ރާއްޖޭގެ ކުދިރަށްތައް އިދާރީގޮތުން އެއްރަށް އަނެއް ރަށާ ގުޅުވާލައި ބޮޑު އާބާދީއޮންނަ އިދާރީ ދާއިރާއަކަށް ހެދުމުން ތަރައްޤީއަށް ކުރާނެ ފައިދާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިދާރީގޮތުން ބައެއް ރަށްތައް ގުޅުވާލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށް ގުޅުވާލުމުން ލިބޭ އިޤްތިޞާދީ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، ކުދި އާބާދީތަކެއް އެކުލެވޭ ވަކިވަކި ކުދި ރަށްތަކެއްގައި ކުރެވޭނެ ތަރައްޤީގެ މަސައްކަތަށްވުރެ، ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށަށް ކުރެވޭނެ މަސައްކަތް ބޮޑުވެފައި ފުޅާވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަށްތައް އެއްކޮށްލައިގެން ހިންގާ އިޤްތިޞާދުގެ ފައިދާ ހުރިހާ ރަށަކަށްވެސް ހަމަހަމަ ގޮތުގައި ކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެއްރަށް އަނެއް ރަށާއި، އެއް ޕްރޮވިންސް އަނެއް ޕްރޮވިންސާއި އަދި އެއް ޤައުމު އަނެއް ޤައުމާ ގުޅިގެން ނޫނީ ތަރައްޤީ ނުހޯދޭނެކަން އިންސާނީ ތަޖުރިބާ ދައްކާފައިވެއެވެ.

"ސަރުކާރުންވެސް އަދި އެހީދޭ ޖަމާޢަތްތަކުންވެސް، އަޅުގަނޑުމެންނަށް ހެޔޮއެދޭ ފަރާތަކުންވެސް އަޅާލަން ބަލާއިރުގައި، ދެހާސް ފައްސަތޭކަ މީހުން ދިރިއުޅޭ ރަށަކާ އަޅާލުން އައުލާކަންބޮޑު، ގާތް، ވަރަށް ކުޑަކުޑަ ޢަދަދަކަށް މީހުން އުޅޭ ރަށަކާ ހިންގާ ނަޒަރަށްވުރެ"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ރޭޑިއޯ ހިޠާބު ކުރިއަށް ގެންދަވަމުން، ޤައުމުގެ މުޅި ޖުމްލަ ތަރައްޤީއަށްޓަކައި މިކަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ރާއްޖެއަށް ތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނީ، މިބަދަލު ގެނެސްގެން ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

އެހެންނަމަވެސް، މިކަމުގައި ރައްޔިތުންގެ ފިކުރު އެހެން އަތަކަށް ހުރުމަކީ ސަރުކާރަކުންވެސް އަދި ހުދު އެމަނިކުފާނުވެސް އެކަމާ އިންކާރު ކުރައްވާނެ ނުވަތަ ކިރިޔާވެސް ނުރުހުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާނެ ޖާގައޮތް ސަބަބެއް ނޫން ކަމަށާއި، އިރާދަކުރެއްވިއްޔާ އެހެނެއް އެކަމެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.