بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފޮނަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރައްޔިތުން މަޖިލީހުގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު އޮނަރަބްލް ޢަބްދުއްރަޙީމް ޢަބްދުﷲ، ރަށުގެ ކައުންސިލްގެ ރައީސް، އަދި މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

ވަރަށްވެސް ވިއްސާރަ ވަގުތެއްގައި، އަޅުގަނޑަށް މި ރަށަށް އާދެވުނީ. ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ފޮނަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

މިއަދު އަޅުގަނޑުމެން މި ރަށަށް މިއައީ، ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ހިމެނޭ، އަޅުގަނޑު ވަޢުދުވީ ކަންތައްތައް ޢަމަލީގޮތުން ފަށައި، ފުއްދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި. މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އޭރުގައި އަޅުގަނޑުމެން ދަންނަވާފައި ހުރި، ވަޢުދުވެފައި ހުރި ކަންކަން ފުއްދުމުގައި، އެކިއެކި މަސައްކަތްތަކެއް ކުރެވި، މި އަހަރު ތެރޭގައި މި އަންނަނީ އިރާދަކުރެއްވީތީ، މިގޮތަށް ރައްޔިތުންނަށް ވެފައި ހުރި ވަޢުދުތައް ޢަމަލީގޮތުން ފުއްދުމަށްޓަކައި، ޢަމަލީ މަސައްކަތްތައް ފަށައިގެން، ކުރިއަށް ގެންދަމުން. މި އަހަރު، އަދި މި އަންނަ އަހަރު، ކުރިންވެސް އަޅުގަނޑު ދަންނަވަމުން އައި ފަދައިން، ރައްޔިތުންނަށް އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ޢަމަލީގޮތުން ފުއްދުމުގެ މަސައްކަތްތައް ދާނީ ކުރިއަށް. ފެށިގެން ގޮސް، ގިނަ މަސައްކަތްތަކެއް ނިމެމުންވެސް ދާނެ. އެހެންވީމާ، އެގޮތުން މި ރަށުގައި މިގޮތަށް ހުރި ގިނަ ކަންތައްތަކެއް، އިރާދަކުރެއްވިއްޔާ މި ފެށިގެންދަނީ.

އާދެ، ސްޓޭޖްމަތިން އަޅުގަނޑުމެން މި ސޮއިކުރި ހުރިހާ އެއްބަސްވުންތަކަކީވެސް، މިގޮތުން އަޅުގަނޑު ރައްޔިތުންނަށް ވެފައިހުރި ވަޢުދުތަކާ ގުޅޭ އެއްބަސްވުންތައް. ތަފާތު 8 ވަޢުދެއް، މިތާނގައި، ސްޓޭޖްމަތީގައި އެގްރީމަންޓް ކުރެވިގެން ހިނގައްޖެ. މިއިން ކޮންމެ ކަމަކީވެސް، ރައްޔިތުންނަށް އަޅުގަނޑު ވެފައިހުރި ވަޢުދުތައް. މިއިން ގިނަ ކަންކަމަކީ ޙަޤީޤަތުގައި، ވަރަށް ގިނަ މަސައްކަތްތަކެއް އޭގެ ފަހަތުން ކުރެވިގެން، މިއަދާ ހަމައަށް ގެނެވިފައި ހުރި ކަންކަން. ޕްލޭނިންގ ސްޓޭޖްގައި، އަދި ޓެކްނިކަލް ހުރިހާ މަރުޙަލާއަކާއި، މިހެންގޮސް ފައިނޭންޝަލް ސައިޑުން، މިހެންގޮސް ހުރިހާ ކަމެއް. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މި ހުރިހާ މަރުޙަލާތަކެއް ނިމިގެން، ޢަމަލީ މަސައްކަތާ ހަމައަށް މި ގެނެވުނީ. އަދި މީގެއިތުރަށްވެސް، ގިނަ ކަންތައްތަކެއް އެބަހުރި. ވަޢުދުތަކެއްވެސް އެބަހުރި.

އަޅުގަނޑުމެން މިރޭ ސޮއިކުރި ހުރިހާ މަޝްރޫޢުތަކުގެ ތެރެއިންވެސް، އެންމެ ބޮޑު އެއް މަޝްރޫޢަކަށް ވާނެ ޙަޤީޤަތުގައިވެސް، ކައްދޫގެ މި އެއަރޕޯޓު ރަނގަޅު ފެންވަރުގެ، ބޮޑު އިންޓަރނޭޝަނަލް އެއަރޕޯޓެއް ގޮތުގައި ހެދުމަށްޓަކައި، ބިން ހިއްކުމާ އެކުގައި، އެ ބޮޑު އެއަރޕޯޓަކަށް ހެދުމަށް ވީ ވަޢުދު ފުއްދުމަށާއި، އަދި އެއާއެކީގައި، މި ރަށަށް ބިން އިތުރުކުރުމަށްޓަކައި ސޮއިކުރެވިގެންދިޔަ އެއްބަސްވުން.

އާދެ، މި އެއްބަސްވުމުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ކުރުކުރު ޚުލާޞާއެއް ދަންނަވާނަމަ، ދަންނަވާލެވޭނީ، މި ސޮއިކުރެވުނު މަޝްރޫޢުގައި، އެއަރޕޯޓު މަޝްރޫޢުގެ އިތުރަށް މި ރަށަށް ބިން އިތުރުކުރުމަށްޓަކައި، 30 ހެކްޓަރުގެ ބިން މި ރަށަށް، އިރާދަކުރެއްވިއްޔާ އިތުރުކުރެވިގެންދާނެއޭ. 30 ހެކްޓަރުގެ ބިން އިތުރުކުރުމާއެކު، އަދި އެއަރޕޯޓު ތަރައްޤީކުރުމަށް، އިންޓަރނޭޝަނަލް ފެންވަރުގެ، 2800 މީޓަރުގެ ދިގު ރަންވޭއެއް ހެދިގެންދާ އިންޓަރނޭޝަނަލް އެއަރޕޯޓެއް ހެދިގެންދާނެއޭ. މިހާރު ކައްދޫގައި ހުރި އެމް.އެން.ޑީ.އެފް.ގެ މަރުކަޒު އެހެންތާކަށް ބަދަލުކުރަން ނުޖެހޭގޮތަށް، އެއަރޕޯޓު ހެދިގެންދާ ގޮތަށް ބިން ހިއްކެނީ. މި އެއަރޕޯޓުގެ މި ބޭނުމަށް، މި ތަރައްޤީގެ ބޭނުމަށް، 114 ހެކްޓަރު ހިއްކޭނެ. އެހެންވީމާ، 144 ހެކްޓަރުގެ ބިން ހިއްކުމަށް، ދެންމެ ސޮއިކުރެވިގެން އެދިޔައީ. 114 ހެކްޓަރު އެއަރޕޯޓުގެ ބޭނުމަށް، ރަށަށް 30 ހެކްޓަރު. އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު މޫސުން ތަންދޭނަމަ، އަޅުގަނޑުމެން ބިން ހިއްކުމުގެ މަޝްރޫޢު ފެށުން އޮންނާނެ. މޫސުން ތަންނުދީގެން، ރަސްމިއްޔާތެއް އެގޮތަށް ނުބޭއްވުނު ނަމަވެސް، އެކަން އެއީ ހަމަ ކުރިއަށްދާނެ ކަމެއް. ހުރިހާ ކަމެއް ހަމަޖެހިފައި އޮތް މަޝްރޫޢެއްވީމަ ކުރިއަށްދާނެ.

ބަންޑް ވޯލް ޖެހުން، ބިން ހިއްކުމަށްޓަކައި ކުރަންޖެހޭ ފުރަތަމަ މަސައްކަތްވީމަ، އެ މަސައްކަތް ފުރަތަމަ އެ ފެށެނީ. އެހެންވީމާ، މި ދެންނެވި 114 ހެކްޓަރާއި، 30 ހެކްޓަރާއި، 144 ހެކްޓަރުގެ ބިން، ރަށުގެ ދެފަރާތުން ހިއްކިގެންދާއިރުގައި، ބަންޑް ވޯލް ޖެހުމަށް، ގާތްގަނޑަކަށް ފަސްވަރަކަށް މަސްދުވަސް، ނަންސްޓޮޕް މަސައްކަތް ހިނގާނެ. އެ ބިން ހިއްކާ ސަރަޙައްދު ކަނޑައަޅައި ނިމި، ނޫނީވިއްޔާ ބަންޑް ވޯލްޖަހައި ނިމޭއިރަށް، ލޭންޑް ރިކްލެމޭޝަން، އެހެންގޮތަކަށް ދަންނަވަންޏާ، ބިން ހިއްކުމަށްޓަކައި ޑްރެޖަރުން ޕަމްޕް ކުރުމުގެ މަސައްކަތް ހިނގާނެ.

އެހެންވީމާ، މި ދެންނެވި ހުރިހާ މަރުޙަލާތަކެއް ކަޑައްތުކޮށް ނިންމުމާއި، ބިން ހިއްކުމުގެ މަސައްކަތް، މި އެއަރޕޯޓު މަޝްރޫޢާއި، ރަށުގެ ބިން ހިއްކުމާއި، ދެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން، ގިނަވެގެން އެއް އަހަރުދުވަހުގެ ތެރޭގައި ނިމިގެންދާނެ.

ދެން އޮންނާނީ އެއަރޕޯޓަށް ބޭނުންވާ ރަންވޭއާއި، ދެންހުރި ހުރިހާ ކަމެއް ނިންމުން. އެކަންވެސް އެމް.އޭ.ސީ.އެލް.އިން ވަރަށް ބާރު ސްޕީޑްގައި، އެންމެ ރަނގަޅު ފެންވަރުގައި މަސައްކަތްތައް ކުރައްވާ ބޭފުޅުންނާ އެކީގައި، މަސައްކަތްތައް ގެންދަވާނެ. އަޅުގަނޑުމެންގެ އަމާޒަކީ، މިއަދުން ފެށިގެން ކުރިއަށް އޮތް، ގާތްގަނޑަކަށް ތިން އަހަރު ތެރޭގައި، އެންމެ ގިނަވެގެން 36 މަސްދުވަހުގެ ތެރޭގައި، އެއަރޕޯޓުގެ ހުރިހާ ކަމެއް ނިންމުން. އެއަށްވުރެވެސް ކުރިއަށް ނިންމޭތޯ އެމް.އޭ.ސީ.އެލް.އިން މަސައްކަތް ކުރާނެ.

އެހެންވީމާ، މި ސަރަޙައްދުގެ، މި އަތޮޅުގެ ތަރައްޤީގައިވެސް، ޓޫރިޒަމް ކުރިއެރުވުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް އިރާދަކުރެއްވީތީ އެބަ ކުރަން. ރިޔާސީ އިންތިޚާބުގައި އަޅުގަނޑުވީ އެއް ވަޢުދު، ރިޒޯޓު ޑިވެލޮޕްމަންޓް އަދި އެކިކަހަލަ ޓޫރިޒަމްގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުން. މި ހުރިހާ ކަމެއްގެ ބޭނުމަށްވެސް، މި އެއަރޕޯޓު މިގޮތަށް ތަރައްޤީވެގެން ދިޔުން އެއީ، ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. މިއީ ވަރަށް މުހިންމު އިންވެސްޓްމަންޓެއް. އެހެންވީމާ، އެ އިންވެސްޓްމަންޓް، އެއަރޕޯޓްސް ކޮމްޕެނީން އެ ކުރައްވަނީ. އެ މަޝްރޫޢު މި ދެންނެވި ގޮތަށް ހިނގާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެއޮތީ ހަމަޖެހިގެން، ކުރިއަށްދާގޮތަށް.

ދެން މީގެއިތުރަށް، ސޮއިކުރެވިގެންދިޔަ މަޝްރޫޢުތަކުގެ ތެރެއިން ހަމަ ކޮންމެ މަޝްރޫޢެއްވެސް، އެއީ އޭގެ ސަބަބުން މި ރަށް ތަރައްޤީކުރުމަށް އަޅުގަނޑު އޭރުގައި އިޢުލާނުކޮށް، ފަހުން ރަސްމީކޮށް ކަނޑައެޅިގެން މި ހިނގާ، އަރބަން ސެންޓަރު ތަރައްޤީކުރުމުގެ ބޭނުމުގެ ތެރެއިން، ނޫނީވިއްޔާ އެ މަފުހޫމުގެ ތެރެއިން، ވަރަށް މުހިންމު ކުރިއެރުންތަކެއް އަންނާނެ މަޝްރޫޢުތައް. ތަޢުލީމީ ދާއިރާއިން ބެލިކަމުގައިވިޔަސް. ތަޢުލީމީ ދާއިރާއިން މަތީ ފެންވަރުގެ ތަޢުލީމީ ފުރުޞަތުތައް، ކޮންމެ އަރބަން ސެންޓަރެއްގައި ލިބެންޖެހޭނެ. އެމް.އެން.ޔޫ.ގެ ކެމްޕަސްއެއް ޤާއިމުކުރުމަށް ސޮއިކުރެވިގެން ހިނގައްޖެ. ޓޫރިޒަމް ދާއިރާއަށް ޚާއްޞަކޮށް މީހުން ބިނާކުރުމުގެ މުހިންމު ކަމެއް، ތަފާތު ބަސްތަކުން ކިޔަވާފައި ތިބޭ ކުދިން އުފެއްދުން. ލޭންގުއޭޖް ސްކޫލެއް ޤާއިމުކުރަން އަޅުގަނޑު ވީ ވަޢުދެއް. އެކަން ކުރުމަށް ހަވާލުކުރެވިއްޖެ.

އިރާދަކުރެއްވިއްޔާ، މާދަމާ ހެނދުނު މޫސުން ތަންދޭނަމަ، ދެން އަޅުގަނޑު މި ދާއިރާއިން ވީ ވަޢުދުގެ ޢަމަލީ މަސައްކަތް، އެއީ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްވެސް ފެށިގެންދާނެ. އެހެންވީމާ، މި ތިން ވަޢުދު އަޅުގަނޑު ވީން. އެ ތިން ވަޢުދުގެ މަސައްކަތް މި ފެށެނީ. މިއީ، މަތީ ފަންތީގެ ތަޢުލީމު ދިނުމަށްޓަކައި، މި ރަށުގެ ރައްޔިތުންނަށާއި، މި ރަށުގެ ބޭނުމަށް ހިޖުރަކުރާނެ ފަރާތްތަކަށާއި، މި އަތޮޅުގެ ތަރައްޤީއަށް ވަރަށް މުހިންމު، އަދި ޖުމްލަކޮށް މި ސަރަޙައްދުގެ ތަރައްޤީއަށް، ރާއްޖެއަށް މުހިންމު ކަންތައްތަކެއް.

ސަރަޙައްދީ ތަރައްޤީއަކީ، އަޅުގަނޑު އަބަދުވެސް ޤަބޫލުކުރާ ސިޔާސަތު. މާލެ ކައިރިއަށް ހުރިހާ ކަމެއް ތޮއްޖައްސައިގެން، ކުރީ ޒަމާނުއްސުރެ އައި ސިޔާސަތަކީ، އެއްވެސް އިންޞާފުވެރި ސިޔާސަތެއް ނޫން. އެހެންވީމާ، އަޅުގަނޑު ރިޔާސީ އިންތިޚާބަށް ރައްޔިތުންނަށް ފުރަތަމަ މެނިފެސްޓޯ ހުށަހެޅުނު، ނޫނީވިއްޔާ ސިޔާސަތުތައް ބަޔާންކުރަން ބޭއްވި ފުރަތަމަ ބައްދަލުވުމުގައިވެސް ދެންނެވީ، ސަރަޙައްދީ ތަރައްޤީއޭ. ސަރަޙައްދީ ތަރައްޤީއޭ ސޮލިއުޝަނަކީ، ޙައްލަކީ. މިގޮތަށް، މި ރަށް ފަދައިން، މި އަތޮޅުގެ މި ސަރަޙައްދު ފަދައިން، އެކި ސަރަޙައްދުތައް ތަރައްޤީކުރުމުގެ މި ސިޔާސަތު އިޢުލާނު ކުރެވިގެން މިގެންދަނީ. މީގެ ސަބަބުން، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެންމެ މަތީ ފަންތީގައި، ދެމެހެއްޓެނިވި ގޮތެއްގައި، ތަރައްޤީ ލިބުމުގެ މަގު އިރާދަކުރެއްވިއްޔާ ފަހިވާނީ. މެދު ރާސްތާގައި، މީގެ ފުރިހަމަ އިޙްސާސް ރައްޔިތުންނަށް ވާނެ. އަދި ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ، ދެމެހެއްޓެނިވި ގޮތެއްގައި ދުރު ރާސްތާގެ އެހީތެރިކަން، މިކަމުގެ ނަފާ ރައްޔިތުންނަށް ލިބިގެންދާނެ. އެހެންވީމާ، މި މަތީ ފަންތީގެ ތަޢުލީމީ ނިޒާމު، މި ރަށަށް ގެނައުމުގައި މި ކުރެވުނު އެއްބަސްވުންތަކާއި، ފެށިގެންދާ މަޝްރޫޢުތަކުގެ ފައިދާ ރައްޔިތުންނަށް ކުރާނެ.

ތަޢުލީމީ ދާއިރާގެ ވާހަކަ ދައްކާއިރު، ހިނގަމުންދާ ސްކޫލް މަޝްރޫޢެއް ނިންމުންވެސް އެބަ ކުރިއަށްދޭ. އެ މަސައްކަތް އެ ކުރެވެނީ ދިރާސީ އާ އަހަރަށް، އިރާދަކުރެއްވިއްޔާ އެތަން ބޭނުންކުރެވޭވަރަށް ނިންމުމަށްޓަކައި. އެހެންވީމާ، ޖުމްލަކޮށް ދަންނަވާނަމަ، ތަޢުލީމީ ދާއިރާގެ ކަންކަން ވަރަށް އިސްކަމެއްދީގެން އެބަ ކުރެވޭ.

ޞިއްޙީ ދާއިރާއަށް ބަލާނަމަ، މިތަނުގައި އެއްބަސްވުމެއްގައި ސޮއެއްނުކުރެވޭ. އެހެންނަމަވެސް، ސަރުކާރުން ނިންމާފައި އޮތް ވަރަށް މުހިންމު ނިންމުމެއް މިކަމުގައި އެބައޮތް. އާދެ، ފުރަތަމަ ކަމަކަށްވެސް އަޅުގަނޑު ދަންނަވާނީ، މިކަމަށް ބޭނުންވާ ހުރިހާ ފަންޑެއް ހަމަޖެހިފައޭ ހުރީ. ސަޢޫދީ ފަންޑުން ރާއްޖޭގައި އެކިއެކި ހޮސްޕިޓަލްތައް އެޅުމަށްޓަކައި ލިބުނު ފުރުޞަތުގެ ތެރެއިން، މި ރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް އަޅުގަނޑުމެން ވާނީ ނިންމާފައި. އެހެންވީމާ، ސަޢޫދީ ފަންޑުގެ ތެރެއިން އެކަން އެބަ ހިނގާ. އެއްވެސް މައްސަލައެއް ނެތް. ފަންޑު ހަމަޖެހިފައި. ދެން، ސަޢޫދީ ފަންޑުގައި އޮންނަ ޕްރޮސެސްގެ ތެރެއިން، ފަހަރަކު ކަމެއް ކުރެވެމުން އެދަނީ. ކުރެވި ނިމިގެން، އެ ހުރިހާ މަރުޙަލާތަކެއް ނިމި، ޢަމަލީ މަޝްރޫޢަކާ ހަމައަށް ދާނީ. ޢަމަލީގޮތުން އިމާރާތް ކުރުމަށް ދާނީ. އާންމުކޮށް މިކަހަލަ މަޝްރޫޢުތަކުގައި، ބޭރުގެ މިކަހަލަ ބޮޑެތި ފަންޑުތަކުގެ ޕްރޮސެސްގެ ތެރޭގައި ނަގާނެ އަށެއްކަ މަސް، ނޫނީވިއްޔާ ދިހަވަރަކަށް މަސް. ތިޔަބޭފުޅުންނަށް އަޅުގަނޑު ހަމަ ދަންނަވާލާނީ، އެއީ އޭގެ ޒާތުގައި، އެކަމުގައި އެއްވެސް ކަހަލަ މަޑުޖެހުމެއް އައީކީ ނޫނޭ. އަންނަނީކީވެސް ނޫނޭ. ހަމަ ވަރަށް ރަނގަޅަށް އެކަންތަކުގެ ޕްރޮސެސް ހިނގަމުން އެބަދޭ. އެހެންވީމާ، އެއީވެސް އިރާދަކުރެއްވީތީ ހަމަޖެހިފައި އޮތް ކަމެއް.

އެހާތަނާ ޖެހެންދެންވެސް، މިހާރު ހުރި ޚިދުމަތްތައްވެސް ރަނގަޅުކުރުމުގެ މަސައްކަތްތައް އެބަ ކުރަން. ކުރިއަށް އޮތް މަސްތަކުގައި، އިރާދަކުރެއްވިއްޔާ އިތުރު ޚިދުމަތްތައް ތަޢާރުފުކުރުމުގެ ކަންކަމާއި، އިތުރު މުވައްޒަފުން ހޯދައިދިނުމުގެ ކަންކަމާއި، މިކަންކަންވެސް އެއޮތީ ކުރިއަށް. އެހެންވީމާ، އަޅުގަނޑުމެން ގެންދާނީ މިގޮތަށް. އިރާދަކުރެއްވީތީ މިގޮތަށް ކަންތައްތައް ރޭވިފައި ހުރީ.

ހަމައެއާއެކީގައި، އަޅުގަނޑުމެން ދެން މި ސޮއިކުރި އެއްބަސްވުންތަކަށް ބަލާއިރުވެސް، ކުޅިވަރުގެ ދާއިރާއިން، ސްޕޯޓްސް ކޮމްޕްލެކްސެއް ޤާއިމުކުރުން ހަމަ ޔަޤީނުންވެސް ވެގެންދާނީ، ވަރަށް ބޮޑު ކުރިއެރުމެއް ކުޅިވަރުގެ ދާއިރާއަށް، މި ރަށަށް، މި ސަރަޙައްދަށް، މި ދާއިރާއަށް، މި އަތޮޅަށް ލިބިގެންދާނެ ކަމަކަށް. އާދެ، 1200 މީހުންގެ ސީޓިންގ ކެޕޭސިޓީ ހުންނަ ސްޕޯޓްސް ކޮމްޕްލެކްސެއް އެޅިގެންދިޔުން، ހަމަ ޔަޤީނުންވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނާނެ ކަމަކަށް ވާނެ. އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭފަދަ އިމާރާތެއް އެއީ. މާލޭގައި މި ހުންނަ ސޯޝަލް ސެންޓަރު ކަހަލަ، ސްޕޯޓްސް ކޮމްޕްލެކްސެއް މިއީ. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން އިމާރާތްކޮށް ނިމުމުން، އޭގެ ފުރިހަމަ ހިތްހަމަޖެހުމާއި، އުފާވެރިކަން ތިޔަބޭފުޅުންނަށް، ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާގައި އުޅޭ ހުރިހާ ފަރާތްތަކަށް ލިބޭނެ ކަމެއް. ސީދާގޮތުން އަދި ނުސީދާގޮތުން، ޓޫރިޒަމް ކުރިއެރުވުމުގައިވެސް، އަދި އެހެނިހެން ގޮތްގޮތުންވެސް އޭގެ ފައިދާ ވާނެ ކަމަކަށް ވާނެ.

ހަމަ އެގޮތަށް، އޮފީސް ކޮމްޕްލެކްސް އެޅިގެންދިޔުމުން، މި ރަށަކީ، މި ރަށުގައި ޤާއިމުވެގެން ވަޒީފާ އަދާކުރާ މީހުން، ނިސްބަތުން އެންމެ ގިނަ އެއް ރަށަށް ވާނެ. އަދި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ތެރެއިންވެސް އުފައްދަން ބޭނުންވާ ވަޒީފާތަކާއި، މި ހުރިހާ ކަމަކަށްވެސް، ހުރިހާ ނަޒަރިއްޔާތަކުން ބަލާއިރުގައިވެސް، މި އިމާރާތް ޤާއިމުވެގެން ދިޔުން ވާނީ، ހަމަ ޔަޤީނުންވެސް އޭގެ ފައިދާވާނެ ކަމަކަށް.

މި ދާއިރާއިން އަޅުގަނޑު ވީ އަނެއް ވަޢުދަކަށްވާނެ، ކޮންވެންޝަން ސެންޓަރެއް ޤާއިމުކުރުމުގެ ކަންތައް. އާދެ، "މައިސް ޓޫރިޒަމް" ކޮންސެޕްޓްގެ ދަށުން، ޓޫރިޒަމް ކުރިއަށް ގެންދިޔުމުގައި، ކޮންވެންޝަން ސެންޓަރެއް އަޅަން. އެކަމުގެ މަސައްކަތްވެސް އެބަ ހިނގާ. އަދި އަޅުގަނޑުމެންނަށް އެގްރީމަންޓަކާ ހަމައަށް ގެނެވި، މަޝްރޫޢު ފެށުން، މިވަގުތާ ހަމައަށް ނުގެނެވިފައި އޮތް ނަމަވެސް، އެކަންވެސް އެއީ، ވަރަށް ރަނގަޅަށް ހިނގަމުންދާ ކަމެއް. އެ ވަޢުދުވެސް ފުއްދުމުގެ މަސައްކަތް އެބަ ހިނގާ.

ހަމައެއާއެކީގައި، ދެންހުރި މަޝްރޫޢުތައްވެސް، މިރޭ ސޮއިކުރެވިގެންދިޔަ ކޮންމެ މަޝްރޫޢެއްވެސް އެގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. ބަނދަރަށް ފުރިހަމަކަމެއް ގެނެސްދީ، ބަނދަރު ބޭނުންކޮށްގެން ރަށަށް އިތުރު ކުރިއެރުންތަކެއް ގެނައުމަށްޓަކައި، ތަރައްޤީކުރުމަށް މި ހަވާލުކުރެވުނު މަޝްރޫޢަކީވެސް ހަމަ އެފަދަ މަޝްރޫޢެއް.

މަގުތައް ހެދުމުގެ މަޝްރޫޢު، އަޅުގަނޑު ވަޢުދުވިން، ހުރިހާ މަގެއް ހަދައިދޭނެ ކަމަށް. މިރޭ މި ސޮއިކުރެވުނު ތިންވަނަ ފިޔަވައްސަކީ، އެ ފިޔަވަހި. އިރާދަކުރެއްވިއްޔާ ތިންވަނަ ފިޔަވަހި ނިމިގެންދާނީ، މި ރަށުގެ ހުރިހާ މަގެއް ހަދާފައި.

އާދެ، މީގެއިތުރުން ބަލާއިރުގައި، އަޅުގަނޑުމެން އެބަ މަސައްކަތްތަކެއް ކުރަން، ޓޫރިޒަމްގެ ދާއިރާއިންވެސް ވީ ވަޢުދުތައް ފުއްދުމުގެ ގޮތުން. އެކި މަރުޙަލާގައި އެކަން ހިނގަނީ. "އައްސޭރި ޓޫރިޒަމް"ގެ ކޮންސެޕްޓްގެ ދަށުން، އިންވެސްޓްމަންޓް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އެބަ ކުރިއަށް ގެންދެވޭ. އަޅުގަނޑުމެން އުންމީދުކުރަން، ދާދި އަވަހަށް އެ ފުރުޞަތު ހުޅުވައިލެވޭނެ ކަމަށް. ހަމައެއާއެކީގައި، އިކޯ ޓޫރިޒަމްގެ ފުރުޞަތުތައްވެސް، ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން، އެކަން ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ ކަންކަންވެސް އެބަ ހިނގާ.

އަޅުގަނޑު ހަމަ މި ދަންނަވާލަނީ، އަޅުގަނޑު ވީ ކޮންމެ ވަޢުދެއް ފުއްދުމަށްޓަކައި ކަންކަން ހިނގަމުންދާ ގޮތް. މާދަމާ ހެނދުނު އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތަށް، އެއަރޕޯޓާއި، ރަށަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމުގެ އިތުރަށް، އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސް ޤާއިމުކުރުމުގެ މަޝްރޫޢު ފެށުމުގެ އިތުރަށް، އިސްލާމިކް ބޭންކުގެ އޭ.ޓީ.އެމް.އެއްވެސް ހުޅުވުން މާދަމާ ހެނދުނު އެބައޮތް. އެހެންވީމާ، އެއީވެސް މި ރަށަށް ހަމަ ޔަޤީނުންވެސް ކުރިއެރުން ލިބޭނެ ކަމަކަށްވާނެ.

ހަމައެއާއެކީގައި، އަޅުގަނޑުވީ ވަޢުދެއް، 500 ހައުސިންގ ޔުނިޓް އެޅުން. މީގެ ތެރެއިން 100 ހައުސިންގ ޔުނިޓު މި ފަށަނީ. 100 ހައުސިންގ ޔުނިޓު ބަޔަކާ ހަވާލުކުރުމުގެ މަރުޙަލާ، މަސައްކަތް، ވަރަށް ބާރަށް އެބަ ހިނގާ. ވަރަށް އުންމީދުކުރެވޭ، ހަމަ މި މަހުގެ ތެރޭގައިވެސް އެގްރިމެންޓް ކުރެވޭނެ ކަމަށް. ކުރެވިގެން ހަމަ މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، 100 ހައުސިންގ ޔުނިޓު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މި ރަށުގައި ފެށިގެންދާނެ.

އާދެ، މިކަންކަމުގެ އިތުރަށް ބަލާއިރުވެސް، އަޅުގަނޑުވީ ބައެއް ވަޢުދުތައް އެބަހުރި. އެއީވެސް ހަމަ ފުއްދުމުގެ މަސައްކަތް ކުރަމުންދާ ކަންކަން. އާދެ، މިއިން ކޮންމެ ވަޢުދެއްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުއްދަމުންދާނަން. ބަންކަރިންގ ޚިދުމަތް ޤާއިމުކުރުމާއި، ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމުކުރުމަށް މަސައްކަތްކުރުންވެސް އެއީ، ވަޢުދުވެފައި އޮތް ކަމެއް. އެކަމަށްޓަކައިވެސް މަސައްކަތްތައް ދަނީ ބާރު ސްޕީޑްގައި ކުރިއަށް. އަޅުގަނޑުމެން މިހާރު އެކްސްޕްރެޝަން އޮފް އިންޓްރަސްޓަށް ހުޅުވައިލައިގެން، އެކި ފަރާތްތަކުން ކުރިމަތިލައިގެން، އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ އެކީގައި، އެއްބަސްވުމަކަށް އައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްވެސް ވަރަށް ބާރަށް އެބަ ހިނގާ. މި ރަށާއި ގާދުއާ ދޭތެރޭގައި މި އޮތް ސަރަޙައްދުގައި. އެހެންވީމާ، މި ކަންތައްވެސް ދަނީ ހަމަ ވަރަށް ރަނގަޅަށް އެކަމާބެހޭ ވުޒާރާއިން އެކަމަށްޓަކައި މަސައްކަތްތައް ކުރަމުން. މިއިން ކޮންމެ ކަމަކަށްވެސް އެކަމާ ގުޅޭ، ވުޒާރާއިންނާއި، ކުންފުނިތަކުން، އަޅުގަނޑު މި ދެންނެވި ފަދައިން ދަނީ ސަމާލުކަންދީގެން މަސައްކަތްތައް ކުރަމުން.

އާދެ، އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވަޢުދެއް، މި ރަށުގެ ރައްޔިތުންނަށްވީ ހުރިހާ ވަޢުދެއް، މި ދެންނެވި ގޮތަށް ފެށި، އެކި މަރުޙަލާގައި އެކިއެކި މަޝްރޫޢުތައް ނިމި، ހުރިހާ މަޝްރޫޢެއް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނިމޭނެކަމަށް އަޅުގަނޑު ވަޢުދުވަނީ އިރާދަކުރެއްވިއްޔާ، ފުއްދޭނެކަމުގެ ޔަޤީންކަމާ އެކީގައި.

އަޅުގަނޑުމެންނާ އެކީގައި، މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންވެސް، ސަރުކާރުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައްވެސް މަސައްކަތްކުރަނީ އެ ޢަޒުމުގައި. އެ ގަބޫލުކުރުން ފުރިހަމައަށް ގަބޫލުކުރައްވައިގެން. ސަރުކާރާ ގުޅިފައި ހުރި ހުރިހާ މުއައްސަސާތަކާއި، އަދި އަޅުގަނޑުމެންނަށް ފުރިހަމައަށް އެއްބާރުލުން ލިބޭ ރައްޔިތުންގެ މަޖިލީހާއި، އަދި އެހެނިހެން މުއައްސަސާތައް ގުޅިގެން، ރައްޔިތުންނަށް ޚިދުމަތްތައް ކުރުމުގައި މިދަނީ ވަރުގަދަ ރޫޙެއްގައި ކުރަމުން. އަޅުގަނޑުމެންނަށް އޮތް ހުރިހާވެސް އުފާވެރިކަމަކީ، ރައްޔިތުންގެ ކަންތައްތައް ފުރިހަމަކޮށްދިނުން. ރައްޔިތުންނަށް ވެފައިހުރި ހުރިހާ ވަޢުދުތަކެއް ފުރިހަމައަށް އަދާކޮށްދިނުން. އެކަންކަން ނިންމައިދީ ހާސިލުކޮށްދިނުން. އެހެންވީމާ، އެކަމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް މިދަނީ އިރާދަކުރެއްވީތީ ކާމިޔާބުވަމުން. ﷲގެ އިރާދަފުޅާއެކީގައި އެކަންކަން ކާމިޔާބުވަމުން ވަރަށް ރަނގަޅަށް އެބަދޭ.

އަޅުގަނޑުމެންނާ ހަވާލުވީއިރު، އިޤްތިޞާދު އިންތިހާއަށް ގޯސް ދަރަޖައެއްގައި އޮތް އޮތުން ބަދަލުކުރެވި، ރަނގަޅުވަމުން، ރަނގަޅުވަމުން މިދަނީ. އެތައްހާސް މިލިއަން ރުފިޔާއެއްގެ ބިލުތައް، ތިޔަފަދަ ލޮބުވެތި ރައްޔިތުންގެ ކުދިކުދި ކުންފުނިތަކުން، ސަރުކާރުގެ ކުންފުނިތަކަށް ކޮށްދީފައި ހުރި މަސައްކަތްތަކާއި، މިނިސްޓްރީތަކަށް ކޮށްދީފައި ހުރި މަސައްކަތްތައް އަޅުގަނޑުމެންނާ ހަވާލުވީއިރުގައި އޮތީ ފުނިޖެހިފައި. އާދައިގެ ބަހުން ދަންނަވަންޏާ ހަމަ ފުނިޖެހިފައި. އެތައްހާސް މިލިއަން ރުފިޔާއެއްގެ އެތައް ބިލެއް، އެތައް ބިލެއް، ފައިސާ ނުދައްކައި ސަރުކާރު ބަދަލުވިއިރު އޮތް. އަޅުގަނޑުމެން މިހާރު ބަލައިލާއިރުވެސް ދެ ބިލިއަނެއްހާ ރުފިޔާ އެބަވޭ. 2000 މިލިއަން ރުފިޔާ. އަޅުގަނޑުމެން މިއަދާ ހަމައަށް އައިއިރު، އެތައް ބިލެއްގެ ފައިސާވެސް ދައްކަމުން މިއައީ. ދައްކަމުން މިދަނީވެސް. އަދި މިދިޔަ އަހަރުގެ ތެރޭގައި ކުރެވެމުންދިޔަ މަސައްކަތްތަކަށްވެސް ފައިސާ އެބަ ދައްކަން. އެހެންވީމާ، މިހާރު މި ނުދެއްކި ހުރި ފައިސާ، އެ ހުރިހާ ފައިސާއެއް އެކީގައި ދައްކާނެ ކަމަށް އަޅުގަނޑު މިހާރު އޮންނާނީ ދަންނަވާފައި. މި މަހުގެ ކުރީކޮޅު، މި މަހުގެ ދެވަނަ ދުވަހު އަޅުގަނޑު އިޢުލާނު ކުރިން، މިގޮތަށް ފުނިޖައްސާފައި ހުރި ހުރިހާ ބިލުތަކެއް، ޤާނޫނާއި ގަވާއިދުގެ ތެރެއިން، އެ ބިލަކަށް ފައިސާދޭން ޖެހޭނެކަމަށް އެ އޮންނަ އުސޫލުގެ ތެރެއިން ކަނޑައަޅައި ނިންމިފައި ހުރި، ވެރިފައި ކުރެވިފައި ހުރި ހުރިހާ ބިލުތަކަށާއި، މި 30 ދުވަސް، މި ހިނގާ މަހެއްހާ ދުވަހުގެ ތެރޭގައި، ރެއިޒް ކުރެވިފައި ހުރި ބިލުތައް ފިޔަވައި، ދެން ކުރިއަށްދިޔަ ހުރިހާ މަސައްކަތެއްގެ ހުރިހާ ފައިސާއެއް، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި އަޅުގަނޑުމެން ދައްކައި ނިންމާނަމޭ. ފަސް ހަފްތާތެރޭގައި. އޭގެތެރެއިން މިހާރު ބާކީ އޮންނާނީ ކުޑަ ދުވަސްކޮޅެއް. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް މިގެންދަނީ ކުރަމުން.

އަޅުގަނޑުވީ އެއްވެސް ވަޢުދެއް އަޅުގަނޑު ދުލެއްނުކޮށްލާނަން ނުފުއްދައެއް. އަޅުގަނޑުމެން މިގެންދަނީ ޤާނޫނާއި ގަވާއިދުގެ ތެރެއިން، އަޅުގަނޑުވީ ވަޢުދުތައް ފުއްދަމުން، ރައްޔިތުންނަށް މިހެންހުރި ހުރިހާ ދަތިތަކެއް ފިލުވައިދެމުން. އެހެންވީމާ، މި ދެންނެވިހެން މި ފައިސާ ކުރިއަށް އޮތް ހަފްތާ، ދެ ހަފްތާ ތެރޭގައި އިރާދަކުރެއްވިއްޔާ އަދާކޮށްދޭނަން. އެ ޔަޤީންކަން އަނެއްކާވެސް އަޅުގަނޑު ހުރިހާ ފަރާތްތަކަށް ދެން.

އެހެންވީމާ، މި ދެންނެވިހެން އެތައް ހާސް ރައްޔިތުންނެއްގެ ފައިސާ، ނުދީހުރި ފައިސާ މި ދައްކައިދެނީ. މިކަން މި ކުރަނީ، ހަމަ އަޅުގަނޑުވީ އަނެއް ވަޢުދުވެސް ފުއްދަމުން. އެއީ، ފައިސާ ޗާޕުނުކޮށް. ފައިސާ ޗާޕުނުކޮށް، މިކަން މި ކުރަނީ. އަޅުގަނޑުމެން ވަޢުދުވަނީ ވަޢުދު ފުއްދަން. ހަމައެއާއެކީގައި، އިރާދަކުރެއްވިއްޔާ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިޤްތިޞާދުތައް ކުރިއެރުވުމަށް. ޓޫރިޒަމް ދާއިރާއިން މި އަތޮޅާއި، މުޅި ރާއްޖެ ކުރިއެރުވުމަށް އެތައް މަސައްކަތެއް އެބަ ކުރަން. މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި، އެތައް މަސައްކަތްތަކެއް އެބަ ކުރަން. ކޮންސްޓްރަކްޝަން ޞިނާޢަތު ކުރިއެރުވުމަށްޓަކައިވެސް، އެތައް މަސައްކަތްތަކެއް އެބަ ކުރަން. ކުރިއަށް އޮތް ދުވަސްކޮޅު އިރާދަކުރެއްވިއްޔާ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ އެތައް ކުންފުންޏަކަށް ސަރުކާރުގެ މަސައްކަތްތައް ލިބިގެންދާނެ. މި ހުރިހާ ކަމެއް އަޅުގަނޑުމެން ޤާނޫނާއި ގަވާއިދުގެ ތެރެއިން އެބަ ހަމަޖައްސަން.

އެހެންވީމާ، ރައްޔިތުންނަށް ކުރިއަށް އޮތް މަދު ދުވަސްކޮޅު ވެގެންދާނީ، އިރާދަކުރެއްވިއްޔާ މިފަދަ ގިނަ ކަންތައްތަކެއް ހަމަޖެހި، އަތްމަތި މުއްސަނދިވެގެންދާ ދުވަސްތަކަކަށް. އަތްމަތި ތަނަވަސްވާ ދުވަސްތަކަކަށް. މިކަންކަން އަޅުގަނޑުމެން ކުރަމުންދާ ދިޔުން، އެއީ އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާނެ ކަމަކީ. އެކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުއްދައިދޭނަން.
އެކަންކަން އަޅުގަނޑުމެން ކުރާނީ، އެކަންކަން ކުރެވޭނެގޮތް މިހާރު އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގެ ތެރެއިން، އިރާދަކުރެއްވީތީ ފަހިވެގެންދާތީ.

އާދެ، އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފޮނަދޫގެ ލޮބުވެތި ރައްޔިތުންނަށް، މިތާނގައި އަޅުގަނޑުމެން މި އެއްބަސްވުންތަކުގައި ސޮއިކުރި އެއްބަސްވުންތަކާއި، ޢަމަލީގޮތުން ފެށިގެންމިދާ މަސައްކަތްތަކާއި، މި ހުރިހާ ކަމެއްވެސް، އެއްވެސް މަޑުޖެހުމެއްނެތި، ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް، އަޅުގަނޑުމެން ނިންމައިދޭނަމޭ. އޭގެ ފައިދާ ރައްޔިތުންނަށް ފުރިހަމަގޮތުގައި ވެގެންދާނެ. ހަމަމިއާއެކީގައި، ދެން ހުރި ހުރިހާ ރަށްތަކުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ވަމުންދާ ވަޢުދުތައް، އަޅުގަނޑުމެންގެ ސަރުކާރުން ކޮށްދޭން ނިންމާ ކަންތައްތައް، ހަމަ އެގޮތުގައި ކުރިއަށްދާނެ. ހަމައެއާއެކީގައި، އިޤްތިޞާދުގައި މިހިރަ ކަންތައްތައް ޙައްލުކޮށް، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ކުރިއެރުންތައް ގެނެސްދިނުމުގައިވެސް އަޅުގަނޑުމެން ދާނީ ރައްޔިތުންނަށް ކާމިޔާބީތައް ހޯދައިދެމުންނޭ. އަޅުގަނޑުމެން ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދައިދިނުމުގެ ކަންކަން ކުރަނީ، މި ދެންނެވި ވަށައިޖެހޭ ވިސްނުމުގެ ތެރެއިން. ކޮންމެ ވަޢުދެއް ކަމުގައިވިޔަސް.

އަޅުގަނޑު ދެންނެވިން، ޤައުމަށް ހަމަޖެހުން ގެންނާނަމޭ. ބަދަލުހިފުމުގެ ރޫޙު ޤައުމުން ނައްތާލާނަމޭ. ސިޔާސީ ހައްޔަރުކުރުންތަކެއް ނުހިނގާނެއޭ. ކުރީގައި ހިނގިކަހަލަ އެއްވެސްކަހަލަ ކަމެއް ނުހިނގާނެއޭ. ޖުޑީޝަރީ ދާއިރާ ތެރެއަށް އަތް ބޭނުމެއް، މިފަދަ އެއްވެސް ކަމެއް ނެތް. ލޮބުވެތި ދިވެހި ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު މި ދެންނެވި ގޮތަށްކަން މިކަންކަން މިހާރު ހިނގަނީ. އަޅުގަނޑުމެން ނުކުރާނަން، އޭރު ހިނގި އެފަދަ އެއްވެސް ކަމެއް. އެހެންވީމާ، އެގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނީ. ޖުޑީޝަރީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި، ޖުޑީޝަރީ ދާއިރާގެ ހުރިހާ ފަރާތްތައް އެކަމަށް ހެކިވާނެ މިހާރު މިއީކަން ޙަޤީޤަތަކީ. މި ސަރުކާރަކުންނެއް އެއްވެސްވަރަކަށް ނުފޫޒެއް ނުފޯރުވާނެ، ޖުޑީޝަރީ ދާއިރާއިން ކުރާ ކަންކަމަކަށް.

އެ ބޭފުޅުން ކުރައްވަންވީ ކަމަކީ، ޢަދުލު އިންސާފު ޤާއިމުކޮށްދޭންވީ. ޢަދުލުވެރިކަމާ އެކީގައި، ކަންކަން ކުރިއަށް ގެންދަވަންވީ. އޭރުން ޤައުމުގައި އޮންނާނީ ހަމަޖެހުން. ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަކީ، ހުރިހާ މުއައްސަސާތަކެއްގެ ޒިންމާއެއް. ދައުލަތުގެ ތިން ބާރުގެ ޒިންމާއެއް. އޭގެތެރެއިން ވަރަށް މުހިންމު ބާރެއް ޖުޑީޝަރީއަކީ. ސަރުކާރުން ކޮށްދޭނެ ކަމަކީ، އެ ދާއިރާއަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުން. އެކަންކަން އެބަ ކުރަން. އިރާދަކުރެއްވިއްޔާ، ކޮށްދޭނަން. ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު ކަންކަން ކޮށްދޭނަން. އެ ބޭފުޅުން ކުރައްވަންވީ ކަމަކީ، ޢަދުލު އިންސާފު ޤާއިމުކޮށްދޭންޖެހޭނީ. ވަކި މީހަކަށް ނުބަލާ. ވަކި މީހެއްގެ ނުފޫޒުގައި ނުޖެހި. އިންސާފުވެރިކަމާއި، ޢަދުލުވެރިކަމާއެކީގައި، ހަލުވިކަމާއެކީގައި ގެންގޮސް، އެ ބޭފުޅުންނާ ހަވާލުވެފައިވާ ކަންކަން ރައްޔިތުންނަށް ކޮށްދެއްވަންވީ. އެ ބޭފުޅުންގެ ޒިންމާތައް އަދާކުރައްވަންވީ. އޭރުން ޤައުމަށް ހަމަޖެހުން އަންނާނީ. އެހެންވީމާ، އެގޮތުގައި ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑުގެ މަގާމުގެ ޒިންމާގެ ހައިސިއްޔަތުން، ޤާނޫނުއަސާސީން އަޅުގަނޑަށް ލިބިދީފައިވާ ޒިންމާގެ ހައިސިއްޔަތުން އަޅުގަނޑު ކުރަންޖެހޭ ކަންކަން. އަޅުގަނޑު މިކަންކަން ކުރަނީ އެ ބޭނުމުގައި. ހުރިހާ ކަމަކަށް ފެސިލިޓޭޓް ކޮށްދެނީ، މިނިވަންކަމާއި ޢަދުލުވެރިކަމާއެކީގައި ކަންކަން ކުރަން. ހަމަ އެގޮތަށް، ދެންހުރި ވަޢުދުތައް ފުއްދުމުގައިވެސް އަޅުގަނޑު މަސައްކަތް އެބަ ކުރަން.

އަޅުގަނޑު މިރޭ މި ޖަލްސާގައި، މި ރަށާ ސީދާ ގުޅޭ ކަމަކަށްނުވިޔަސް، މި މައުޟޫޢުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބަލާ ޖަލްސާއަކަށްވާއިރުގައި، ވަކިން ޚާއްޞަކޮށް، އައްޑޫ ސިޓީގެ ރައްޔިތުން ބަލާ ޖަލްސާއަކަށްވާއިރުގައި، މީގެ ފަސްދުވަސް ފަހުން އެ ސިޓީގެ ބައެއް ރައްޔިތުން ނަގާ ވޯޓަކާ ގުޅޭގޮތުން، އަޅުގަނޑުގެ ފަރާތުން ދަންނަވަން ބޭނުންވާ ކަންކަން ދަންނަވާލާހިތްވޭ. ސާފުކޮށްދިނުމުގެ ގޮތުން.

އަޅުގަނޑުމެންގެ އެއްވެސް ކަހަލަ ނިންމުމެއް، ނޫނީވިއްޔާ ބޭނުންވާ ވަކި އައުޓްކަމްއެއް އޮތް ވޯޓެއްނޫން، އައްޑޫގައި އެ ނަގަނީކީއެއް. އައްޑޫގެ ފޭދުއާއި، ހުޅުދުއާއި، މީދޫ ރައްޔިތުން ބޭނުންވެލައްވާ ގޮތަކަށް ވޯޓުނެގީމާ ނިމުނީ. އަޅުގަނޑު މިކުރާ ކަމަކީ، އަޅުގަނޑުވީ ވަޢުދެއް ފުއްދަނީ. ރިޔާސީ އިންތިޚާބުގައި، މި ދެންނެވި ތިން ރަށުގެ ރައްޔިތުންގެ ކިބައިން އަޅުގަނޑަށް އައީ، ވަކި ކައުންސިލްތަކެއް އުފެއްދުމުގެ ކަންތަކުގައި، ތިމަންނަމެންނަށް ޙައްލެއް ގެނެސްދޭށޭ. އަޅުގަނޑު ދެންނެވީ، ދާއިމީ ޙައްލެއް މިކަމުގައި ގެނެސްދޭން އަޅުގަނޑު މަސައްކަތްކޮށްދޭނަމޭ. އަޅުގަނޑަށް އެކަން ކުރެވޭނީ، ރައްޔިތުންގެ ގާތުގައި އަހައިގެން. ނިޒާމުގެ ތެރެއިން. ޤާނޫނީ ނިޒާމުގެ ތެރެއިން. އެހެންވީމާ، ރައްޔިތުންގެ ގާތުގައި އަޅުގަނޑު މި އަހަނީ، ރައްޔިތުން ބޭނުންވާގޮތެއް ނިންމަވާށޭ.

އެހެންވީމާ، އެ ރައްޔިތުން އެ ނިންމަވާ ކޮންމެ ގޮތެއް އެއީ ސަރުކާރުގެ ނިންމުން. ސަރުކާރުން ތާއީދުކުރާނެ ގޮތް. ސަރުކާރުގެ ވަކި ޕްރިފަރ ކުރާ، ބޭނުންވާ އެއްވެސް ބޭނުމެއް އެއަކު ނެތް. އައްޑޫ ސިޓީގެ މިހާރު އެއޮތް ކޮމްޕޮޒިޝަން ބޭއްވުން ކަމަށް ނިންމެވިޔަސް، ހަމަ އެއީ ސަރުކާރުން އެއަށް ތާއީދުކޮށް ފުރިހަމައަށް އެއްބާރުލުންދޭނެ ކަމެއް. ވަކިވަކި ކައުންސިލްތަކެއް، ފޭދޫންނާއި، ހުޅުދޫންނާއި، މީދޫން ހަދަން ރައްޔިތުން ނިންމެވި ނަމަވެސް، އެއީ ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަންތައްތައް. ސަރުކާރުން ވަކިގޮތެއް ބޭނުންވެގެން އުޅޭކަމެއްނޫން. ހަމައެކަނި އަޅުގަނޑުވީ ވަޢުދު ފުއްދަންކަން މިއުޅެނީ، ފަސް ދުވަހަށް ވެފައިއޮތީމާ އަޅުގަނޑު ހަމަ އެކަން ސާފުކޮށްލަދިނީ. ބައެއް ފަރާތްތަކުން މިކަމުގައި ޙަޤީޤަތް އޮޅުވާލުމަށް ބައެއް ކަންކަން ކުރާކަމަށް ފާހަގަވާތީއާ އެކީގައި.

ވަކި ކައުންސިލްތަކެއް އުފެދިއްޖިއްޔާ، އެ ކައުންސިލްތަކަށް ކައުންސިލެއްގެ ހުރިހާ ހައިސިއްޔަތެއް ލިބޭނެ. ވަކި ބަޖެޓެއް އަންނާނެ. މިހާރު އޮންނަނީ މުޅި ސިޓީއަށް އެއް ބަޖެޓު. މިހާރު ވަކިންނެއް ފޭދުއަކަށް، ވަކި ބަޖެޓެއް ނޯވޭ. ހުޅުދުއަކަށް، މީދުއަކަށް ވަކި ބަޖެޓެއް ނޯވޭ. އެހެންނަމަވެސް، މިގޮތަށް ހަމަޖެހިގެން، ރައްޔިތުން އެގޮތަށް ނިންމަވައިފި ޙާލަތެއްގައި، މިހާރު ބްލޮކް ގްރާންޓް އަޅުގަނޑުމެން ކަލްކިއުލޭޓް ކުރަން ނިންމާފައި އޮތް އުސޫލަށް ބަލާއިރުގައި، ފޭދުއަށް ވަކި ކައުންސިލެއް އުފައްދައިފިއްޔާ، ފޭދޫ ކައުންސިލަށް ލިބޭނެ، އަހަރަކު 25 މިލިއަނެއްހާ ރުފިޔާ ބްލޮކް ގްރާންޓްގައި. ހުޅުދޫ ކައުންސިލަށް ލިބޭނެ، ގާތްގަނޑަކަށް 13 ނޫނީ 14 ވަރަކަށް މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި. މީދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި. މިއީ އާބާދީގެ ނިސްބަތުންނާއި، އެކަހަލަ ބައެއް އިންޑިކޭޓަރސްއަށް ބިނާކޮށް ހަދާ އެއްޗެއްވީމަ، މިހާރު މިއިން އެއްވެސް ރަށަކަށް ވަކިންނެއް އަދަދެއް ނޯވޭ. މުޅި ސިޓީއަށް އޮންނަ ބަޖެޓެއް އޮންނަނީ.

އެހެންވީމާ، މިކަންވެސް އެއީ، ޙަޤީޤަތް އެނގިވަޑައިނުގަންނަވާތީ ބައެއް ފަރާތްތަކުން އެކިކަހަލަ ވާހަކަ ދައްކަވާ ކަމަކަށްވާތީ، އަޅުގަނޑު ގަބޫލުކުރީ، ރައްޔިތުންނަށް އަޅުގަނޑު މިކަން ސާފުކޮށްލަދިނުމަކީ، ސަރުކާރުން އެއްވެސްކަހަލަ މީގެ އައުޓްކަމްއެއް، ވަކި ނަތީޖާއެއް ބޭނުންނުވާ ޙާލަތުގައިވެސް، ކަންކަން ނިމިގެންދާގޮތަކުން ވާނެގޮތް ރައްޔިތުންނަށް ބަޔާންކޮށްދިނުމުގެ ޒިންމާއަކީ، އަޅުގަނޑުގެ ކިބައިގައިވެސް އޮތް ޒިންމާއެއް ކަމަށް ފެންނާތީ ދަންނަވާލީ. ރައްޔިތުން، މި ތިން ރަށުގެ ރައްޔިތުން ނިންމަވާ ކޮންމެގޮތަކަށްވެސް ސަރުކާރުން ތާއީދުކުރާނެ. އެ ގޮތަކަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދޭނެ. ކޮށްދީ، އެ ރައްޔިތުންގެ ނިންމުންތަކަށް ފުރިހަމައަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދޭނެކަމުގެ ޔަޤީންކަން، އައްޑޫ ސިޓީގެ މި ދެންނެވި ތިން ރަށަށް ނިސްބަތްވާ ހުރިހާ ރައްޔިތުންނަށް އަރުވައި، މިރޭ މި ޖަލްސާގައި، މި ފުރުޞަތުގައި، އަޅުގަނޑު ދަންނަވާލަން ބޭނުން.

އާދެ، މި ވާހަކައަށްފަހު އެނބުރި މި ރަށުގެ ކަންކަމާ ގުޅޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، މި އަތޮޅުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަމުގައި، އަޅުގަނޑުވީ ހުރިހާ ވަޢުދެއް ފުރިހަމައަށް ފުއްދަމުން ދާނަމޭ. އަދި މި ދާއިރާގެ ތަރައްޤީއަށް.

މި ދާއިރާގެ ދެން ބައެއް ވަޢުދުތައް އެބަހުރި. އަޅުގަނޑު ހަމަ އިތުރަށް ފުއްދަންޖެހޭ ވަޢުދުތައް. ފުއްދާނެކަމަށް އަޅުގަނޑު ވަޢުދުވެފައި ހުރި ވައުދުތައް. މާމެންދުއާ ގުޅޭގޮތުން. އަދި އިތުރު ވަޢުދުތައް އެބަހުރި. އެހެންވީމާ، އެކަންކަން އެ ރަށުގައި އިޢުލާނުކުރަން ބަހައްޓާނަން. ބަހައްޓާފައި، މި ދާއިރާއަށްވީ ހުރިހާ ވަޢުދެއްވެސް އިރާދަކުރެއްވިއްޔާ ފުއްދުން. މި އަތޮޅަށްވީ ހުރިހާ ވަޢުދެއްވެސްވެ، މި ދަތުރުގެ ތެރޭގައިވެސް އިރާދަކުރެއްވީތީ މީގެތެރެއިން ގިނަ ކަންތައްތަކެއް ހާސިލުކުރެވިގެން މިދަނީ.

އެހެންވީމާ، އަޅުގަނޑު މި އަތޮޅުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، ފޮނަދޫ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މި ދެންނެވި ގޮތަށް، ދެންމެ މި ތަނުގައި ސޮއިކުރެވިގެންދިޔަގޮތަށް، އަދި ކުރިއަށް އޮތް ތަނުގައި އަޅުގަނޑު މި ދެންނެވި ގޮތަށް، މި ރަށުގެ ތަރައްޤީގެ ކަންކަން ހިނގާނެކަމަށް އަޅުގަނޑުމެން ޔަޤީންކޮށްދޭނަމޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވެވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.