ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޑުއަތޮޅު ހިތަދޫ ރަންފަސް ޙަސަން ލުޠުފީ މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޙަސަން ލުޠުފީ، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، އެޓަރނީޖެނެރަލްގެ ލަފާފުޅާ އެކުގައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަސަން ލުޠުފީއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިގު އިންތިޒާރަކަށްފަހު ނަމަވެސް، އިރާދަކުރެއްވީތީ މިކަން މިއަދު މިހަމަޖެހުނީ ކަމަށާއި، އެކޮމިޝަނަށް ހުރިހާ މެންބަރުން މިއަދު މިވަނީ ހަމަވެފައި ކަމުގައި ވިދާޅުވިއެވެ. އަދި އެކޮމިޝަންގައި ލުޠުފީގެ މަސައްކަތް ވަރަށް ފުރިހަމައަށް ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޙަސަން ލުޠުފީ ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުގެ ޤާނޫނީ ހުވާ ޙަސަން ލުޠުފީ ކުރެއްވިއެވެ.