بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ފުނަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އަތޮޅު ކައުންސިލްގެ ރައީސް، ރަށުގެ މުއައްސަސާތަކުގެ ވެރިން، ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ދުރާއި ގާތުން އަޑުއައްސަވާ، ބައްލަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދު ހަވީރު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ފުނަދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، ރިޔާސީ އިންތިޚާބުގައި، އަދި ފަހުންވެސް ތިޔަބޭފުޅުންނާ އަޅުގަނޑު ބައްދަލުވި. އަދި، ރައްޔިތުން އެދިވަޑައިގެންފައިވާ ކަންކަން ކޮށްދިނުމަށް، އަޅުގަނޑު ވާނީ ވަރަށް ގިނަ ވަޢުދުތަކެއް ވެފައި. އަޅުގަނޑު ކޮންމެ ވަޢުދެއްވެސް ވަނީ، އެކަމެއް އިރާދަކުރެއްވިއްޔާ، ފުރިހަމަކޮށްދިނުމުގެ ޢަޒުމުގައި، ޔަޤީންކަމާ އެކީގައި. ސަރުކާރުން، އެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، އެ ކަންކަން ކޮށްދިނުމުގެ ބޭނުމުގައި. މިދިޔަ ދުވަސްތަކުގައި، މީގެތެރެއިން ގިނަ ކަންތައްތަކެއް މި ހިސާބަށް ގެނައުމަށްޓަކައި، މިއަދު މި ގެނެވުނު މަރުޙަލާއަށް ގެނައުމަށްޓަކައި ވަނީ ފުރިހަމަކުރެވިފައި. ވަރަށް ގިނަ ކަންތައްތަކެއް ހަމަޖައްސައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތުގައި ރަނގަޅުކުރަން ހުރި އެތައް ކަމެއް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ރަނގަޅުކޮށް، އިޤްތިޞާދު ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ވަޢުދުވެފައިހުރި އުމްރާނީ ތަރައްޤީއާއި، އިޖުތިމާޢީ، އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިއަދާ ހަމައަށް މި އާދެވުނީ. އެގޮތުން، އެކި ރަށްރަށުގައި އަޅުގަނޑު ވީ ވަޢުދުތައް ޢަމަލީގޮތުން ފެށި، ކުރިއަށްދެވޭނެ ގޮތްތައް މިހާރު އެކި ރަށްރަށުގައި އެވަނީ ހަމަޖެހި، ފެށިގެން ގޮސްފައި. މިއަދު އެގޮތުން، އަޅުގަނޑު މި ރަށަށް ވީ ގިނަ ވަޢުދުތަކެއްގެ މަސައްކަތް މި ފެށީ، ނޫނީވިއްޔާ ސޮއިކުރެވިގެން މިދިޔައީ.
އާދެ، މިތާ ސްޓޭޖްމަތީގައި މިގޮތުން ގިނަ އެއްބަސްވުންތަކެއްގައި އަޅުގަނޑުމެން މި ސޮއިކުރީ. ހަމަ ޔަޤީންކަމާއެކީގައި އަޅުގަނޑު ފުނަދޫގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން ބޭނުންވަނީ، މިއިން ކޮންމެ ކަމަކީ، ސަރުކާރުން މިއިން ކޮންމެ މަޝްރޫޢަކާ މި ހަވާލުވި ސަރުކާރުގެ ކުންފުންޏާއި، މިނިސްޓްރީގެ ފަރާތުން ވަރަށް އިސްކަމެއްދީގެން، ވަރަށް ސަމާލުކަންދީގެން، ވަރަށް ފުރިހަމަކަމާ އެކީގައި ފުރިހަމަކޮށްދީ، އިރާދަކުރެއްވިއްޔާ ނިންމައިދޭނެ މަޝްރޫޢުތަކެއްކަން. އެ ޔަޤީންކަން ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އަރުވަން. އަޅުގަނޑުމެން ދާނީ ވަރަށް ގާތުން މި މަސައްކަތް ދާގޮތް ބަލަމުން. އަދި މި ކަންކަން ފުރިހަމަކުރުމަށްޓަކައި، ކޮށްދޭންހުރި ކޮންމެ ކަމެއް ސަރުކާރުގެ ތެރެއިން، މިއިން ކޮންމެ މަޝްރޫޢެއް ކުރިއަށްގެންދާ ފަރާތްތަކަށް، އަޅުގަނޑުމެން ހަމަޖައްސައިދެމުން ގެންދާނަން. މި ހުރިހާ މަޝްރޫޢުތަކެއް ފަށަން މި ސޮއިކުރި ސަބަބަކީ، އެ ކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި، އެކަން ހާސިލުކޮށްދިނުމަށްޓަކައި. އެހެންކަމުން، މިއިން ކޮންމެ ދާއިރާއަކުންވެސް ރަށުގެ ރައްޔިތުންނަށް، މި ސަރަޙައްދަށް، ޖުމްލަކޮށް މި އަތޮޅަށްވެސް ވާނީ ފައިދާ. ލިބިގެންދާނީ ކުރިއެރުން. އެއީ، ތަޢުލީމީ ދާއިރާއިން ކަމުގައިވިޔަސް، އެއީ އިޤްތިޞާދީ ދާއިރާތަކުން ކަމުގައިވިޔަސް، އިޖުތިމާޢީ ގޮތުން ކަމުގައިވިޔަސް، ހަމަ ޔަޤީނުންވެސް ލިބިގެންދާނީ ކުރިއެރުން.
އާދެ، ވަރަށް މުހިންމު ބޮޑެތި އެއްބަސްވުންތަކެއްގައި އަޅުގަނޑުމެން މި ސޮއިކުރީ. މިއީ، ހަމަ ޔަޤީނުންވެސް، ޤައުމީ ލެވެލެއްގައި ހިންގޭ މުހިންމު މަޝްރޫޢުތަކެއް، މީގެތެރޭގައި ހިމެނޭ އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެން ހިނގައްޖެ. 50 އެނދުގެ ހޮސްޕިޓަލް، ކުރިންވެސް ބަޔަކާ ހަވާލުކުރިން. އެ މަސައްކަތެއް ނުކުރެވޭ. އެއްގޮތަކަށްވެސް ކުރިއަށްދާގޮތް ނުވީމަ، ޓަރމިނޭޓް ކޮށްފައި، އެމް.ޓީ.ސީ.ސީ.އާ މި ހަވާލުކުރީ. އަޅުގަނޑުމެން އެމް.ޓީ.ސީ.ސީ.އާ މި ހަވާލުކުރީ، މިކަމުގައި ކުރިއަށްދެވޭނެ ހުރިހާ ގޮތްތަކެއް ހަމަޖައްސާފައި. އެއީ، ހަމަ ޔަޤީނުންވެސް ޤައުމީ ފެންވަރުގައި، އަޅުގަނޑުމެން ރަށްރަށުގައި އަޅާ އެންމެ ބޮޑު ސައިޒުގެ ހޮސްޕިޓަލްތަކުގެ ތެރޭގައި، ޓަރޝަރީ ފެންވަރު ނަގާފައި، ދެން އަޅާ އެންމެ ބޮޑެތި ސައިޒުގެ ހޮސްޕިޓަލްތަކުގެ ތެރެއިން ހޮސްޕިޓަލެއް. އެމް.އެން.ޔޫ.ގެ ކެމްޕަސްއަކީވެސް އެގޮތުން، ޤައުމީ ފެންވަރުގެ ބޮޑު މަޝްރޫޢެއް. ސްޕޯޓްސް ކޮމްޕްލެކްސްއަކީވެސް، 1200 މީހުންގެ ސްޕެކްޓޭޓަރ ކެޕޭސިޓީ އޭގައި ހިމެނޭ، އިންޑޯކޮށް ކުޅޭ ހުރިހާ ކުޅިވަރެއް އޭގައި ހިމެނޭ، ވަރަށް ފުރިހަމަ، ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސެއް. އަދި އެގޮތަށް، އިސްލާމީ މަރުކަޒަކީވެސް އެންމެ ޒަމާނީ ފެންވަރުގެ، 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް. މިހެންގޮސް، ކޮންމެ މަޝްރޫޢަކުންވެސް ރަށަށް ވާނީ ފައިދާ. ލިބިގެންދާނީ ކުރިއެރުން. މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިންވެސް، ބާކީހުރި މަގުތައް ހެދިގެންދިޔުމުން، ރަށުގެ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުންތަކެއް، ހަމަ ޔަޤީނުންވެސް ލިބިގެންދާނެ.
އާދެ، އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތަކީވެސް، މިރޭ އަޅުގަނޑުމެން ރަސްމީކޮށް ފެށި، އަޅުގަނޑު ވަޢުދުވެފައި ހުރި މަސައްކަތްތަކުގެ ތެރެއިން، އެއަރޕޯޓުގެ މަސައްކަތްތަކުގެ ތެރެއިން ފެށުނު ކަމެއް. ދެ ފިޔަވައްސަކަށް ބަހާލައިގެން، ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަޅުގަނޑުމެން މިރޭ މި ފެށީ. އޭގެތެރެއިން، ރޭގަނޑު ފްލައިޓް ޖެއްސުމަށްޓަކައި ބޭނުންވާ ލައިޓް ހަރުކުރުމުގެ މަސައްކަތާއި، ޒަމާނީ ފެންވަރުގެ ރަނގަޅު ލައުންޖެއް ހެދުމާއި، ރެސްޓޯރެންޓެއް ހެދުމާއި، ޓަރމިނަލްގެ ފެންވަރު މަތިކުރުމާއި، ބެގެޖް ކޮންވެޔަރ ބެލްޓް ހަރުކުރުމާއި، މި ހުރިހާ ކަމެއް ހިމެނޭގޮތަށް، ފުރަތަމަ ފިޔަވަހީގެ މަސައްކަތް، އެމް.އޭ.ސީ.އެލް.އިން ކުރިއަށް ގެންދާނީ. މީގެތެރެއިން، ރޭގަނޑު ފްލައިޓް ޖެއްސުމަށްޓަކައި ބޭނުންވާ ލައިޓް ހަރުކުރުން، މި އަހަރު ނިމެންވާއިރަށް ފުރިހަމަކޮށްދީ، ނިންމައިދޭނެކަމުގެ ޔަޤީންކަން، އަޅުގަނޑު އަރުވަން. އަދި ދެންހުރި މަސައްކަތްތައްވެސް، ދާދި އަވަހަށް ފެށިގެން، ނިމިގެން ކުރިއަށްދާނެ. ދެވަނަ ފިޔަވަހީގެ ތެރޭގައި، ރަންވޭގެ ލެންތް އިތުރުކުރުމަށްޓަކައި، މިހާރު ކުރިއަށްދަނީ ފަންނީގޮތުން ކުރަންހުރި މަސައްކަތްތައް. އެކަން ނިމުނީމަ، އެ މަސައްކަތަށްވެސް ދާނެ.
އާދެ، އައިސް ޕްލާންޓެއް އަޅުގަނޑުމެން މިރޭ ހުޅުވައިފިން. އެއީ، އަޅުގަނޑު ހިތުން އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތަކުގެ ތެރެއިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި ސަރުކާރުން އައިސް ޕްލާންޓް ގާއިމުކުރުމަށް، އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވިގެންދިޔަ، އެންމެ ފުރަތަމަ އައިސް ޕްލާންޓަށް ވަނީ. އެހެންވީމާ، މިކަމުގެ މުނާސަބަތުގައި، މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން. 30 ޓަނުގެ އައިސް ޕްލާންޓެއް، 50 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހިމެނޭގޮތަށް. ފަރުމަސްވެރިކަން ކުރުމުގައްޔާއި، ޖުމްލަކޮށް މަސްވެރިކަމުގެ އިންޑަސްޓްރީއަށް، މި ސަރަޙައްދަށް މިއިން ލިބިގެންދާނީ ކުރިއެރުން. އެހެންވީމާ، އެއީވެސް އިރާދަކުރެއްވިއްޔާ، ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަކަށްވާނެ.
އާދެ، އަޅުގަނޑުމެން މާދަމާ ހެނދުނު ވޭސްޓް މެނޭޖްމަންޓް ސެންޓަރު އެޅުމުގެ މަސައްކަތް ފެނަކައިން ފަށާނެ. ވެމްކޯއާ ޚިދުމަތް ދިނުމަށް މިރޭ މި ހަވާލުކުރީ. މި އަހަރު ނިމެންވާއިރަށް ޚިދުމަތް ދިނުމަށްޓަކައި، ބޭނުންވާ ހުރިހާ ތަކެއްޗެއް ވެމްކޯއިން މި ރަށަށް ގެންނާނެ. ގެނެސް، މަސައްކަތްތައް ދާއިމީގޮތެއްގައި ފެށޭނެގޮތް ހަދާނެ. އަދި މިހާރުން މިހާރަށްވެސް ކުރެވެންހުރި ކަންތައްތައް ކުރުމަށް މަސައްކަތް ފަށާނެ. އެހެންވީމާ، އެއީވެސް ހަމަ ޔަޤީނުންވެސް، ރަށުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ.
އާދެ، މިއީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ވަރަށް ލާމަސީލު، ކާމިޔާބު ރަށެއް. ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި، ތަރައްޤީ ގެނެވޭނެ ގޮތްތަކަށް ސަރުކާރުތަކުން މަސައްކަތް ކޮށްގެން. އެގޮތުން ބަލާއިރު، ވޭތުވެދިޔަ މާޒީގައި، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ އެކިއެކި މަސައްކަތް، އެކި ރަށްރަށުގައި، އެކި ސަރަޙައްދުތަކުގައި ސަރުކާރުތަކުން ކޮށްފައިވޭ. އޭގެތެރެއިން، އެންމެ ކާމިޔާބު އެއް ރަށަކީ މިއީ. އެހެންވީމާ، ކުރިއަށްވެސް އޮތީ، އުންމީދީ ދުވަސްތައް. ރައްޔިތުންވެސް ބޭނުންވަނީ، އަދިވެސް އާބާދީ ތަރައްޤީ އެއްފަސްކުރެވޭނެ ގޮތްތައް ހޯދަން. ސަރުކާރުންވެސް ބޭނުންވަނީ ރައްޔިތުން އެދޭގޮތަށް އެކަން ކުރަން.
އެހެންވީމާ އަޅުގަނޑު ވަޢުދުވިން، އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފައި އޮތް ބިންހިއްކުމުގެ މަޝްރޫޢަށް އިތުރަށް ބިން އިތުރުކޮށް، 30 ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަމަށް. މި ބިން ހިއްކައިދިނުމަށްޓަކައި، މިހާރު އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފައި އޮތް މަޝްރޫޢުގެ ތެރެއަށް، 10 ވަރަކަށް ހެކްޓަރު އިތުރުކޮށްފައި އޮންނާނީ. އެހެންވީމާ، މާދަމާ ޢަމަލީގޮތުން މި ފެށޭ ބިން ހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު، އަޅުގަނޑު ވަޢުދުވީ ގޮތަށް، 30 ހެކްޓަރުގެ ބިން މި ރަށުގައި ހިކިގެންދާނެ. އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
މި ބިން ހިއްކަނީ ކީއްކުރަންތޯ؟ ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަމަށް، ރަށުގެ ބޭނުންތަކަށް ކަނޑައެޅުމަށް. އަޅުގަނޑަށް ޔަޤީން، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނީ، ބޯހިޔާވަހިކަން ފޯރުކޮށްދޭން، ނޫނީވިއްޔާ ގެދޮރުވެރިކަން ފޯރުކޮށްދޭން. އާބާދީއާއި ތަރައްޤީ އެއްފަސްކުރުމާއި، ރަށުގެ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ފޯރުކޮށްދޭން. އެއީ، ސަރުކާރުގެވެސް ވިސްނުމަކީ. ރައްޔިތުން ބޭނުންވާ ގޮތަށް މިކަން ކުރަން. ބިންހިއްކުމުގެ މަޝްރޫޢު ނިމުނުހާ އަވަހަކަށް، އަޅުގަނޑުމެންގެ ޕްލޭނަކީ ހައުސިންގ މަޝްރޫޢެއް މި ރަށުގައި ފެށުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ބިންހިއްކުމުގެ މަޝްރޫޢު ފެށެންވާއިރަށް، ހައުސިންގ މަޝްރޫޢެއް ފެށުމަކީ، ސަރުކާރުން އެކަން ކުރިއަށް ގެންދާނެ ގޮތް. މި ރަށަށް އަޅުގަނޑު ކަނޑައަޅާފައި ވާނީ، 300 ހައުސިންގ ޔުނިޓުގެ ހައުސިންގ މަޝްރޫޢެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ބިންހިއްކުމުގެ މަޝްރޫޢު ނިމުނީމަ، 300 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއް މި ރަށުގައި ފަށާނަން.
އާދެ އޭގެއިތުރަށްވެސް، މިހާރު ދޫކުރަންހުރި ގޯތިތައް ދިނުމަށްޓަކައިވެސް، ސަރުކާރުން ދޭންޖެހޭ ހުއްދަތައް ދާދި އަވަހަށް ކައުންސިލަށް ލިބިގެންދާނެ. އޭރުން، މިހާރުވެސް ދޫކުރަން ހުރި ގޯތިތައް ރައްޔިތުންނަށް ލިބިގެންދާނެ. އަޅުގަނޑު އުންމީދުކުރަން، އެކަން ދާދި އަވަހަށް ހަމަޖެހިގެންދާނެ ކަމަށް.
އާދެ، ޞިއްޙީ ދާއިރާގެ ވާހަކަ އަދި އިތުރަށް ފާހަގަކޮށްލާނަން. ކޮންމެގޮތެއްވިޔަސް، ހޮސްޕިޓަލުގެ މަސައްކަތް ނިމެން ވަގުތުކޮޅެއް ނަގާނެ. އެހެންވީމާ، މިހާރު ޚިދުމަތްދޭ ކޮސްޕިޓަލުންވެސް، ޚިދުމަތް އިތުރުކުރުމަކީ، އަޅުގަނޑުމެންގެ ސިޔާސަތު. އެގޮތުން، އެންމެ ފުރަތަމަ ކަމަކަށް، ސްޕީޗް ތެރަޕީ ދެވޭނެގޮތް ގާއިމުކުރުމަށްޓަކައި، މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ، އެ ޚިދުމަތް މި ރަށުގައި ފަށާނަން. އަދި އިރާދަކުރެއްވިއްޔާ އިތުރު ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރުކުރުމަށް ކުރެވޭނެ ކަންތައްތައް ބަލައި، އެގޮތުން އީ.އެން.ޓީ. ޑޮކްޓަރެއް ހޯދުމަށްޓަކައި، ސަރުކާރުން މަސައްކަތްތައް ކުރާނެ ވާހަކަވެސް ދަންނަވަން.
އާދެ، ތަޢުލީމީ ދާއިރާއިން، ސްކޫލްގެ ކުރިއެރުމަށްޓަކައި، އުމްރާނީ ވަސީލަތްތައް އިތުރުކުރުމަކީ ކުރަންޖެހިފައި އޮތް ކަމެއް. ޚާއްޞަކޮށް، އޮފީސް ބްލޮކެއް އެޅުމަކީ، ވަރަށް މުހިންމު ކަމެއް. ސްކޫލަށް އެ އިމާރާތް ވަރަށް ބޮޑަށް ބޭނުންތެރި. މި މަސް ނިމުމުގެ ކުރީގައި އަޅުގަނޑުމެން މި މަސައްކަތްކުރަނީ، ބަޔަކާ އެ މަޝްރޫޢު ހަވާލުކުރުމަށް. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، މި މަޝްރޫޢުގެ މަސައްކަތް މި ރަށުގައި ފަށަން އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ގެންދާނަން.
އަދި ހަމައެއާއެކީގައި ކުޅިވަރުގެ ދާއިރާއިން، ހޭންޑްބޯލް ކޯޓަކާއި، ފުޓްސަލް ދަނޑެއް އެޅުމަށް އިރާދަކުރެއްވިއްޔާ މި މަސް ނިމެންވާއިރަށް ބަޔަކާ ހަވާލުކޮށް، މި އަހަރުގެ ތެރޭގައި ފެށިގެންދާނެ. އާދެ، މި މަޝްރޫޢުތަކުގެ އިތުރަށްވެސް އަޅުގަނޑުމެން އިތުރު ކަންކަން ކުރިއަށްގެންދަން ގަސްދުކުރަން. މި ކަންކަމުގެ އިތުރަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ، ގިނަގުނަ އެހެނިހެން މަޝްރޫޢުތައްވެސް މި ރަށުގައި ފެށޭނެގޮތެއް ހެދުމަށްޓަކައި.
މިގޮތުން ބަލާއިރުގައި، ޖޫނިއަރ ކޮލެޖެއް އެޅުމަށްޓަކައިވެސް ބަޔަކު ހޯދުމުގެ މަސައްކަތް ބިޑިންގ ޕްރޮސެސްގެ ތެރޭގައި އެބަ ހިނގާ. އެހެންވީމާ، އެއީވެސް ކުރިއަށް އަންނަން އޮތް މަޝްރޫޢެއް. އެހެންވީމާ، ޖުމްލަކޮށް ބަލަންޏާ، ތަޢުލީމީ ދާއިރާއިން، ޞިއްޙީ ދާއިރާއިން، ކުޅިވަރުގެ ދާއިރާއިން، އަދި ޢުމްރާނީ ތަރައްޤީގެ ގޮތުން، ވަރަށް ގިނަ މަޝްރޫޢުތައް އެކުއެކީގައި، އެއްފަހަރާ، ތިޔަ ލޮބުވެތި ރައްޔިތުން ބޭނުންފުޅުވާ ގޮތަށް، މި ރަށުގައި ކުރިއަށްދާނެ. އެއީ، އަޅުގަނޑު ރައްޔިތުންނަށްވީ ވަޢުދުތައް. އެ ކަންކަން ފުއްދުމުގައި ސަރުކާރުން ވަރަށް އިސްކަންދީގެން، ވަރަށް އަވަސްމިނެއްގައި، އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އާދެ، އެކަން އަނެއްކާވެސް ތިޔަބޭފުޅުންނަށް ޔަޤީންކަން އެރުވުމުގެ ގޮތުން ދަންނަވާލަން އަޅުގަނޑު ބޭނުން.
އާދެ، މި ކަންކަން އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ، ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ތަރައްޤީއެއް ހާސިލުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން. ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގައި ފުނަދުއަކީ މުހިންމު ދައުރެއް އަދާކުރާ ރަށެއް. މި އަތޮޅާއި ރާއްޖޭގެ ނިސްބަތުން ބެލި ނަމަވެސް، މިއީ ވަރަށް ކާމިޔާބުކަމާއެކީ އަޅުގަނޑު ދެންމެ ދެންނެވިފަދައިން، މި ކަމުގައި ކުރިއަރާފައިވާ ރަށެއް. އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސަތުގައި ވަރަށް އިސްކަންދެން މި ކަމުގައި ހަމަ މި ދެންނެވި ހުރިހާ ދާއިރާތަކުންވެސް ރައްޔިތުން ބޭނުންވާ ކުރިއެރުންތައް މި ރަށަށް ގެނެސްދިނުމަށް.
އާދެ، މީގެ އިތުރަށްވެސް ހިނގަމުންދާ މަޝްރޫޢުތައް ނިންމުމަށްވެސް ސަރުކާރުގެ ކުންފުނިތައް، ހަވާލުވެފައި ހުރި ކުންފުނިތަކުން މަސައްކަތް ކުރަމުންދާނެ. އަޅުގަނޑު ހުރިހާ ލިސްޓެއް ނުކިޔަން އޭގެތެރެއިން. ގޮނޑުދޮށް ހިމާޔަތްކުރުމާއި، މިހެންގޮސް ހަމަ އެކިއެކި މަސައްކަތްތައް، ފެނާއި، ކަރަންޓާއި، ނަރުދަމާ، އަޅަންޖެހޭ ސަރަޙައްދު އެކްސްޓެންޑް ކުރުން، މިހެންގޮސް ކުރިއަށްދާ އެތައް ކަމެއް އެބަހުރި. އެ ހުރިހާ ކަމަކަށްވެސް ސަރުކާރުގެ ތެރެއިން ސަމާލުކަން ދެވިގެން ކަންކަން ކުރިއަށްދާނެ. އެއީވެސް އަޅުގަނޑުމެން އެއްގޮތަކަށްވެސް ހަނދާން ނައްތާލާފައި ހުރި ކަންކަމެއްނޫން. ޕަވަރހައުސް ރީލޮކޭޝަން މަސައްކަތްވެސް، ފެނަކައިން އެކަމަށްވެސް މަސައްކަތްތައް ކުރަމުން ގެންދާނެ. އެހެންވީމާ، ޖުމްލަކޮށް ހުރިހާ ދާއިރާއަކުންވެސް ތިޔަބޭފުޅުން ބޭނުންވާ ތަރައްޤީ މި ރަށަށް ގެނެސްދޭނެކަން އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އަރުވާ ޔަޤީންކަމެއް.
އާދެ، ސަރުކާރުން މަސައްކަތްކުރަމުން މިދަނީ މިގޮތަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި، ހުރިހާ ރަށްތަކަށް އަޅުގަނޑުވީ ވަޢުދުތައް ފުއްދުމާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމަށް. ސަރުކާރުގެ ބަޖެޓުގެ ތެރެއިން، ކޮންމެ އަހަރަކަށްވެސް ތަރުތީބު މިކުރަނީ، މިހެން ހުރި ކަންކަން ފުރިހަމަކޮށްދޭން. އަޅުގަނޑު ވެފައި އޮތް ވަޢުދަކީ، މި އަހަރާއި މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، މިގޮތަށްވީ ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތްތައް ފަށަން. އެހެންވީމާ، މި އަހަރުގެ ތެރޭގައި، އަޅުގަނޑުމެން ކަނޑައެޅިވަރަށް މި މަސައްކަތްތައް ފަށަނީ. އަދި ބާކީހުރި ހުރިހާ ވަޢުދެއް މި އަންނަ އަހަރުގެ ތެރޭގައި ފުއްދުމުގެ މަސައްކަތް ފެށޭނެ.
މިގޮތުން، އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ ދާއިރާތަކަކީ، ގެދޮރުވެރިކަމުގެ ދާއިރާ އެއްވަނައަށް. ދެން ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ. މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައިވެސް އަޅުގަނޑުމެން އަލަށް ފަށާ މަޝްރޫޢުތައް ފަށާއިރުގައި، އެންމެ އިސްކަމެއްދޭނީ މި ތިން ދާއިރާއަށް. ދެން ހަމަ އެއާއެކީގައި، ޒުވާނުންނަށް ބޭނުންވާ ކުޅިވަރާއި، ދެން ހުރި ހުރިހާ ދާއިރާތައްވެސް އަންނާނެ. ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައްވެސް ހިމެނޭނެ. އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިންމުވާނީ، މި ތަރުތީބުން ކަންތައްތައް ހަމަޖެހިގެން ދިޔުމަށް. ރާއްޖޭގެ ރައްޔިތުންނަށް އެދެވޭ ފެންވަރަކަށް، ޞިއްޙީ ކަންތައްތަކެއް ރާއްޖޭގައި ހަމަޖައްސައިދެވިފައެއް މީގެ ކުރީގައެއް ނެތް. ތަޢުލީމީގޮތުން ކަންތައްތައް ހަމަޖައްސައި ދެވިފައެއް ނެތް.
ތަޢުލީމީ ދާއިރާއިން ބަލާކަމުގައިވާނަމަ، އިންކްލޫސިވްޓީއެއް ނެތް. މި ދެންނެވީ، ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާގޮތަށް، އެ ކުދިންނަށް ބޭނުންވާ ސަމާލުކަން ދެވޭ ނިޒާމެއް ރާއްޖޭގައި، ތަޢުލީމީ ދާއިރާގައި ފުރިހަމަ ކުރެވިފައެއް ނެތް. ކޮންމެވެސްވަރަކަށް ނެތް ވާހަކައެއް ނޫން. މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް އިސްކަމެއް އެބަދެން، މިހެން ތިބި ހުރިހާ ކުދިންނަށް ބޭނުންވާނެ، ތަޢުލީމު ދެވޭނެ ނިޒާމު، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެފަދަ ކުދިން ތިބި ކަމަށްވަންޏާ، އެކަން ހަމަޖައްސައިދޭން. އެ ނިޒާމު ގާއިމުކޮށްދޭން. ބަޖެޓުގެ ތެރޭގައި، އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި، ކޮންމެ ރަށެއްގައިވެސް ނިސްބަތުން މި ދެންނެވި ގޮތަށް، ޚާއްޞަ އެހީ ބޭނުންވާނެ ހުރިހާ ގޮތަކުން، ކޮންމެ ގޮތަކަށް ބެލިނަމަވެސް ޚާއްޞަ އެހީ ބޭނުންވާނެ ކުދިންނަށް ތަޢުލީމު ފުރިހަމައަށް ދެވޭނެގޮތް، އެ އިންކްލޫސިވްޓީ ގެނެވޭނެ ގޮތަށް ކުލާސްރޫމް ޤާއިމުކޮށްދިނުމާއި، އެކަމަށް ބޭނުންވާ ޓީޗަރުން ތަމްރީނުކޮށްދިނުމާއި، މި ކަންކަން ކުރުމަށް ޚާއްޞަ އިސްކަމެއްދީގެން ބަޖެޓުގައި އެބަ ހިމަނަން. އެއީ، އަޅުގަނޑުމެން ބޭނުންވާ ގޮތް. އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ، ކޮންމެ ރައްޔިތަކީ އަޅުގަނޑަށް މުހިންމު، ހަމަހަމަ ރައްޔިތެކޭ. އެހެންވީމާ، އެ ރައްޔިތެއްގެ ކިބައިގައި ހުންނަ ސިފައެއް، ހުންނަ އުނިކަމެއް، ހުންނަ އެއްވެސް ކަމެއް އެއީ ޚިދުމަތްދިނުމުގައި ތަފާތުވެގެންވާނެ ކަމެއްނޫން. ޢަދުލުވެރިވާންޖެހޭނެ.
އެހެންވީމާ، އަޅުގަނޑުމެން މި އަންނަ އަހަރުގެ ބަޖެޓުގައި މިހާތަނަށް އެއްވެސް ވަރަކަށް، ސަމާލުކަން ނުދެވޭ މިންވަރަށް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް އިންކްލޫސިވް ކުލާސްރޫމް ޤާއިމުކުރުމަށްޓަކައި، މަޝްރޫޢެއް އެބަ ހިމަނަން. އަދި މިކަމަށް ބޭނުންވާ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް އެބަ ހިނގާ. އިތުރަށް ގާތްގަނޑަކަށް 80 ޓީޗަރުން މިހާރުވެސް ތަމްރީނު ކުރެވިއްޖެ. އަދި އިތުރުވެސް ކުރެވިގެން މި އަންނަ އަހަރު ދާނެ.
ހަމައެއާއެކީގައި، އޭލެވެލް ފުޅާކުރުމަށްޓަކައިވެސް މި މަސައްކަތް ކުރަނީ އެގޮތަށް. ޤާނޫނީގޮތުން އޮންނަނީ 16 އަހަރާ ހަމައަށް މަޖުބޫރު ތަޢުލީމު. އެހެންނަމަވެސް، ކުޑަކުއްޖެއްގެ ޢުމުރު 18 އަހަރާ ހަމައަށް އޮވޭ. އެހެންވީމާ، އެ ކުއްޖަކު ދާން ބޭނުންވާ ޕާތުވޭއަކުން، އެއީ އެކެޑަމިކް ޕާތުވޭ ކަމުގައިވިޔަސް، ވޮކޭޝަނަލް ޕާތުވޭ ކަމުގައިވިޔަސް، އެ ދާން ބޭނުންވާ ޕާތުވޭއަކުން އޭ ލެވެލްއާ ހަމައަށް ކިޔަވައިދިނުމުގެ ހުރިހާ ފުރުޞަތެއް އިތުރުކޮށްދިނުންވެސް އަޅުގަނޑުމެންގެ ސިޔާސަތުގެ ވަރަށް ބޮޑު ބައެއް. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، 40 އިންސައްތައަށްވެސް އޭ ލެވެލްއަކަށް ނުދޭ، އޯ ލެވެލް ނިންމާފައި ކުދިން. މިހާރު އެ އަދަދު 50 އިންސައްތައަށް މިވަނީ ގާތްކޮށްފައި. ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގައި މިކަން، މި ޚިދުމަތް، ނޫނީވިއްޔާ މި ތަޢުލީމުދޭ ޤައުމުތަކުގައިވެސް ހުރީ 60 އިންސައްތަ ހިސާބުގައި. 60، 65 އިންސައްތަ. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، މި އަންނަ އަހަރުގެ ޓާގެޓަކަށް ހަދަން، އަލަށް ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، އެ ކުއްޖަކު އޭ ލެވެލް ކިޔަވަން ބޭނުންވާ ޕާތުވޭއަކުން ކުރިއަށް ދިޔުމަށް ހުރިހާ ކުދިންނަށްވެސް ފުރުޞަތު ލިބޭނެގޮތަށް ކަނޑައަޅަން. އެއީ، ވޮކޭޝަނަލް ދާއިރާއިން ކަމަށްވިޔަސް، އަދި އެކެޑަމިކް ދާއިރާއިން ކަމުގައިވިޔަސް، ދެވޭނެ މަގެއް ފަހިކޮށްދޭން. އެއީވެސް ވަރަށް މުހިންމު ކަމެއް.
އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ، އަޅުގަނޑުމެން ބޭނުންވަނީ، ހުރިހާގޮތަކުން ތަރައްޤީ ގެނެސްދޭށޭ. އިންސާނީ ތަރައްޤީ ގެނައުމަކީ އޭގެ މުހިންމު އެއް ދާއިރާ. އަޅުގަނޑުމެން މާލެ ސަރަޙައްދުގައި ވޮކޭޝަނަލް ހައި ސްކޫލެއް، ރާއްޖޭގެ ތާރީޚުގައި އަލަށް ވޮކޭޝަނަލް ހައި ސްކޫލެއްގެ ގޮތުގައި އެބަ އަޅަން. އެހެންވީމާ، އެއީވެސް މި އަންނަ އަހަރުގެ ތެރޭގައި ހިނގާ ކަމެއް. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އޭ ލެވެލް ފުޅާކުރުމަށްޓަކައިވެސް މި މަސައްކަތް މި ކުރެވެނީ އެގޮތުން. އެހެންވީމާ، އިންކްލޫސިވް އެޑިޔުކޭޝަން، އަދި އޭ ލެވެލްއާ ހަމައަށް ކިޔަވައިދިނުން އެއީ، އަޅުގަނޑުމެން މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، އަލަށް ކުރިއަށްގެންދާ، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންތައްތަކަށް ވާނެ.
ޞިއްޙީ ދާއިރާވެސް ހަމަ އެހެން. ރާއްޖެއިން ބޭރަށް އެތައް ރައްޔިތުންނެއް ދާން މަޖުބޫރުވެގެން މިދަނީ، ރާއްޖެއިން ޞިއްޙީ ޚިދުމަތް ނުލިބޭތީ. އެހެންނަމަވެސް، ރާއްޖޭގައި އެހާބޮޑު އާބާދީއެއްވެސް ނެތް. ފަސްލައްކައެއްހާ ރައްޔިތުން މިތިބީ. އެހެންވީމާ، މި ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުތަކުން މިކަން ރަނގަޅަށް ނުކޮށްދީ އޮތުމުގެ ސަބަބުން، ރައްޔިތުން މިޖެހެނީ ވަރަށް ދަތިހާލުގައި ރާއްޖެއިން ބޭރަށްދާން. އެއީ، އެއްގޮތަކަށްވެސް، އެކަން ވާންޖެހޭނެ ގޮތް ކަމަކަށް އަޅުގަނޑުމެން ނުދެކެން. އެހެންވީމާ، ރާއްޖޭގައި މާލެ ސަރަޙައްދުގައާއި، ރީޖަނަލްކޮށް އަދި މިހެން ހުންނަ މިފަދަ ރަށްރަށުގައި، އެކި ތަރުތީބުތަކުން ތަރުތީބުކޮށްގެން އަޅުގަނޑުމެން ޞިއްޙީ ޚިދުމަތް އިތުރުކުރަން މިހާތަނަށް ނުކުރާހާ ކަންކަން ކުރަން ފަށައިގެން މިއުޅެނީ. އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޙަޤީޤީ މާނައިގައި ރައްޔިތުންނަށް ކަންކަން ކޮށްދިނުމަކީ.
ޕްރިވެންޓިވް ހެލްތު ކެއަރއަށް މިހާތަނަކަށް ނެތް އިސްކަމެއްދީފައެއް. ބަލިޖެހުމުން ދުރުކުރުވުމަށްޓަކައި، ބަލިޖެހުމުގެ ކުރިން އެއިން ދުރުވުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ސަރުކާރުގެ ލެވެލްގައި ޚަރަދުތައް ކުރެވިފައެއް ނެތް. ސަމާލުކަން ދެވިފައެއް ނެތް ބަޖެޓުގައެއް. އެހެންވީމާ، ޕްރިވެންޓިވް ހެލްތު ކެއަރއަށް އަދި ކިއުރެޓިވް ހެލްތުކެއަރއާ ދެ ދާއިރާއަށްވެސް، ސަރުކާރުގެ ބަޖެޓުން ވަރަށް އިސްކަމެއްދޭނަން. ޕަބްލިކް ހެލްތު ދާއިރާއާއި، އަދި މި ދެންނެވިހެން ޕްރިވެންޓިވް ހެލްތު ކެއަރގެ ދާއިރާއިން، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައިވެސް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭނަން، އާ މަޝްރޫޢުތައް ކުރިއަށް ގެންދަން. ރާއްޖެއިން ބޭރުން ހަދަން މިދާ އެކި ކަހަލަ ޓެސްޓުތައް ހަދަންނުޖެހޭ ގޮތަށާއި، އޮޕަރޭޝަންތައް ކުރަން ނުޖެހޭގޮތަށް، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި، އެ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތަށްވެސް ބޮޑު ޚަރަދެއް، ބޮޑު އިންސައްތައެއް ބަޖެޓުގައި
މި އަންނަ އަހަރު ހިމެނިގެންދާނެ.
އެހެންވީމާ، އަޅުގަނޑުމެން ގާތްގަނޑަކަށް ތިން ބިލިއަން، ތިން ހާސް މިލިއަން ރުފިޔާ، އާ މަޝްރޫޢުތަކަށް މި އަންނަ އަހަރު އެބަ ކަނޑައަޅަން. އޭގެތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ، އަޅުގަނޑުމެން އަލަށް ފަށާ، މި ދެންނެވި ތަޢުލީމީ ދާއިރާގެ މަޝްރޫޢުތަކަށާއި، މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް ކަނޑައަޅާނަން. އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަން ކުރުމުގެ ގޮތުން، ސަރުކާރުން ކަންތައް ކުރަންޖެހޭނެ ގޮތަކީ. މި ކަންކަން ކުރެވިގެން ދިޔައިމާ، ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި، ކަންކަން އެ ކޮށްދެވެނީ. ރައްޔިތުންނަށް އެންމެ ފުރިހަމަ މިނުގައި ކަންތައްތައް އެ ކޮށްދެވެނީ. ވަރަށްގިނަ މަޝްރޫޢުތައް އަޅުގަނޑުމެން މިގޮތަށް ކުރިއަށް މި ގެންދަނީ، މީގެ ބޭނުން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ހޯދައިދިނުމަށްޓަކައި. އެހެންވީމާ، އަޅުގަނޑުމެން މިހާރު ބަޖެޓު ނިންމުމުގެ މަރުޙަލާގައި މި ކުރިއަށްދަނީ. އަޅުގަނޑު މިދިން ތަފްސީލުތައް އެކި ބައްދަލުވުންތަކުގައި އެކި ވަރުވަރަށް ހިއްސާ ކުރަމުން މިދަނީ، މީގެ ސަބަބުން، ރައްޔިތުންނަށް މި ކަންކަން ދާގޮތް ސާފުކޮށްދިނުމަށްޓަކައި.
އެހެންވީމާ، މި އަންނަ އަހަރުގެ ބަޖެޓުވެގެންދާނީ، ބޯހިޔާވަހިކަމުގެ އިތުރު އާ މަޝްރޫޢުތައް ހިންގާނެ އަހަރަކަށާއި، އަދި ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއަށް މީގެ ކުރިން ދުވަހަކު ނުދޭހާ އިސްކަމެއް ލިބިގެންދާނެ އަހަރަކަށް. އެހެންވީމާ، އެގޮތަށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެ. މިތާ މި ސޮއިކުރެވުނު މަޝްރޫޢުތައް ފަދަ މަޝްރޫޢުތައް ހިންގުމާއި، އަދި އަޅުގަނޑު ވަޢުދުވެފައި ހުރި އެހެން ހުރިހާ މަޝްރޫޢުތައް ތަރުތީބު ކުރެވިގެން، ޚަރަދުކުރުމަށް ހިމެނުމާއި، މި ދެންނެވި ކަންތައްތައް ކުރިއަށްދާނެ.
އާދެ، ރައްޔިތުންނަށް އަޅުގަނޑުމެން މިދޭ ޔަޤީންކަމަކީ، އަޅުގަނޑުމެން ވީ ހުރިހާ ވަޢުދެއް ފުއްދައިދިނުމުގައި، ސަރުކާރުން ވަރަށް ފުރިހަމަ މިނުގައި ކުރިއަށްގެންދާކަން. ސަރުކާރުން ރައްޔިތުންނަށް ވެފައިހުރި ހުރިހާ ވަޢުދެއް ފުއްދުމުގައި، ރާއްޖޭގެ އިޤްތިޞާދު ނަގައި ކޮޅަށްޖެހުމުގައިވެސް މިދަނީ އިރާދަކުރެއްވީތީ ކާމިޔާބީތައް ހޯދަމުން. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ކަންބޮޑުވުމެއް އޮތް ކަމެއްނޫން، މި އަންނަ އަހަރު ދައްކަން އޮތް ދަރަނި ދެއްކުމުގައި، ކަންތައްތައް ކުރިއަށް ގެންދިޔުމުގައި. އެއްވެސްވަރެއްގެ ކަންބޮޑުވުމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނެތް. އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް ހުރިހާ ކަމެއްވެސް ތަރުތީބުވެފައި އެހެރީ. އެ މަސައްކަތް އެގޮތަށް ކުރިއަށްދާނެ.
އަދި އޭގެ އިތުރަށްވެސް، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި، މިދިޔަ ސަރުކާރުން އެތައް ހާސް ރައްޔިތުންނަށްކަށް ދަރާފައި ހުރި ބިލްތަކާ އެކީގައި މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން ދައްކަންވެފައި ބާކީހުރި، މި ތިރީހަކަށް ދުވަހުގެ ތެރޭގައި އައި ބިލްތައް ފިޔަވައި، ޑިއު ޕްރޮސެސް ތެރެއިން އެޕްރޫވްވެގެން އައިސްފައި ހުރި ހުރިހާ ބިލަކަށް، ފައިސާދީވެސް އަޅުގަނޑުމެން ނިންމާނަން. މި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ، ރައްޔިތުންނަށް ވެފައި ހުރި ވަޢުދުތައް ފުއްދުމުގެ ހުރިހާ ކަމެއްވެސް ތަރުތީބު ކޮށްގެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި މަގުން އަޅުގަނޑުމެންގެ ސަރުކާރުން، ރައްޔިތުންނަށް ކަންތައްތައް ކޮށްދެމުން ގެންދާނަން.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، މި ރާއްޖޭގެ ކުރިމަގު އުފާފާގަތި މަންޒިލަކަށް ގެންދިޔުމުގައި، އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރު ކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ފަލާޙާއި، ކާމިޔާބު މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.