ރާއްޖޭގެ ކަރަންޓްގެ އަގުތައް ތިރިކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ތެލަށް ބަރޯސާވުން ކުޑަކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި، ހަކަތައިން އިސްރާފުވުން ކުޑަކޮށް ޢިއާދަވާ ހަކަތައިގެ ވަސީލަތްތައް ބޭނުން ކުރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ޓޫރިޒަމާއި ދަތުރުފަތުރުގެ ދާއިރާގައި، ޖައްވަށް ބޭރުވާ ކާރބަންގެ މިންވަރު ދަށްކުރުމާއެކު ކަރަންޓަށް ކުރެވޭ ޚަރަދު ކުޑަކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ސޮނެވާ ފުށީގައި މިއަދު ކުރިއަށް ދިޔަ "އީކޯ ސިމްޕޯސިއަމް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހަކަތައިގެ އިސްރާފު ވީހާ ކުޑަވާނެ ގޮތަކަށް ޢިމާރާތް ފަރުމާ ކުރުމަށް ބާރުއެޅޭނެ ފަދަގޮތަކަށް، ރާއްޖޭގެ ޢިމާރާތް ކުރުމާބެހޭ ގަވާއިދުތައް ހަދާ ތަންފީޒުކުރަމަށް ސަރުކާރުން ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ. އަދި އިރުގެ އައްޔާއި ވައިގެ ހަކަތަފަދަ ޢިއާދަ ކުރެވޭ ހަކަތައިގެ ބާވަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު އެމަނިފާނު ފާހަގަކުރެއްވިއެވެ.

ސިކްސް ސެންސަސް ކުންފުނިން ބ އަތޮޅުގައި ހިންގާ ސޮނެވާ ފުށި ރެޒޯޓްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީ ޙާޞިލް ކުރުމަށް ޖައްވަށް ބޭރުކުރާ ކާރބަން އިތުރުކުރަންޖެހޭ ކަމަށް ގަބޫލު ކުރެވޭ ވިސްނުން މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖެއިން ބޭނުންވަނީ ކާރބަން މަދުން ބޭނުންވާ ތަރައްޤީގެ ސިޔާސަތެއް ހިންގަން ކަމަށާއި، މި ސިޔާސަތުގެ މަޤްޞަދަކީ، ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމާއެކު ދުނިޔެއަށްވެސް ރައްކާތެރިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2007 ވަނަ އަހަރު އ.ދ.އިން ނެރުނު ރިޕޯޓެއް ބުނާގޮތުން ރާއްޖެއަކީ، ދުނިޔޭގެ ނިސްބަތުން ކަރަންޓްގެ އަގު އެންމެ ބޮޑު އެއް ޤައުމެވެ. އަދި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ތެލުގެ އަގަށް އަންނަ ބަދަލުގެ ސަބަބުން އިޤްތިޞާދަށް ކުރާނެ އަސަރު އެންމެ ބޮޑު ޤައުމުވެސްމެއެވެ.