بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގެންފައިވާ ޢިއްޒަތްތެރިން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ބޭރު ޤައުމުތަކުގެ ސަފީރުން، މިއަދު އެކި އިނާމުތަކާއި، ޝަރަފު ލިބިވަޑައިގެންނެވި އެންމެހައި ބޭފުޅުންނާއި، އެ ބޭފުޅުންގެ ޢާއިލާތައް، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރަން.

އާދެ، މިއަދު މި ބޭއްވިގެންދާ ޙަފްލާގައި، ދައުލަތުގެ ޢިއްޒަތް އަދި އެކިއެކި މަތިވެރި ޝަރަފުތަކާއި، ޚިދުމަތުގެ އިނާމުތަކާއި، ރީތި ވަނަތައް ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އެންމެ ފުރަތަމަވެސް ވަރަށް ބޮޑަށް މަރުޙަބާ އަރިސްކުރަން.

އާދެ، ނިޝާން މުލީގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙް ކޮށްދެއްވި ޚިދުމަތް އެއީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އަގު ނުކުރެވޭވަރުގެ ޚިދުމަތެއް. މޫސާ އަންވަރު، ދިވެހި ޞިއްޙީ ދާއިރާ، އެންމެ ޅަފަތުގައި އޮތްއިރުން ފެށިގެން، އޭރުގައި ރާއްޖޭގައި ޞިއްޙީ ފަރުވާދޭނެ ޑޮކްޓަރެއް ނެތް ހިސާބުން ފެށިގެން، އެ މަސައްކަތުން ފެށިގެން، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުއްވުމަށް ކުރެއްވި ޚިދުމަތް ފާހަގަކޮށް، އެ މަނިކުފާނަށްވެސް ޝުކުރު ދަންނަވަން. އަދި އެކިއެކި ރީތި ވަނަތައް ރާއްޖެއަށް ހޯދައިދީ، މިއަދު އިނާމު ހޯއްދެވި ފަރާތްތަކަށާއި، އެތައް އަހަރެއް ވަންދެން ޤައުމަށް ޚިދުމަތް ކުރެއްވުމުން، އެކަން ފާހަގަކުރެވުނު ފަރާތްތަކަށް، ޖުމްލަކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުންނާއި، ދިވެހި ޤައުމަށް ޚިދުމަތް ކުރުމުން، އެކަމުގެ ޝަރަފު ލިބިވަޑައިގެންނެވި ހުރިހާ ފަރާތްތައް އަނެއްކާވެސް އަޅުގަނޑު ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ޖުމްހޫރީ ވެރިކަމެއް، އޭގެ ނަމުގައިވެސް، މާނައިގައިވެސް، މަފްހޫމްގައިވެސް، ނިޔަތުގައިވެސް އެއީ، ރައްޔިތުންގެ ވެރިކަން. ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ ވެރިކަން. ރައްޔިތުން، ރައްޔިތުންގެ ކަންކަން ކުރުމަށްޓަކައި ރައްޔިތުން ހޮވާ ފަރާތަކަށް، ރައްޔިތުންގެ ކަންކަން ފޯރުކޮށްދިނުމަށް، ނިންމައިދިނުމަށް، ކޮށްދިނުމަށް ހަވާލުކުރާ ނިޒާމު. މި ނިޒާމު ރާއްޖޭގައި ހިނގަމުން އަންނަތާ، 57 އަހަރު ވެގެން މިދިޔައީ.

އާދެ، މި ނިޒާމުގައި ދިވެހި ރައްޔިތުންނަށް އެކި ޚިދުމަތްތައް، އެކި ދުވަސްވަރު އެކިގޮތަށްވަނީ ލިބިގެންގޮސްފައި. ރައްޔިތުންނަށް އެންމެ މުހިންމުވާނީ އެ ރައްޔިތުންގެ ޙައްޤުތައް ފުރިހަމަގޮތުގައި އަދާކުރެވިގެންދިޔުން. ހަމަހަމަކަމާ އެކީގައި އަދާކުރެވިގެންދިޔުން. އިންޞާފުވެރިކަމާ އެކީގައި އަދާކުރެވިގެންދިޔުން. ޢަދުލުވެރިކަމާ އެކީގައި އަދާކުރެވިގެން ދިޔުން.

އަޅުގަނޑުގެ ޒިންމާއަކީ، އަދި އަޅުގަނޑުގެ މަސްއޫލިއްޔަތަކީ، މިކަން މިގޮތުގައި ކުރެވޭތޯ ކަށަވަރުކަމާ އެކީގައި މަސައްކަތްކުރުން. އެ ނަތީޖާ ނެރެދޭން މަސައްކަތްކުރުން. އިރާދަކުރެއްވިއްޔާ، މި ވޭތުވެގެންމިދާ ދެ އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މި ޒިންމާ، މާތްﷲ ގަންދީ އަޅުގަނޑު އެ ދުވަހު ކުރި ހުވާގެ މަތީގައި ހުރެ، ހަމަ ކޮންމެ ދުވަހަކުވެސް އެ ހުވާ ހަނދާންކުރަމުން، އެ ޒިންމާ އަދާކުރެވޭތޯ މަސައްކަތްކުރަމުން މި އަންނަނީ.

މިއަދާ ހަމައަށް މި ސަރުކާރުގެ ކަންކަން ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ގެނައުމުގައި، އެކި ގޮތްގޮތުން، އެކި މިންވަރަށް އެކި މާނައިގައި އެކި ފަރާތްތަކުން އެހީތެރިކަން ދެއްވާފައިވޭ. ސަރުކާރުގެ އެކިއެކި ވެރިންނާއި، މުވައްޒަފުންނާއި، މުޅި ޖުމްލަކޮށް ދަންނަވަންޏާ ދައުލަތުން ދެއްވާފައިވާ އެހީތެރިކަން އެއީ، މީގެ ސަބަބު. ވަކިން ޚާއްޞަކޮށް، ދިވެހި ލޮބުވެތި ރައްޔިތުން އަޅުގަނޑަށް މިކަމުގައި، އެ ރައްޔިތުންގެ ކަންކަން ކުރިއަށް ގެންދިޔުމުގައި، އެހީތެރިކަން އަދި އިތުބާރު ދެއްވި ދެއްވުން، ދެއްވަމުން ގެންދެވުން އެއީ މީގެ ސަބަބު. އިރާދަކުރެއްވިއްޔާ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މި ޒިންމާ އަދާކުރުމުގައި އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާ އެކުގައި ކުރިއަށްދާނަން.

މިއަދާ ހަމައަށް އައުމުގައި، މި ދެންނެވި ގޮތަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެކީގައި، ކުރެވުނު މަސައްކަތުގެ ނަތީޖާތައް، ﷲގެ އިރާދަފުޅާ އެކީގައި، ވަރަށް ކާމިޔާބުކަމާ އެކީގައި ރައްޔިތުންނަށް ފޯރުކޮށްދެމުން، ފެންނަމުން މިދަނީ. އާދެ، ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން، ވަޒީރުން، ކުންފުނިތަކުގެ ވެރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެކިއެކި މުއައްސަސާތަކުގެ ވެރިން، ސިވިލް ސަރވިސް، އަދި ޖުމްލަކޮށް ހުރިހާ މަސައްކަތްތެރިންގެ އެހީތެރިކަން އަޅުގަނޑު ފާހަގަކުރަން.

އާދެ، ސިވިލް ސަރވިސްއަކީ ސަރުކާރުން ޖުމްހޫރީ ވެރިކަމެއްގައި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ވަޒީރުންނާއި، ޢައްޔަންކުރެވޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި މަސައްކަތްކުރާ ފައުޖު. އެ ޚިދުމަތްތެރިންގެ އަގު ވަޒަންކުރަންޖެހޭ. އެހެންވީމާ، އަޅުގަނޑު ދެންނެވީ، މި ޖަލްސާގެ އެޖެންޑާގައި ސިވިލް ސަރވިސްގެ ފަރާތުން ބޭފުޅަކު ވާހަކަދައްކާގޮތަށް ހަމަޖެއްސުމަށް. ސިވިލް ސަރވިސްގެ ބުރަ މަސައްކަތާ އެކީގައި، އަޅުގަނޑުމެންނާ ހަމައަށް، މިއަދާ ހަމައަށް، ކޮންމެ ސަރުކާރަކަށްވެސް، ކަންކަން ގެންދެވިފައި އޮތީ.

އާދެ، އެންމެން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި، ރައްޔިތުންނަށްޓަކައި އެއް އަމާޒެއްގައި މަސައްކަތް ކުރަމުންދާނަމަ، އިރާދަކުރެއްވިއްޔާ ނަތީޖާ ރަނގަޅުވާނެ. އަޅުގަނޑު ކަންކަން މިނަނީ ނަތީޖާއިން. އަޅުގަނޑު ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދެނީ ކިހާވަރަކަށްތޯ ބަލައި، އެ ނަތީޖާ އެއީ، އަޅުގަނޑު ކަންކަން މިނާގޮތަކީ. ގެންގުޅޭ މިންގަނޑަކީ. އިރާދަކުރެއްވީތީ މިއަދާ ހަމައަށް އައިއިރުގައި، އެ މަސައްކަތް އެގޮތަށް ކުރެވޭތޯ ބަލަމުން މިއައީ.

އާދެ، މިއަދާ ހަމައަށް އައިއިރުގައި، މި ދެންނެވިހެން ސިވިލް ސަރވިސްއާއި، އަދި ކައުންސިލްތަކުގެ މުވައްޒަފުންނާއި، ޖުޑީޝަރީ ހިމެނޭހެން ހުރިހާ ފަރާތްތަކެއްގެ މުސާރަ، ޕޭ ހާމަނައިޒް ކުރެވި، ޕޭ ފްރޭމްވާރކްގެ ތެރެއިން ގެންދިޔުމަށް އެވަނީ ފަށާފައި. އިރާދަކުރެއްވީތީ މީގެ ސަބަބުން، މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އައިސްފައިވާނެ، މި މަހުގެ މުސާރަ ލިބިގެންދާ ހިސާބުން ފެށިގެން. އެއްވެސް ހާލެއްގައި، އެއްވެސް އޮފީހެއްގެ މުވައްޒަފުންގެ އެއްވެސްވަރެއްގެ ކަންބޮޑުވުމެއް މިކަމުގައި އުޅޭކަމުގައިވާނަމަ، އެކަމެއް ހަމަ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ މުއައްސަސާއެއްގެ ކަމާބެހޭ ބޭފުޅުން، އެ މަސައްކަތް ޕޭ ކޮމިޝަނާ އެކީގައި ކުރައްވާނެ. ކުރައްވައިގެން އެއްވެސްކަހަލަ ތަފާތުކުރުމެއް، ނޫނީވިއްޔާ އިޝޫއެއް އުޅެންޏާ ހައްލުކުރައްވާނެ.

ޖުމްލަކޮށް ދަންނަވަންޏާ، މި ދެންނެވިފަދައިން، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން، ނެރެން މި ބޭނުންވާ ނަތީޖާއަކީ، ހުރިހާ ފަރާތްތަކަކަށްވެސް ލިބޭ އަސާސީ މުސާރަ ބޮޑުކުރެވި، އާންމުކޮށް ލިބޭ މުސާރަ ކޮންސްޓެންޓްލީ ބޮޑުވެގެން ލިބިގެންދާގޮތަށް، އެ ރައްޔިތުން، އެ މުވައްޒަފުން ކުރާ މަސައްކަތް، އަގު ވަޒަންކުރެވި، ތަޢުލީމީ ސެޓްފިކެޓާއި، އަދި ޚިދުމަތުގެ ޒިންމާއާއި، މަގާމުގެ ޒިންމާއާއި، މިކަންކަމަށް ބަލަންޖެހޭ ގޮތަށް ބެލި، މި ހުރިހާ ކަމެއް ހާމަނައިޒް ކުރުން، ނިޒާމެއްގެ ތެރެއަށް ގެނައުން. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ. އަދި މި ނިޒާމުގެ ތެރެއަށް ދެން ހިޖުރަކުރަން ތިބި ފަރާތްތައް، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓުގައި އެވަނީ. އަޅުގަނޑު ދަންނަވާފައިވާ ފަދައިން އެއީ، މި އަންނަ އަހަރު ނިޒާމުގެ ތެރެއަށް ވަންނަ ފަރާތްތައް.

އިރާދަކުރެއްވިއްޔާ ސަރުކާރުން ރައްޔިތުންނަށްވީ ވަޢުދުތައް، ވެފައިވާގޮތަށް ފުއްދަމުންދާނަން. މިއަދާ ހަމައަށް އައިއިރުގައިވެސް، ހަމަ ޔަޤީނުންވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ އެގޮތުގައި. މިއަދު އަޅުގަނޑު ގަސްދެއްނުކުރަން، މި ހުރިހާ ތަފުސީލުތަކަކަށް ދާކަށް. ތަފުސީލުތަކަށް ނުދިޔަސް ޖުމްލަކޮށް މި ދެންނެވީ، ރައްޔިތުންނަށްވީ ހުރިހާ ވަޢުދަކީ، އަޅުގަނޑުގެ ޒިންމާއެކޭ އެ ވަޢުދުތައް ފުއްދުން. ސަރުކާރުން ކުރަމުން މިދަނީ، މުޅި ސަރުކާރު އެކުގައި، ސިވިލް ސަރވިސްގެ މުވައްޒަފުންނާއި މުޅި ނިޒާމު އެކުގައި، ގުޅިގެން މި ކުރަނީ އެ މަސައްކަތް.

ކޮންމެ ދާއިރާއަކުން ހާސިލުކުރެވުނުވަރާއި، ވީ ވަޢުދުތައް ހާސިލުކުރެވުނުވަރު ހިމެނޭ ތަފުސީލު ޕްރެޒެންޓޭޝަނަކާ އެކީގައި، އަޅުގަނޑު ގަސްދުކުރަން، މިދިޔަ އަހަރު ނޮވެންބަރު 17 ގައި ބޭއްވިފަދަ ބައްދަލުވުމެއް ހަމަ މި މާލަމުގައި، މި ނޮވެންބަރު 17 ގައި ބާއްވައި، އިރާދަކުރެއްވިއްޔާ، އެ ދުވަހު އެ ތަފްސީލަށް ދާން. ކޮންމެ ދާއިރާއަކުން ކުރެވިފައި ހުރި ކަންކަމުގެ މަޢުލޫމާތާއި، ނަތީޖާ އޭގެ ފެކްޓްސްތަކާ އެކީގައި ރައްޔިތުންނަށް ފޯރުކޮށްދިނުން، ދަންނަވާލަދިނުން، އަޅުގަނޑު ހިތުން ވަގުތުގެ ގޮތުންވެސް އެންމެ ރަނގަޅުވާނީ ވަކި ހަފުލާއެއްގައި އެކަން ކުރުން.

އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު މި ދަންނަވާލި ފަދައިން، ހުރިހާ ދާއިރާއަކުންވެސް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އަޅުގަނޑު ވީ ވަޢުދުތައް ފުއްދުމަށާއި، އޭގެފަހުންވެސް ރައްޔިތުންނަށް އަޅުގަނޑުވީ ވަޢުދުތައް ފުއްދުމަށް ސަމާލުކަންދީގެން.

މި އަހަރުގެ ފެބުރުވަރީމަހު ރައްޔިތުންގެ މަޖިލީހުގައި، ޤާނޫނީގޮތުން އަޅުގަނޑު އިއްވަންޖެހޭ ބަޔާން އިއްވިއިރުގައި، ރިޔާސީ ބަޔާނުގައި އަޅުގަނޑު ބަޔާންކުރި ކަންކަންވެސް މިގެންދަނީ އިރާދަކުރެއްވީތީ ވަރަށް މެޓިކިއުލަސްލީ، ވަރަށް ތަފުސީލީ ލެވެލްއަކަށް. ކޮންމެ ކަމެއް ވަކިން ހާސިލުވަމުންދާ ގޮތް ބަލައި، އެއިން ކޮންމެ ކަމެއް ހާސިލުކުރުމަށް ހުރީ ކޮން ދަތިތަކެއްތޯ ބަލައި، އެކަމެއް ހައްލުކުރުމަށް މި ނިޒާމުގެ ތެރެއިން ކަންކަން ކުރަމުން މިދަނީ. އިރާދަކުރެއްވީތީ، ރައްޔިތުންނަށް ފެނިގެން މިދަނީ، މިއިން ކޮންމެ ކަމެއް، މި ދެންނެވި މަގުން ހަމަޖެހެމުންދާ ތަން. މިއިން ކޮންމެ ކަމެއް މި ހާސިލުވަނީ އަދިވެސް ދަންނަވާލާނީ، ދިވެހި ލޮބުވެތި ރައްޔިތުންނާއި، މުޅި ނިޒާމުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއެކީގައޭ.

އެހެންނަމަވެސް، ކުރުކޮށްވިޔަސް ދެތިން ކަމެއް ފާހަގަކޮށްލަން އަޅުގަނޑު ގަސްދުކުރަން، މިއަދުގެ މި މުނާސަބަތާ ގުޅިގެން. އާދެ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވެސް ވަޢުދުވީ ފަދައިން، ޒިންމާދާރު، ޢަދުލުވެރި، އިންޞާފުވެރި ވެރިކަމެއް ކުރަން. ޢަދުލުވެރިވެވޭނީ އޭގެ ފުރިހަމަ މާނައިގައި އެކަން ކުރަން އުޅެފިއްޔާ. ސަރުކާރު ހިންގާ ނިޒާމަކީ، ކޮރަޕްޝަންގެ ވަބާގެ ތެރެއަށް އެ ގޮސްފައި އޮތްގޮތަށް ދާން އަނެއްކާވެސް ދޫކޮށްލައިގެން ތިބޭކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން ހުރެއްޖެނަމަ އެއީ، ޢަދުލުވެރި ވެރިކަމެއް ކުރެވޭނެގޮތެއް ނޫން.

އާދެ، ކޮރަޕްޝަން ނައްތައިލަންޖެހޭ. އަޅުގަނޑު ވަޢުދުވީ، މިކަން އިރޭޑިކޭޓް ކުރަން، ނައްތައިލުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށް. މިއީ، ވަކި މި ޤައުމުގައި އޮތް ކަމެއްނޫން. ކޮންމެތާކުވެސް އޮތް ނޭދެވޭ ސިފައެއް. މިކަން ނައްތައިލަން މަސައްކަތް ކުރަނީ ކިހާވަރަކަށްތޯ އެއީ، ތަފާތަކީ. މީހުން ބަލަންޖެހޭނެ ތަފާތަކީ. މިންކުރަންޖެހޭނެ ގޮތަކީ.

އާދެ، ހިންގުމުގެ ނިޒާމު ދެ ފުށް ފެންނަގޮތް ހެދުން، ޖަވާބުދާރީވެވޭވަރު އިތުރުކުރުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ނައްތައިލުން އެއީ، ސަރުކާރު ހަރުދަނާކުރަން، ނިޒާމު ރަނގަޅުކުރަން، ޢަދުލުވެރި ކުރަންޏާ ކުރަންޖެހޭނެ އެންމެ މުހިންމު އެއްކަމަކީ.

އެގޮތުން އިރާދަކުރެއްވިއްޔާ، މި ކުރެވޭ މަސައްކަތުގެ ތެރެއިން، މި އަންނަ އަހަރު ވެގެން މިދަނީ، މި ގަވަރނަންސް ނިޒާމު ހަރުދަނާކުރުމުގެ އެންމެ މުހިންމު، އެންމެ ބޮޑު އެއް މަސައްކަތް ފެށޭ އަހަރަށް. ޑިޖިޓަލައިޒޭޝަން މޯލްޑިވްސް 2.0ގެ ބޮޑު މަސައްކަތް. ގިނަފަހަރު ކޮރަޕްޝަންގެ ޢަމަލު މި ހިންގެނީ، ނޫނީ ހިންގަނީ، އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަ ފަރާތްތަކަށް. އެންމެ ދަށު ލެވެލްގެ ވަޒީފާއިން ފެށިގެން މެދުފަންތިއާ ހަމައިގައި އާންމުކޮށް އެންމެ ގިނައިން. އަދި އެންމެ މަތީގައިވެސް ހިނގާ.

އެހެންނަމަވެސް، މިސާލަކަށް ދަންނަވަންޏާ، ޚިދުމަތެއް ދިނުމަށް ރައްޔިތުންގޮސް ބައްދަލުކުރާ މީހާ، އޭނާ ގާތުން އެ ޚިދުމަތް ދިނުމުގައި، އޭގެތެރެއިން އަމިއްލަ ފައިދާއެއް ނެގެން ފުރުޞަތު އޮންނަ މީހާ އެކަން ކުރާވަރު، އަބަދުވެސް ގިނަ. މިސާލަކަށް ދަންނަވަންޏާ، ވަރކް ޕަރމިޓެއް އާކުރުން، ނޫނީވިއްޔާ ބޭރުމީހުންގެ އެކިކަހަލަ ވިސާގެ ކަންތައް ކުރުން. މި ހުރިހާ ކަމެއް، މިއީ މި ނިޒާމުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް މިހާތަނަށް އޮތް ކަންތައް.

އިއްޔެ އަޅުގަނޑުމެން މިވަނީ، އިމިގްރޭޝަން ސަރވިސް އެކީގައި ޑިޖިޓަލައިޒް ކޮށްފައި. ހިއުމަން އިންޓަރވެންޝަން ގާތްގަނޑަކަށް ހުއްޓާލެވިފައި. މާނައަކީ، އަމިއްލައަށް ރައްޔިތަކު، މީހެއް ކައިރީގައި ބުނެގެން، އާދޭސްކޮށްގެން، ދެން އެކަމުގައި ކޮރަޕްޝަން ހިންގަން ފުރުޞަތު ނޯންނާނެ ގޮތަށް، އޮޓޯ ސިސްޓަމަކުން ޑިޖިޓަލައިޒްކޮށް، ހުރިހާ ކަމަކަށް އެޕްލައި ކުރެވި، އެކަން ކުރިއަށްދާގޮތް ބެލި، އޭގެ ޖަވާބު ލިބި، އެއީ ޕާސްޕޯޓް ކަމުގައިވިޔަސް، ވިސާ ކަމުގައިވިޔަސް، މި ހުރިހާ ކަމެއްގައިވެސް މި ހުންނަ ލޭޔަރުތައް، އޭގެތެރޭގައި ނުފޫޒު ފޯރުވުމުގެ ފުރުޞަތުތައް ނައްތައިލެވޭނެ ގޮތް ޤާއިމުކޮށްފައި.

މިސާލެއް ދެންނެވުމުގެ ގޮތުން މި ދެންނެވީ، މޯލްޑިވްސް 2.0 ވެގެންދާނީ، އިރާދަކުރެއްވިއްޔާ ގަވަރނަންސް ނިޒާމުން، ސަރުކާރުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތައިލުމަށް މި ސަރުކާރުން ކުރާނެ އެންމެ ބޮޑު މަސައްކަތަށް. މި އަންނަ އަހަރުގެ ބަޖެޓު ތިޔަބޭފުޅުން ބައްލަވައިލެއްވީމާ ފެނިވަޑައިގަންނަވާނެ، އެ މަސައްކަތަށް ބޮޑު އަދަދެއް ހިމަނާފައި އެވަނީ. އެކިއެކި އޮފީސްތަކުގެ އެކި ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، މުޅިން ޕޭޕަރލެސް ކުރުމަށް، މި ހުރިހާ ކަމެއް ކުރުމަށް. އަޅުގަނޑުމެން ބޭނުންވަނީ، ރައްޔިތުންނަށް ދޭ ޚިދުމަތް އެއީ، އެންމެ އަވަސްކޮށް ދެވޭ، އެންމެ އެފިޝަންޓްކޮށް ދެވޭ، އޭގައި ކޮރަޕްޝަން ނެތް ޚިދުމަތްތަކަށް ހަދަން. އެހެންވީމާ، އެކަން ކުރުމަށްޓަކައި، މި ޑިޖިޓަލައިޒް ކުރުމުގެ ބޮޑު ޤައުމީ މަސައްކަތް އަޅުގަނޑުމެން މި ލޯންޗްކުރީ، ފެށީ. މިކަމުގައި މުޅި ދައުލަތް ބައިވެރިވޭ. ހަމައެކަނި ސަރުކާރުގެ އޮފީސްތަކެއް ނޫން. ޖުޑީޝަރީ ބައިވެރިވޭ. ރައްޔިތުންގެ މަޖިލިސް ބައިވެރިވޭ. ބޭންކުތައް ބައިވެރިވޭ. ސަރވިސް ޕްރޮވައިޑަރުން، ހުރިހާ ފަރާތްތައް، މުޅި ދައުލަތް ބައިވެރިވޭ. އެންމެން ގުޅިފައި އޮންނަ ނިޒާމެއްގެ ތެރެއިން، އިންޓަރ އޭޖެންސީ ނެޓްވަރކެއް ޤާއިމުކުރާނަން. އޭގެތެރެއިން ޚިދުމަތްތައް ދިނުމުގައި އަވަސްވެގެންދާނެ. އެއްތަނެއްގައި ހުރި މަޢުލޫމާތު، އަނެއް އޮފީހަކުން ދޭ ޚިދުމަތާ ގުޅޭވަރަށް، ވަގުތުން އެ ނިޒާމުގެ ތެރެއިން، ނެޓްވަރކްގެ ތެރެއިން ހޯދުން. މާބޮޑަކަށް ތަފުސީލަކަށް ދާކަށް ބޭނުމެއްނޫން. ކުރުކޮށް މި ދަންނަވާލީ.

އެހެންވީމާ، ގަވަރނަންސް ނިޒާމު ހަރުދަނާކުރުމަކީ، މި އަންނަ އަހަރަށް އަޅުގަނޑުމެން މި ކަނޑައަޅާ، އެންމެ މުހިންމު އެއް ކަންތައް، މޯލްޑިވްސް 2.0ގެ ތެރެއިން. މިއީ ތިން އަހަރުގެ މަސައްކަތެއް. މި އަހަރުން ފެށިގެން މި ފެށީ. އެހެންނަމަވެސް، މި އަންނަ އަހަރަކީ ފުރަތަމަ އަހަރު. ދެން، އެއާ ޖެހިގެން އޮތް އަހަރު، ބޮޑުބައި ނިމޭނެ. 2028ގެ މެދަކާ ހަމައަށްދާއިރު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަނޑައަޅާފައި ހުރި ޓާގެޓްތަކަށް ދާއިރުގައި، ކޮންމެ ރައްޔިތެއްގެ ޚިދުމަތް، އެ ރައްޔިތެއްގެ އަތުން ފެންނަގޮތަށް، އެ މީހަކު ކުރަން ބޭނުންވާ ކަމެއްގައި، އެއީ ޞިއްޙީ ދާއިރާއިންވިޔަސް، ދެން ކޮންމެ ދާއިރާއަކުން ކަމުގައިވިޔަސް، އަތުގައި އޮންނަ އައިޑެންޓިޓީ ކާޑަކީ، ފުލީ ޑިޖިޓަލައިޒް ނިޒާމެއްގެ ތެރެއަށް ވަދެގެންދާ އައިޑެންޓިޓީ ކާޑަކަށް ވެގެންގޮސް، ހުރިހާ ކަމެއް ފެންނަގޮތަށް އޮންނާނީ މި ޚިދުމަތް ޤާއިމުކުރެވިފައި. މުޅި ރައްޔިތުން މީގައި ބައިވެރިވެގެން ވާނެ ކަމެއް މިއީ. ކޮންމެ ކަމެއްގައިވެސް ހުންނާނެ ރެސިސްޓެންސް. އޭގައި ބަދަލުތައް ގެނައުމުގައި، ޒުވާނުން އަމުދުން މީގައި އެހީތެރިކަން ދޭންޖެހޭނެ ކަމެއް. އުމުރުން ދުވަސްވީ އިސް ރަށްވެހިންނަށް އެކަމުގައި ބައިވެރިވުމުގެ އެހީތެރިކަން، އެ ޒުވާނުންގެ މައިންބަފައިންނާއި ފަރާތްތަކަށް ދީގެން، މުޅި މުޖުތަމަޢު، އަޅުގަނޑުމެންގެ އާބާދީގެ އެންމެން މީގައި ބައިވެރިވެވޭ ގޮތަށް، ކުރިއަށް އޮތް ދެ އަހަރާބައިގެ ތެރޭގައި، އަޅުގަނޑުމެން މި ޚިދުމަތުގެ ނިޒާމުގެ ތެރެއަށް، ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ވަންނަން އެބަޖެހޭ. އެހެންވީމާ، މައިގަނޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވީ މިކަންތައް.

ޖުމްހޫރީ ވެރިކަމެއްގައި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަމަކީ، ދެފުށް ފެންނަގޮތަށް، އިންޞާފުވެރިކޮށް، ޢަދުލުވެރިކޮށް ޚިދުމަތްދިނުން ކަމުގައިވާއިރުގައި، މިކަން ކުރުމުގައި އޮތް އެންމެ ބޮޑު ވަބާއިން ސަލާމަތްވުމަށްޓަކައި، އަޅުގަނޑުމެން ޑިޖިޓަލައިޒޭޝަންގެ ތެރެއަށްދާން ނިންމި މި ނިންމުމަކީ، އެންމެ ބޮޑަށް އަޅުގަނޑު ފާހަގަކުރަން ބޭނުންވާ ކަންތައް. މިކަން ކާމިޔާބު ވާނީ، އެންމެންވެސް މިކަން ބަލައިގަނެގެން، އެމްބްރޭސް ކޮށްގެން، މިކަން ކުރަން ނިންމައިގެން، ބޭނުންވެގެން. އަޅުގަނޑުމެން ކޮރަޕްޝަންގެ ޢަމަލުތަކާ ދުރަށްދާން ނިންމިވަރަކަށް، އަޅުގަނޑުމެންނަށް ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދެވޭނީ.

އާދެ، ހަމައެއާއެކީގައި، ދެވަނަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނީ، ދައުލަތް ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅުގަނޑު ވީ ވަޢުދުގެ ތެރެއިން، މިހާރު ކުރިއަށް އޮތް އަހަރަށް ހުށަހެޅިފައިވާ ބަޖެޓުގައި އެވަނީ، ޝަރުޢީ ދާއިރާ އޭގެ އަޞްލު މާނައިގައި މިނިވަންކޮށްފައި. ހިންގުން ވަކިކޮށްދީފައި. ޚިދުމަތް ދިނުމުގައި އަމިއްލައަށް ޚަރަދުކުރެވޭނެ ގޮތް ޤާއިމުކޮށްދީފައި. ބަޖެޓުގެ ވަކި އިންސައްތައެއް، އެއީ، މުޅި ޖުޑީޝަރީއަށް ކަނޑައަޅައި، ވަކި އިންސައްތައެއް ގޮތުގައި ކަނޑައަޅައި، ވަކި އެކައުންޓެއް އެމް.އެމް.އޭ.ގައި އުފައްދައި، އެ އެކައުންޓް ތެރެއިން ޖުޑީޝަރީގެ ޚަރަދުތައް ކުރެވޭނެގޮތް، ޖުޑީޝަރީގެ އަތްމައްޗަށް ދޫކޮށްލަނީ. ހިންގުމުގެ ޚަރަދުތައް ވަކިކޮށްދިނީ. މިނިވަންކޮށްދެނީ. މިނިވަންކަމާއެކީގައި ޚިދުމަތް ކުރުމުގައި، އެއީ ވަސީލަތުގެ ގޮތުން ކަމުގައިވިޔަސް، މުވައްޒަފުން ހޯދުން ކަމުގައިވިޔަސް، އަދި އެހެން ގޮތްގޮތުންވިޔަސް، އެ ބަޖެޓުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރެވޭނެގޮތް، ކޮންމެ ދުވަހަކު ވަކި ތަނަކުން ހުއްދަ ހޯދަން ނުޖެހޭގޮތަށް މިނިވަން މި ކޮށްދިނީ.

އޭގެއިތުރަށްވެސް، ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތްވެސް، ދާދި އަވަހަށް ފެށޭތޯ މަސައްކަތް ކުރަމުން މިދަނީ. އޭގެއިތުރަށްވެސް ކުރަން ހުރި ކަންކަން ސަރުކާރުން މަގުފަހިކޮށްދޭނެ. އަޅުގަނޑުމެން ބޭނުންވަނީ، ޖުޑީޝަރީއަކީ މިނިވަންކަމާ އެކީގައި، ޢަދުލުވެރިކަމާ އެކީގައި ހިނގާ ޖުޑީޝަރީއަކަށް ހަދަން. އަޅުގަނޑު ވީ އެންމެ މުހިންމު އެއް ވަޢުދު މިއީ، އާންމު ބަހުން ކިޔަންޏާ، "ވާނުވާ" މި މައްސަލަ ނިންމުން. މިކަން ނިމޭނީވެސް އެކަމަށްޓަކައި ފެސިލިޓޭޓް ކޮށްދޭންޖެހޭ، ނޫނީވިއްޔާ ފަހިކޮށްދޭންޖެހޭ ކަންކަން ކޮށްދެވިގެން. އެހެންވީމާ، ކްރިމިނަލް ކޯޓަށްވެސް ވަކިން އިމާރާތް އަޅައިދީ، ކަންކަން ކޮށްދީ، ޑްރަގް ކޯޓުވެސް ހިންގޭގޮތަށް، އެކަންކަން ފަހިކޮށްދިނީ ސަރުކާރުން އިސްކަންދީގެން. ޖުޑީޝަރީގެ ބަޖެޓުވެސް މި ވަކިކޮށްދިނީ. ޖުޑީޝަރީގައި މިހެންހުރި ނިންމަންޖެހޭ މައްސަލަތައް، އަވަހަށް ނިންމަން ސަރުކާރަށް ކޮށްދެވެންހުރި ހުރިހާ ކަމެއް މި ކޮށްދެނީ.

އަޅުގަނޑު އެދެނީ، ޝަރުޢީ ދާއިރާއިން އަވަސްމިނެއްގައި، މިހާރު ކޯޓަށް ގެނެސްގެން ނިންމަންޖެހިފައި، މިކިޔާ، "ވާނުވާ"ގައި ތިބި އެންމެންގެ މައްސަލަތައް އަވަހަށް ނިންމައިދޭން. އެގޮތަށް ވާނުވާގައި މީހުން ތިބެގެންނުވާނެ. އެ މީހުންގެވެސް ޙައްޤުތަކެއް ހުންނާނެ. އެހެންވީމާ، ޢަދުލުވެރިކަމާއި، އިންޞާފުވެރިކަމާ އެކީގައި، އަޅުގަނޑަށް ހަމަ 100 ޕަސެންޓް ޔަޤީން، ޖުޑީޝަރީން ވަރަށް އަވަހަށް މިކަން ނިންމަވާނެ. ޤާނޫނީ ނިޒާމުގެ ތެރެއިން ކޮށްދޭންޖެހޭ ކަމެއްވިއްޔާ، ސަރުކާރުން ކަމާބެހޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ވިއްޔާ، ފުރިހަމަ އެއްބާރުލުން ދޭނަން، ގެންނަންޖެހޭ އިޞްލާޙަކަށްވެސް. އެހެންވީމާ، ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަމުގައްޔާއި އަދި އެހެނިހެން ކަންކަމުގައި މި ސަރުކާރު އޮންނާނީ މި ނިޒާމު ހަރުދަނާ ކުރުމުގައި، ޗެކް އެންޑް ބެލެންސް ނިޒާމު ޤާއިމުކޮށްދިނުމުގައި، ފުރިހަމައަށް އެއްބާރުލުން ދިނުމުގައި. އެކަމުގައި ޝަރުޢީ ދާއިރާއިން ކުރައްވާ މަސައްކަތްތަކަށްވެސް އަޅުގަނޑު ފަށްފަށުން ޝުކުރުވެސް ދަންނަވަން.

އާދެ، އެއާއެކީގައި، ފަހުކަމަކަށް، އަޅުގަނޑު ކުރިންވެސް ދެންނެވިން، ހުރިހާ ކަމެއްގެ ތަފުސީލު، 17 ވަނަ ދުވަހުގެ ބައްދަލުވުމެއްގައި ދޭނެ ވާހަކަ. އެހެންނަމަވެސް، ފަހުކަމަކަށް، ކުރިއަށް އޮތް އަހަރަށް، އަދި މި އަހަރުގެވެސް ބާކީއޮތް ދުވަސްތަކުން ފެށިގެން ފާހަގަކޮށްލަން ބޭނުންވާ މައިގަނޑު އެއްކަމަކީ، ހަމަ އެންމެ ބޮޑު މައްސަލައިގެ ވާހަކަ. ގެދޮރުގެ މައްސަލަ، ބޯހިޔާވަހިކަން. އާދެ، މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ، އިޤްތިޞާދީ ކަންކަމާއި، ޤައުމީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގެ ކަންކަން ކުރަމުންދާއިރުގައިވެސް، މި އިޖުތިމާޢީ އެންމެ ބޮޑު މައްސަލައަށް ޙައްލެއް ގެނައުން. ގޯތިގެދޮރުގެ މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުން. މިކަމަށްޓަކައި، މިހާރު އަޅުގަނޑުމެން ވާނީ، އެނގިވަޑައިގަންނަވާނެ ފަދައިން، ދާދި އިހަކަށްދުވަހު، ރާއްޖޭގެ 13 ރަށެއްގައި، 825 ހައުސިންގ ޔުނިޓު އެޅުމަށްޓަކައި ފައިނޭންސްގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ނިޒާމެއްގެ ތެރެއިން، އެގްރީމަންޓްތަކެއް ހަދައި، އެކި ފަރާތްތަކާ ހަވާލުކޮށްފައި.

މިއީ އަޅުގަނޑު ވެފައި ހުރި އެކި ވަޢުދުތަކުގެ ތެރެއިން ބައިކުޅަބައެއް. 825 ޔުނިޓު 13 ރަށެއްގައި މި އަޅަނީ، އެއީ ކޮންމެހެން އަޅުގަނޑު އެ ރަށްތަކުގައި ވަޢުދުވީ ހުރިހާ ޔުނިޓުތަކެއް ނޫން. ބައެއް ރަށްތަކުގައި 200 ޔުނިޓު އަޅަންހުރި ރަށްރަށުގައި، 25 ޔުނިޓުވެސް ހުންނާނެ ހަވާލުކޮށްފައި. އެހެންނަމަވެސް، އެ ވަޢުދުތައް ފުއްދުމަށްޓަކައި މިވަނީ މިހާރު މަސައްކަތް ހަވާލުކުރެވިފައި. މި ދެންނެވިހެން، މާލޭގައިވެސް، ބޯހިޔާވަހިކަމުގެ ތެރެއިން އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމަށްޓަކައި ދާދި އަވަހަށް، މި އަހަރު ގިނަ ދުވަހެއް ބާކީއެއް ނެތް. އެހެންނަމަވެސް، ހަމަ މި އަހަރު ތެރޭގައި މުހިންމު މަޝްރޫޢުތަކެއް އެބަ ފަށަން. އިރާދަކުރެއްވިއްޔާ، މިކަންކަމުގެ ތަފުސީލު، ކުރިއަށް އޮތް ދުވަސްތަކުގައި ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

ޖުމްލަކޮށް ހައުސިންގ ޔުނިޓަށް ބަލާނަމަ، މާލޭގައި މި އަހަރު ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ބާކީ މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި، 3,000 ހައުސިންގ ޔުނިޓުގެ އެގްރީމަންޓެއްގައި، ކަމާބެހޭ އުސޫލުތަކުގެ ތެރެއިން ސޮއިކޮށް، މަސައްކަތް ހަވާލުކުރަން. އަދި އޭގެއިތުރަށްވެސް، ބޭރުގެ އެހީގެ ތެރޭގައި ހިމެނިފައި ހުރި، އެކިއެކި އަދަދުތައްވެސް އެބަހުރި. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން، 4,000 ހައުސިންގ ޔުނިޓެއްވެސް ހަމަޖެހިފައި އޮތީ. އޭގެ މަސައްކަތްތައްވެސް އެބަ ހިނގާ. އަދި އެހެނިހެން ޤައުމުތަކުގެ އެހީތެރިކަމާ އެކީގައިވެސް މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓްތައްވެސް އެބަހުރި. އެހެންވީމާ، ކުރުގޮތަކަށް ދަންނަވަންޏާ، މާލޭ ސަރަހައްދުގައިވެސް ޢަމަލީގޮތުން، ރިއަލިސްޓިކަލީ މާގިނަ ދުވަހެއް ނެތި، ޢަމަލީ މަސައްކަތް ފެށޭނެ، ގާތްގަނޑަކަށް 7,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުގެ މަސައްކަތް އެވަނީ ތަރުތީބުކުރެވިފައި.

މީގެއިތުރަށް، ގޯތި ދޫކުރުމަށްޓަކައި، ބިން ހިއްކުމުގެ މަސައްކަތްތައްވެސް މިހާރު އެވަނީ ހުރިހާ ކަމެއް ހަމަޖެހިފައި. ފެނިވަޑައިގަންނަވާނެ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީއޮތް ސަރަހައްދު ހިއްކުމުގެ މަސައްކަތް އިއްޔެ ފެށުނުތަން. އެގްރީމަންޓްގައި ސޮއިކުރެވި، ފައިސާ ހަމަޖައްސައި، ހުރިހާ ކަމެއް ތަރުތީބުކޮށްގެން އިއްޔެ ވަނީ، ގިރާވަރުފަޅުގެ ބާކީއޮތް ބައި ހިއްކުމަށްޓަކައިވެސް އެގްރީމަންޓް ކުރެވިފައި. އެ މަސައްކަތަށް ބޭނުންވާ ޑްރެޖަރުވެސް މި މަސް ތެރޭގައި އަންނާނެ. ޑްރެޖަރު އައުމުން މަސައްކަތް ފެށޭނެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވީ އެއް ވަޢުދު، ގޯތިތައް ދޫކޮށްފައިވާ ފަރާތްތަކުން، އެ ގޯތިތައް އަތުނުލައި، ގޯތިތައް ހަވާލުކުރާނެ ކަމުގެ ވަޢުދު. އެހެންނަމަވެސް، އެ ގޯތިތައް ދީފައިހުރީ ކަނޑުން ކަމަށްވާތީ، އެތަން ހިއްކާފައޭ ދެވޭނީ. އެހެންވީމާ، ހިއްކުމަށްޓަކައި ގެންނަންޖެހޭ ޑްރެޖަރުތައް ގެނެވި، މިހާރު އެ ހިއްކަނީ. އެހެންވީމާ، މި މަސް ތެރޭގައި ގިރާވަރުފަޅުވެސް ހިއްކަން ފަށާނެ. އަދި މި އަހަރު ނިމުމުގެ ކުރީގައި، އަޅުގަނޑު ރިޔާސީ ބަޔާނުގައި ދެންނެވި، އުތުރުތިލަފަޅުގެ މަސައްކަތްވެސް ފަށާނެ. އަދި ހަމަ ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވިން، ރަސްމާލޭގެ ވާހަކަވެސް. މިހާރު ތިޔަބޭފުޅުން މިއަދު ވަޑައިގެން ބެއްލެވިޔަސް ފެނިވަޑައިގަންނަވާނެ، ތިން ސަރަހައްދެއްގައި ރަސްމާލޭގައި ބިން ހިއްކަން ފަށައި، ބައެއް ސަރަހައްދުތައް އެއޮތީ ހިއްކައި ނިމިފައި، ހިއްކަމުންވެސް އެބަދޭ ނޮންސްޓޮޕް، މެދުނުކެނޑި. އެ މަސައްކަތް ތިންގުނައަށް ބާރުވާނެ، މި އަންނަ މަސް ތެރޭގައި. މާނައަކީ، އިތުރު ޑްރެޖަރުތަކަށް އަޅުގަނޑުމެން ވާނީ އެގްރީމަންޓް ހަދައި، ފައިސާ ދައްކާފައި. ތިންގުނައަކީ ހަމަ ލަފުޒީ މާނައިގައި ތިންގުނަވާތީ މި ދެންނެވީ، ތިންގުނަ ސްޕީޑް އަވަސްވެ، ހިއްކުން އަވަސްވާނެ މި އަންނަ މަހު، ޑިސެންބަރުގައި. އެހެންވީމާ، ރަސްމާލޭގެ 1,100 ހެކްޓަރުގެ ބިން ހިއްކުންވެސް ވަރަށް ބާރު ސްޕީޑްގައި، އަދި އިތުރަށް ތިންގުނަ ބާރުވެގެންދާ ގޮތަށް އެދަނީ ކުރިއަށް.

އާދެ، ރަސްމާލެއަކީ، މި ދެންނެވި ފަދައިން، ހުޅުމާލެއާއި، ގުޅީފަޅާއި، ގިރާވަރުފަޅާއި، އުތުރުތިލަފަޅު، މި ތަންތަނުގެ އިތުރަށް، މި ސަރަޙައްދުން ބޯހިޔާވަހިކަން ދިނުމަށްޓަކައި ހިއްކާ، އަދި ރާއްޖޭގައިވެސް މިހާތަނަށް ހިއްކޭނެ، ހިއްކާ، އެންމެ ބޮޑު ބިން.

އާދެ، މި ތަންތަން މި ހިއްކަނީ، މި ސަރަހައްދު މި ހިއްކަނީ، މި މާލޭގައި އޮތް އެންމެ ބޮޑު މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި. މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ނުލިބި، އެތައް އަހަރެއްވެގެން ގޮސްފައި މިވާ މައްސަލައަށް، ދާއިމީ ޙައްލު ގެނައުމަށްޓަކައި. އާދެ އެހެންވީމާ، ބިން ހިއްކުން ބާރަށް ކުރިއަށްދާތީ، އަޅުގަނޑުމެން އިސާހިތަކު މި ހުޅުވާލަނީ، ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އިޢުލާނުކުރާނަން ތަފުޞީލުތަކާ އެކީގައި، މި ގޯތިތަކަށް ކުރިމަތިލާން، ގޯތި ބޭނުންވާ ފަރާތްތައް އެއަށް ކުރިމަތިލުމަށް. އާދެ، އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް، އެއްވެސް ބޯހިޔާވަހިކަމެއް މިހާތަނަށް ނުލިބޭ، 18 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށްގެން، އެންމެ ނީޑީ ފަރާތްތަކަށް އެންމެ ފުރަތަމަ ލިބޭނެ ނިޒާމުގެ ތެރެއިން، ޢާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓްގައި، އަޅުގަނޑު ވީ ހުރިހާ ވަޢުދެއް އޭގައި ފުދިގެންދާ ގޮތަށް، މި ހުޅުވާލަން ނިންމާފައި މިވަނީ. ތަފުސީލުތައް އިޢުލާނު ކުރެވިގެންދާނެ.

އާދެ، ރަސްމާލެއިން އަޅުގަނޑުމެން މިހާރު މި ހިއްކާ ބިމުން، ފުރަތަމަ ބުރުގައި އަޅުގަނޑުމެން މި އަންނަ އަހަރު، ކުރިއަށް އޮތް ފަސްމަހެއްހާ ދުވަހުގެ ތެރޭގައި ހިއްކޭނެ ބިމުގައި، 15,000 ގޯތި ދިނުމަށްޓަކައި އަޅުގަނޑުމެން މި ހުޅުވާލަނީ. 15,000 ގޯތި ދޭނީ އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، މާލޭ ރަށްވެހިންނަށް. މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވީ ފަރާތްތަކަށް. މާލޭ ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކަށް. މި ފަރާތްތައް ހިމެނޭހެން، ޖުމްލަކޮށް މި މާލޭގައި މި ދިރިއުޅޭ އެކި ފަރާތްތަކަށް. މާލޭގައި އޮތް ބޯހިޔާވަހިކަމުގެ، ގޯތީގެ މައްސަލަ ދާއިމީކޮށް ޙައްލުކުރުމަށް. ކުދިކުދި ގޯޅިތަކުގައި ހުރި ގެތައް ހެދުމަށް ބޭންކުން ލޯނު ނުނެގޭތީ، އެ ގޯތިތައް އެކީގައި ދޫކޮށްލާފައި، ލާޖައްސާ އުސޫލުންނޭ މިކިޔާގޮތަށް، ބިން ބޭނުންވާ ފަރާތްތަކަށް، މި ހުރިހާ ފަރާތްތަކެއްވެސް ހިމެނޭގޮތަށް.

އަޅުގަނޑު ވެފައި ހުންނާނެ އެކި ވަޢުދުތައް. މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ދޭނެކަމަށް. ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއި، އެކަނިވެރި މައިންނާއި ބަފައިންނަށް، މައިމުޅަވެފައިވާ ފަރާތްތަކާއި، ޒުވާނުންނާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ޓެކްސީ ޑްރައިވަރުންނާއި، އެކިއެކި މުއައްސަސާތައް، ޖުމްލަކޮށް ދަންނަވަންޏާ، ވަރަށް ގިނަ މުއައްސަސާތަކުގެ ނަން ހުންނާނެ ދަންނަވާފައި، އެ ހުރިހާ މުއައްސަސާތަކާއި، އަދިވެސް ޖުޑީޝަރީއާއި، މިހެންގޮސް އެކި ދާއިރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން. މި ހުރިހާ ފަރާތްތަކަށް އެކި އަދަދުތަކުން މި ގޯތިތަކަށް ކުރިމަތިލެވޭނެ. އެހެންވީމާ، އަޅުގަނޑުމެން މި ހުޅުވާލަނީ، މި ބިން ހިއްކުން ނިމެންވާއިރަށް، މި ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި ނިންމަން. އެހެންވީމާ، ގޯތި ބޭނުންވާ ހުރިހާ ފަރާތްތަކަށް، މާލޭ ސަރަހައްދުން ދެވޭނެ ގޯތިތައް ދީ ނިންމަން.

ދެން، މި ދެންނެވިހެން 7,000 ފްލެޓްގެ މަސައްކަތް މި ފެށެނީ. އެ ފްލެޓްތައްވެސް އަޅުގަނޑު ވަޢުދުވީގޮތަށް، މި ދެންނެވި ކެޓެގަރީތަކަށް ފިޓްވާގޮތަށް، މީގެތެރޭގައި މިދިޔަ ސަރުކާރު ނޫން، ކުރީ ސަރުކާރުން ފައިނަލް ލިސްޓުގައި ހިމަނައި، މިދިޔަ ސަރުކާރުން އެއްވެސް ބެލުމެއްނެތި، އަނިޔާވެރިކަމާ އެކީގައި ފްލެޓުތައް އަތުލި ފަރާތްތަކަށް، އަޅުގަނޑު ވަޢުދުވިން ފްލެޓް ދޭނެކަމަށް، އެމީހުންނަށް ބޯހިޔާވަހިކަން ލިބިފައިނެތީމަ، އެ ފަރާތްތަކަށާއި، މި ހުރިހާ ފަރާތްތަކަށް ފްލެޓް ލިބިގެންދާނެ. އެހެންވީމާ، އަޅުގަނޑުމެން ވެފައި އޮތް މި ވަޢުދު ފުއްދުމަށްޓަކައި ސަރުކާރުން ވަރަށް ސަމާލުކަންދީގެން، އެކަން ކުރެވޭނެ ހިސާބަށް ގެނެސްފައި މިއޮތީ މިހާރު. އެކަން މިއޮތީ ފެށިފައި. އަޅުގަނޑު ގަސްދުކުރީ މިފަދަ ދުވަހެއްގައި، މިފަދަ މުހިންމު ކަމެއް ބަޔާންކޮށްލުމަކީ، ހަމަ އެންމެ ރަނގަޅުގޮތް ކަމަށް. އިރާދަކުރެއްވިއްޔާ، މި ގޯތިތަކަށް ކުރިމަތިލެވޭނެގޮތް، އާދެ، "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ތެރެއިން، އަޅުގަނޑު މި ދެންނެވި ގޮތަށް، ދާދި އަވަހަށް މި ހުޅުވާލަނީ.

އޭގެއިތުރަށްވެސް، އަޅުގަނޑު ކުރިން ދެންނެވި ފަދައިން، ވަރަށް ގިނަ ކަންކަން، ނިޒާމުގެ ތެރެއިން އަޅުގަނޑުމެން މިވަނީ ތަރުތީބުކޮށްފައި. މި އަންނަ އަހަރު ވެގެންދާނީ، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް އިތުރަށް ހަރުދަނާކުރެވި، ދެފުށް ފެނި، ކޮރަޕްޝަންގެ ވަބާއިން އިތުރަށް ސަލާމަތްކުރެވިފައި އޮތް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްދެވޭ އަހަރަކަށް. މި އަހަރު ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ، ރައްޔިތުން ގާތަށް ވީވަރަކުން ދެވޭތޯ ބަލައި، ގޮސް، އެ ރައްޔިތުން ބޭނުންވާ ކަންކަން ވީހާވެސް ގާތުން އަޑުއަހައި، އޮޅުންފިލުވޭތޯ. އިރާދަކުރެއްވީތީ، ހުރިހާ ރައްޔިތުން ދެއްވި އެއްބާރުލެއްވުމުން އެކަން ކުރެވިއްޖެ. ހުރިހާ ރަށަކަށް އިރާދަކުރެއްވީތީ ދެވިއްޖެ. ރައްޔިތުންނާ ބައްދަލުވެވިއްޖެ. ރައްޔިތުންގެ މަންދޫބުންނާ ބައްދަލުވެވިއްޖެ. މުއައްސަސާތަކުގެ ވެރިންނާވެސް ބައްދަލުވި. އެ ހުރިހާ ރައްޔިތުންނާއި، މުއައްސަސާތަކާއި، މަންދޫބުން ބޭނުންވެލައްވާ ކަންކަންވެސް ގާތުން އޮޅުންފިލުވިއްޖެ. އެކަންކަން ޙައްލުކުރުމުގެ ކަންކަން، ލަފްޒީ މާނައިގައި ދަންނަވަންޏާ، 24 ގަޑިއިރު އެދަނީ ސަރުކާރުގެ ތެރެއިން ކުރަމުން. އޭގެ ނަތީޖާތައް ފެންނަމުން.

އާދެ، އަދިވެސް އެއްފަހަރު، ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރިސްކުރަން. މި ޖުމްހޫރީ ދުވަހު މި ހާސިލުވެގެންދާ ނަތީޖާތަކަށްވުރެ އުފާވެރި، ކާމިޔާބު ނަތީޖާތަކެއް މި އަންނަ ޖުމްހޫރީ ދުވަހު، ރައްޔިތުންނާ ޙިއްޞާކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް ދެމުން، اللهُ سُبْحَانَهُ وَتَعَالَىއަށް ދުޢާ ދަންނަވަމުން ވަކިވެލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި ޤައުމު އުފާފާގަތި، މިނިވަން، ތަރައްޤީވެފައިވާ ޤައުމެއް ގޮތުގައި ހެދުމަށް، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި ބަރަކާތް މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.