بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފީވަކުގެ ލޮބުވެތި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ އަޑުއައްސަވަމުން، ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، މި ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ފީވަކުގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މި ރަށުގެ ތަރައްޤީގެ ދުވެލީގައި، އިތުރު ހަލުވިކަމެއް ގެނެސްދީ، ރައްޔިތުންނަށް އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދައިދީ، އަދިވެސް، ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ފުއްދައިދިނުން، ހަމަޖައްސައިދިނުން އެއީ އަޅުގަނޑުގެ ޒިންމާ. އަޅުގަނޑުގެ މަސްއޫލިއްޔަތު. ސަރުކާރުން އެ މަސައްކަތް މި ގެންދަނީ އެގޮތުގައި ކުރިއަށް ގެންދަމުން.

އެގޮތުން، މި ދަތުރުގައި ރައްޔިތުންނާ ބައްދަލުކުރަން އަޅުގަނޑު މިއައީވެސް، ރައްޔިތުން ބޭނުންވާ ކަންތައްތައް، ރައްޔިތުންގެ ގާތުން އޮޅުންފިލުވައިގެން، ވީހާވެސް ރަނގަޅަކަށް އެ ކަންކަން ފުރިހަމަކޮށްދިނުމުގެ ނިޔަތުގައި. މީގެކުރިން، މި ޖަލްސާގެ ކުރިން ބޭއްވި ބައްދަލުވުމުގައިވެސް، ރައްޔިތުންގެ ފަރާތްޕުޅުން، ކައުންސިލުންނާއި، އަދި އެކިއެކި މުއައްސަސާތަކުންވެސް ވަނީ އެ ކަންކަން ތަފުސީލުކޮށް ބަޔާންކޮށްދީފައި. އަދި އޭގެއިތުރަށްވެސް، ވަރަށް ގިނަ ކަންކަން އަޅުގަނޑު ވާނީ އޮޅުންފިލުވައި ހަދާފައި.

އާދެ، މިއަދު އަޅުގަނޑުމެން މިތާ، މި ރަށުގައި މި ފެށި ކޮންމެ މަޝްރޫޢަކީވެސް ހަމަ ޔަޤީނުންވެސް، އޭގެ ކޮންމެ މަޝްރޫޢެއް ފުރިހަމަވެގެން ދިޔުމުން، ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަންކަން. ވަކިން ޚާއްޞަކޮށް، ސްކޫލުގެ މަޝްރޫޢަކީ، މި ރަށުގެ ސްކޫލަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ، އަދި އެކަމަކަށް އަޅުގަނޑު އެންމެ ބޮޑަށް ވަޢުދުވީ ކަންތައް. މި އެޅިގެންދާ ސްކޫލް އިމާރާތަކީ، ޖާގައިގެ ގޮތުން ހަމަ ޔަޤީނުންވެސް، މި ރަށުގެ ތަޢުލީމީ ޙަޔާތް ފުރިހަމައަށް، ވަރަށް އުސްމިނަކަށް، ބާރުމިނުގައި ގެންދިޔުމަށްޓަކައި އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް، ވަރަށް މުހިންމު މަޝްރޫޢެއް. އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު ވަރަށް ހަލުވި ދުވެލީގައި، ވަރަށް ފުރިހަމައަށް ކުރިއަށް ގެންގޮސް ނިންމައިދޭނަން. އޭގެ ނަތީޖާ، އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތުގައި ރައްޔިތުންނަށް، ސްކޫލަށް ލިބޭނެ ގޮތް ހެދިގެންދާނެ.

ހަމައެއާއެކީގައި، ދެން ފެށި މަޝްރޫޢުތައްވެސް، އެއީ ރައްޔިތުންނަށް އޭގެ ބޭނުން ފުރިހަމަގޮތުގައި ލިބިގެންދާނެ މުހިންމު މަޝްރޫޢުތައް. އާދެ، މިއިން ކޮންމެ ކަމެއް ކުރިއަށް މި ގެންދަނީ، ރައްޔިތުންނަށް އޭގެ ފުރިހަމަކަން، އޭގެ ފަސޭހަކަން ލިއްބައިދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ތަރުތީބު ކޮށްގެން، ހަލުވި ދުވެލީގައި އެ ކަންކަން ކޮށްދިނުމަށްޓަކައި.

އާދެ އޭގެއިތުރުންވެސް، ރަށުގެ ރައްޔިތުންނަށް މުހިންމު ކިތަންމެ ކަމެއް ހުންނާނެ. އެ ކަންކަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނީ ކުރިއަށް ގެންދަމުން. މީގެތެރެއިން އަޅުގަނޑު ފާހަގަކޮށްލަން އެއްކަމެއް ގޮތުގައި، މި ރަށުން އެބައޮތް މިހާރު 136 ގޯތި ދޫކޮށްފައި. އެހެންނަމަވެސް، އެ ގޯތިތައް ދޫކޮށްފައި އޮތް ތަނުގައި، އެ ގޯތިތައް ބޭނުންކުރުމުގައި ރައްޔިތުންނަކަށް އަދި އެހާ ފަސޭހައެއްނޫން، ޗަކަކޮށް ބިން އޮތީމަ. އާދެ، އެމް.ޓީ.ސީ.ސީ.އަށް އަޅުގަނޑު މިއަދު ވާނީ ދަންނަވާފައި، މެޝިނަރީ ބޭނުންކޮށްގެން، އެ ސަރަޙައްދަށް ފަސްއަޅައިދީ، އެތަން ހިއްކައިދީ، އެތަނަކީ ރައްޔިތުންނަށް ދިރިއުޅެވޭ ތަނަކަށް ހަދައިދިނުމަށް. އެހެންވީމާ، އެމް.ޓީ.ސީ.ސީ.އިން މި ރަށުގެ މަސައްކަތަށް، ސްކޫލް މަޝްރޫޢަށް ތަކެތި މޮބިލައިޒްކުރާނެ. އަދި މި ރަށުގައި އެބައޮތް އެހެން މަޝްރޫޢެއްވެސް އެ ބޭފުޅުންނާ ހަވާލުވެފައި. މޫދަށްއެރޭ ސަރަޙައްދު ހެދުމުގެ މަޝްރޫޢެއް. އެހެންވީމާ، އެ މަސައްކަތްތަކަށް ތަކެތި މޮބިލައިޒް ކުރެވިގެން އަންނައިރުގައި، މި ދެންނެވި ގޯތިތައް ދީފައިވާ ސަރަޙައްދު، ރަނގަޅަށް ބޭނުންކުރެވޭ ގޮތަށް އަޅުގަނޑުމެން ހަދައިދޭނަން. އެކަން އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.

ދެން މި ދެންނެވި މަޝްރޫޢުތައްވެސް ހަމަ ރަނގަޅު ގޮތުގައި ދާނެ. މޫދަށްއެރޭ ސަރަޙައްދު ހަދައިދިނުން ކަމުގައިވިޔަސް، އަދި ދެންހުރި ކަންކަންވިޔަސް، އެއީ އަޅުގަނޑުމެން ވަރަށް އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢުތައް. އެކި ސަބަބުތަކާ ހެދި ކުރިއަށް ނުގޮސްހުރި ކަންކަންވެސް ހުރޭ.

މި ރަށް ހިމެނޭހެން ވިއްސަކަށް ރަށުގައި، ޒަމާނީ ފެންވަރުގެ ކުނިކޮށި، ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުން އޮތީ އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުގައިވެސް، ބޭރުގެ ފަންޑެއްގެ ތެރެއިން ޕްރައިވެޓް ކުންފުންޏަކަށް ދީފައި. ދެން އެކަމެއް ނުހިނގާ. އުޅެއުޅެވެސް އަޅުގަނޑުމެންނަކަށް އެކަމެއް ކުރެވޭގޮތެއްނުވި. ހުއްޓިފައި އޮންނަނީ. ދެން އަޅުގަނޑުމެން މިހާރު ޓަރމިނޭޝަނަށްވެސް މަސައްކަތްކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ. ދެން އެހެންވީމާ، އަޅުގަނޑުމެން މިހާރު އެއަށް ގޮތްތަކެއް ނިންމައިފިން. މި ރަށް ހިމެނޭހެން އަދި އިތުރު ވިއްސަކަށް ރަށުގައި، މި އުތުރުގެ ހަމަ ވިއްސަކަށް ރަށުގައި އެބައޮތް މި މަޝްރޫޢު ހަވާލުކޮށްފައި. މި ހުރިހާ ރަށެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، ދެން މާލަސްތަކެއްނުވެ، ދާދިއަވަހަށް ފެށޭނެ ގޮތްތަކެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އެހެންވީމާ، އެއީވެސް ރަށުގެ ރައްޔިތުންނަށް ދަތިވާ ކަމެއްވީމާ، އެކަންވެސް މި ފާހަގަކޮށްލީ. އަޅުގަނޑުމެން މި ބަލަނީ ކޮންމެ މަޝަރޫޢެއްވިޔަސް، އެކަމެއް އެ ހަވާލުކުރެވިފައި އޮވެއްޖިއްޔާ، އެ އޮންނަ އުސޫލެއްގެ ތެރެއިން، ޕްރޮސެސްގެ ތެރެއިން ގެންދަން. ދެން މާގިނަ ދުވަސްވެގެން ދާކަމަށްވަންޏާ، އަޅުގަނޑުމެން މި ބަލަނީ، ދައުލަތަށް އެއިން ގެއްލުމެއް ނުވާގޮތަށް، އިތުރު ފައިސާތަކެއް، ރައްޔިތުންގެ ފައިސާ ނުދީ، ޓަރމިނޭޓް ކޮށްގެން، އަނެއްކާވެސް އެހެން ބަޔަކާ ހަވާލުކުރަން. ޙަޤީޤަތުގައި ރަށްރަށުގައި މިގޮތަށް ވަރަށް ގިނަ މަޝްރޫޢުތައް އެހެންހުރި. ދެން މީގެތެރެއިން، ގިނަ މަޝްރޫޢުތަކެއް މިހާރު ހުންނާނީ، ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ރީސްޓާޓް ކުރެވިފައި ގިނަ ރަށްތަކުގައި. ދެން ނުވެހުރި ކަންކަންވެސް މި ބަލަނީ އަވަހަށް ފެށޭނެ ގޮތްތަކެއް ބަލަން. އާދެ، މި ރަށުގައިވެސް މި ދެންނެވިހެން ކުނި މެނޭޖްކުރާ މަރުކަޒުގެ ކަންތައް މިއޮތީ އެހެންވެފައި. އެހެންވީމާ، އެކަން އަޅުގަނޑުމެން ގެންދާނަން ރަނގަޅުކޮށްގެން.

ހަމައެއާއެކީގައި، ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތައް ކުރާނަން. އެގޮތުން އިރާދަކުރެއްވިއްޔާ، އެއްކަމަކަށް އަޅުގަނޑުމެން ކުރާނެކަމަކީ، 24 ގަޑިއިރަށް ޚިދުމަތް ބަދަލުކުރުމަށްޓަކައި ކުރަން ހުރި ކަންކަން. އޭގެތެރޭގައި، އެންމެ މުހިންމު އެއްކަމަކަށް ހަމަ ޔަޤީނުންވެސް ވާނީ މުވައްޒަފުން، ހިއުމަން ރިސޯސް ރަނގަޅު ކުރުން، އިތުރުކުރުން. އެހެންވީމާ، ދެން މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ހަދާއިރުގައި، ވަރަށް އިސްކަމެއްދީގެން، މި ރަށަށް މި ބޭނުންވާ މުވައްޒަފުން ހޯދައިދިނުމާއި، މި ކަންކަން، އަޅުގަނޑުމެން ވީހާވެސް އަވަހަކަށް ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ އެ ކަމަކީ އަޅުގަނޑުމެން ވަރަށް އިސްކަންދޭނެ ކަމެއް.

ހަދަމުންދާ ޢިމާރާތް ނިންމުންވެސް ހަމަ އެހާމެ މުހިންމު. އެއީވެސް މި ދެންނެވި ގޮތަށް ދިމާވެފައި އޮތް ކަމެއް. އެހެންނަމަވެސް، އެ ފަރާތާ މިހާރު ސަރުކާރުގެ ވުޒާރާއިން، ހެލްތު މިނިސްޓްރީން ވާހަކަ ދެކެވި އެއްބަސްވެވިއްޖެ، އަލުން ކުރިއަށްދާން. މުއްދަތުވެސް ދީފައި މިއޮތީ. މިހާރު އަޅުގަނޑުމެން ދަންނަވާފައި އޮންނާނީ، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި، ދެން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މި ރަށުގެ ކަންކަން، އެ ކަން ކުރިއަށްދަންޏާ. އަޅުގަނޑުމެންގެ ޓާރމްސްއަށް ދީފައި އޮންނާނީ، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ރަނގަޅު ސްޕީޑުގައި ބާރަށް އެ މަޝްރޫޢު ނުދަންޏާ، ޓަރމިނޭޓް ކުރާނަމޭ. ކޮށްފައި، އެކަން ކުރެވޭނެ ބަޔަކާ ހަވާލުކުރާނަމޭ. އެހެންވީމާ، އެއީ އެ މަޝްރޫޢަށްވެސް ވެފައި އޮތް ގޮތަކީ.

އެހެންވީމާ، ޞިއްޙީ ދާއިރާއަށް އަޅުގަނޑުމެން މިބަލަނީ މި ގޮތަށް ގެންދަން. މި މަޝްރޫޢު ރަނގަޅު ގޮތަކަށް ނިންމައި ދިނުމާއި، 24 ގަޑިއިރަށް ބަދަލުކުރުމަށް މުވައްޒަފުން އިތުރުކުރުމާ. މިގޮތަށް އަޅުގަނޑުމެން މި ކަމުގައިވެސް ކުރިއަށް އެބަދަން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ކުރިއަށް އޮތްތާނގައި މި ކަންވެސް ހަމަޖެހިގެންދާ ތަން.

އާދެ، އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފީވަކުގެ ލޮބުވެތި ރައްޔިތުންނަށް، ރައްޔިތުން އެދޭގޮތަށް ހަމަ ކޮންމެ މަޝްރޫޢެއްވެސް، ކޮންމެ ކަމެއްވެސް ކޮށްދޭން އަޅުގަނޑުމެން ކުރިއަށް ދާނަމޭ. ރައްޔިތުން އެދޭގޮތް އެއީ، އަޅުގަނޑުމެންނަށް އެންމެ މުހިންމު ގޮތަކީ. އެހެންވީމާ، އެގޮތަށް މި ދެންނެވިހެން، ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނަން. މި ރަށުގެ ތަރައްޤީއަށް މިހިރަ ކޮންމެ މަޝްރޫޢަކީ، ސަރުކާރުން އެކަމަށް އިސްކަންދޭ، ސަމާލުކަންދޭ މުހިންމުކަން ކަންކަން. ތިޔަބޭފުޅުންނަށް އަޅުގަނޑު ހަމަ އެ ޔަޤީންކަން އަނެއްކާވެސް އަރުވަމުން، އަޅުގަނޑު މިއަދު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ރައްޔިތުންނަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.