"ވާނުވާ ބަންދުގައި" ބަޔަކު ތިބެގެން ނުވާނެކަމަށާ، ކޯޓު މަރުހަލާގެ ތެރެއިން ނިންމަންޖެހިފައި ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމެވުމަށް ގޮވާލައްވައި، ޢަދުލުވެރިކަމާއި، އިންސާފުވެރިކަމާއެކު އެކަން އެގޮތަށް ކުރައްވާނެކަމުގެ ސައްތަ އިންސައްތަ ޔަޤީންކަން ޖުޑީޝަރީގެ މައްޗަށް އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
"ވާނުވާ ބަންދު"ގެ މައްސަލައަށް ނިމުން ގެނެސްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅަކަށް ވާއިރު، ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރި ކަމަށާ، ސަރުކާރުން މިހާރުވެސް މި ރޮނގުން މަސައްކަތްތައް ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމަށް އިސްކަންދެއްވައިގެން ޖުޑީޝަރީއަށް ބޭނުންވާ ޖާގަ ހަމަޖައްސަވައިދެއްވުމާއި، ދަޢުލަތުގެ ބަޖެޓު ކަނޑައަޅުއްވުމުގައި ޖުޑީޝަރީގެ ބަޖެޓް ވަކިކޮށްދެއްވާފައި ވަނީވެސް، މި ސަބަބާހެދިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެގޮތުން ޖުޑީޝަރީގެ ތެރެއިން ނިންމަންހުރި ކަންކަން ނިންމުމަށް ސަރުކާރުން ކޮށްދޭންޖެހޭކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ޤާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ އިސްލާހެއް ކަމުގައި ވީ ނަމަވެސް، އެކަމަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ޝަރުޢީ ނިޒާމާއި ޤާނޫނު ހެދުމުގެ ނިޒާމުގެ ކަންކަމުގައި ސަރުކާރުން ދެމި އޮންނާނީ ޗެކް އެންޑް ބެލަންސް ގާއިމުކުރުމުގައި ފުރިހަމައަށް އެއްބާރުލުންދިނުމުގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ވެރިކަމުގެ ނިޒާމަކަށް ވާއިރު، މި ނިޒާމު ރާއްޖޭގައި އޮންނަތާ 57 އަހަރު ފުރިގެންދިޔައީކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް މުހިންމު ވާނީ ރައްޔިތުންގެ ޙައްޤުތައް އަދާވެގެން ދިއުންކަމުގައެވެ. އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ޒިންމާދާރު، ޢަދުލުވެރި އަދި އިންސާފުވެރިގޮތެއްގައި ވެރިކަން ކުރެއްވުމަށް ކަމަށާ، ޢަދުލުވެރިވެވޭނީ އޭގެ އެންމެ ފުރިހަމަ މާނާގައި އެކަން ކުރަން އުޅެގެން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.