بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކޮމަންޑޫގެ ލޮބުވެތި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ އެންމެހައި ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން، މި ޖަލްސާ އަޑުއައްސަވަމުން، ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެންނަށް މިއަދު ހަވީރު މި ރަށަށް އާދެވުނު ވަގުތު، ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ކޮމަންޑޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

މިއަދު އަޅުގަނޑު ތިޔަބޭފުޅުން ގާތަށް މިއައީ، އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުންނަށް އަޅުގަނޑު ވީ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް. މީގެތެރެއިން، ބައެއް ކަންކަން މިއަދު މިވަނީ އަޅުގަނޑުމެންނަށް ފެށިފައި. އަދި ސޮއިކުރެވިފައި. މިރޭ އަޅުގަނޑު މިކަންކަމާ ގުޅޭގޮތުން، ކޮންމެވެސްވަރަކަށް އެއްޗެއް ދަންނަވާލަން ގަސްދުކުރަން.

އާދެ، އެންމެ މުހިންމު ވަޢުދެއް ގޮތުގައި، އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ބޭނުންވެލައްވާ ކަމަކަށް އަޅުގަނޑު ވީ ވަޢުދަކީ، އެއަރޕޯޓެއް ޤާއިމުކޮށްދިނުމުގެ ވަޢުދު. މިއަދު އަޅުގަނޑުމެން ޢަމަލީގޮތުން މި ފެށި މަސައްކަތަކީ، އެއްވެސް މަޑުޖެހުމެއްނެތި، ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް، ފުރިހަމަކަމާއެކީގައި ނިންމައިދޭނެ މަސައްކަތެއް. އިރާދަކުރެއްވިއްޔާ، މިއަދު މި ފެށުނު މަސައްކަތް އާދެ، އެއަރޕޯޓު އެޅުމަށްޓަކައި މި ފެށި މަސައްކަތް ކުރިއަށްދާނީ މި ދެންނެވި ގޮތަށް. މިއަދު މި ފެށި މަސައްކަތް ނިމިގެންދާއިރު، 48.8 ހެކްޓަރުގެ ބިން ހިކިގެންދާނެ. އެއްވެސް މަޑުޖެހުމެއްނެތި، އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ. މިހާރު އެ ފެށުނީ، ބިން ހިއްކުމަށްޓަކައި ވަށައިގެން ހިމާޔަތްކުރަން ފުރަތަމަ ޖަހަންޖެހޭ ވެލި، ބަންޑްވޯލް ޖެހުމުގެ މަސައްކަތް. ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އެ މަސައްކަތް ނިމިގެންދާނެ. ނިމެންވާއިރަށް، ރިކްލެމޭޝަނަށް ބޭނުންވާ ޑްރެޖަރު ގެނެވި، އެ މަސައްކަތް ފެށޭނެ. އެ މަސައްކަތް ނިމޭއިރަށް، ދެން ކުރަން ހުންނަ އެއަރޕޯޓު ޑިވެލޮޕްމަންޓުގެ ހުރިހާ ކަމެއް، ރަންވޭއާއި، ދެން ހުންނަ ހުރިހާ ކަމެއްވެސް ކުރިއަށްދާނެ. މި ހުރިހާ ކަމެއް ކުރުމަށް، އަދި ނިމުމަށްފަހު، އެ އެއަރޕޯޓު އޮޕަރޭޓްކުރުމާއި، މި ހުރިހާ ކަމެއް ހިމެނޭގޮތަށް، އަޅުގަނޑުމެން މިއަދު އެމް.އޭ.ސީ.އެލް.އާ އެގްރީމަންޓް މި ހެދީ. އެމް.އޭ.ސީ.އެލް.އިން މިކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރާނީ. އެ ކުންފުނީގެ އެސެޓެއްގެ ގޮތުގައި، އެ ކުންފުނިން އިންވެސްޓް ކޮށްގެން، މި މަޝްރޫޢު ކުރިއަށް މިގެންދަނީ. އަދި ނިމިގެން، އެއަރޕޯޓުތައް އޮޕަރޭޓް ކުރުންވެސް ކުރިއަށް ގެންދާނީ.

އާދެ އެހެންވީމާ، މިއަދުން ފެށިގެން މި ދެންނެވި ބިން ހިއްކުން، ބަންޑްވޯލް ޖަހައި، އަދި އޭގެފަހުން ހިއްކަންޖެހޭ 48 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ގިނަވެގެން، 8 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ. އަދި، ހަމަ މިއަދުން ފެށިގެން ގިނަވެގެން 30 މަސް، އެއީ ދެ އަހަރާއި ބައި ތެރޭގައި އެއަރޕޯޓު ނިންމައި، އިރާދަކުރެއްވިއްޔާ ހުޅުވާނަން. މިއީ، ވަރަށް ޔަޤީންކަމާއެކީގައި، ސަރުކާރުން ތިޔަ ލޮބުވެތި ރައްޔިތުންނަށް ދޭ ޔަޤީންކަމެއް. އެއްވެސްވަރެއްގެ މަޑުޖެހުމެއް ނާންނާނެ. މިއީ، އެންމެ ލަސް ތާރީޚުތައް މިދިނީ. އެންމެ ގިނަވިޔަސް ނަގާނެ މުއްދަތު. އެހެންވީމާ، މި ދެންނެވި މަގުން ހިނގާނެ. އާދެ، މި އަތޮޅުގައި ތިން ރަށެއްގައި އެއަރޕޯޓު އެބަ ހަދާ. އިއްޔެ އެއް ރަށެއްގައި ފެށިން. މިއަދު މި ރަށުގައި. މާދަމާ އަނެއް ރަށުގައި. ތިން ރަށެއްގައި އެއަރޕޯޓެއް ތަރައްޤީކުރަން. އެ ތިން ވަޢުދަކީވެސް އަޅުގަނޑު ވީ ވަޢުދު.

އާދެ، އަޅުގަނޑުމެން މަސައްކަތްތައް ތަރުތީބުކޮށްގެން، ޕްލޭންކޮށްގެން މިގެންދަނީ. ހަމަ ރައްޔިތުންނަށް ވަޢުދެއްވެފައި އޮތީމަ، އެކަން ކޮންމެވެސްގޮތަކަށް ފަށާފައި، ދެން ވާނެގޮތެއް ނުރާވައި، އެހެން ކުރާކަށްނޫން. ރަނގަޅަށް އެކަންކަން ތަންފީޒު ވެގެންދާނެ ގޮތަށް، ތަރުތީބުކޮށްގެން މި މަސައްކަތްތައް މިގެންދަނީ. ބައެއް ފަރާތްތަކުން ސުވާލު އުފައްދަފާނެ، ކިހިނެއްތޯ މި ހުރިހާ ބިން ހިއްކުމެއް ކުރިއަށް ގެންދާނީ އެއްފަހަރާ. މިހާރު އަޅުގަނޑުމެން އެމް.އޭ.ސީ.އެލް.އާ އެކަނިވެސް ހަވާލުކޮށްފިން، އެހެން އަތޮޅުތަކުގެ ބައެއް މަޝްރޫޢުތައްވެސް، އެއަރޕޯޓު އަޅަން. މި ހުރިހާ ކަމެއްވެސް މި ކުރަނީ، ކުރިން އަޅުގަނޑު ދަންވާލި ފަދައިން، އެކަންކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެގެން. މަސައްކަތްތަކެއް ތަރުތީބު ކޮށްގެން. ފައިނޭންޝިއަލީ، އަދި ދެންހުރި ކަންކަންވެސް. ޓެކްނިކަލީ، އަދި އިދާރީ ކަންކަމާއި، ހުރިހާ ދިމާއަކުންވެސް ކުރަންހުރި ކަންތައްތަކާއެކީ.

އާދެ، މި މަސައްކަތްތަކަށް ބިން ހިއްކުމަށް އަޅުގަނޑުމެން ނިންމާފައި، ނޫނީވިއްޔާ ޕްލޭންކޮށްފައި އޮތްގޮތުގެ، އިތުރު ތަފުސީލެއް ދިނުމުގެ ގޮތުން އަޅުގަނޑު ދަންނަވާލާނަން، ކިހިނެއްތޯ މިކަން ކުރަން މިއުޅެނީ. މިއީ ހަމައެކަނި މި ރަށަށް އެކަނި ޝާމިލުވާ ވާހަކައެއް ނޫން. މި އަތޮޅުގެ އެއަރޕޯޓު އަޅަން ނިންމާފައި އޮތް ތިން ރަށުގެ ރައްޔިތުންނަށްވެސް މިކަމުގައި އަޅުގަނޑު ހިތުން، މުހިންމު ތަފުސީލަކަށް ވާނެ.

އާދެ، މީގެއިތުރަށްވެސް ބިން ހިއްކުމުގެ އެތައް މަޝްރޫޢުތަކެއް އަޅުގަނޑުމެން އެމް.އޭ.ސީ.އެލް.އާ ހަވާލުކޮށްފައި އޮންނާނެ. އެކަންކަން ކުރުމަށް މިހާރު އެ ފަރާތުން އެވަނީ، މިދިޔަ ދެތިން މަހެއްގެ ތެރޭގައި ވަރަށް ތަފުސީލު ގިނަ މަސައްކަތްތަކެއް ކޮށް، އެގްރީމަންޓް ކުރެވިފައި، ބޭރުގެ އެންމެ ފެންވަރު ރަނގަޅު، އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏަކާ. މި މަސް ނިމޭއިރަށް، މީގެތެރެއިން އެއް ކުންފުންޏަކުން އެއް ޑްރެޖަރު ގެންނާނެ. އެ ޑްރެޖަރު އެއީ، ގާތްގަނޑަކަށް 11,000 ޓަނުގެ ޑްރެޖިންގ މަސައްކަތްކުރާ ޑްރެޖަރެއް. އެ ޑްރެޖަރު ދާނީ، ދާދި މިދާކަށްދުވަހު އަޅުގަނޑުމެން މަސައްކަތް ފެށި ތ. އަތޮޅު ވިލުފުށީގެ އެއަރޕޯޓު ބިން ހިއްކަން. ދެން އަންނާނެ، މި އަންނަ މަހުގެ މެދަކާ ހިސާބުން، 15 ހިސާބުގައި، ނޫނީވިއްޔާ ތިންވަނަ ހަފުތާ ތެރޭގައި، 45,000 ޓަނުގެ ހޮޕަރ ޑްރެޖަރެއް. އެ ޑްރެޖަރު އައިސް، އެ ޑްރެޖަރުން މަސައްކަތް ފަށާނީ ރަސްމާލޭގައި. ދެން އަންނަ ތިންވަނަ ޑްރެޖަރު، ޑިސެންބަރު މަހުގެ ދެވަނަ ހަފުތާ ހިސާބުގައި އަންނާނެ. އެވެސް 45,000 ޓަނުގެ ޑްރެޖަރެއް. އެ ޑްރެޖަރު ދާނީ ފުރަތަމަ، ހއ. ދިއްދޫގެ އެއަރޕޯޓުގެ ބިންހިއްކަން. ގާތްގަނޑަކަށް ދެ ހަފުތާއެއް ތެރޭގައި ހިއްކައި ނިމޭނެ، ނޫނީވިއްޔާ ގިނަވެގެން ތިން ހަފުތާ ތެރޭގައި އެތަން ހިއްކައި ނިންމާނެ. ނިމޭގޮތަށް އަންނާނީ މި އަތޮޅަށް. މި އަތޮޅަށް އައިސް، ފަހަރަކު ރަށެއްގެ ބިންހިއްކައި ނިންމާފައި ދާނީ. ދެން އެނބުރިގޮސް، މާލެއަތޮޅުގައި ހަވާލުކޮށްފައި އޮތް މަސައްކަތްތަކަށް ދާނީ. މިހެން މިހިރީ. މިހާ ތަފުސީލުކޮށްވެސް އަޅުގަނޑު ބޭނުންވީ ދަންނަވަން. ކިހިނެއްތޯ އަޅުގަނޑު މިކަންކަން ކުރަނީ. އަދި އިތުރު ކުންފުންޏަކާވެސް އެމް.އޭ.ސީ.އެލް.އިން އެގްރީމަންޓް ހަދާފައި އެބަހުރި. މާލެ ސަރަޙައްދުގައި ހުރި، ހުޅުމާލޭ ފޭސް 3، ގިރާވަރު، އުތުރު ތިލަފަޅު، މި ތަންތަން ހިއްކަންވެސް އެގްރީމަންޓް ހަދާފައި. އެހެން ކުންފުންޏަކާވެސް. އެފަރާތުންވެސް އެބަ ގެނޭ ޑްރެޖަރުތައް، މި މަސް ނިމޭ ހިސާބުން ފެށިގެން.

އެހެންވީމާ، މިހެން އަޅުގަނޑުމެން ތަރުތީބުކޮށްގެން، މަސައްކަތްތައް މިގެންދަނީ. ވަރަށް ގިނަ މަސައްކަތްތަކެއް، ބިހައިންޑް ކްލޯސްޑް ޑޯރޒް، ސީދާ ރައްޔިތުންނަށް މިހެން ނުފެނި، އިދާރީގޮތުން އޮފީސްތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން މިހިސާބަށް، ރައްޔިތުން ގާތަށް އަޅުގަނޑުމެން މި އަންނަނީ ކަންކަމައިގެން. ހުރިހާ ކަމެއް ނިންމައި، ހަމަޖެހިފައި، ކަންތައްތައް ރެޑީވީމަ، ތައްޔާރުވީމަ އައިސް މި ސޮއިކުރަނީ. މިހާރު މި ފެށީ ބަންޑްވޯލް ޖަހަން. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މިއަދު އެ ފެށި މަސައްކަތް. އެހެންވީމާ، މި ބަންޑްވޯލް ޖަހައި، ދެމަހެއްހާ ދުވަސް ތެރޭގައި ނިމޭނެ. ގާތްގަނޑަކަށް ދެމަސް. އެއިޓް ޓު ނައިން ވީކްސްވަރު ގާތްގަނޑަކަށް. ދެމަހެހްހާ ދުވަސް ތެރޭގައި ނިމެންވާއިރަށް، މި ދެންނެވިހެން، އެ ޑްރެޖަރު ދިއްދުއަށް ގެންގޮސް، ދިއްދޫ ނިންމާފައި މި އަތޮޅަށް އައިސް، އެއް ރަށް ނިންމައި، އަނެއް ރަށް ނިންމައި، އެގޮތަށް ގޮސް، ތިން ރަށުގެ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކައި ނިންމާފައި ދާނީ. އެގޮތަށް ތަރުތީބުކޮށްފައި މިއޮތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް ދާނެ. އެހެންވީމާ، އިތުރު ހިތްހަމަޖެހުމެއް، ޔަޤީންކަމެއްދޭން އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ.

ދެން، އެމް.އޭ.ސީ.އެލް.އިން ބިންހިއްކައި ނިމެންވާއިރަށް، އެ ބޭފުޅުން ހަވާލުވި ކޮންމެ ރަށެއްގައި ބޭނުންވާ، ސިވިލް އިންޖިނިއަރިންގ އިންފްރާސްޓްރަކްޗަރ މަސައްކަތަށްވެސް ތައްޔާރުވެފައި ވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް ދާނެ. ފުރިހަމަ ޔަޤީންކަން އަޅުގަނޑު މިދެނީ، ތިޔަ ލޮބުވެތި ރައްޔިތުންނަށް. އަޅުގަނޑު ދެންމެ މި ދެންނެވި ގޮތަށް މި އެއަރޕޯޓު ނިންމައި، އެންމެ ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ހުޅުވައި، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނާ ހަވާލުކުރާނެ ކަމުގެ ޔަޤީންކަން، އަދިވެސް އެއްފަހަރު ދެން.

އާދެ، އެއަށްފަހު އަޅުގަނޑު ބައެއް ކަންކަމަށް ޖެހިލާނަން، ބައެއް މަޢުލޫމާތުތައް ޙިއްޞާކޮށްލަން. އާދެ، ގެދޮރު ބިނާކުރުމަކީ ރައްޔިތުންނަށް އަޅުގަނޑު ވީ އެންމެ މުހިންމު އެއް ވަޢުދު. ޙަޤީޤަތުގައި ތަރައްޤީގެ މައިދާނުގައި، އަޅުގަނޑު ވީ އެންމެ މުހިންމު ވަޢުދު. ވަރަށް ގިނަ ރަށުގެ ރައްޔިތުންނަށް، އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތް ކަންތައް. މި ރަށް ކަހަލަ، ވަރަށް ގިނަ ރަށްތަކުގެ ރައްޔިތުންގެ އެންމެ މުހިންމު، އަސާސީ މައްސަލަ ޙައްލުކޮށްދޭން އަޅުގަނޑު ވީ ވަޢުދު. އާދެ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި މަސައްކަތަށް އަޅުގަނޑު ވީ ވަޢުދުގެ ތެރެއިން އެއްބައި ފުއްދުމަށް، 50 ޔުނިޓުގެ މަސައްކަތް އަޅުގަނޑުމެން ފުރަތަމަ ފަށާނީ. 50 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް، މި ފެށޭ އަހަރަށް އަޅުގަނޑުމެން ފާސްކުރާ ބަޖެޓުގައި ހިމަނާފައި މިހާރު އޮންނާނީ. އެހެންވީމާ، ބަޖެޓު ފާސްވެގެންއައިސް، އަހަރުގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ، 50 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށާނަން.

ހަމައެއާއެކީގައި، މި އަހަރު ތެރޭގައި ކުރެވޭނެ ބައެއް ކަންކަމަށް ބަލާއިރުގައި، މި އަހަރު ތެރޭގައި އަޅުގަނޑުމެން ޞިއްޙީ ދާއިރާއިން މި ރަށަށް އިތުރު ކުރިއެރުން ގެނެސްދިނުމަށްޓަކައި، މި އަހަރު ނިމުމުގެ ކުރީގައި، ޑަޔަލިސިސް ޚިދުމަތް މި ރަށުގައި ފެށިގެންދާނެ. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އަދި، މި އަންނަ އަހަރަށް އަޅުގަނޑުމެން ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއްކަމަކީ، ތަޢުލީމީ ދާއިރާއިން، މި ސްކޫލުގެ ވަރަށް ގިނަ މަރާމާތުތަކެއް، އަޕްގްރޭޑްތަކެއް ކުރަން ހުރުމާއެކު، އެކަންކަން ކުރަން. ކުޑަކުޑަ ޚަރަދަކަށްވުރެ ބޮޑު މަރާމާތްތަކެއް. ގިނަ މަސައްކަތްތަކެއްވީމަ، އާ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ސްކޫލަށް އެ އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން. އެހެންވީމާ، ބަޖެޓު ފާސްވާހާ އަވަހަކަށް، ޖަނަވަރީ މަސް ތެރޭގައި، މި ދެންނެވި އަޕްގްރޭޑިންގ، ރިޕެއަރ މަސައްކަތްތަކަށް ސްކޫލަށް އަޅުގަނޑުމެން ފައިސާ ހަމަޖައްސައިދޭނަން.

ހަމައެއާއެކީގައި، ކުޅިވަރުގެ ދާއިރާއިން، އެންމެ ޒަމާނީ ފެންވަރުގެ ގިނަ ކުޅިވަރުތައް ކުޅެވޭ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއް މި ރަށުގައި އިރާދަކުރެއްވިއްޔާ ޤާއިމުކުރުމަށްޓަކައި، މި އަންނަ އަހަރަށް އަޅުގަނޑުމެން ފާސްކުރާ ބަޖެޓުގައި ހިމަނަން ނިންމާފައި މިއޮތީ. އެހެންވީމާ، ބިމުގެ ޖާގަ ދަތިވީމަ، އަޅުގަނޑުމެން ނިންމާފައި މިއޮތީ، އެއްތަނެއްގައި ގިނަ ކުޅިވަރު ކުޅެވޭގޮތަށް، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއް ހަދަން. މި މަޝްރޫޢު އިރާދަކުރެއްވިއްޔާ އަހަރުގެ ކުރީކޮޅު ފަށައިދޭނަން.

އާދެ، މި ދެންނެވި ކަންކަމުގެ އިތުރަށް، އަދިވެސް މުހިންމު މަޝްރޫޢުތައް ހުންނާނެ. ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުން އެބައޮތް ބޮޑު ކަމަކަށް. ނިމުނީމަ، މަގު ހެދުންވެސް އެބައޮތް. އެހެންވީމާ، މި އަންނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން މަގުހެދުން އެބަ ހިމަނަން. އެހެންނަމަވެސް، ފެނާއި ނަރުދަމާގެ މައްސަލައަކީ ބޮޑު އިޝޫއެއް. ބޮޑު އިޝޫއަކަށްވާ ސަބަބަކީ، ސަރުކާރުން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއް ނެތް މިހާރަކު. ހުރިހާ ފައިސާއެއް ހަވާލުކޮށްފިން. މަސައްކަތެއް އެކަމަކު ނުކުރޭ. މިއީ، މި ރަށްގޮތަށް، މި ސަރުކާރުން މަސައްކަތް ފެށިފަހުން، މިދިޔަ ދެ އަހަރެއްހާ ދުވަހު ތެރޭގައި، އަޅުގަނޑުމެން ކުރީ ސަރުކާރުގެ ތެރޭގައި އޭރު ހަވާލުކުރި، މި ދެންނެވިހެން، ފެނާއި ނަރުދަމާގެ އެބައުޅޭ އެތައް ރަށެއް މި ކުންފުންޏާ ހަވާލުކޮށް، މަސައްކަތް ހުއްޓިފައި. ފައިސާގެ މައްސަލައެއް ނެތް. އަޅުގަނޑުމެން ބަރާބަރަށް ފައިސާ ހަވާލުކޮށްފިން. އެހެންނަމަވެސް، ތިން ރަށެއްގައި ނޫނީ އެ ފަރާތުން މަސައްކަތެއް ނުކުރޭ. ގިނަ ރަށްތައް ހުރީ ހުއްޓިފައި. ދެން، އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ މަސައްކަތްކުރަން، އެ އެގްރީމަންޓް ތެރެއިން އެ މީހުން ލައްވައި އެކަން ކުރެވޭތޯ. އެހެންނަމަވެސް، އެކަން ކުރިއަށް ނުދާތަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަފެނޭ. މި ދަތުރަށްފަހު، އަޅުގަނޑުމެން އެނބުރި ގޮސް، ފަހު ފުރުޞަތު ދޭނަން އެ ކުންފުންޏަށް. ފަހު ފުރުޞަތު، އިމީޑިއެޓްލީ، ވީހާވެސް އަވަހަކަށް، ހަމަ މިހާރުން މިހާރަށް މަސައްކަތް ބާރު ސްޕީޑްގައި ގެންދަން ފަށަން. އެގޮތަށް ނުކުރާނަމަ، އަޅުގަނޑުމެން ދެން އެގްރީމަންޓް ބާޠިލުކުރާނީ.

އެއީ، އަޅުގަނޑުމެން މި ބަލަނީ، ވީހާވެސް ރަނގަޅަކަށް އެގްރިމެންޓުގެ ތެރެއިން ފުރުޞަތުތައް ކުންފުނިތަކަށް ދޭން. އެހެންނަމަވެސް، އާދަޔާ ޚިލާފަށް ހަމަ މިކަހަލަ ކަންކަން ލަސްވެގެންދާ ދިޔުމަކީ، އަޅުގަނޑުމެންނަކަށްވެސް އެއްގޮތަކަށްވެސް ގަބޫލުކުރެވޭ ކަމަކަށްނުވާތީ، ދެން ފަހު ފުރުޞަތު ދިނުމަށްފަހު މަސައްކަތް ނުކުރާނަމަ ބާޠިލުކޮށް، މިކަން ކުރެވޭގޮތަށް، އާ އެގްރިމެންޓެއް އެހެން ފަރާތަކާ ހަދައިގެން ބާކީބައި ނިންމާނަން. އެހެންވީމާ، އެކަން ނިމުނީމާ މަގުހެދުމުގެ މަސައްކަތް ފަށާނަން. މި އަންނަ އަހަރުގެ ބަޖެޓުގައި އިރާދަކުރެއްވިއްޔާ، ނިމުނީމާ ފަށާ މަޝްރޫޢަކަށް އެކަން އޮންނާނެ.

އޭގެ އިތުރަށްވެސް، ފުލުހުންގެ މަރުކަޒެއް އެޅުންވެސް އެބައޮތް. ދެން މިކަމަށް އަޅުގަނޑު ހިތުން ދާދި އަވަހަށް ބިމުގެ މައްސަލަ ޙައްލުވާނެ. ބިމެއް ހަމަޖެހުނުހާ އަވަހަކަށް ފުލުހުންގެ ޕޮލިސް ސްޓޭޝަނެއް، އާ ޕޮލިސް ސްޓޭޝަނެއް އެޅުންވެސް އެބައޮތް. އަދި ކައުންސިލް އިދާރާއެއް އެޅުންވެސް އެބައޮތް. މިފަދަ އެތައް ކަމެއް މި ރަށުގައި ކުރަން އަދި އެބަހުރި.

އާދެ، މީގެތެރޭގައި ވަރަށްގިނަ މަސައްކަތް، މަތިކޮމަންޑުއާ ގުޅުވައިލުމަށްޓަކައި ބުރިޖު ނޫނީ ކޯޒްވޭގެ މަޝްރޫޢުވެސް ކުރިއަށް ގެންދިޔުން އެބައޮތް. އަދި އޭގެއިތުރަށް، މަތިކޮމަންޑޫގެ ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ މަޝްރޫޢުވެސް އެބައޮތް. މިކަހަލަ ވަރަށްގިނަ ކަންތައްތައް އެބަހުރި ކުރިއަށް. އެހެންވީމާ، މި ހުރިހާ ކަމެއް އަޅުގަނޑުމެން ތަރުތީބެއްގެ ތެރެއިން މިގެންދަނީ. ކުރިއަށްދާނެ. އެއްވެސް ކަމެއް ހުއްޓިފައެއް ނުބާއްވާނަން. ނުކޮށެއް ނުބާއްވާނަން. އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ފުއްދަމުން މިދަނީ. އިރާދަކުރެއްވިއްޔާ ފުއްދާނަން. މި ދެންނެވިހެން ކަންތައްތައް ކުރިއަށް ދާނެ.

އެހެންވީމާ، އެންމެ ފުރަތަމަ އަޅުގަނޑު މި ދެންނެވީ އެއަރޕޯޓުގެ ވާހަކަ. އެންމެ މުހިންމު ބޮޑު މަޝްރޫޢު. އެ މަޝްރޫޢު އަޅުގަނޑު ދެންނެވި ގޮތަށް ކުރިއަށްދާނެ. އަދި ދެންހުރި މަޝްރޫޢުތައްވެސް މި ދެންނެވި ފަދައިން ދާނެ. އަޅުގަނޑުމެން މި ސޮއިކުރި، އައިސް ޕްލާންޓަކީވެސް އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ކާމިޔާބުކަމާއެކީގައި ނިންމައިދޭނެ މަޝްރޫޢެއް.

އާދެ، އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކޮމަންޑޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުވީ ހުރިހާ ވަޢުދަކީ، އިރާދަކުރެއްވިއްޔާ ސަރުކާރުން ފުރިހަމަކަމާއެކީގައި ޑެލިވަރކޮށް ނިންމާނެ މަޝްރޫޢުތަކެކޭ. ފުއްދާނެ ވަޢުދުތަކެކޭ. މިއިން ކޮންމެ މަޝްރޫޢަކަށް ބޭނުންވާ އެކި ކަންތައްތައް މިހުރީ ތަރުތީބުކޮށް، ފުރިހަމަކޮށް، ދެން ޑެލިވަރ ކުރުމަށް، ނޫނީވިއްޔާ ކުރިއަށް ގެންދިޔުމަށް، ކަންތައްތައް ކުރަން ޖެހިފައި. އެހެންވީމާ، އެކަންކަން ފުރިހަމަވެގެން ދިޔުމުން، ޢަމަލީގޮތުން މި މަސައްކަތްތައް މި ފަށަނީ. އަދި ބައެއް ކަންކަމުގައި ދިމާވެފައި ހުރި މައްސަލަތައް މިހިރީ. މިކަންކަން ޙައްލުކޮށްގެން ކުރިއަށް މިދަނީ.

އަޅުގަނޑު މި ދެންނެވި ފަދައިން، ކުރިން ހަވާލުކޮށްފައި އެބަހުރި، އެއްވެސްވަރަކަށް މިކަހަލަ މަސައްކަތް ނުކުރެވޭ ކަހަލަ ކުދިކުދި ކުންފުނިތަކާ. ވަރަށްގިނަ ރަށްރަށުގައި މަސައްކަތް ހަވާލުކޮށްލާފައި ހުރި. ދެން އެޑްވާންސް ޕޭމަންޓް ނަގައިގެން، ނޫނީވިއްޔާ ބައިކުޅަ ބައި ޕޭމަންޓް ނަގައިގެން، ކުންފުނި ގެއްލުނީ ސަރުކާރު ބަދަލުވިތަނާ. ބައެއް ރަށްރަށުގައި ކުންފުނި ބޭނުމެއްނުވޭ މަސައްކަތް ކުރަންވެސް. މިހެން ވެފައިވެސް އެބަހުރި އެތައް ރަށެއްގައި. މިސާލަކަށް، އިމާރާތެއްގެ ތަނބުތައް ޖަހާލާފައި ކުންފުނި ގެއްލުނީ. ބަލައިލާއިރުގައި އެތައް ޕަސެންޓެއްގެ ޕޭމަންޓް، އެޑްވާންސް ގޮތުގައާއި، އެކި ގޮތްގޮތަށް ނަގާފައި ހުރީ. ދެން މިއިން ސަލާމަތްވާންވެގެން އެތައް ދުވަހެއް، އެތައް މަސްތަކެއް ހިނގައްޖެ.

އެހެންވީމާ، ރައްޔިތުންނަށް ކުރިމަތިން ފެންނާނީ، މަޝްރޫޢު ހުއްޓިފައި ހުއްޓާ. އެހެންނަމަވެސް، އެކަން ޙައްލުކުރަން ކުރެވޭ ކަންކަން އެއީ، ތަފްސީލު ނޭނގޭ ކަންކަން. އެހެންވެ އަޅުގަނޑު މި ބޭނުންވީ، މިކަހަލަ ބައެއް ކަންކަން ހިނގަމުންދާ ގޮތް ބަޔާންކޮށްލަދޭން. އަޅުގަނޑު ވަރަށް އިސްކަމެއްދެން، ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް އިސްކަންދޭ، ރައްޔިތުންނަށް މިހެން ހުއްޓިފައިހުރި، ނޫނީވިއްޔާ ދަތިވެފައިހުރި ކަންކަން އަވަހަށް ޙައްލުކޮށްދޭން. އެހެންވީމާ، މި ރަށުގައިވެސް އަޅުގަނޑު މި ދެންނެވިހެން، އިރާދަކުރެއްވިއްޔާ ފެނާއި ނަރުދަމާގެ އިޝޫ، ބޮޑު މައްސަލަ ޙައްލުކުރާނަން.

އާދެ، އަޅުގަނޑު މި ދެންނެވި ގޮތަށް، އިރާދަކުރެއްވިއްޔާ ހުރިހާ ކަންކަމެއް ކުރިއަށް ގެންދާނަން. މި ރަށުގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި މިފަދަ ބޮޑެތި މައްސަލަތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޙައްލުކޮށްދޭނަން.

އާދެ، ސަރުކާރުން ރައްޔިތުންނަށް މިކަންކަން މި ކޮށްދެނީ، މި ދެންނެވި ފަދައިން، ވަރަށް ރަނގަޅަށް އެކަންކަން ގެންދެވޭނެ ގޮތަށް ތަރުތީބުކޮށްގެން. ހުރިހާ ކަމެއް މިއޮތީ ގުޅިލާމެހިފައި. މި ދެންނެވީ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ، އިޤްތިޞާދީ ގޮތުންވެސް ޤައުމު ރަނގަޅު މަގަށް އަޅުވައިގެން. މުޅިން ކައްސައިލައިގެން އަނދަވަޅަކަށް ވެއްޓިފައި އޮތް އިޤްތިޞާދެއް ނަގައި، ރަނގަޅު މަގަށް އަޅުވައި، ރަނގަޅު މިސްރާބުން ގެންދަންވެސް މަސައްކަތް ކުރަމުން. އެހެންވީމާ، އެގޮތަށް ހުރިހާ ކަމެއް ތަރުތީބުކޮށްގެން މި ގެންދަނީ.

އިޤްތިޞާދަކީ އަޅުގަނޑުމެން ހުރިހާ ދިމާއަކުން، ހުރިހާ ވިސްނުމަކުން، ހުރިހާ ނަޒަރިއްޔާތަކުން ފުޅާކުރަންޖެހޭ އިޤްތިޞާދެއް. ޓޫރިޒަމްގެ ދާއިރާ ކަމުގައިވިޔަސް، އަދި މަސްވެރިކަން ކަމުގައިވިޔަސް، ކްރިއޭޓިވް އިކޮނޮމީ ކަމުގައިވިޔަސް، އަދި އެހެނިހެން ދާއިރާތަކުން ކަމުގައިވިޔަސް، އެގޮތަށް އަޅުގަނޑުމެން މިގެންދަނީ. ޓޫރިޒަމްގެ ދާއިރާއިން ބަލާއިރުގައިވެސް، މި އަތޮޅަށް އެކަށޭނަވަރަކަށް ނެތް އަދި ޓޫރިޒަމް އައިސްފައެއް. އެހެންވީމާ، އަޅުގަނޑުމެން އޮންނާނެ މިހާރު އިޢުލާނުކޮށްފައި، ވަރަށް ޚާއްޞަ ލުއިތަކެއް ދީފައި، މި އަތޮޅަށް ޓޫރިޒަމް ގެނައުމަށް ފުރުޞަތު ހުޅުވާލާފައި. ވަރަށް ގިނަ އިންސެންޓިވްތައް ލާފައި، އިންވެސްޓަރުންނަށް ޝައުޤުވެރިކަން ލިބިގެންދާނެ ކަހަލަ ވަރަށްގިނަ ލުއިތައްދީފައި، އިޢުލާނުކޮށްފައި އޮންނާނެ މިހާރު. ފަސް އަތޮޅެއް އިޢުލާނުކުރިން. އޭގެތެރޭގައި މި އަތޮޅު ހިމަނާފައި އިޢުލާނުކުރީ.

އެގޮތުން، އަޅުގަނޑުމެން ޚާއްޞަ ލުއިތަކެއް ދީފައި، ދެ އަހަރު ދުވަހަށް ޚާއްޞަ ލުއިތަކެއް ދީފައި އަޅުގަނޑުމެން ހުޅުވާލީ. އޯޕަން ބިޑިންގ އުސޫލު، މި އަހަރުގެ ޖޫންމަހުގެ 29 ވަނަ ދުވަހު އަޅުގަނޑުމެން ވާނީ އިޢުލާނެއް ކޮށްފައި. މި މަހުގެ 15 އަށް މުއްދަތު ހަމަވާނީ. މި އަތޮޅުގެ ފުށިފަރު އަދި ގޮނާފަރު ފަޅުން، 200 ހެކްޓަރުގެ 3 ޕްލޮޓް ހިމެނޭހެން އަޅުގަނޑުމެން ހުޅުވާލާފައި އޮންނާނެ. އަދި ކްލޯޒް ބިޑިންގ އުސޫލުން މި އަތޮޅުގެ ކުޑަ ޅައިމެންދޫ މިހާރު އިޢުލާނުކޮށް، ބަޔަކަށް އެވޯޑްވެސް ކުރެވިފައި ވަނީ. މި އަތޮޅުގެ ނަލަންދޫވެސް ޓޫރިޒަމަށް ހުޅުވާލާފައި މިއަދު މި އިޢުލާނުކުރީ.

އެހެންވީމާ، ޓޫރިޒަމްގެ ވަރަށް ގިނަ ފުރުޞަތުތައްވެސް އެބަ ހުޅުވާލަން. އެއަރޕޯޓުތައް އަންނައިރުގައި، އެއަރޕޯޓުތައް ފީޒިބަލް ކުރުމަށްޓަކައި، ޓޫރިޒަމް މުހިންމުވާނެ. އެހެންވީމާ، ޓޫރިޒަމް ބެޑުތައް އިތުރުވެގެންދިޔުމަކީ، މިކަން ދެކޮޅުޖެއްސުމަށް، އަދި ކާމިޔާބު އިޤްތިޞާދެއް މި އަތޮޅަށް ގެނައުމަށް، ކޮންމެހެން ބޭނުންކަމެއް. ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ކޮންމެހެން ބޭނުން ކަމެއް. އެހެންނޫނީވިއްޔާ، އަތޮޅުގެ ޒުވާނުން އެހެން އަތޮޅަކަށް، ދުރު ރަށްރަށަށް، ދުރު ރިޒޯޓުތަކަށްގޮސް މި ޖެހެނީ ވަޒީފާ އަދާކުރަން. އަޅުގަނޑުމެން ބޭނުންވަނީ، ރަށާ ކައިރި ރިޒޯޓުތަކުގައި ޒުވާނުން، ރައްޔިތުން، ވަޒީފާ އަދާކުރަން. އެހެންވީމާ، އެ މަގު ފަހިކޮށްދިނުމަށްޓަކައި މި އެއަރޕޯޓުތައް މިވަނީ، ވަރަށް މައި ދޮރާށްޓަކަށް. އެ ދޮރާށި ބޭނުންކޮށްގެން އަންނަ ޓޫރިސްޓުން ތިބޭނެ ރިޒޯޓުތައް މި އަތޮޅުގައި ހުންނަންޖެހޭނެ. އެކަމަށް ލުއިތަކެއް މިއޮތީ ދީފައި ހުޅުވާލާފައި އިންވެސްޓަރުންނަށް. އެކި ފަރާތްތަކުން މަޢުލޫމާތުތައް ސާފުކޮށް، ބިޑު ހުށަހެޅުމަށްޓަކައި، ޝައުޤުވެރިކަން އެބަ ފާޅުކުރޭ. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، މި މަހުގެ 15 އަށް، މާދަމާ މި ޑެޑްލައިން ހަމަވާއިރު، ބައެއް ފަރާތްތަކުން ބިޑު ހުށަހަޅާނެ ކަމަށް. ހުށަހެޅީމާ ދެން އޮންނަ އުސޫލުން ބަލާނެ.

އެހެންވީމާ، އިތުރު ރިޒޯޓުތައް މި އަތޮޅަށް އައުމަކީ، ދާދި ކައިރީގައި އޮތް ކަމެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އިންވެސްޓަރުންނަށް މުހިންމު މިކަހަލަ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް، ޚާއްޞަކޮށް އެއަރޕޯޓުތައް އެޅިގެންދާތަން ފެނިގެންދިޔައިމާ، އިންވެސްޓަރުން ޝައުޤުވެރިވާނެ އަންނަން. ޙަޤީޤަތުގައި، ދަތުރުފަތުރު ކުރުމަށް ވަރަށް އުނދަގޫ ގޮތަކަށް މި އަތޮޅުގެ ތެރޭގައި މި އޮންނަނީ. އެހެންވީމާ، ޝައުޤުވެރިކަން އިންވެސްޓަރުންގެ ކުޑަ. އެހެންވީމާ، މި އެއަރޕޯޓުތައް ބޭނުންވަނީ. ރައްޔިތުންނަށްވެސް އޭގައި ފައިދާތައްވާނެ. އެހެންވީމާ، އެގޮތުން އެކަން ކުރިއަށް މިގެންދަނީ.

ހަމަ އެގޮތަށް، މަސްވެރިކަމުގެ ދާއިރާއިންވެސް، މި ރަށާއި މި އަތޮޅުގައި އަލުން މަސްވެރިކަން އާލާކުރުމަށްޓަކައި، އައިސްޕްލާންޓްތައް ޤާއިމުކުރުމާއި، އަދި އެހެނިހެން ކަންކަމަށް އަޅުގަނޑުމެން މި އިންވެސްޓް ކުރަނީ ސަރުކާރުގެ ފަރާތުން. އޭރުން މަސްވެރިކަމުގައި ކުރީގައި އުޅުނު ފަރާތްތައް، މިހާރު މަސްވެރިކަން ދޫކޮށްލާފައި ގޮސް އެހެނިހެން ވިޔަފާރިތައް ފެށި އޮޑިވެރިން އަނބުރާ މަސްވެރިކަމަށް އަންނާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އައިސް، މަސްވެރިކަން އަނެއްކާ މި އަތޮޅުގައި އާލާވެގެންދާނެކަން އަޅުގަނޑަށް ހަމަ ޔަޤީން. އެކަން ކުރައްވާނެކަން އަޅުގަނޑަށް އެއްވެސް ޝައްކެއްނެތް. އެހެންވީމާ، މި ފުރުޞަތު މި ހުޅުވާލަނީ ރާއްޖޭގެ އިޤްތިޞާދު ދިވެހިންގެ އަތްމައްޗަށް އަނބުރާގެނެސް ފުޅާކުރުމަށްޓަކައި. ޕްލޭނެއްގެ ތެރެއިން، ރޭވުންތެރިކަމާއެކީގައި.

ހަމަ އެގޮތަށް، އުފެއްދުންތެރިކަމުގެ އިޤްތިޞާދުވެސް، ކްރިއޭޓިވް އިކޮނޮމީވެސް އަޅުގަނޑުމެން ފުޅާކުރަން މި މަސައްކަތް ކުރަނީ އެގޮތަށް. ހަނދުމަފުޅު ހުންނާނެ، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެތައް އަހަރެއް ކޮށްފައި ބާއްވައިފިން އުފެއްދުންތެރިކަމުގެ މަޢުރަޒު، ހުޅުމާލޭގައި. އެތައް ހާސް ޒުވާނުންނެއް، އެތައް ހާސް ފަރާތްތަކެއް އޭގައި އުފެއްދުންތެރިކަން ދައްކައިދީ، ވަރަށް ކާމިޔާބުކޮށް ދިޔަ ކަމެއް އެއީ. އެތައް ފަރާތްތަކެއް އަލަށް އުފެއްދުންތެރިކަމުގެ ތެރެއަށް ވަދެގެންދިޔަ. ޒުވާނުން، އެކި އުމުރުފުރާތަކުގެ އެކި ފަރާތްތައް، އަންހެން ބޭފުޅުން، ފިރިހެން ބޭފުޅުން.

އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގެ އިޤްތިޞާދު މިގޮތަށް ފުޅާކުރަން. ކްރިއޭޓިވް އިކޮނޮމީއަކީ، ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑު މެނިފެސްޓޯގައި ވަޢުދުވެފައި އޮތް ކަމެއް. އަދި މި ކްރިއޭޓިވް އިކޮނޮމީގެ ތެރެއިން، އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ދުނިޔޭގެ އެކި ބާޒާރުގައި ވިއްކައި، ގަނެހެދުމުގެ ފުރުޞަތުތައް ހޯދައިދޭނެ ކަމަށް ވަޢުދުވިން.

ތިޔަބޭފުޅުންނަށް މީޑިއާއިން، ނޫސްތަކުން، މިއަދު ފެނިވަޑައިގަންނަވާނެ މީގެތެރެއިން ޕޭޕަލްގެ ވާހަކަ. އެއީ، އަޅުގަނޑު ވަޢުދުވީ ވަރަށް މުހިންމު ވަޢުދެއް. ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހު މިދިޔައީ، އެއްކަލަހެން ބިހައިންޑް ކްލޯސް ޑޯރގައި ވަރަށް ގިނަ މަސައްކަތް، އިކޮނޮމިކް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން. މިއަދު އެވަނީ ރާއްޖެއަށް ޕޭޕަލް ޚިދުމަތް ގެނައުމަށްޓަކައި، ޕޭޕަލްގެ ފަރާތުން، ގަޠަރުގެ އުރީދޫ ފިންޓެކް މެދުވެރިކޮށް، މި ޚިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިކަން އިޢުލާނުކޮށްފައި.

އެހެންވީމާ، އެ ބޭފުޅުންގެ ފަރާތުން މިކަން ކުރިއަށްދާއިރުގައި އަޅުގަނޑުމެންނަށް ވަރަށް އުންމީދު އެބައޮތް މާލަސްތަކެއްނުވެ، މި އަންނަ އަހަރުގެ ތެރޭގައި، ވީހާވެސް އަވަހަކަށް އެ ޚިދުމަތް، ޕޭޕަލް ލިބިގެންދާނެ. ޕޭޕަލްއަކީ، އޮންލައިންކޮށް ވިޔަފާރި ކުރާއިރުގައި، ވަރަށް މުހިންމު، އެންމެ ފުޅާ ޕްލެޓް ފޯމް. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ، މިދަނީ ގާތްގަނޑަކަށް ދިވެހި ރައްޔިތުންގެ އަތްމައްޗަށް އެ ފުރުޞަތު އަންނަމުން. އެހެންވީމާ، މިފަދަ އެތައް ފުރުޞަތުތަކެއް މިދަނީ ހުޅުވާލަމުން. އެތައް ފުރުޞަތުތަކެއް އެބަހުރި މިހާރު.

އެހެންވީމާ، މިކަހަލަ ކޮންމެ ދާއިރާއަކުން އަޅުގަނޑުމެން މިދަނީ މިކަންކަން ރައްޔިތުންނަށް ފަހިކޮށްދެމުން. އިރާދަކުރެއްވިއްޔާ، މީގެ ފައިދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރަމުންދާނެ. މި އަންނަ އަހަރު އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، މުޅި އަހަރަކީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި. އެއީ، އަޅުގަނޑުމެން ބޭނުންވަނީ އެކި ދާއިރާތަކުން އުފެއްދުންތެރިކަމަށް ރާއްޖޭގައި، ބޮޑު ބޫމެއް އައިސް ކުރިއަރައިގެންދާނެ ފުރުޞަތު ދޭން.

އެހެންވީމާ، ހަމައެކަނި ޓްރެޑިޝަނަލް އިންޑަސްޓްރީތަކެއް ނޫން، ޓޫރިޒަމް އެކަންޏެއްނޫން، މަސްވެރިކަން އެކަންޏެއްނޫން. އެކި ދާއިރާތަކުން ރައްޔިތުންގެ ތެރެއިން، ޒުވާނުންގެ ތެރެއިން ކްރިއޭޓިވިޓީ ހުރި ފަރާތްތައް އޭގެތެރެއަށް އައިސް، އާ އީޖާދުތަކާއި، އާ އެއްޗެހި އުފައްދައި، އަދި އަންހެން ބޭފުޅުންވެސް ގޭގައި ތިބެގެން އުފައްދާ ތަކެތިވެސް އޮންލައިންކޮށް ވިއްކޭނެ ޕްލެޓްފޯމްތަކުގެ މަގު ފަހިކޮށްދީ، މިކަންކަން ކޮށްދޭން.

އެހެންވީމާ، ރަށްރަށުގައި މިހެން ހުންނަ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރަމުންދާއިރުގައިވެސް، އަޅުގަނޑުމެން ހަމަ އެއާއެކީގައި، ކުރިން އަޅުގަނޑު ދަންނަވާލިހެން، މިއީ ގުޅިލާމެހިފައި ހުރި ކަންކަމަށްވާތީވެ، އިޤްތިޞާދު ފުޅާކުރުމަށްޓަކައިވެސް އެތައްކަމެއް މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، އޭގެ ނަތީޖާދަނީ ފެންނަމުން. ކުރިއަށް އޮތް ދުވަސްތަކުގައި، މީގެ ނަތީޖާ ހަމަ ޔަޤީނުންވެސް ރައްޔިތުންނަށް ފުރިހަމަގޮތުގައި އިޙްސާސްވެ، ރާއްޖޭގެ އުފެއްދުންތެރިކަން އެތައް ގުނައެއް މަތިވެގެންދާނެ. މިހާރުވެސް އެގޮތުގައި ކުރިއަށް އެދަނީ. މި އަންނަ އަހަރަށްވެސް އަޅުގަނޑުމެން މި ދެންނެވިހެން ބަލާއިރުގައި ގިނަ ކަންތައްތަކެއް މިހިރީ ފަހިވާގޮތަށް.

އާދެ، މި ދެންނެވި މަގުން ރައްޔިތުން އެދޭ އަމާޒަށް އިރާދަކުރެއްވިއްޔާ ކަންތައްތައް ފަހިކުރަމުން އަޅުގަނޑުމެން ގެންދާނަން. ރަށްރަށަށް އަޅުގަނޑުމެން މި ދަތުރުތައް މި ކުރަނީވެސް ރައްޔިތުންނަށް ބޭނުންވާ މިފަދަ ކަންތައްތައް ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ ގާތުން ހަމަޖައްސައިދިނުމަށްޓަކައި. އިރާދަކުރެއްވިއްޔާ، މިކަންކަމުގެ ނަތީޖާ ރައްޔިތުން ބޭނުންވާގޮތަށް ހާސިލުވެގެންދާނެކަމީ، އަޅުގަނޑަށް ޔަޤީން ކަމެއް.

އާދެ، އަދިވެސް އެއްފަހަރު، ކޮމަންޑޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ތަކުރާރުކޮށް ހަމަ ވަޢުދު ތަކުރާރުކޮށްލާނަން. މި ރަށުގެ އެއަރޕޯޓުގެ މަސައްކަތް އެންމެ ގިނަވެގެން 30 މަސް ތެރޭގައި ހުޅުވައި، ރައްޔިތުންނަށް ފޯރުކޮށްދޭނެކަމުގެ ވަޢުދާއި، ދެން މި ދެންނެވި ހުރިހާ ވަޢުދުތަކެއްވެސް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.