بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފޯކައިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، ރަށުގެ ޚިދުމަތްތެރި އެންމެހައި އިސް ރަށްވެހިން، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، އަޑުއައްސަވަމުން ގެންދަވާ އަދި ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި އަތޮޅަށް މިކުރާ ދަތުރުގައި، ފޯކައިދުއަށް އަޅުގަނޑުމެންނަށް އާދެވުނު ވަގުތު، މި ރަށުގެ ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު، ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި. ސަރުކާރުން އިރާދަކުރެއްވިއްޔާ، މިއިން ކޮންމެ ކަމަކަށް ވަރަށް އިސްކަމެއްދީ، ވަރަށް ސަމާލުކަންދީގެން، ކުރިއަށް ގެންގޮސްދޭނަން. މީގެ ތެރޭގައި، ވަރަށް ގިނަ ކަންކަމަކީ، ކުރިން އަޅުގަނޑު ރައްޔިތުންނަށް ވަޢުދެއްގެ ގޮތުގައި ވެފައިހުރި ކަންތައްތައް.

އާދެ، މިއަދު އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢު، މަގުހެދުމަކީވެސް އޭގެތެރޭގައި ހިމެނޭ މުހިންމު ކަމެއް. އަދި އަޅުގަނޑުމެން މިއަދު ޢަމަލީގޮތުން އިފްތިތާޙުކުރި، ފެށި
ތިން މަޝްރޫޢަކީވެސް އާދެ، އިސްލާމިކް ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތާއި، ފުލުހުންގެ އިދާރާ އެޅުމާއި، އަދި ކުނި މެނޭޖްކުރުމުގެ މަރުކަޒާއި، މިއިން ކޮންމެ ކަމަކީވެސް މަޝްރޫޢުތައް ނިމިގެން ދިޔުމުން، އޭގެ ފުރިހަމަ ނަފާ، ރައްޔިތުންނަށް ލިބޭނެ ކަންކަން. އަޅުގަނޑު ރައްޔިތުންނަށް ވަޢުދުވެފައި ހުރި ކަންކަން.

އާދެ، މިއިން ކޮންމެ މަޝްރޫޢެއްވެސް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ކުރިއަށްދާނެ. އަޅުގަނޑުމެން މަސައްކަތްތައް މި ފަށަނީ، އެކަމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްގެން. ފައިސާގެ ގޮތުން، ފަންނީ ގޮތުން، ތަކެތީގެ ގޮތުން، އިދާރީ ގޮތުން، ހުރިހާ ކަމެއް ހަމަނުޖައްސައި، މިއިން އެއްވެސް މަޝްރޫޢެއް އަޅުގަނޑުމެން ސޮއިކޮށް، ނޫނިއްޔާ މަސައްކަތެއް މިހާރު ނުފަށަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އޭގެ އެއްވެސް ކަމެއް މަޑުޖެހި، ހުއްޓިގެނެއް ނުދާނެ. އިރާދަކުރެއްވިއްޔާ ރަނގަޅަށް އަޅުގަނޑުމެން ގެންދާނަން.

އާދެ، އަޅުގަނޑު ދެންމެ ދެންނެވިފަދައިން މި ކަންކަން ވެގެންދިޔުން ވާނީ އޭގެ ސަބަބުން ތިޔަބޭފުޅުންނަށް ހަމަ ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ކަންކަމަށް. އާދެ، މި ކަންކަމުގެ އިތުރަށްވެސް ވަރަށް މުހިންމު ގިނަ ކަންތައްތަކެއް، ރައްޔިތުންނަށް ދަތިވާ ކަންކަން، ރަށުގެ ކުރިއެރުމަށް ހުރި ކަންކަން އެބަހުރި.

އާދެ، މީގެތެރެއިން އަޅުގަނޑު ބައެއް ކަންކަން ދަންނަވާލާނަން. އާދެ، ކުޅިވަރުގެ ދާއިރާއިން ބަލާއިރުގައި، އަޅުގަނޑުމެން މި އަހަރު އިތުރު މަޝްރޫޢުތަކެއް ފަށަން ގަސްދުކުރަން. މި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަވާލުކުރާނަން، މި ރަށުގައި ފުޓްސަލް ދަނޑެއް އެޅުމަށާއި އަދި ހޭންޑްބޯލް ކޯޓެއް އެޅުމަށް. އަޅުގަނޑުމެން މިހާރު ދަނޑުތައް އަޅަނީ، ރޭގަނޑުވެސް ކުޅެވޭގޮތަށް ލައިޓުޖަހައި، ހުރިހާ ކަމެއް ފުރިހަމަކޮށްފައި. އެހެންވީމާ، މިހާރު މިއަޅާގޮތަށް އަޅާ ޒަމާނީ ފުޓްސަލް ދަނޑަކާއި، ހޭންޑްބޯލް ކޯޓެއް އެޅުމުގެ މަސައްކަތް، މި މަހަގެ ތެރޭގައި ހަވާލުކުރެވި، މި އަހަރުގެ ތެރޭގައި ޢަމަލީގޮތުން މި ރަށުގައި ފެށިގެން ކުރިއަށްދާނެ. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

ހަމައެއާއެކީގައި، މި އަންނަ އަހަރަށް ކަނޑައަޅާ މަޝްރޫޢުތަކުގެ ތެރެއިން، އެންމެ މުހިންމު ކަމަކަށް އަޅުގަނޑުމެން ކަނޑައަޅާފައި މިވަނީ، އާ އަހަރުގެ ބަޖެޓުގައި ހިމަނާފައި މިވަނީ، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫޢެއް ގޮތުގައި، ސްކޫލަށް ބޭނުންވާ އިމާރާތް. ސްކޫލްގައި ސައިންސް ލެބް، ކޮމްޕިއުޓަރ ލެބް، އޭވީ ރޫމް، ދެން މިހެންގޮސް، އެކި ކަންކަމަށް ބޭނުންވާ ޖާގަ ފުރިހަމަވެގެންދާ އިމާރާތެއް ސްކޫލަށް އެޑްކުރަން، އިިތުރުކުރަން. އެހެންވީމާ، ބަޖެޓު ފާސްވެގެންދާއިރު، އޭގައި މި މަޝްރޫޢު އޮންނާނެ. އަދި ބަޖެޓު ފާސްވެގެން ދިޔުމާ އެކީގައި، އަހަރުގެ އެންމެ ކުރީކޮޅު ފެށިގެންދާ މަޝްރޫޢުތަކުގެ ތެރޭގައި، މި މަޝްރޫޢު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން.

އާދެ، މި ދެންނެވި ކަންކަމަކީ، ޖުމްލަކޮށް އަޅުގަނޑުމެން އަލަށް ފަށާ މުހިންމު ބައެއް ކަންތައްތައް. މީގެއިތުރަށް، މޫދަށްއެރޭ ސަރަޙައްދު ހެދުމުގެ މަޝްރޫޢު އެއީ އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރެވިފައި އޮތް ކަމެއް. އެކަމަށް ތަކެތި ހަމަޖައްސައިގެން، ވަރަށް އަވަހަށް މޮބިލައިޒްވެގެން، ނޫނީވިއްޔާ ތަކެތި ގެނެސްގެން ފަށާނެ. މޫދަށްއެރޭ ސަރަޙައްދު ހެދުމާއި، އަދި އެއާއެކީގައި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުންވެސް އެމް.ޓީ.ސީ.ސީ.އާ އަޅުގަނޑުމެން ހަވާލުކުރަން ނިންމާފައި މިއޮތީ. ދެ ކަންތައް އެކުއެކީގައި ހިނގާނެ ކަންތައްތައް އެއީ.

މީގެއިތުރަށްވެސް، އަޅުގަނޑުމެން ބައެއް އިތުރު ކަންކަން ކުރިއަށް ގެންދާނަން. މިސާލަކަށް، ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި، ހެލްތް ސެންޓަރު މިހާރު ހުރި ލެވެލަށްވުރެ، މަތީ ލެވެލަކަށް އަޕްގްރޭޑް ކުރަން، ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ލެވަލް މަތިކުރުމުގެ މަސައްކަތުގެ ތެރެއިން، އަޅުގަނޑުމެން މި ރަށަށް އިރާދަކުރެއްވިއްޔާ ފިޒީޝަނެއް ހަމަޖައްސައިދޭނަން. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑުމެން އިޢުލާނުކުރާނަން، މި ރަށަށް ފިޒީޝަނެއް ހޯދަން. ދެން، އިޢުލާނުގެ ތެރެއިން ހަމަ ލިބުނުހާ އަވަހަކަށް މި ރަށަށް ފިޒީޝަން ހަމަޖެހިގެންދާނެ. ހެލްތް ސެންޓަރު ކުރިއެރުވުމުގައި، ހެލްތް ސެންޓަރުގައި ޚިދުމަތް ދިނުމުގައި، ރައްޔިތުންނަށް މި ބޭނުންވާ ޚިދުމަތްތައް ދިނުމުގައި، ރަށުގައި ގާއިމުވެ ހުންނަ ފިޒީޝަނެއް ލިބުން ވެގެންދާނީ، ހަމަ ޔަޤީނުންވެސް ރަށުގެ ޞިއްޙީ ކަންކަން ކުރިއަރައިގެން ދިޔުމުގައި ވަރަށް މުހިންމު ކަމަކަށް.

މީގެއިތުރަށްވެސް، ކުރިއަށް ހުންނާނެ ބައެއް އިތުރު މަސައްކަތްތައް ކުރަން. އަޅުގަނޑުމެން ގަސްދުކުރަން، އުމްރާނީ ގޮތުން އިތުރު ކުރިއެރުންތައް ގެނެސްދިނުމަށް. އެގޮތުން، އެކްސް-ރޭ ޚިދުމަތް ގާއިމުކުރުން ފަދަ ކަންތައްތައްވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރުވެގެންދާނެ. އެހެންވީމާ، އެއީ މި އަންނަ އަހަރު ބަޖެޓު ފާސްވެގެންދާއިރު، އެކަން އަޅުގަނޑުމެން ހިމަނައިގެން ކުރިއަށް ގެންދާނަން. އެހެންވީމާ، މި އަހަރު ފިޒީޝަނެއް ހޯދަން އިޢުލާން ކުރަން އަޅުގަނޑުމެން ނިންމާފައި މިއޮތީ.

އާދެ، މި މަޝްރޫޢުތަކުގެ އިތުރަށްވެސް ހުންނާނެ މުހިންމު ބައެއް ކަންކަން. މީގެތެރޭގައި، ގެދޮރު ބިނާކުރުމުގެ މަޝްރޫޢު، އެއީ އަޅުގަނޑުމެން މި އަހަރުގެ ބަޖެޓުގައިވެސް ހިމެނި ކަމެއް. އަޅުގަނޑުމެން އެކަމަށްވެސް އެބަ ގެންދަން މަސައްކަތްތައް ކުރަމުން. އެހެންވީމާ، މި އަހަރު ތެރޭގައި އަދި މަޝްރޫޢު ނުފެށުނަސް، މި އަންނަ އަހަރު ތެރޭގައި، އެންމެ މުހިންމު ކަންކަމުގެ ތެރޭގައި، އަޅުގަނޑުމެން ހައުސިންގ ޕްރޮޖެކްޓެއް ހިންގުންވެސް ހިމަނާފައި އޮތީ. އަޅުގަނޑުމެން މި ކަނޑައަޅަނީ، ބަޖެޓު ފާސްވެގެންދާއިރުގައި، އެ މަޝްރޫޢު ވީހާވެސް އަވަހަކަށް ބަޔަކާ ހަވާލުކުރެވޭނެ ގޮތެއް ހަމަޖައްސަން.

އާދެ، މިފަދަ އެތައް ކަމެއް އިރާދަކުރެއްވިއްޔާ، ފޯކައިދޫގެ ރައްޔިތުންގެ ކުރިއެރުމަށް، ތަރައްޤީއަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިއިން ކޮންމެ ކަމެއް ވެގެންދާނީ، ހަމަ ޔަޤީނުންވެސް ރައްޔިތުން ބޭނުންވާ އެތައް ކަމެއް ފުރިހަމަވެގެންދާ ކަންކަމަށް. އާދެ، މި ދެންނެވި ގޮތަށް، އިރާދަކުރެއްވިއްޔާ މި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން، އަދިވެސް އެއްފަހަރު މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

މިއަދު ޢަމަލީގޮތުން އަޅުގަނޑުމެން މި ފެށި މަޝްރޫޢުތަކާއި، ސޮއިކުރެވިގެންދިޔަ މަޝްރޫޢާއި، އަދި މި އަހަރު ފެށޭނެ ކަމަށް އަޅުގަނޑު މި ދެންނެވި ކަންކަމާއި، އަދި މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށް މި ދެންނެވި ކަންކަމާއި، މި ކަންކަން، އަދި އޭގެއިތުރު ކަންކަންވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. އަޅުގަނޑުމެން މަސައްކަތްކުރަމުން މި ގެންދަނީ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދީ، ދަތިވެފައިހުރި ކަންކަން ހަމަޖައްސައިދީ، ފުރިހަމަކޮށްދިނުމަށް. އާދެ، އަދިވެސް ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ކާމިޔާބު ވެގެންދިޔުން. ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމުގައި، ފުރިހަމަ ކާމިޔާބީ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.