މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަޞްދީޤު ކުރެއްވުމުގައި ދަތިވާ ހަމައެކަނި ސަބަބަކީ، ސަރުކާރުން ރައްޔިތުންނަށް މިހާރު ދެއްވަމުން ގެންދަވާ ތަފާތު ސަބްސިޑީތައް ދެއްވުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، އެ ސަބަބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަބްސިޑީ ދިނުމާ ގުޅޭގޮތުން ގޮތްތަކެއް ހަމަނުޖެއްސެނީސް މާލިއްޔަތު ޤާނޫނަށް ގެނައި އިސްލާހު ތަޞްދީޤު ކުރެއްވުމަކީ، އެމަނިކުފާނުގެ ނަޒަރުގައި ޒިންމާދާރު ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. ސަބްސިޑީ ދިނުން ފިޔަވައި، އެ ޤާނޫނުގައި ބުނާގޮތަށް ސަރުކާރުން މިހާރުވެސް ޢަމަލުކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެރި މައިންނަށާއި، 65އަހަރުން މަތީގެ މީހުންނަށާއި، އަދި ނިކަމެތި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް ސަރުކާރުން އެހީތެރިވެދެވިފައި އެބައޮތްކަން ބަޔާންކުރައްވަމުން، މާލިއްޔަތު ޤާނޫނަށް އިސްލާހު ގެންނެވި ބޭފުޅުންގެވެސް ގަސްދަކީ ކޮންމެހެން އެކަންކަން ހުއްޓުވާލެއްވުން ނޫންކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިދާރީ އަދި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރަނގަޅަށް ބެލެހެއްޓިގެން އެކަންކަން ދިޔުން އެއީ، ސަރުކާރުންވެސް އެދިވަޑައިގަންނަވާ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، މިކަން ފުރިހަމަކޮށްދެއްވުމަށާއި، މާލިއްޔަތު ޤާނޫނު ތަސްދީޤުކުރުމަށްޓަކައި ބޭނުންވާ ދެ ޤާނޫނެއް ފާހަގަކުރެވޭތީވެ އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްލައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވެ، ޑީ.އާރު.ޕީ.އަށް ސިޓީފުޅެއް ފޮނުއްވާފައިވާނޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް އެއްލައްކަ މީހުން ވަރަށް ބިކަ ހާލުގައި އެބައުޅޭ ކަމަށާއި، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ދޫކޮށްލައްވާފައި ވެރިކަމުގައި ތިއްބަވައިގެން ކުރައްވަން އޮތް އިތުރު ކަމެއް ވިސްނިވަޑައިނުގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. "ނިކަމެތިންނާ އަޅާލުން އަޅުގަނޑު ހުއްޓައެއް ނުލާނަން. އަޅުގަނޑަށް މިކަންކުރެވެން އޮތްހާ ދުވަހަކު މިކަން ކުރާނަން"، ރައީސް ވިދާޅުވިއެވެ.