މިވަގުތަށް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް އެއް ހިސާބަކީ، ވަޒީފާއާ ގުޅޭ ޞައްޙަ ރަނގަޅު މަޢްލޫމާތުގެ ހިސާބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ހޮލިޑޭއިން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ވަޒީފާ ހުރި މިންވަރާއި، ވަޒީފާ ނެތެމުންދާ މިންވަރާއި އަދި ވަޒީފާ އިތުރުވަމުންދާ މިންވަރަކީ މިވަގުތަށް ވަރަށް ބޭނުންތެރި މަޢްލޫމާތުތަކެކެވެ. "އަޅުގަނޑަށް ފެންނަ ފެނުމުގައި، ވަޒީފާއާ ގުޅޭ ޤާނޫނާއި އަދި ވަޒީފާއާ ގުޅޭ އެހެން ކަންކަން މިހާރު ފުރިހަމަވެފައިވާ މިންވަރުން މިކަން އަޅުގަނޑުމެންނަށް ކޮށްލުމަކީ މާދަތިކަމަކަށެއް ނުވާނެ"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރީގައި ކަންކަމާ ގުޅޭ ޞައްޙަ މަޢްލޫމާތު ބޭއްވިފައި އޮންނަނީ ދަޢުލަތުގެ ސިއްރެއްގެ ގޮތުގައި ކަމަށާއި، މި ސަރުކާރު ހިންގުމާ ޙަވާލުވެ، ސަރުކާރަށް ދިމާވި އެންމެބޮޑު އެއްދައްޗަކީ، ރާއްޖެއާ ގުޅޭ ޞައްޙަ މަޢްލޫމާތު ހޯއްދެވުން ކަމުގައި ވިދާޅުވިއެވެ. އަދި މަޢްލޫމާތު ފޯރުވައިްދިނުމާއި، މަޢްލޫމާތު ހޯދުމުގެ ޙައްޤު، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ލިބިދީފައި މިވަނީ، ރާއްޖޭގައި މިހާރު މި ޢަމަލު ކުރަމުންދާ ޤާނޫނުއަސާސީން ކަމުގައި ވިދާޅުވެ، ތަފާސް ހިސާބު ރަނގަޅަށް ނުބެލެހެއްޓި، ޤައުމެއްގެ ތަރައްޤީ ކުރިއަށް ގެންދިޔުމަކީ ވަރަށްދަތި ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
" އަޅުގަނޑުމެންނަށް މިޒަމާނަށް ބަދަލުވާއިރުގައި، އެސް.އެމް.އެސް.އިންނާއި އަދި އެކިއެކި ހައި ޓެކްނޯލޮޖީ މެދުވެރިކޮށް، ހިސާބުގެ މަޢްލޫމާތުތައް ޢާންމުކޮށް ފަތުރާލެވެން ޖެހޭނެ. އެއީ، ސިއްރަކަށްވެފައި އޮވެގެނެއް ނުވާނެ. އެއްވެސް ހިސާބުގެ ޢަދަދަކީ ސިއްރެއް ނޫން. އެއްވެސް ހިސާބުގެ ޢަދަދަކީ އަޅުގަނޑުމެން ފޮރުވަން އެއްގޮތަކަށްވެސް ހެޔޮވާވަރު ޢަދަދެއް ނޫން"، ރައީސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެސް.އެމް.އެސް. މެދުވެރިކޮށް ސްޓެޓިސްޓިކްސް ފޯރުވައިދިނުމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢާރުފް ކޮށްދެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ތިންވަނަ އެމް.ޑީ.ޖީ. ރިޕޯޓް ލޯންޗް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ އަހަރީފޮތް 2010" ލޯންޗް ުރެއްވީ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއެވެ.