ކަންކަން ހިނގަމުންދަނީ. އެންމެ މުހިންމު ބޮޑެތި މަޝްރޫޢުތައް ހިންގުމަށްޓަކައި، ފެށުމަށްޓަކައި ވާންޖެހޭ ވަރަށް ގިނަ ތައްޔާރީތައް ހުރުމާއެކީގައި، އެކަންކަން އެ ހިނގަމުންދަނީ. އެކަންކަން ޢަމަލީގޮތުން ފެށުމާ ހަމައަށް، ދާދި އަވަހަށް ދާނެ.
އާދެ، އެންމެ މުހިންމު އެއް ވަޢުދަކީ، ހޮސްޕިޓަލް އެޅުމުގެ ވަޢުދު. އާދެ، ޗައިނާގެ ހިލޭ އެހީގެ ދަށުން، 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމަށް ހުރިހާ ކަމެއް ހަމަޖެހި، ފަންޑިންގގެ އެއްވެސް މައްސަލައެއް ނެތް. ހުރިހާ ކަމެއް ހަމަޖެހިފައި އޮތް މަޝްރޫޢެއް އެއީ. އެކަމުގެ ހުރިހާ މަރުޙަލާތަކެއް ރަނގަޅަށް އެބަ ހިނގާ.
އަޅުގަނޑު ވާހަކަ ދައްކާ ނިމުނީމަ، އަޅުގަނޑު މިނިސްޓަރ މުއްޠަލިބަށް ދަންނަވައިލާނަން، އެ މަޝްރޫޢާ ބެހޭ ބައެއް މަޢުލޫމާތު އެރުވުމަށް. ދެން އޮތް އެންމެ މުހިންމު އެއް މަޝްރޫޢު، މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް. މުޅި މާލޭ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ތެރެއިން، މި ވިލިމާލޭގެ މަގުތައް ހަދަންވެސް ހަމަޖެހި، އެކަންވެސް އެއީ، ޗައިނާގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައި އޮތް ކަމެއް. އެކަންވެސް އެ އޮންނަ މަރުޙަލާތަކުގެ ތެރެއިން ކުރިއަށްދަނީ. އެހެންވީމާ، ޢަމަލީ މަސައްކަތާ ހަމައަށް ދިޔުމަށްޓަކައި ކުރަންހުރި ކަންކަން އެބަ ހިނގާ. އަޅުގަނޑަށްފަހު، އެ ތަފުސީލުވެސް ދަންނަވައިލާނަން، މުއްޠަލިބަށް އޮންނާނީ ދަންނަވާފައި.
އެހެންވީމާ، މައިގަނޑު ދެ މަޝްރޫޢެއް މިއީ. މީގެ ސަބަބުން، މި ވިލިމާލޭގައި މިހާތަނަށް ދިމާވެފައި ހުރި، ނޫނީވިއްޔާ އެންމެ ގިނަ ރައްޔިތުން އެދެމުންދިޔަ، މައިގަނޑު ދެ މައްސަލައަކަށް ޙައްލު އަންނާނެ. އާދެ، މަގުހަދާއިރުގައި ފެނާއި ނަރުދަމާގެ ފެންވަރު މަތިކުރުން. މި ދެންނެވީ މިހާރު އޮތް ނިޒާމު އަޕްގްރޭޑް ކުރަންޖެހޭ ވާހަކަ. އެ ކަންތައްވެސް އޭގެކުރިން ކުރިއަށް ގެންދިޔުން އެބައޮތް. އަދި ހޮސްޕިޓަލް އެޅުމަށްޓަކައި މިހާރު ހުރި ހޮސްޕިޓަލް ވަގުތީގޮތުން އެހެން ލޮކޭޝަނަކަށް ބަދަލުކުރަން މިއަދު ވަނީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބަޔަކާ ހަވާލުވެސް ކޮށްފައި. އެހެންވީމާ، މީގެ ތެރޭގައި މަޝްރޫޢުތައް ފެށުމުގެ ކުރިން ހިނގާނެ މިކަހަލަ ކަންކަންވެސް އެބަހުރި.
އޭގެ އިތުރަށް ބަލައިލާއިރުގައިވެސް، ސަރުކާރުގެ ފަރާތުން މުހިންމު ބައެއް ކަންތައްތައް މި ވިލިމާލޭގެ ރައްޔިތުންނަށްޓަކައި ކުރިއަށް ގެންދެވޭނެ. ކުޅިވަރުގެ ދާއިރާއަށް ބަލާއިރުގައި، ޒުވާނުންނަށް މުޅި ރާއްޖޭގައިވެސް ކުޅިވަރުގެ ފެސިލިޓީތައް ޤާއިމުކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. އެ ސިޔާސަތުގެ ދަށުން މި ވިލިމާލޭގައިވެސް މިހާ ބޮޑު އާބާދީއެއް އުޅޭއިރުގައި، ކަންކަން ބިނާވެފައި ހުންނަންޖެހޭނެ.
އެގޮތުން، މި ފެށޭ އަހަރުގެ ތެރޭގައި، ހިންގޭނެ އެންމެ މުހިންމު އެންމެ ބޮޑު އެއް މަޝްރޫޢަކަށް ވާނީ، ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުން. އިރާދަކުރެއްވިއްޔާ ވިލިމާލޭގެ މި ފެށޭ އަހަރުގެ ތެރޭގައި، ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ. އެއީ، 1200 މީހުންގެ ސީޓިންގ ސްޕެކްޓޭޓަރ، ސީޓިންގ ކެޕޭސިޓީ ހިމެނޭ، އިންޑޯ ހުރިހާ ކުޅިވަރުތައް ކުޅެވޭގޮތަށް ޤާއިމުކުރެވޭ މަރުކަޒެއް.
އޭގެއިތުރަށް، މިހާރު އޮތް ދަނޑު އަޕްގްރޭޑް ކުރުމަށް، ފީފާ ސްޓޭންޑަޑަށް ގެންދިޔުމަށްޓަކައި، ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ފީފާ ސްޓޭންޑަޑަށް، އަދި ލައިޓިންގ، މިކަހަލަ ހުރިހާ ކަމެއް ކުރުމަށް އޮތީ ހަމަޖެހިފައި. އެހެންވީމާ، ފީފާ ސްޓޭންޑަޑް ދަނޑަކަށް ފުޓްބޯޅަ ދަނޑު ހެދުންވެސް އޮތީ ކުރިއަށް. ދެން މިކަހަލަ ގިނަ ކަންތައްތަކެއް އެބަހުރި ބަޖެޓުގައި އަޅުގަނޑުމެން ހިމަނާފައި ކުޅިވަރުގެ ދާއިރާއިން ވަރަށް ގިނަ ކަންތައްތައްވެސް. އަދި އިތުރު ކަންކަންވެސް އެކި ދާއިރާތަކުން އެބަހުރި. ކުރިއަށް އެބަހުރި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް. އަދި ކުދިކުދި ކަންކަން. އެހެންނަމަވެސް، އޭގެ އިމްޕެކްޓް ބޮޑެތި ކަންކަން ހުންނާނެ.
އަޅުގަނޑު މި ދޭތެރެއިން އިޢުލާނު ކުރިން، 70 ރަށެއްގައި ޔޫ.އެސް.ޑޮލަރު އޭ.ޓީ.އެމް. ބަހައްޓާ ވާހަކަ. އޭގެ އޭ.ޓީ.އެމް.އެއްވެސް މި އަންނަ މާރިޗުމަހުގެ ނިޔަލަށްދާއިރުގައި ބަހައްޓާ ވާހަކަ. އޭގެ ތެރެއިން އެއް އޭ.ޓީ.އެމް. ވިލިމާލޭގައި ބަހައްޓާގޮތަށް އޮތީ ހަމަޖެހިފައި. ދެން މިކަހަލަ ގިނަ ކަންތައްތަކެއް އޮތީ ކުރިއަށް. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ވިދާޅުވާން ބޭނުންވާ ކަންކަން ވިދާޅުވެލެއްވީމާ، އަދި އެމް.ޕީ.ވެސް އެއްޗެއް ވިދާޅުވެލައްވާނެ. އަޅުގަނޑު އަދި ހަމަ ދޭތެރެދޭތެރެއިން އިންޓްރެކްޓްކޮށް، އިތުރު މައުލޫމާތު ދެމުންދާނަން.
ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުވީ ވަޢުދުތަކުގެ އިތުރަށްވެސް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދާނަމޭ. އަޅުގަނޑު ބޭނުންވަނީ ވިލިމާލޭ ރައްޔިތުންނަށް މިއޮތްހާ ދުވަހު ނުކުރެވި، އަދި ހާސިލުކޮށް ނުދެވި، ސަރުކާރުތަކުން އޮތް ހުރިހާ ކަމެއް ފުރިހަމަކޮށްދޭން. އަދި އިތުރަށްވެސް ކުރަން. މާލޭ ސިޓީގެ އެއްބައި، މާލޭ ސިޓީގެ ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ތަރައްޤީ އަންނަންޖެހޭނީ. ވިލިމާލެވީމާ އިހުމާލުކޮށްލެވިފައި، ނޫނީވިއްޔާ ތަފާތުކުރެވިފައި އޮންނަންޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި، އޭރު ކުރެވެން އޮތްވަރަކަށް މަސައްކަތް ކުރެވޭތޯ ބެލިން. ދެން މިހާރު ސަރުކާރުގެ ތެރެއިން ހަމަ ޔަޤީނުންވެސް މާ ފުރިހަމައަށް ކަންކަންވާނެ. އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަމުން މި ވަގުތަށް އަޅުގަނޑު ވަކިވެލާނަން.
ވަރަށް ބޮޑަށް ޝުކުރިއްޔާ.
السَّلامُ عَلَيْكُم
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަބޭފުޅުންނަށް، ތިޔަ ވިދާޅުވި ވާހަކަފުޅުތަކަށް.
އަޅުގަނޑު ބައެއް ކަންކަމަށް އަލިއަޅުވައިލާނަން. ދެން މިތަނުގައި އަޅުގަނޑާ އެކުގައި، ވަޑައިގެން އެބަ ތިއްބެވި، މިވަގުތު ވަޑައިގެންނެވެން ތިއްބެވި ހުރިހާ ވަޒީރުންނާއި، އަދި ވިލިމާލޭގެ އެކި ކަންކަމާ ގުޅޭ ކުންފުނިތަކުގެ ވެރިންނާއި، ދެން ކޮންމެއަކަސް ޒިންމާދާރު ހުރިހާ ބޭފުޅުން. އަޅުގަނޑުގެ ދަތުރުތަކުގައި މި ހުރިހާ ބޭފުޅުން މި ބައިވެރިކުރާ މަޤްޞަދަކީ، ރައްޔިތުން ބޭނުންވާ ކަންކަމަށް ވަގުތުން، ނޫނީވިއްޔާ ވީހާވެސް އެންމެ އަވަހަކަށް ޙައްލުތައް ގެނައުމަށްޓަކައި، އެ ބޭފުޅުން ވަޑައިގެން ސީދާ އެކަންކަން އޮޅުންފިލުއްވުން، ނޫނީވިއްޔާ އެކަންކަމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގައި ބައިވެރިވެވަޑައިގަތުން. އޭގެ ނަތީޖާ މިއަދާ ހަމައަށް އައިއިރުވެސް ވަރަށް ރަނގަޅަށް ފެންނަމުންދަނީ.
ދެންމެ ތިޔަ ފާހަގަކުރެއްވި ހުރިހާ ކަމަކާ ގުޅޭ މަސައްކަތާ ހަވާލުވެ ތިއްބެވި ބޭފުޅުން އަޅުގަނޑު ހިތުން މިތާ އެބަ ތިއްބެވި. ދެން ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހުރިހާ ވާހަކައެއް އަޅުގަނޑުމެން ރަސްމީކޮށް ނޯޓުކޮށް، އެއަށް ހަމަ ޢަމަލުވެސް ކުރާނެ ކަންކަން އެއީ. އެއްވެސް ކަމެއް ދޫކޮށްނުލައި. އެއީ، މުޅި ވިލިމާލެއާ ގުޅޭ ކަންކަންވެސް އަދި ވަކިވަކި އިންޑިވިޖުއަލް ފަރުދުންނާ ގުޅޭ ކަންކަންވެސް. ވަކި ފަރުދުން ވިދާޅުވި ކަންކަން، އެ ބޭފުޅުންނާ ވަކިން އަދި ސީދާ އަޅުގަނޑުމެންގެ ފަރާތުން ބައްދަލުކުރާނެ، އެ ބޭފުޅުންގެ ކަންކަމަށް އެޑްރެސްކުރަން، ޙައްލުކޮށްދިނުމަށްޓަކައި. ވަރަށް ކަންބޮޑުވުން ހުރި ގިނަ ކަންތައްތަކެއް ބައެއް ބޭފުޅުން ފާހަގަކުރެއްވި. އެ ބޭފުޅުންގެ ޕާރސަނަލް ކަންކަން. އެކަންކަމަށް ވަކިން އަޅުގަނޑުމެން ކަމާގުޅޭ ހުރިހާ ބޭފުޅުން އެޓެންޑްވާނެ. ދެން ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ބައްދަލުވުމުގައި ފާހަގަކުރެވުނު ހުރިހާ ކަމަކަށް އަޅުގަނޑުމެން ސަމާލުކަންދީގެން މަސައްކަތްކުރާނަމޭ.
އާދެ، އެގޮތުން ބަލާއިރުގައި، އެންމެ ބޮޑު އެއްކަމަކީ، ޙަޤީޤަތުގައި އަޅުގަނޑު ހިތުން ގޯތިގެދޮރުގެ ކަންތައް. ދެން އެއީ، މުޅި މާލޭގައިވެސް އޮތް އެންމެ ބޮޑު އެއް މައްސަލަ. އެންމެ ބޮޑު މައްސަލަ. ދެން މިއަދު މި ބައްދަލުވުމަށްފަހު، އަދި ކުރިއަށް އޮތް ހުރިހާ އަވަށު ބައްދަލުވުންތަކުގައިވެސް ހަމަ ޔަޤީނުންވެސް އަންނާނެ އެންމެ ބޮޑު ކަމަކީވެސް މިއީ. އަދި އަޅުގަނޑު ކޮންމެ ބައްދަލުވުމެއްގައިވެސް ރިޕީޓްކުރާނެ މައުޟޫޢަކަށްވެސް ވާނެ ހަމަ ޔަޤީނުންވެސް މި މައުޟޫޢު. ދެން ހަމަ މިތަނުގައިވެސް އެ ވާހަކަ މި ދަންނަވާލީ.
އާދެ، 300 ހައުސިންގ ޔުނިޓު އެއީ ފުރަތަމަ މަޝްރޫޢަކަށް ވާނީ. 500 ހައުސިންގ ޔުނިޓުގެ ވަޢުދެއްވީ. އެކަމަކު އެއީވެސް މުޅި މައްސަލަ ޙައްލުވާވަރެއް ނޫން. ވިލިމާލެއަކީ ފެހި، ވަރަށް ތިމާވެށްޓާ ރަށްޓެހި، އިންޖީނުލީ އުޅަނދު މައިގަނޑު ގޮތެއްގައި ނުދުއްވާ ކޮންސެޕްޓްގައި އެންމެ ފުރަތަމަވެސް ތަރައްޤީކުރި، ކުރަމުން، ކުރެވި، އަދި މިއަދާ ހަމައަށްވެސް ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ދަމަހައްޓަމުން އަންނަ ތަނެއް. މި ސަރުކާރުގެ ސިޔާސަތަކީވެސް ހަމަ އެގޮތުގައި ދެމެހެއްޓުން. އެހެންވީމާ، ކުރިއަށް އޮތް ތަނުގައި ތަރައްޤީގެ މަޝްރޫޢުތައް ގެންދާއިރުގައިވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ލިމިޓޭޝަންސްތަކެއް ހުންނާނެ. އެކަންކަމަށް ރިޢާޔަތްކޮށްގެން، މި ހައުސިންގ މަޝްރޫޢުވިޔަސް، އަދި ދެންއޮތް މަޝްރޫޢުތައްވެސް އަޅުގަނޑުމެން ކުރިއަށް ގެންދަން މިޖެހެނީ.
އެހެންވީމާ، އެ ލިމިޓޭޝަންސް ހުރީމާ، ފުރަތަމަ ފިޔަވަހީގައި އަޅުގަނޑުމެން މި 300 ހައުސިންގ ޔުނިޓު މި އަޅަނީ. ކުރިން އަޅުގަނޑު ދަންނަވާލިފަދައިން، 300 ހައުސިންގ ޔުނިޓު މި ޚާއްޞަކުރަނީ މިތަނުގައި، މި ރަށުގައި ދިރިއުޅޭ، ގިނަ ދުވަސްވީ، ނޫނީވިއްޔާ މި ރަށުގެ ރައްޔިތުންގެ ތެރެއިން އެންމެ ނީޑީ، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތައް ހޮވައިގެން، އެ ފަރާތްތަކަށް ދިނުމަށްޓަކައި.
ދެން އޭގެ އިތުރަށް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މަޝްރޫޢުތައް ކުރިއަށްދާނެ. ދެން ކޮންމެގޮތެއްވިޔަސް، މުޅި މާލޭގައި އެންމެ ބޮޑު މައްސަލައަކީ ގޯތިގެދޮރުގެ މައްސަލަވީމާ، މި ސަރަޙައްދުން މި މައްސަލަ ޙައްލުކުރުމަށްޓަކައި، އަޅުގަނޑުމެން ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއްވެސް މިގެންދަނީ. މިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދޫކުރި ގޯތިތައް ހަވާލުކުރުމަށްޓަކައި، ހިއްކަންޖެހޭ ތަންތަންވެސް މި ހިއްކަނީ މައިގަނޑު އެ ރީޒަން، އެ ސަބަބަށްޓަކައި. މިހާރު ހުޅުމާލޭ ފޭސް 3 ހިއްކައި ނިމެނީ. ދެން ގިރާވަރުފަޅު ހިއްކުމަށްޓަކައި ގެންނަ ޑްރެޖަރު، މި މަހުގެ ތެރޭގައި އައިސް، މަސައްކަތް ފަށަން އެ ރެޑީވަނީ.
ދެން ހަމަ އެއާއެކީގައި، އަޅުގަނޑު ކުރިން ދެންނެވިފަދައިން، ރިޔާސީ ބަޔާނުގައިވެސް ދެންނެވިން، އުތުރުތިލަފަޅު ހިއްކާ ވާހަކަވެސް. މި އަހަރު ނިމުމުގެ ކުރީގައި އުތުރުތިލަފަޅުވެސް ހިއްކަން ފަށަނީ. މި ހުރިހާ ބިމެއް ކްރިއޭޓް މި ކުރަނީ، ގޯތިދިނުމަށްޓަކައި. ފްލެޓް އެޅުމަށްޓަކައި. ދެން އޭގެ އިތުރަށް، އެންމެ ބޮޑު ބިމެއް މި ސަރަޙައްދުން މި ހިއްކަނީ ރަސްމާލޭގައި. އެތަނުން މި ހިއްކަނީ 1,000 ހެކްޓަރަށްވުރެ ބޮޑު ބިމެއް. އެ މަސައްކަތްވެސް މި ކުރަނީ މައިގަނޑު ގޮތެއްގައި މާލޭގައި ދިރިއުޅޭ، މާލޭ ރަށްވެހިންނަށް. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ހިމެނޭހެން ޖުމްލަކޮށް މާލޭގައި އުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯއްޗާއި ފްލެޓް ދިނުމަށް.
މިހާރު އެއޮތީ އިޢުލާނުކުރެވިފައި، ރަސްމާލެއިން 15,000 ގޯތި ދޭގޮތަށް. 1,250 އަކަފޫޓުގެ 15,000 ގޯތި. އެއީ، ފުރަތަމަ ފިޔަވަހި. އަދި އިތުރު10,000 ގޯތި. މުޅި މާސްޓަރ ޕްލޭންގައި ހިމެނޭ ޖުމްލަ25,000 ގޯތި ހިމެނޭ ބޮޑު ތަނެއް އެއީ. ދެން 15,000 ގޯތީގެ ތެރެއިން އަޅުގަނޑުމެން މި ކަނޑައަޅަނީ، އޭގެތެރެއިން ބަހާލާފައި ކެޓަގަރީތަކެއް. އޭގެތެރެއިން 10,000 ގޯއްޗަކީ މާލޭގެ ރަށްވެހިންނާއި، މާލެއަށް އުފަން ރަށްވެހިންނާއި، ދަފްތަރާއި، ހުރިހާ ކަމެއް ހިމެނޭހެން މާލޭ ރަށްވެހިންގެ ގޮތުގައި ކިޔާ ހުރިހާ ރައްޔިތުންނަށް. ދެން 3,000 ގޯތި މި ކަނޑައަޅަނީ، މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވީ، މާލޭގައި އުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް. އެހެންވީމާ 13,000. ދެން އަދި 2,000 ގޯތި. އިތުރު ބައެއް ކަންތައް ހައުސިންގ މިނިސްޓްރީން އިޢުލާނުކޮށްފައި އޮންނާނެ. މާލޭގައި ހުރި ގޯތިތައް ދޫކޮށްލާފައި ލާޖައްސާ އުސޫލުން ގޯތި ދޫކޮށްލާފައި ދާ ފަރާތްތަކާއި، މައިމުޅަވެފައިވާ ފަރާތްތަކާއި އެކި ފަރާތްތައް ހިމެނޭހެން.
އެހެންވީމާ، 10,000 އަދި 3,000 ވީމާ 13,000 ގޯތި އޭގެތެރެއިން މި ލިބެނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް. އޭގެތެރޭގައި ވިލިމާލެވެސް، މާލެވެސް، ހުޅުމާލެވެސް ހިމެނޭހެން މާލެސިޓީ މި ކިޔަނީ، މި 3 ތަން ހިމެނޭގޮތަށް. އެހެންވީމާ، ތިޔަބޭފުޅުންނަށް މި 300 ފްލެޓް އެކަންޏެއްނޫނޭ މިއޮތީއެއް. ގޯތިވެސް މި ސަރަޙައްދުން ލިބޭގޮތަށް މިއޮތީ. އަދި އިރާދަކުރެއްވިއްޔާ ފްލެޓްތައް އޭގެއިތުރަށްވެސް އެޅެމުންދާނެ. 3,000 ހައުސިންގ ޔުނިޓުގެ ތެރެއިންވެސް އެއޮތީ މުޅި މާލެސިޓީއަށް ކަނޑައަޅާ 3,000 ފްލެޓް. އެ ކެޓަގަރީތައްވެސް ކަނޑައަޅާފައި އެހެރީ. މިތަނުގައި މި ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް އިސްކަންދިނުމުގެ ގޮތުން އެއީ، އަސާސީ ޝަރުޠެއްގެ ގޮތުގައި. ރަށްވެހިންނަށްވުމާއި، 15 އަހަރަށްވުރެ ގިނަ ދުވަހު އުޅުމާ. ދެން އޭގެ ތަފުސީލުތައް ހައުސިންގ މިނިސްޓްރީން އިޢުލާނުކޮށްފައި ވާނެ. އޭގެ ތެރޭގައި އެކި ފަރާތްތައް، އެކި ކެޓަގަރީތައް ކަނޑައަޅާފައި މިއޮތީ.
މީގެ ތެރޭގައި ހިމެނޭނެ، އެ މީހަކު މާލޭގައި ދިރިއުޅެފައި، އެ ކުރާ މަސައްކަތާއި، އެ މީހެއްގެ ޕަރސަނަލް ޙާލަތުވެސް. އަދި އެކަނިވެރި މައިން، ދެން ނުކުޅެދުންތެރިކަން ހުރި ފަރާތްތައް، މިހެންހުރި ފަރާތްތައްވެސް ހިމެނޭ. އެހެންވީމާ، މީގެ ބޭނުމަކީ، އެކިކަހަލަ ފުރުޞަތުތައް ދީގެން، އެންމެ ނީޑީ ފަރާތްތައް ހޮވައި، އެ ފަރާތްތަކަށް ކުރު މުއްދަތެއްގެ ތެރޭގައި، ގޯތިގެދޮރުގެ ފުރުޞަތު ދިނުން، ހަމަޖައްސައިދިނުން. އެންމެ ލަސްވެގެން، މި އަންނަ އަހަރުގެ އެޕްރީލް، ނޫނީ މޭ މަހާ ހަމައަށްދާއިރުގައި، އަޅުގަނޑުމެން އެއަށްވުރެވެސް އަވަހަށް ހިއްކައި ނިންމޭތޯ މި ބަލަނީ ރަސްމާލޭގެ އެ ބޮޑު ބިން. އެހެންވީމާ، ހިއްކައި ނިމޭއިރަށް އަޅުގަނޑުމެން މި ބަލަނީ، ކުރިން މި ދެންނެވި 15,000 ފަރާތް ހޮވައި ނިންމަން. އެހެންވީމާ، އެ ފަރާތްތަކަށް ލިބޭ ބިން އެއޮތީ އެ މީހުންނަށް ކަނޑައެޅިފައި. ފާހަގަވެސް ވެފައި. އެހެންވީމާ، ދާދި އަވަހަށް މިކަން ނިމޭނެ.
އެއީ، އަޅުގަނޑު ބޭނުން ދައުރުގައި ބާކީއޮތް މުއްދަތުގެ ތެރޭގައި، އެތަނުގެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، ހުރިހާ ކަމެއް ކުރުމާއެކީގައި، ރައްޔިތުންނަށް އެތަނުގައި، ގޯތިގެދޮރު ބިނާކުރުމުގެ ފުރުޞަތު ލިބޭނެގޮތްވެސް ހަދަން. ދައުރުގެ ފަހުކޮޅަށް ގޮސް ކުރާގޮތަށް އޮންނަ އުސޫލު ބަދަލުކޮށް، ކުރީކޮޅު ކުރަންފެށީވެސް އެ ބޭނުމުގައި. އަޅުގަނޑަށް އެނގޭ، ރައްޔިތުންނަށް އެންމެ ދަތިކަމަކީ މިއީކަން. އެހެންވީމާ، މިކަމަށް އިސްކަންދީގެން، މިހާ އަވަހަށް މި ފެށީ. ހަމަ އެގޮތަށް، ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މި ޕްރޮޖެކްޓް ގެންދަން މި ފެށީ އެހެންވެގެން.
އެހެންވީމާ، ޖުމްލަކޮށް ގޯތީގެ މައްސަލައަށް ޙައްލެއް އަންނާނެ. އަންނައިރުގައި، މި ދެންނެވިހެން އެކިކަހަލަ ފުރުޞަތުތަކޭ މި ލިބެނީ. ފްލެޓާއި، ގޯއްޗާއި، މިގޮތަށް. އެހެންވީމާ، އެއީ ޖުމްލަ ޖަވާބެއް. އިރާދަކުރެއްވިއްޔާ، ވިލިމާލޭގެ ރައްޔިތުންނަށް ބޭނުންވާ ގޯތީގެ މައްސަލައާއި، ފްލެޓް މައްސަލަވެސް ޙައްލުވެގެންދާނެ. އަދި ޖުމްލަކޮށް، މުޅި މާލޭގެ ހުރިހާ ރައްޔިތުންނަށް، މާލޭ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް، މި ދައުރު ތެރޭގައި އަޅުގަނޑު ވަޢުދުވީ ގޮތަށް، ގޯތިގެދޮރުގެ މައްސަލަ ޙައްލުކުރުމަކީ، އަޅުގަނޑުގެ ވަޢުދެއްވީމަ، އެކަން ޙައްލުވެގެންދާނެ ކަމުގެ ޔަޤީންކަން، އަދިވެސް އެއްފަހަރު ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އަރުވަން.
ދެން، އެއާއެކީގައި، އަޅުގަނޑު ކޮންމެ ކަމަކަށް ވަކިން ނުއެއްދާނަން. އެހެންނަމަވެސް، ޖުމްލަކޮށް ދަންނަވާލަން ބޭނުންވަނީ، މިސާލަކަށް ހޮސްޕިޓަލްގެ ޚިދުމަތް ދަށްވެގެން، ހޮސްޕިޓަލްގެ ކެޕޭސިޓީ ނެތީމަ ދިމާވާ ކަންކަން ފާހަގަކުރައްވައިފި. ދެން، އެކަން ރަނގަޅުކުރުމަށް، ޒަމާނީ ފެންވަރުގެ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އަޅަން މިއޮތީ ނިންމާފައި. އެހެންވީމާ، މުއްޠަލިބް އެ ފާހަގަކުރެއްވީ، ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ޑިޒައިން، ހުރިހާ ކަމެއް ނިމި، ކޮންޓްރެކްޓަރަކާ އެބަ ހަވާލުކުރެވޭ ވާހަކަ. ކޮންމެގޮތެއްވިޔަސް، އެވަރުގެ މަޝްރޫޢެއް ނިންމަން ދޮޅުއަހަރު، ދެ އަހަރު ނަގާނެއޭ، އެ ހިސާބުން ފެށިގެންވެސް. މާނައަކީ، މި ދައުރު ތެރޭގައި ނިމޭނެއޭ. އެހެންނަމަވެސް، އަދި އެބައޮތް ދުވަސްކޮޅެއް. އެހެންވީމާ، އެ ހިސާބަށް ދަންދެންވެސް އަޅުގަނޑުމެން ބަލާނީ. މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރޭގައި މި ހޮސްޕިޓަލްވެސް ހުރީ. އެހެންވީމާ، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރެއިން، މިވަގުތަށްވެސް އިތުރު ޚިދުމަތްތައް ގެނެވޭނެ ގޮތަކީ ކޮބައިތޯ، ކިތަންމެ ކައިރީގައި، މާލޭގައި އައި.ޖީ.އެމް.އެޗް.، ދަރުމަވަންތަ ހޮސްޕިޓަލް ހުއްޓަސް، ތިޔަބޭފުޅުން ކަނޑު ހުރަސްނުކުރައްވައި ކުރެވޭނެ ކަހަލަ ކަންކަން އިތުރުކުރުމަކީ، އަޅުގަނޑުމެން މަސައްކަތްކުރާނެ ގޮތް. އެހެންވީމާ، އެކަމަށް މަސައްކަތް ކޮށްދޭނަން. މިތަނުގައި ހުރެގެން ކުރެވޭނެ ކަންކަމާއި، އިތުރު ކަންކަން، ލުއިތައް ގެނެސްދެވޭނެ ގޮތަކީ ކޮބައިތޯ އަޅުގަނޑުމެން ބަލާނެ.
ދެން، މިހާރު މިއޮތީ އިމާރާތްކުރުމަށްޓަކައި، އެ ހޮސްޕިޓަލް ރީ-ލޮކޭޓް ކުރަންޖެހިފައި. އެހެންވީމާ، ކޮންމެގޮތެއްވިޔަސް، ދަތިތަކެއް ކުރިމަތިވާނެ. އަދި މިހާރަށްވުރެވެސް ދަތިވާނެ ދުވަސްތަކެއް ކުރިއަށް އޮތީ. ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާ އެކީގައި، ތަރައްޤީގެ މަޝްރޫޢުތައް ގެނެވޭނީ. އެހެންވީމާ، އެ ޝިފްޓް ކުރަންދާ މުއްދަތުގެ ތެރޭގައިވެސް، ކަންތައްތަކެއް ހަމަޖެހެން ޖެހޭނެ ޞިއްޙީ ޚިދުމަތަށް. އަޅުގަނޑު ޔަޤީންކުރަން، ހެލްތް މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، ކަމާބެހޭ ފަރާތްތަކާ އެކީގައި، ވަރަށް ގާތުން، ރައްޔިތުންނާ ގުޅިގެން ގެންދާނެ ކަމަށް. މެންބަރު ހަމަ ވަރަށް ގާތުން މަސައްކަތް ކުރައްވާނެ. އެއީ، އަޅުގަނޑުމެން ބޭނުންވަނީ، ރައްޔިތުންނަށް އެނގިގެން ކުރިއަށްދާން، މިކަހަލަ ހައްސާސް މަޝްރޫޢެއް ކުރިއަށްދާއިރުގައި. އެ ބަދަލު، އެ އަންނަ ޗޭންޖް އަންނަންޖެހޭނީ، ރައްޔިތުންނަށް އެ ވާގޮތް އެނގިގެން. އެހެންވީމާ، ކޮންމެގޮތެއްވިޔަސް، ދަތިތަކެއް ކުރިމަތިވެގެން މި އަންނަނީ އުފާވެރި ކަމެއް، މި ޕްރޮޖެކްޓްގެ ތެރެއިން ކޮންމެގޮތެއްވިޔަސް. ހުރިތަނުން ބަދަލު އެބަވޭ. ބަދަލުވާއިރުގައި، އަދި އިތުރަށް އަންނާނެ ކޮމްޕްލެކްސް ކަންތައްތައް. ދެން އަންނާނީ، އެންމެ ފުރިހަމަ ދުވަސްތައް އިރާދަކުރެއްވިއްޔާ، ނިމިގެން ހުޅުވޭއިރު. އެކަހަލަ ގޮތަކަށް މިއޮތީ ހޮސްޕިޓަލް ކަންތައް.
އެހެންވީމާ، އަޅުގަނޑު މި ދެންނެވިހެން، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރެއިން ބަލާނަމޭ، އިތުރު ޚިދުމަތްތައް ދެވޭނެ ގޮތްތައް ހެދޭތޯ. މިހާރަށްވުރެވެސް ރަނގަޅުކުރެވޭނެ ގޮތްގޮތް. ދެންމެ އެކި ބޭފުޅުން ފާހަގަކުރެއްވި ހުރިހާ ކަމަކަށްވެސް އެޑްރެސް ކުރާނަން. އެންމެ ކަމެއްވެސް ދޫކޮށްނުލާ ބަލާނަން. ދެން، އިތުރު އެހެން ކަންކަމަށްވެސް، މިތާ ތިއްބެވި މިނިސްޓަރޒްއިން، އެމް.ޑީޒްއިން، އެޓެންޑް ވާނެ. އެމް.ޑަބްލިޔޫ.އެސް.އީ.ގެ ކަމެއް ފާހަގަކުރެއްވި. އެމް.ޓީ.ސީ.ސީ.އިން ދުއްވާ ބަހުގެ ވާހަކަ ފާހަގަކުރެއްވި. މިހެންހުރި އެކި ކަންކަން ފާހަގަކުރެއްވި. އެ ހުރިހާ ކަމަކަށް އެޓެންޑްވަމުން ދާނަން.
ދެން، އަޅުގަނޑަށް ފާހަގަވި، މިތަނުގައި މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ލޯކަލް ލެވެލެއްގައި، ކައުންސިލް ލެވެލްގައި، މި ދޭންޖެހޭ ޚިދުމަތްތަކާ، މިކަންކަމުގައި ކޮންމެވެސްކަހަލަ ހީނަރުކަމެއް އައިސްފައި އޮތް ކަމުގެ އިހުސާސް ވެއްޖެ. ދެން އެހެންނަމަވެސް، އަޅުގަނޑު ހިތުން ޑެޕިއުޓީ މޭޔަރ އެކަން ބައްލަވާފައި، އެކަންކަމަށް، ކުރިއަށް އޮތް ދުވަސްތަކަށް މަސައްކަތް ކުރައްވާނެ.
ދެން، ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތަށް ކަންކަން ކޮށްދެވޭނީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށްވާއިރުގައި، ކައުންސިލް، އަދި މުޅި މާލޭ ސިޓީގެ ކައުންސިލް ހިންގާ ގޮތާއި، އެ ކައުންސިލްގެ ތެރެއިން ލިބޭ ޚިދުމަތްތައް، ހަމަ ވިލިމާލޭގެ ރައްޔިތުންނަށް ރަނގަޅުވާންޖެހޭނެ. އަޅުގަނޑު ހިތުން އެ ފްރަސްޓްރޭޝަން ތިޔަބޭފުޅުން ތިޔަ ފާހަގަކުރެއްވީ، ކޯޕަރޭޝަނެއް ހަދާ ވާހަކަވެސް. އަޅުގަނޑަށް އަންޑަރސްޓޭންޑްވޭ، ތިޔަ ވިދާޅުވާ އެއްޗެއް. އެހެންވީމާ، އެ މައްސަލަ ޙައްލުކުރުމަށް ކުރެވޭނެ ކަންކަމަށް އެޑްރެސް ކުރާނަން. އިރާދަކުރެއްވިއްޔާ، ނަތީޖާ ރަނގަޅުވާނެ. ވަރަށް ގިނަ ކަންކަން ތިޔަ ވިދާޅުވީ. އަޅުގަނޑުމެން ބަލާނަން.
އަޅުގަނޑު މޭޔަރަކަށް ހުރެފައި، ފަހުކޮޅު ބީޗްގެ ޑިވެލޮޕްމަންޓްވެސް ހަދަން ފެށީ. ދެން ޑެޕިއުޓީ ކައިރީގައި މި އަހާލީ. އެތަން އަދި ނިންމާފައި، އަދި ރަސްމީކޮށެއް ނުވެސްހުޅުވާ. އެހެންވީމާ، އެބަހުރި ވަރަށް ގިނަ ކަންކަން ފެށިފައި، ނުނިމި. ދޭތެރޭ މެދުންގޮސްފައި، އިތުރަށް ގޯސްވެފައި، އެހެންނޫންތޯ. ޕާކުވެސް އެއީ، އަޅުގަނޑުމެން ހަދަން ނިންމާފައި އޮތް ތަނެއް. ދެން އެހެންނަމަވެސް، އެކަންވެސް އެއޮތީ އަދި ނުހިނގާ. އެހެންނަމަވެސް، އަޅުގަނޑު ވަޢުދުވެފައިވެސް އޮންނާނެ، ރަނގަޅު ފެންވަރުގެ ޕާކެއް ހަދާނެ ކަމަށް. ދެން، އެމް.ޕީ. ވިދާޅުވެއްޖެ، އެކަމަށްވެސް މަސައްކަތްތަކެއް އެބަ ކުރެވެއޭ.
އެގޮތަށް ހަމަ ވަރަށް ރަނގަޅު، ބިނާކުރަނިވި، ވަރަށް ގިނަ ޚިޔާލު ފާހަގަކުރައްވައިފި އިނގޭތޯ، ޚިދުމަތް ރަނގަޅުކުރަން. ޕިކްޕޯސްޓް ކަންތައް ކަމުގައިވިޔަސް، އަދި އެހެން ހުރިހާ ކަންތައްތައް ވިޔަސް. އަންހެން ބޭފުޅުންނަށް ވިޔަފާރި ކުރެވޭނެ ގޮތްތައް، ނޫނީވިއްޔާ ކުދިކުދި ވިޔަފާރިތައް ފެށޭނެ ގޮތްތައް ހަދައިދިނުން ކަމުގައިވިޔަސް. މި ހުރިހާ ކަމަކަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ތެރެއިން ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން ކޮށްދޭނަން. އެހެންނަމަވެސް، މިއިން ކޮންމެ ކަމަކީ، ކައުންސިލް ލެވެލްގައި، ގުޅިގެން، އެހީތެރިކަން ލިބިއްޖިއްޔާ ވަރަށް ފަސޭހައިން ވާނެ ކަންކަން. އެއީ، އަޅުގަނޑު ބޭނުންވަނީ، އެގޮތަށް އެ ސަޕޯޓް ލިބެން. ނުލިބުނަސް ކުރާނަން އިނގޭތޯ. އެއްގޮތަކަށްވެސް ކަންބޮޑުވެނުލައްވާތި. އަޅުގަނޑުމެން ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދިނުމަށްޓަކައި، ޑައިރެކްޓްލީ، ސީދާ ސީދާ ވާހަކަ ދައްކަން ރައްޔިތުން ގާތަށް މިއައީވެސް. ރައްޔިތުންގެ ފަޅީގައި މި ސަރުކާރު އޮންނާނީ. އަޅުގަނޑު ކުރިއަށްދާނީ، ރައްޔިތުން ބޭނުންވާ ގޮތަކަށް. އެހެންވީމާ، އެ ޔަޤީންކަން އަރުވަން ތިޔަބޭފުޅުންނަށް.
ދެން ހަމަ، ޖުމްލަކޮށް މި ދަންނަވާލީ މި ހުރިހާ ކަމެއް އިނގޭތޯ. އެއްވެސް ކަމެއް ދޫކޮށްނުލާ. ދެންމެ ތިޔަ ފާހަގަކުރެއްވި ހުރިހާ ކަމަކާ އެކީގައި، އަޅުގަނޑުމެން ޙައްލުތައް ގެންނަން މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ، އޭގެ ނަތީޖާ ރަނގަޅުވެގެންދާނެ.
ވަރަށް އުފާކުރަން، ތިޔަބޭފުޅުން ވަޑައިގެން، ތިޔަ ހުރިހާ ވަގުތެއް ހޭދަކުރެއްވި ކަމަށްޓަކައި. އަދި ތިޔަ ފާހަގަކުރެއްވި ކަންކަމަށްޓަކައި. ކޮންމެ ބޭފުޅަކުވެސް ބޭނުންފުޅުވި ކަމެއް ވިދާޅުވެލައްވައިފި. އެއިން ކޮންމެ ކަމަކަށްވެސް ވަރަށް ސީރިއަސްކަމާއެކީގައި، އަޅުގަނޑުމެން އިޖާބަދޭން މަސައްކަތް ކޮށްދޭނަން. އިރާދަކުރެއްވިއްޔާ، ނަތީޖާ ނެރެދޭނަން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން އެދޭ ކަންކަމަށް ފުރިހަމައަށް އިޖާބަދީ، ނަތީޖާ ނެރެދޭން. އިރާދަކުރެއްވިއްޔާ، އޭގެ ފޮނިމީރުކަން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.
އަޅުގަނޑަށް އެއްކަމެއް ހަނދާންނެތުނީ، ގަސްދުގައި ހަނދާންނައްތާލީކީ ނޫން. ގަހުގެ ވާހަކަ. ނިކަގަސް ދޮގެއްތޯ އެއީ؟ އަޅުގަނޑަށްވެސް އެނގޭ، ދެން އެއީ އެކަން ދިމާވެފައި އޮތްގޮތް. އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައިވެސް އަޅުގަނޑު ދިޔައިން އެތަން ބަލަންވެސް ދޮގެއްތޯ؟ އަދި އިންތިޚާބުގައިވެސް ދިޔައިން. ދެން، ވަރަށް ބޮޑަށް ފާހަގަކުރައްވައިފި. ޤާނޫނީ އިޝޫއެއް ނެތްކަން، އޭ.ޖީ. ވިދާޅުވެއްޖެ. އެންވަޔަރަންމެންޓަލީ އެ އޮންނަ އުސޫލުތަކުގެ ތެރެއިން، ޙައްލެއް ގެނެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވެއްޖެ. ރައްޔިތުން ބޭނުންވާ ގޮތް އަންގާލަދެއްވަންވީ ނޫންތޯ؟ އެ ގަސް އެތަނުން ނަގަން ބޭނުންފުޅުވާ ބޭފުޅުން އަތްޕުޅު ހިއްލަވާލަދެއްވާ! އެހެންވީމާ، އިއްތިފާގުން ގާތްގަނޑަކަށް ފާސްމިވީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން ކުރިއަށްދާނެ އިނގޭތޯ.
ވަރަށް ބޮޑަށް ޝުކުރިއްޔާ!
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.