ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ސައުތު އެފްރިކާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިޒް ބީ އެމް ޕެޓޯއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް އަދި މިޒް ބީ އެމް ޕެޓޯ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ސައުތު އެފްރިކާއިން އެހީތެރިވެދެއްވިދާނެ ބައެއް ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ދެބޭފުޅުންގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އެފްރިކާއާ ދެމެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް ކަމަށް ވިދާޅުވެ، މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ހާމަކުރެއްވިއެވެ. އަދި، ކުރިއަށް އޮތް ތާނގައިވެސް، އެފްރިކާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ތަފާތު އެހީތައް ވެދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.