ކަނޑުގައި ދިރިއުޅޭ މަސްމަހާމެހި މަދުވަމުންދާތީ އެކަމާބެހޭގޮތުން ހަދާފައިވާ ޑޮކިއުމެންޓަރީ ފިލްމެއް ކަމުގައިވާ "ދި އެންޑް އޮފް ދަ ލައިން"ގެ ރާއްޖޭގައި ބޭއްވި ޚާއްޞަ ސްކްރީނިންގއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ބައިވެރިވެވަޑައިގެންފިއެވެ. އެތީނާ ސިނެމާގައި ސްކްރީނިން ކުރެވުނު މި ފިލްމަކީ ސޮނޭވާ ރިޒޯޓްސްއާއި އިނގިރޭސިވިލާތުގެ ބްލޫ މެރީން ފައުންޑޭޝަނާ ގުޅިގެން ބޭއްވި ޙަފްލާއެކެވެ.

ރޭގެ ޙަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެއްކަމުން، ކަނޑުގެ ދިރުން މަދުވަމުންދާ ދިޔުމަކީ ރާއްޖެއަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިހާރުވެސް ރާއްޖޭގެ މަސްވެރިކަން ދަށްވެފައިވާތީ މިކަމުގެ ސަބަބުތައް ދެނެގަތުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ނައިބު ރައީސް އަލިއަޅުވާލެއްވިއެވެ.

މި ޙަފްލާގައި ނައިބު ރައީސްގެ ދެކަނބަލުންގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސްބައެއް ބޭފުޅުންނާއި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.