މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަވައި، އެއަރޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަންދެއްވާފައި މި ވަނީ، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފައްސަށްވަޑައިގެން އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ށ. ބިލެތްފަހީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާއެކު ސޮއިކުރައްވައި، ޢަމަލީ ގޮތުން މަސައްކަތް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ބިލެތްފައްސަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށާއި ސަރަޙައްދީ ފެންވަރުގައި ބޮޑެތި ފައިދާތަކެއް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް، ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށާ، މަޑުޖެހުމެއް ނެތި، މަސައްކަތް ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ށ. ބިލެތްފަހީގެ ރައްޔިތުންނަށް ދެއްވާފައެވެ.

އެއަރޕޯޓް މަޝްރޫޢުގެ އިތުރުންވެސް ށ. ބިލެތްފަހީގެ ތަރައްޤީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ އުންމީދީ ޚަބަރުތައް، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

ރަށުގެ ތަރައްޤީއަށް މުހިންމު ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވަމުން، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢެވެ. މިމަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ކުރިއަށް ނުގޮސް، ހުއްޓިފައި އޮތް ކުނި މެނޭޖު ކުރުމުގެ މަޝްރޫޢަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހަމަ މިއާއެކު ބަނދަރުގެ މަޝްރޫޢަކީ އެންމެ ބޮޑު އެއް މަސައްކަތް ކަމުގައި ފާހަގަކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަމުގެ ހައްސާސް ކަމަށް ބައްލަވައި، ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރައްޔިތުންގެ މަޝްވަރާއެކުގައި ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން ތަރައްޤީކުރަން ކަނޑައެޅި 4 ކުލާސްރޫމަށް ޢަދަދު އިތުރުކުރައްވައި، 8 ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ޞިއްޙީ މަރުކަޒުގައި، 16 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރު ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. މުވައްޒަފުންނާއި ވަސީލަތުގެ ގޮތުން ޞިއްޙީ މަރުކަޒަށް މިހާރުން މިހާރަށް ބޭނުންވާ އެހީ ފޯރުކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ށ. ބިލެތްފަހީގައި ހޭންޑްބޯލް އަދި ވޮލީބޯލް ކޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޒަމާނީ ފެންވަރަށް ފުޓުބޯޅަދަނޑު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރިއަށްދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.