ސަރުކާރުގެ ކޮންމެ ޚިދްމަތެއްވެސް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި އީ-ގަވަރންމަންޓް މެދުވެރިކޮށް، ޢާންމުންނަށާއި ވިޔަފާރިތަކަށް ފޯރުވައިދިނުމަށް ސަރުކާރުގައިވާ އައި.ސީ.ޓީ ވަސީލަތްތައް ސެންޓްރަލައިޒް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އައި.ސީ.ޓީ ވަސީލަތްތައް ސެންޓްރަލައިޒް ކުރެއްވުމަކީ، ޢާންމުންނަށާއި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ އަދި ޚަރަދުވެސް ވަރަށްބޮޑުތަނުން ކުޑަވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ އެފަދަ ތަންތަނުގެ ހިންގުމަށްވެސް ލިބޭ ވަރަށްބޮޑު ކުރިއެރުމެއްކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ތެލުގެ ޚަރަދު ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ކަރަންޓް ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ އިދާރާތަކުން ގެންގުޅުއްވާނެ މިންގަނޑުތަކެއް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން އެކުލަވާލައްވައި، ސަރުކާރުގެ އޮފީސްތަކަށް ވީހާވެސް އަވަހަކަށް އެންގެވުމަށް ނިންމެވިއެވެ. މި މިންގަނޑުތަކުގެ ތެރޭގައި، އޮފީސްތަކުގައި ދިއްލުމަށް ބޭނުންކުރަންވީ ބާވަތްތަކާއި، އެއަރކޮންޑިޝަންތަކުގެ ފިނިމިން ބަހައްޓަންވީ މިންވަރާއި އަދި މިނޫންވެސް ކަރަންޓްގެ ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ އިތުރު ކަންތައްތައް ހިމެނުއްވުމަށް ނިންމެވިއެވެ.