މައިންނާއި ޅަދަރިންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވުމަކީ، މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި 70 ވަނަ ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ކުށްވެރިކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުޑަކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތުމުގެ ޙާދިޘާތައް އިތުރުވާން ފަށައި، ވަރަށް ނުރައްކާތެރި އަގަލުކުޑަ ހާނިއްކަތައް ކުޑަކުދިންނަށް ކުރެވޭ ކަމުގެ ވާހަކަތަކާމެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ގެވެށި ހާނިއްކައާއި އަނިޔާ ސަރުކާރުން އަބަދުވެސް ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެ، ގެވެށި އަނިޔާ ހުއްޓުވުމާބެހޭ ބިލެއް، ރައްޔިތުންގެ މަޖިލީހަށް ޑީ.އާރު.ޕީ.ގެ ތުލުސްދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާތީ ރޮޒައިނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި ރާއްޖޭގައި ރޭ ފެށިފައިވާ "ހޭ ފެސްޓިވަލް"އާ ބެހޭގޮތުންވެސް ވާހަކަފުޅުދެއްކެވިއެވެ. "ހޭ ފެސްޓިވަލް"ގެ މުހިންމު ބައެއް، މިފަހަރު ރާއްޖޭގައި ބޭއްވުމަކީ، ދިވެހި ލިޔުންތެރިންނާއި، ފަންނާނުން އަދި ހުނަރުވެރީންނަށް ލިބިގެންދާނޭ އުންމީދީ ފުރުޞަތެއް ކަމަށާއި، މި ފެސްޓިވަލްގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް މި ފެސްޓިވަލަކީ، ފައިދާ ލިބިދޭ ފެސްޓިވަލެއް ކަމަށް ވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަހަރުގެ އެސް.އެސް.ސީ. އިމްތިޙާނު ނިމި، ކެމްބްރިޖް އިމްތިޙާނު މިހާރު ފަށާފައިވާތީ، ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ދަރިވަރުންވެސް ގަދައަޅައި މަސައްކަތް ކޮށްފައިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ، ރޭޑިޔޯ ޚިޠާބުގައި މިއަދު ވިދާޅުވިއެވެ. އަދި، ހަމައެއާއެކު، އަހަރުގެ ފަހު އިމްތިޙާނު، މިއަންނަ ހަފްތާގައި ބައެއް ސްކޫލްތަކުގައި ފެށުމަށް ހަމަޖެހިފައިވާތީ، މިއީ އިމްތިޙާނަށް ތައްޔާރުވެ، ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ދަރިވަރުން ޢަޒުމް ކަނޑައަޅަންވީ ވަގުތު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.