ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ވަފްދާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، އީ.ޔޫ. ވަފްދުގެ އިސްބޭފުޅެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ، ހެޑް އޮފް އޮޕަރޭޝަންސް މިސްޓަރ ވިލީ ވެންޑެންބާރގެވެ.

މިއަދު ހެނދުނު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އީ.ޔޫ.އިން ރާއްޖެއަށް ދޭ އެހީން ރާއްޖެއަށް ކުރާ ފައިދާ ދެނެގަތުމަށް، އީ.ޔޫ.އިން ހެދި ދިރާސާގެ މައްޗަށް ބިނާކޮށް ނެރެފައިވާ ކަންޓްރީ އިވެލުއޭޝަން ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ސަރުކާރުން މަރުޙަބާ ވިދާޅުވާކަން ހާމަކުރެއްވިއެވެ. އަދި މުސްތަޤްބަލުގައި މިފަދަ ޕްރޮގްރާމްތައް ޑިޒައިން ކުރެއްވުމުގައި، އެރިޕޯޓްގައި ފާހަގަކުރައްވާފައިވާ ކަންތައްތައް ސަރުކާރުން ބަލައިގަނެ، ދެއްވާފައިވާ ލަފައާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އީ.ޔޫ. ޑެލިގޭޝަންގެ އިސް ބޭފުޅެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި މިސްޓަރ ވެންޑެންބާރގް ދެއްކެވި ވާހަކަފުޅުގައި، އީ.ޔޫ.ގެ ރިޕޯޓްގައި ބަޔާންކުރައްވާފައިވާ ކަންކަމަށް ސަރުކާރުން މަރުޙަބާ ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލު ކުރުމަށް ރާއްޖެއަށް މިހާރު ލިބިފައި މިވަނީ ވަރަށް މުހިންމު ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އީ.ޔޫ.އިން ރާއްޖެއަށް މިވަގުތު އެހީތެރިވެދެއްވަމުން ގެންދަވާ މައިގަނޑު ދާއިރާތައް ކަމުގައިވާ މަސްތުވާތަކެތީގެ ވަބާއިން ރާއްޖޭގެ ޒުވާނުން ސަލާމަތް ކުރެއްވުމުގެ ޕްރޮގްރާމާއި، ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް އެހީތެރިވެދެއްވުމުގެ ޕްރޮގްރާމްތަކާބެހޭގޮތުން ނައިބު ރައީސާއި، އީ.ޔޫ. ވަފްދުގެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ތަޢާރަފް ކުރެއްވުމުގައި އީ.ޔޫ.ގެ ފަރާތުން ރާއްޖެއަށް ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރައްވައި އަށަގެންނެވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އީ.ޔޫ.ގެ އެހީތެރިކަން ލިބޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

އީ.ޔޫ.އިން ދެއްވާ އެހީއާ ބެހޭގޮތުން ތައްޔާރު ކުރައްވާފައިވާ ކަންޓްރީ އިވެލުއޭޝަން ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ކަންތައްތައް، އީ.ޔޫ.އާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ ބެހޭ މަސްއޫލު އިދާރާތަކާއި އަމިއްލަ ޖަމާޢަތްތަކުގެ މެދުގައި ޙިއްޞާ ކުރެއްވުމަށް، އީ.ޔޫ. ވަފްދުން އިއްޔެ މާލޭގައިވަނީ ސެމިނާރެއް ބާއްވަވާފައެވެ. މި ސެމިނަރގައި ނައިބު ރައީސް ޑޮކްޓަރ ވަޙީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.