އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް، މިހިނގާ އޮކްޓޯބަރުގެ މަހުގެ 25 ވަނަ ދުވަހު، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި ސަރުކާރުން ހާސިލުކުރައްވަން ބޭނުންވާ ވަކި ނަތީޖާއެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެމަނިކުފާނު މިހާރު ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، އެ ތިން ރަށުގެ ރައްޔިތުންގެ ފަރާތުން، ވަކި ކައުންސިލުތައް ހެދުމުގެ މައްސަލައިގައި ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައި އޮތުމުން އެކަން ހައްލުކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ޤާނޫނީ ނިޒާމުގެ ތެރެއިން ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު މިރޭވެސް ތަކުރާރުކުރައްވައި ވިދާޅުވީ އެ ތިން ރަށުގެ ރައްޔިތުން ނިންމަވާ ކޮންމެ ގޮތަކީ ސަރުކާރުގެ ނިންމެވުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިކަމުގައި ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. ވަކި ކައުންސިލްތަކެއް ހަދަން މި ތިން ރަށުގެ ރައްޔިތުން ނިންމަވައިފިނަމަ ވަކި ކައުންސިލުގެ ހުރިހާ ހައިސިއްޔަތެއް އެކައުންސިލުތަކަށް ލިބިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިހާރު މުޅި ސިޓީ ކައުންސިލަށް އޮންނަ އެއް ބަޖެޓްގެ ބަދަލުގައި ވަކި ކައުންސިލުތައް ހަދަން ރައްޔިތުން ނިންމަވައިފިނަމަ ހުޅުދޫ، މީދޫ އަދި ފޭދޫ ކައުންސިލަށް ވަކި ބަޖެޓު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މިހާރު އާބާދީއާއި އެހެނިހެން ގޮތްގޮތުން ބަލާއިރު، ބްލޮކް ގްރާންޓް ދޫކުރުމަށް ނިންމަވާފައިވާ ގޮތުން، ފޭދޫ ކައުންސިލަށް އަހަރަކު ބްލޮކް ގްރާންޓްގެ ގޮތުގައި 25 ވަރަކަށް މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް ގާތްގަނޑަކަށް 13 ނުވަތަ 14 މިލިއަން އަދި މީދޫ ކައުންސިލަށް ބްލޮކް ގްރާންޓްގެ ގޮތުގައި ގާތްގަޑަކަށް 18 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުން، އެ ތިން ރަށުގެ ރައްޔިތުން ވަކި ކައުންސިލުތައް އުފައްދަން ނުވަތަ، އެނޫން އެހެންގޮތަކަށް ނިންމެވިޔަސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކޮންމެކަމެއްގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.