بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ބިލެތްފަހީގެ ލޮބުވެތި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، އަދި ކައުންސިލަރުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއިގާތުން ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދު ހަވީރު ބިލެތްފައްސަށް އަޅުގަނޑުމެންނަށް އާދެވުނު ވަގުތު، ތިޔަބޭފުޅުން، މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުންނާ ބައްދަލުވި. ތިޔަބޭފުޅުންގެ، މި ރަށުގެ ތަރައްޤީއަށް ހުރި ކަންކަމުގައި ކުލަޖައްސައިދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ވާނީ އަރުވާފައި، ވަޢުދުތަކެއް ވެފައި. އާދެ، އަޅުގަނޑު އަބަދުވެސް ދަންނަވަން، ރައްޔިތުންނަށް އަޅުގަނޑު ވަޢުދުވަނީ، އެކަންކަން ފުއްދުމުގެ ފުރިހަމަ ޔަޤީންކަމާއެކުގައި ކަމަށް. އެކަންކަން ކޮށްދެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އޮވެގެންނޭ. އަދި ކުރެވޭނެ ގޮތް އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް ޕްލޭން ކުރެވިގެން ގެންދެވޭނެ ގޮތް ސާފުކޮށް، އަޅުގަނޑުމެންނަށް ފެންނަން އޮންނާތީއޭ. އެގޮތުން ބަލާއިރުގައި، މި ރަށަށްވެސް ހުރި ކަންކަން، އެގޮތަށް އަޅުގަނޑުމެން ފުއްދައިދިނުމުގެ މަސައްކަތް މި ކުރަނީ.

އާދެ، ރަށުގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ކުރަން އެބަހުރި. އޭގެތެރެއިންވެސް، ހަމަ ޔަޤީނުންވެސް އެންމެ މުހިންމު މަސައްކަތަކަށް މިއޮތީ، ރަށުގެ ފަޅުތެރޭގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް. އާދެ، މިއަދު އަޅުގަނޑުމެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް.އާ ހަވާލު މިކުރި މަޝްރޫޢަކީ، މި މަސައްކަތް ކުރުމުގެ މަޝްރޫޢު. އާދެ، އެމް.އޭ.ސީ.އެލް.އިން އިންވެސްޓް ކޮށްގެން، އެމް.އޭ.ސީ.އެލް.ގެ ޕްރޮޖެކްޓެއް ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި، އަޅުގަނޑުމެން މި ހަވާލުކުރީ އެއަރޕޯޓު އަޅައި، އަދި ފަހުން ނިމުމަށްފަހު އޮޕަރޭޓްކުރުމާ، ހުރިހާ ކަމެއް ހިމެނޭގޮތަށް.

އާދެ، ކުރިންވެސް ތިޔަބޭފުޅުންނަށް، ރަށުގެ ރައްޔިތުންނަށް މިކަމުގައި އެކިކަހަލަ ވަޢުދުތައް، ނޫނީވިއްޔާ ކަންތައްތައް ކުރުމުގެ އެކިކަހަލަ މަސައްކަތްތަކެއް ކުރެވިފައި އެބަހުރިކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރުގައި، އެކި ސަބަބުތަކާ ހެދި މިކަންކަމެއް ނެތް، މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ކާމިޔާބު ކުރެވިފައެއް. އާދެ، މިއަދު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ވަރަށް ފުރިހަމަ ޔަޤީންކަމަކާއެކީގައި، މިއަދު އަޅުގަނޑުމެން ޢަމަލީގޮތުން މި ފެށި މަޝްރޫޢަކީ، މި ރަށުގެ އެއަރޕޯޓު ޤާއިމުކުރުމުގެ މަސައްކަތަކީ، އެއްވެސް މަޑުޖެހުމެއްނެތި، ވަރަށް ފުރިހަމަކަމާއެކީގައި ކުރިއަށް ގެންގޮސް، ނިންމައިދޭނެ މަޝްރޫޢެއްކަން، އެ ޔަޤީންކަން މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

މިއަދު މި ފެށި މަސައްކަތް އެގޮތުން ބަލާއިރުގައި، އެއަރޕޯޓަށް ގާތްގަނޑަކަށް 36 ހެކްޓަރުގެ ބިން ހިއްކުމަށްޓަކައި މަސައްކަތްތައް ކުރެވިގެންދާނެ. ބަންޑްވޯލް ޖެހުމުގެ މަސައްކަތާއެކު، ބިންހިއްކުމަށް ރިކްލެމޭޝަން މަސައްކަތް ކުރިއަށް ގެންދެވޭނެ. އާދެ، މި ދެންނެވި ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން، ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާ ތަން، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ އެކަމުގައި، އެއްވެސްކަހަލަ މަޑުޖެހުމެއް، ލަސްވުމެއް ނާންނާނެ. މިއީ، ތިޔަބޭފުޅުންނަށް ދެން ކޮންމެ ދުވަހަކު ފެނިވަޑައިގަންނަވާނެ ކަމެއްވީމަ، މިއީ ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާ ވާހަކައެއް. މި ދެންނެވިހެން މިކަން ދާނެ. އަދި އެއާއެކީގައި، އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް، އެ ހުރިހާ މަސައްކަތެއް، ރަންވޭއާއި، ދެން ހުރިހާ ކަމެއް ހިމެނޭހެން، ފުލް ޕްރޮޖެކްޓް، މުޅި މަޝްރޫޢު މިއަދުން ފެށިގެން، ގިނަވެގެން ދެ އަހަރާއި ބައި، 30 މަސް ދުވަހުގެ ތެރޭގައި ނިންމައި، އެއަރޕޯޓު ހުޅުވާނަން. ގިނަވެގެން 30 މަސް.

އެހެންވީމާ، ބިން ހިއްކުން ނިމޭއިރަށް، ދެންހުރި މަސައްކަތް ފެށޭނެ. 1500 މީޓަރުގެ ރަންވޭއެއް އެޅިގެން މިދަނީ. އަދި އެއާއެކީގައި، ދެންހުރި ފެސިލިޓީޒް ޤާއިމުވެގެން މިދަނީ. އެހެންވީމާ، މި މަސައްކަތަށް ދެން އެއްވެސްވަރަކަށް މަޑުޖެހުމެއް ނެތް، ބާރު ސްޕީޑްގައި ދާނެ މަސައްކަތެއް މިއީ. އެ ޔަޤީންކަން މި އަރުވަނީ، އިރާދަކުރެއްވީތީ އެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް މިކަމުގައި އޮވެގެން. އެހެންވީމާ، ދެން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ، މިކަން މިގޮތަށް ފުދިގެން، ފުރިހަމަވެގެން ދާތަން. އާދެ، މިއީ ޙަޤީޤަތުގައި، ބިލެތްފަހީގެ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް. މި އަތޮޅުގެ، މި ސަރަޙައްދުގެ ތަރައްޤީއަށް ވަރަށް މުހިންމު، އިޤްތިޞާދީ ވަރަށް މުހިންމު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓެއް މިއީ. މީގެ ސަބަބުން، މި ރަށަށް ލިބިގެންދާނެ ތަރައްޤީ އަޅުގަނޑުމެންނަށް އަންދާޒާކުރެވޭ. އަދި އަޅުގަނޑުމެންނަށް އެނގޭ، އޭގައި ހުރި މުހިންމުކަން. އެހެންވީމާ، މި ދެންނެވި ގޮތަށް، މި މަޝްރޫޢު ކުރިއަށް ގެންގޮސް ނިންމައިދޭނަން.

އާދެ، މި އެއަރޕޯޓު މަޝްރޫޢުގެ އިތުރަށްވެސް، އަޅުގަނޑުމެން އެކިއެކި މަޝްރޫޢުތައް މިއަދު ބިންގާ އަޅައިގެން ޢަމަލީގޮތުން މަސައްކަތް ފަށައިފިން. މިއިން ކޮންމެ މަޝްރޫޢަކީވެސް، އެކަން ކުރުމަށް ހުރިހާ ކަމެއް ހަމަޖެހިގެން ފެށި މަޝްރޫޢުތަކެއް. ފައިސާގެ ގޮތުންނާއި، ވަސީލަތްތަކުގެ ގޮތުން. އެހެންވީމާ، އޭގެ އެއްވެސް މަޝްރޫޢެއްގައި އެއްވެސް މަޑުޖެހުމެއް ނާންނާނެ. ރަނގަޅަށް ހަމަ ކުރިއަށްދާނެ.

މީގެއިތުރަށްވެސް ހުރި ކަންކަމަށް ބަލާއިރުގައި، އެންމެ މުހިންމު އެއްކަމަކީ، ފެނާއި ނަރުދަމާގެ މަސައްކަތްކުރުން. އެމް.ޑަބްލިޔު.އެސް.ސީ.އާ މިހާރު އެވަނީ އެކަން ހަވާލުކޮށްފައި އަޅުގަނޑުމެން. ދެން، ވަރަށް އަވަހަށް ކައުންސިލާ އެކީގައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެވި، ފައިނަލް ހުރިހާ މަސައްކަތްތަކެއް ކުރިއަށްދާނެ. އެހެންވީމާ، އެއީ އެ މަޝްރޫޢުގެ ކަންތައް. އެއްވެސް ކަހަލަ މައްސަލައެއް ނެތް މިހާރު އެ މަޝްރޫޢުގައެއް. ފައިސާގެ ގޮތުންވިޔަސް، އަދި އެހެން ކަމެއްގައިވިޔަސް. އެކަން ނިމޭތަނުން، މަގު ހެދުމުގެ މަޝްރޫޢު ފަށަން ނިންމާފައި މިއޮތީ. އެހެންވީމާ، އަޅުގަނޑުމެން އަދި މަގު ހަދަން ސޮއިނުކުރި ނަމަވެސް، އެއީ، މި ރަށުގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި، ފެނާއި ނަރުދަމާއާ އެކީގައި ނިމިގެންދާ ހިސާބުން ފެށޭނެ މަޝްރޫޢެއް. އެއީ އަޅުގަނޑުމެން އެކަން ކުރަން ނިންމާފައި އޮތް ގޮތަކީ.

ބަނދަރުގެ މައްސަލައަކީ، މި ރަށުގައި އެންމެ ބޮޑު އެއް މައްސަލަ. ޚާއްޞަކޮށް، ނެރު. ދެން، މި މައްސަލަ ޙައްލުކުރުމަށްވެސް މިއޮތީ އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރެވިފައި. އިރާދަކުރެއްވީތީ، މަސައްކަތް ރަނގަޅަށް ގެންދެވޭގޮތަށް ތައްޔާރުވެފައި މިހާރު އެއޮތީ. ބޮޑުހިލައާއި، ދެންހުރި މަސައްކަތްތައް ކުރުމަށް ބޭނުންވާނެ ސާމާނު ގެނެވި، މަސައްކަތް ފެށޭ ހިސާބުގައި. އާދެ، މިއީ ހަމަ ޙަޤީޤަތުގައިވެސް، ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް މުހިންމު، އަދި ވަރަށް ޙައްސާސީ މައްސަލައެއް، ބަނދަރުގެ މި މައްސަލަ ޙައްލުކުރުން. ދާއިމީ ޙައްލެއް އަންނަންޖެހޭ މައްސަލައެއް. މިއީ އިރާދަކުރެއްވިއްޔާ ރައްޔިތުންނާ ގާތުން މަޝްވަރާކުރެވިގެން، ކުރިއަށްދާނެ ކަމެއް. ރައްޔިތުންނާ މަޝްވަރާ ކުރެވޭނެ، ނެރު ހެދިގެންދާއިރުގައިވެސް. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން، ސީދާ ރައްޔިތުން ބޭނުންވާ ގޮތް ބަލައި، އެންމެ ރަނގަޅު ގޮތަކަށް މި މައްސަލަ ޙައްލުކުރުމަށް އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމެއް. މިހާރު މި ފެށިގެންދާ މަސައްކަތް، އެންމެ ގިނަވެގެން، ފެބުރުވަރީ މަސް އަންނަންވާއިރަށް ނިންމާލެވޭ ގޮތަށް، މިހާރު މިއޮތީ ހުރިހާ ކަމެއް ހަމަޖެހިފައި. ދެން، އިތުރު ބަދަލެއް އެއަށް ގެންނަން ނުޖެހޭނަމަ، އެދާގޮތަށްގޮސް، މި ދެންނެވި ތާރީޚަށް ނިމޭނެ. ހަމަ ބަދަލެއްގެ ވާހަކަ މި ދެންނެވީ. މިކަމުގައި އޮތް ޙައްސާސްކަމުގެ ގޮތުން. ރައްޔިތުންނާ ގާތުން އަޅުގަނޑުމެން މަޝްވަރާ ކުރަމުން ގެންދާނެ ކަމަކަށްވާތީ. އެހެންވީމާ، ބަނދަރު ހެދުންވެސް މިއޮތީ އެގޮތަށް ހަމަޖެހިގެން ގޮސްފައި.

ދެން، ހަމައެއާއެކީގައި، ސްކޫލް މަޝްރޫޢުގައިވެސް، އެމް.ޓީ.ސީ.ސީ.އާ އަޅުގަނޑުމެން މިހާރު އެއޮތީ، ހުއްޓިފައި އޮތް މަޝްރޫޢު ހަވާލުކޮށް، އެ ބޭފުޅުން މިހާރު މޮބިލައިޒްކޮށް، މަސައްކަތް ފަށައިގެން ގެންދިޔުމަށް، މިހާރު ހުރިހާ ތައްޔާރީތަކެއް އެވަނީ. އާދެ، މި މަޝްރޫޢު ކުރިއަށްދާއިރުގައިވެސް، އަޅުގަނޑުމެން ގެންދާނީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް، ސްކޫލުން ބޭނުންވާ ގޮތަށް. އާދެ، މިހާރު 4 ކްލާސްރޫމް ހަދަން ހަވާލުކޮށްފައި އޮތްނަމަވެސް، އިތުރު 4 ކްލާސްރޫމް އިތުރުކުރެވި، 8 ކްލާސްރޫމް ހިމެނޭގޮތަށް، މި މަޝްރޫޢު އަޅުގަނޑުމެން ނިންމާނީ. އެގޮތަށް އެކަން އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން. އޭގެ ސަބަބުން، ރަށުގެ ރައްޔިތުންނަށް ސްކޫލް ބޭނުންކުރުމަށްޓަކައި، ސްކޫލްގެ ޖާގަ އިތުރުކުރުމަށް ބޭނުންވާ ކަންތައް ހަމަޖެހިގެންދާނެ. އާދެ އެހެންވީމާ، ސްކޫލުގެ މި ދެންނެވި، މަލްޓި ޕަރޕަސް ހޯލާއި، 8 ކްލާސްރޫމް އެޅުމުގެ މަސައްކަތް އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އަދި ހަމައެއާއެކީގައި، ހެލްތް ސެންޓަރު ތަރައްޤީކުރުމުގެ ކަންތައްވެސް ކުރިއަށް ގެންދަން އަޅުގަނޑުމެން މިހާރު މިއޮތީ ނިންމާފައި. އާދެ، އެއްކަމަކަށް، 16 ގަޑިއިރަށް ވަގުތު އިތުރުކުރުން. އާދެ، 16 ގަޑިއިރަށް ވަގުތު އިތުރުކުރާއިރުގައި، އެބަޖެހޭ ވަސީލަތުގެ ގޮތުން އިތުރުކުރަން. ޖާގައިގެ ގޮތުން، ވަސީލަތްތައްވެސް އިތުރުކުރަން. އާދެ، އަޅުގަނޑުމެން މިމަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އެގްރީމަންޓް ހަދައި، ބަޔަކާ ހަވާލުކުރަން މަސައްކަތް މި ކުރަނީ، ހެލްތް ސެންޓަރަށް އިތުރު އިމާރާތެއް އެޅުމަށް. އެ އިމާރާތް އެޅިގެންދާއިރުގައި، 10 ވަރޑް ބެޑާއި، އަދި އޭގެއިތުރަށް، ކޮންސަލްޓޭޝަން ރޫމާއި، ޕްރައިވެޓް ރޫމާއި، މިހެންހުރި ހުރިހާ ކަމެއް ހިމެނޭގޮތަށް، ފުރިހަމަ ހެލްތް ސެންޓަރެއްގެ އިމަރާތެއް އެޅިގެންދާނީ. އެހެންވީމާ، އެ މަސައްކަތް މި މަސް ތެރޭގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަޔަކާ ހަވާލުކޮށް، މި އަހަރު ތެރޭގައި މި މަސައްކަތް ފެށިގެންދާނެ. އޭގެ ސަބަބުންވެސް، 16 ގަޑިއިރަށް ބަދަލުކުރުމަށްޓަކައި، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން އެބަދޭ. އެހެންވީމާ، މި މަސައްކަތް އަޅުގަނޑުމެން މިގޮތަށް ގެންދާނަން. ދެން، މަސައްކަތް ނިމެންދެންވެސް މަޑުނުކޮށް، މި އަންނަ އަހަރު ކުރީކޮޅު މުވައްޒަފުން އިތުރުކޮށްދީ، ވަސީލަތް އިތުރުކޮށްދިނުމުގެ ކަންތައްތައްވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ދެންނެވި ގޮތަށް، ޞިއްޙީ މަރުކަޒުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަން، އަދި އެގޮތަށް އެކަން ގެންދެވޭނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، މީގެއިތުރަށް ހުރި ކަންކަމަށް ބަލައިލާއިރުގައި، މިސްކިތް ބިނާކުރުން. އާދެ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދެއް މިވެސް. މިމަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަޔަކާ އެގްރީމަންޓްކޮށް ހަވާލުކުރަން މިހާރު އަޅުގަނޑުމެން އަޅާކަހަލަ ޒަމާނީ މިސްކިތެއް އަޅަން. އެހެންވީމާ، މިމަހުގެ ތެރޭގައި އަޅުގަނޑުމެން ބަޔަކާ މި މަސައްކަތް ހަވާލުކުރާނަން. އަދި މި އަހަރު ތެރޭގައި، އިރާދަކުރެއްވިއްޔާ މި މަޝްރޫޢު ފެށިގެންދާނެ.

ހަމައެއާއެކީގައި، ކުނި މެނޭޖްކުރުމުގެ މަރުކަޒު އެޅުމުގެ ކަންތައް. މިއީ، ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. މި ކަންތައް އަޅުގަނޑު ދަންނަވާލަން ބޭނުން. އާދެ، މިދިޔަ ސަރުކާރުން މި ރަށް ހިމެނޭހެން އަދި އިތުރު ވިއްސަކަށް ރަށުގައި، ކުނި މެނޭޖްކުރުމަށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަޅަން އޮތީ ބަޔަކާ ހަވާލުކޮށްފައި. އެގްރިމެންޓް ހަދާފައި. އެހެންނަމަވެސް، މި މަޝްރޫޢު ކުރިއަކަށް ނުދޭ. މިއަށް ހަމަޖައްސާފައި އޮތް ފަންޑުގެ ތެރެއިން މިކަން ކުރެވޭކަހަލަ ގޮތަކަށް ނޫން މިއޮތީ މިކަން ހަމަޖެހިފައި. އެހެންވީމާ، އަޅުގަނޑުމެން މިހާރު މި މައްސަލަ މިއޮތީ، ޙައްލުކޮށް ނިންމާފައި. އެހެން ފަރާތްތަކާ މި މަޝްރޫޢު ހަވާލުކުރަން އަޅުގަނޑުމެން މިއޮތީ ނިންމާފައި. އެހެންވީމާ، މާލަސްތަކެއްނުވެ އަޅުގަނޑުމެން މި ހުރިހާ ރަށެއް، މި 20 ރަށް ހިމެނޭހެން، ހުރިހާ ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރ އެޅުމަށްޓަކައި އަޅުގަނޑުމެން ބަޔަކާ އެބަ ހަވާލުކުރަން. އަޅުގަނޑުމެން ގާތްގަނޑަކަށް ދެ އަހަރު ދުވަސް މިބެލީ، މި ކޮންޓްރެކްޓް ތެރެއިން މިކަން ކުރެވޭނެގޮތެއްވޭތޯ. އެއީ، ބޭރުގެ ފަންޑެއް މިއަށް އެޓޭޗް ކޮށްފައި އޮތީމާ. އަޅުގަނޑުމެން ބޭނުންވޭ، އެ އޮންނަ ޕްރޮސީޖަރގެ ތެރެއިން މިކަމަށް ރަނގަޅު ޙައްލެއް ގެންނަން. އެހެންނަމަވެސް، މާގިނަދުވަސްވެގެން މިކަމުގައި ދާތީ، އަޅުގަނޑުމެން މިހާރު މިކަން ޙައްލުކުރަން ނިންމައި، މިހާރު ކުރިއަށްދާނެ ގޮތް މިއޮތީ ހޯދާފައި.

އާދެ، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މި ރަށުގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި ހުރި ކަންކަމުގެ ތެރޭގައި، ހޭންޑްބޯލް ކޯޓަކާއި، ވޮލީބޯލް ކޯޓެއް ޤާއިމުކުރުމުގެ މަސައްކަތް މި އަންނަ އަހަރު ކުރީކޮޅު މި ރަށުގައި ފެށިގެންދާނެ. އަދި ހަމައެއާއެކީގައި، މި އަހަރުގެ ތެރޭގައި ފުޓްބޯޅަ ދަނޑު، ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅުމަށްޓަކައި މިހާރު އެއޮތީ އިޢުލާނުކޮށްފައި. މި މަހުގެ ތެރޭގައި ބިޑުތައް ބަލައިގަންނާނެ. އެ ޕްރޮސެސްގެ ތެރެއިން ބަޔަކު ހަމަޖެހިގެން ދިޔައިމާ، ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ފެށޭނެ. އެހެންވީމާ، ޖުމްލަ ތިން މަޝްރޫޢު. މީގެތެރެއިން މިއަދު އަޅުގަނޑުމެން ހަވާލުކުރި ފިޓްނަސް ސެންޓަރުގެ މަޝްރޫޢުގެ އިތުރަށް، ތިން މަޝްރޫޢު. ފުޓްބޯޅަ ދަނޑުގެ މަސައްކަތް މި އަހަރު. މި އަންނަ އަހަރުގެ ކުރީކޮޅު ހޭންޑްބޯލް ކޯޓާއި، ވޮލީބޯލް ކޯޓު އެޅުމުގެ މަސައްކަތް މި ރަށުގައި ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ، އެހެންވީމާ، ޖުމްލަކޮށް މިއީ އަޅުގަނޑުމެން މިހާރު ކުރިއަށްގެންދަން ނިންމާފައި ހުރި ކަންކަން. މީގެ އިތުރަށްވެސް، މި އަންނަ އަހަރު ބަނދަރުގެ މަސައްކަތް ނިމޭއިރުގައި އިތުރު ކަންކަމަށް އަޅުގަނޑުމެން އެޑްރެސްކުރާގޮތަށް މިއޮތީ. މިސާލަކަށް، އޮޑިއެހެލާ ސަރަޙައްދު ހަދައިދިނުމާއި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމާއި، މިކަންކަމަށްވެސް އަޅުގަނޑުމެން ބަޖެޓުގައި ޖާގަ ހިމަނައިގެން މަސައްކަތް ގެންދާގޮތަށް މިއޮތީ. އެހެންވީމާ، އެންމެ އިސްކަމެއް މިދެނީ، ބަނދަރުގެ މަސައްކަތް ނިންމަން. ނިމުމާއެކީގައި، ދެން މި ދެންނެވިހެން، ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުން، އެވެސް އަޅުގަނޑު ވަޢުދުވެފައި އޮތް ކަމެއް. އޮޑިއެހެލާ ސަރަޙައްދު ހަދައިދިނުން. މި ހުރިހާ ކަމެއްވެސް އޮތީ ކުރާގޮތަށް ނިންމާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކަންކަން ބިލެތްފަހީގެ ތަރައްޤީއަށް މިއޮތީ އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި.

އާދެ، އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއަރޕޯޓުގެ މަސައްކަތް މި ދެންނެވި ގޮތަށް، ގިނަވެގެން 8 މަސް ތެރޭގައި ބިންހިއްކައި ނިމި، މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓު ހުޅުވޭނެ. އަދި މިއަދު މި ފެށުނު ހުރިހާ މަޝްރޫޢުތައްވެސް ވަރަށް ބާރަށް ކުރިއަށް ގެންދާނަމޭ. އޭގެއިތުރަށް، މި ދެންނެވި ގޮތަށް ދެންހުރި ހުރިހާ މަސައްކަތެއްވެސް ދާނެ. މި ރަށުގެ ތަރައްޤީއަށް ރޭވިފައި ހުރި ހުރިހާ މަސައްކަތްތަކެއް. އެހެންވީމާ، ބިލެތްފަހީގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަނެއްކާވެސް އަރުވަން.

އާދެ، އަޅުގަނޑު ނިންމާލުމުގެ ކުރިންވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ރައްޔިތުންގެ ގާތަށް މި އަންނަނީ، ރައްޔިތުންނަށް ވެފައިހުރި ވަޢުދުތައް ފުއްދުމަށްޓަކައި، ފުއްދުމުގެ ކަންތައްތައް ދާގޮތް ބުނެދިނުމާއި، ރައްޔިތުން ބޭނުންވާ ކަންކަން ގާތުން އަޑުއެހުމަށްޓަކައި. ރައްޔިތުން އެދޭގޮތަށް މީގެ ނަތީޖާ އަޅުގަނޑުމެންނަށް އެބަ ދައްކައިދެވޭ. އެއީ، އަޅުގަނޑު ހިތުން ރައްޔިތުންވެސް ބޭނުންވާގޮތަކީ. ރައްޔިތުންގެ ގާތަށް އައިސް ކަންތައްތައް އޮޅުންފިލުވައި، ބޭނުންވާގޮތަށް ކަންތައް ބައްޓަންކޮށްދިނުމަކީ، އަޅުގަނޑު ހިތުން އެންމެ ފުރިހަމައަށް ރައްޔިތުން އެދޭގޮތަށް ކަންކަން ގެންދެވޭނެ ނިޒާމަކީ. ޙަޤީޤީ ލާމަރުކަޒީ ނިޒާމަކީ އެއީ. އަޅުގަނޑު ގަބޫލެއްނުކުރަން، މާލޭގައި ހުރިހާ ބާރުތަކެއް ކޮންސެންޓްރޭޓް ކޮށްގެން، މާލޭގައި ހުރިހާ ކަމެއް ކުރާ ނިޒާމަކީ، ލާމަރުކަޒީ ނިޒާމެއް ކަމަކަށް. އެހެންވީމާ، އަޅުގަނޑުމެން ރައްޔިތުންގެ ގާތަށް މި އަންނަނީ. ޙަޤީޤީގޮތުގައި ލާމަރުކަޒީ ނިޒާމު އަޅުގަނޑުމެން މި ބާރުވެރިކުރުވަނީ. މި އަންނަ އަހަރު އަޅުގަނޑުމެން ބަޖެޓު ހުށަހަޅާއިރުގައި، މިހާތަނަށް ބްލޮކް ގްރާންޓްގެ ތެރެއިން، ކައުންސިލްތަކަށް ދޭ އިންސައްތައަށްވުރެ ބޮޑު އިންސައްތައެއްވެސް އެބަ ހަމަޖައްސަން. ރަށު ކައުންސިލްތަކަށްދޭ އަދަދު. މިހެން މި ދެންނެވީ، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް އަދި ރަށު ކައުންސިލްތައް އޮންނައިރުގައި، އަތޮޅު ކައުންސިލްތައް އަޅުގަނޑުމެން މި އުވާލަނީ. އުވާލީމާ، ދެން ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް ބަޖެޓު ހަމަޖައްސާއިރުގައި، ރަށު ކައުންސިލްތަކަށް މިހާރު މި އޮންނަ ޕަސެންޓޭޖް އަޅުގަނޑުމެން އެބަ ބޮޑުކުރަން. މާނައަކީ، ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ އަދަދު ބޮޑުވާނެއޭ ނިސްބަތުން. އަދި އޭގެތެރެއިން ޑަބްލިއު.ޑީ.ސީ.ތަކަށް ދޭ އަދަދު ދެގުނައަށް މި ބޮޑުކޮށްދެނީ. މާނައަކީ، މިހާރުދޭ 5 ޕަސެންޓް 10 ޕަސެންޓަށް ބޮޑުވެގެން އެބަދޭ.

އެހެންވީމާ، މިހެންގޮސް ރަށްރަށުގެ ލާމަރުކަޒީ ނިޒާމުން ކަންކަން ކުރުމުގައި، ޙަޤީޤީ މާނައިގައި ރައްޔިތުންނާއި ކައުންސިލްތަކާއި، ޑަބްލިއު.ޑީ.ސީ.ތައް އަޅުގަނޑުމެން ބާރުވެރި މި ކުރުވަނީ. އަޅުގަނޑު އެދެނީ، މީގެ ފުރިހަމަ ބޭނުން ހުރިހާ ފަރާތްތަކުންވެސް ރަނގަޅުގޮތުގައި ހިފުމަށް. އަޅުގަނޑުމެންނަކީ ލާމަރުކަޒީ ގޮތަށް ކަންކަން ކުރަން ބޭނުންވާ ފަރާތްތައް. އެހެންވީމާ، މި ހުރިހާ ރަނގަޅު ބަދަލުތައް މިގެންނަނީ. ވަރަށް ގިނަ ބަދަލުތައް މިގެންނަނީ، ހަމަ ޙަޤީޤީ މާނައިގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި. ވަރަށް ގިނަ ރަށްރަށުގެ ތަރައްޤީއަށްޓަކައި ބިންތަކާއި، ފަޅުތަކާއި، ރަށްތައްވެސް އެބަ ހަވާލުކުރަމުން ދަން. ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުމަށްޓަކައި. އަދި އިތުރު ގިނަގުނަ ކަންތައްތަކެއް އެބަ ކުރަން. ކައުންސިލްތަކުގެ ބަޖެޓުން ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި މަގު ބައްތިއާއި، ދެން މި ހުންނަ ހުރިހާ ޕަބްލިކް ސްޕޭސްތަކުގެ ދިއްލުންވެސް ޑޮމެސްޓިކް ރޭޓަށް، އެންމެ ކުޑަ ރޭޓަށް ޖަނަވަރީ 1 ން ފެށިގެން ބަދަލުކުރަންވެސް މިއޮތީ އެހެންވެ ނިންމާފައި.

އެހެންވީމާ، މިފަދަ އެތައް ބަދަލުތަކެއް އަޅުގަނޑުމެން އެބަ ގެންނަން. މިކަން މި ކޮށްދެނީ ރައްޔިތުންނަށް އޭގެ ފުރިހަމަ ބާރު، ފުރިހަމަ ފަސޭހަކަން، ފައިދާ ހޯދައިދިނުމަށްޓަކައި. އެހެންވީމާ، ސަރުކާރުން ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދިނުމަށް ރައްޔިތުންގެ ގާތަށް އަޅުގަނޑުމެން އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައިގެން، ރައްޔިތުން ބޭނުންވާ އަމާޒަށް އަޅުގަނޑުމެން މިކަންކަން މި ކޮށްދެނީ، ފުރިހަމަ ލާމަރުކަޒީ ނިޒާމަކުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްޓަކައި. އެއީ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދަކީ. މިގޮތަށް ރަށްރަށުގައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ފުރިހަމަކަމާއެކީގައި ކޮށްދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް.

އަޅުގަނޑުމެންނާ ހަވާލުވި އިޤްތިޞާދު އަޅުގަނޑުމެން މިދަނީ ރަނގަޅުކުރަމުން. ދައްކަންހުރި ދަރަނިތައް، ބޭރުގެ ދަރަނިތަކާއި، އެތެރޭގެ ދަރަނިތައްވެސް ދައްކަމުން. ބައެއް ދަރަނިތައް، އެކުވެރި ދައުލަތްތަކާ މަޝްވަރާ ކުރެވިގެން، އެކިކަހަލަ ގޮތްގޮތަށް އެއަށް ލުއިތައް ގެންނަމުން. ރީ-ފައިނޭންސް، ނޫނީވިއްޔާ ލަސްކުރަން، ނޫނީވިއްޔާ ބަދަލުތަކެއް ގެންނަން ހުރި ކަމެއްވިއްޔާ، އެ ދައުލަތްތަކާ ވާހަކަދައްކައިގެން، އެ ލުއިތައްވެސް ރައްޔިތުންނަށް ހޯދައިދެމުން. މި އަންނަ އަހަރު ދައްކަން އޮތް ސުކޫކް ޕޭމަންޓް ދެއްކުމުގައިވެސް، އަޅުގަނޑުމެން ބަރާބަރަށް މި ކުރަމުންދާ މަސައްކަތް، ޕްލޭންކޮށްގެން ކުރަމުންދާ މަސައްކަތް، ފުރިހަމަކަމާއެކީ ކާމިޔާބުވަމުން ދަނީ. ފުރިހަމަކަމާއެކީ އެކަން ކާމިޔާބުވާނެ. މި ސަރުކާރަކަށް އެއްވެސް ކަންބޮޑުވުމެއް އިރާދަކުރެއްވިއްޔާ ނެތް، މި އަންނަ އަހަރުގެ ސުކޫކް ޕޭމަންޓް ކަންތަކުގައެއް. އެހެންވީމާ، މި ހުރިހާ ކަމެއްވެސް ކުރިއަށް މިގެންދަނީ، ރައްޔިތުންނަށް ފުރިހަމަގޮތުގައި ތަރައްޤީ ހާސިލުކޮށްދިނުމަށްޓަކައި. ރާއްޖެ އެއްގޮތަކަށްވެސް ޑިފޯލްޓްވިޔަނުދީ، ރާއްޖޭގެ އިޤްތިޞާދު ފުރިހަމަކޮށްދީ، ފުރިހަމަ ބާރު ސްޕީޑްގައި ގެންދެވޭނެ ގޮތް ހަމަޖައްސައިދީ، ރާއްޖޭގެ ހުރިހާ ދާއިރާތަކެއް، އެއީ ޓޫރިޒަމް ދާއިރާވިޔަސް، މަސްވެރިކަން ކަމުގައިވިޔަސް، ދަނޑުވެރިކަން ކަމަށްވިޔަސް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކަމުގައިވިޔަސް ކުރިއަރުވައި، ރައްޔިތުންނަށް އޭގެ ފުރިހަމަކަން ހޯދައިދެވޭނެ ގޮތް މަގުފަހިކުރަމުން. އެހެންވީމާ، މި ހުރިހާ ކަމެއް އެކުއެކީގައި އަޅުގަނޑުމެން ތަރުތީބުކޮށްގެން ކުރިއަށް މިގެންދަނީ. އެއިން ރައްޔިތުންނަށް ފުރިހަމަ ފައިދާތައް ހޯދައިދޭން.

އަޅުގަނޑު ކުރިން ދުވަހަކު އޮންނާނެ އިޢުލާނުކޮށްފައި. މި މަހުގެ ދެވަނަ ދުވަހު އަޅުގަނޑު އިޢުލާނު ކުރިން، މިދިޔަ ސަރުކާރުން އެކި ފަރާތްތައް ލައްވައި، ކުރުވާފައި ނުދީހުރި ފައިސާ، ރާއްޖޭގެ އެތެރޭގެ ދަރަނި ވާހަކަ މި ދައްކަނީ. އެކި ފަރާތްތައް ލައްވައި، އެކި ކުންފުނިތައް، ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އަދި ސަރުކާރުން ކޮށްފައި، ނުދީހުރި ފައިސާ މި ލެގަސީ ޑެބްޓް، މިއީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ އަދަދުގެ ވާހަކަ މި ދައްކަނީ. މި ދަރަނިތައް ހުރީ ނުދައްކާ ސަރުކާރު ބަދަލުވެގެން ދިޔައިރު. އެ ފައިސާއާއި، މިދިޔަ ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެން އެކިފަހަރު މަތިން، ދައްކަންހުރި ފައިސާ ހިމެނޭހެން، އެންމެ ގިނަވެގެން 30 ދުވަހަށްވުރެ ކުރުކޮށް، މާނައަކީ، މި ފަސް ހަފްތާގެ ތެރޭގައި، އަންނަ ބިލެއް ފިޔަވައި، ދެން ހުރި ހުރިހާ ބިލެއް، ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ދައްކައި ނިންމާނަމޭ، މި ފަސް ހަފްތާގެ ތެރޭގައި. މާނައަކީ، ބާކީ މިއޮތް ތިން ހަފްތާގެ ތެރޭގައި. އޭގެފަހުން ދެ ހަފްތާ ހިނގައްޖެ. ބަރާބަރަށް ހުރިހާ ކަމެއް އެބަ ހިނގާ.

އެހެންވީމާ، ކުރިއަށް މިއޮތް ތިން ހަފްތާގެ ތެރޭގައި، ދިވެހި އެކި ކުންފުނިތައް، ދިވެހި ކުންފުނިތައް ލައްވައި، ސަރުކާރުގެ އެސް.އޯ.އީ.ތަކުން، ސަރުކާރު ކުންފުނިތަކުން ކުރުވާފައި ހުރި މަސައްކަތްތަކަކަށާއި، ސަރުކާރުގެ ވުޒާރާތަކުން ކޮށްފައި ހުރި މަސައްކަތްތަކަކަށާއި، ހުރިހާ ބިލަކަށް އަޅުގަނޑުމެން ފައިސާދީ ނިންމާނަން. އެކަންވެސް މި ކުރަނީ. ބޭރުގެ ދަރަނިވެސް ދައްކަން. އިރާދަކުރެއްވިއްޔާ ރާއްޖެ ޑިފޯލްޓް ނުވާނެ. ހުރިހާ ކަމެއް މިހުރީ އަޅުގަނޑުމެން ފުރިހަމައަށް ތަރުތީބުކޮށްފައި.

އަޅުގަނޑުމެންގެ ރިޒާރވްވެސް ރަނގަޅުގޮތުގައި ޓްރެޖެކްޓްރީގައި ހުރި. އެހެންވީމާ، ހުރިހާ ކަމެއްވެސް ރަނގަޅަށް ގެންދަމުން، ތަރައްޤީގެ ކަންކަން ހާސިލުކޮށްދެމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭނެގޮތަށް. އެގޮތުގައި ކުރިއަށްދިޔުމަކީ އަޅުގަނޑުމެންނަށް އެއްވެސްވަރަކަށް އިރާދަކުރެއްވިއްޔާ ކަންބޮޑުވުމެއް މިހާރު އޮތް ކަމެއްނޫން. އިރާދަކުރެއްވީތީ ކުރިއަކުވެސް ނެތް. މިހާރަކުވެސް ނެތް. މިކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ ތާއީދަކީ، އަޅުގަނޑުމެން އެކަމަށްޓަކައި ވަރަށް ބޮޑަށް އަބަދުވެސް ޝުކުރު އަދާކުރާ ކަމެއް.

އާދެ، އަދިވެސް އެއްފަހަރު ބިލެތްފަހީގެ ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، ތިޔަބޭފުޅުންނަށް އަޅުގަނޑުވީ ހުރިހާ ވަޢުދަކާއި، އަދި އޭގެއިތުރަށްވެސް މި ދެންނެވި ކަންކަން، އަޅުގަނޑު ދެންނެވި ގޮތަށް ފުރިހަމަވެގެންދާނެ ކަމުގެ ޔަޤީންކަން. އެކަމުގައި އަޅުގަނޑުމެން ރައްޔިތުންނަށް ވަރަށް އިސްކަންދީގެން ފުރިހަމަކަމާއެކީގައި އެ ވަޢުދުތައް ފުއްދައިދޭނެ ކަމުގެ ޔަޤީންކަން އަދިވެސް އެއްފަހަރު އަރުވަމުން އަޅުގަނޑު ވަކިވެލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.