بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ގޮއިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، އަދި ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ އަޑުއައްސަވަމުން ގެންދަވާ އަދި ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ގޮއިދޫގެ ލޮބުވެތި ރައްޔިތުންނަށް، ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން މިއަދު މި ތަނުގައި، މި ޖަލްސާގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކޮށް ހަދައިފިން. އަދި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ރަސްމީކޮށް ފަށައިފިން. މި ކޮންމެ މަޝްރޫޢަކީވެސް ހަމަ ޔަޤީނުންވެސް މި ރަށުގެ ރައްޔިތުންގެ ވަރަށް ގިނަ އުންމީދުތަކެއް ގުޅިފައިވާ މުހިންމު ކަންތައްތަކެއްކަން އަޅުގަނޑަށް އެނގޭ. މީގެތެރެއިން ގިނަ ކަންތައްތައް އަޅުގަނޑު ވާނީ ކުރިން ރައްޔިތުންނަށް ވަޢުދުތަކުގެ ގޮތުގައިވެސް ދަންނަވާފައި.

އާދެ، މިއިން ކޮންމެ މަޝްރޫޢަކީވެސް ހަމަ ޔަޤީނުންވެސް، ސަރުކާރުން އެކަންކަން ފުރިހަމަކަމާއެކީގައި އިރާދަކުރެއްވިއްޔާ ކޮށް ނިންމާނެ ކަންތައްތައް. މިކަންކަމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައި ފުރިހަމަކޮށްގެން އަޅުގަނޑުމެން ސޮއިކޮށް، މަސައްކަތްތައް މި ފަށަނީ ކޮންމެ ރަށެއްގައިވެސް. އިރާދަކުރެއްވިއްޔާ ހަމަ އެގޮތުން، މި ރަށުގައިވެސް މި ކަންކަން ހިނގާނެ. ބަނދަރު ކަމުގައިވިޔަސް، އަދި ދެން މި ސޮއިކުރެވިގެންދިޔަ މަގުހެދުން ކަމުގައިވިޔަސް، އަދި ދެން ހަމަ ޢަމަލީގޮތުން މިއަދު އަޅުގަނޑުމެން އިފްތިތާޙު ކުރި، ފެށި ކޮންމެ މަޝްރޫޢެއް ކަމުގައިވިޔަސް، އެއީ ހަމަ އެގޮތުގައި ހިނގާނެ ކަންކަން. އޭގެ ނަތީޖާއަކަށް ޔަޤީނުންވެސް ވެގެންދާނީ، މި ރަށުގެ ތަރައްޤީއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދިޔުން.

އާދެ، މީގެ އިތުރުންވެސް، އަޅުގަނޑު ފާހަގަކޮށްލާނަން ބައެއް ކަންކަން. އެއީ، ރައްޔިތުންގެ ގާތަށް އަޅުގަނޑު މި އަންނަނީ، މިހެންހުރި މުހިންމު ކަންކަން ރައްޔިތުންނާ އެކީގައި، މަޝްވަރާކޮށް، އެކަންކަމުގައި ރައްޔިތުން ވިސްނަވާގޮތް، ކައުންސިލާއި މުއައްސަސާތަކުން ބޭނުންވެލައްވާ ގޮތް އަޑުއަހައި، އެކަންކަމުގައި ކުރިއަށްދާނެގޮތް ވީހާވެސް ރަނގަޅަކަށް ނިންމައި ކުރިއަށްދާން.

އެގޮތުން މިއަދު މި ފެށުނު ކަންކަމާއި، ސޮއިކުރެވުނު ކަންކަމުގެ އިތުރަށްވެސް އެބަހުރި މި ރަށުގައި މުހިންމު ކަންކަން. މިގޮތުން ބަލާއިރުގައި، އަޅުގަނޑު ހިތުން އެންމެ މުހިންމު ކަމަކަށް ވާނެ، ސްކޫލާ ގުޅިފައިވާ މަޝްރޫޢުގެ ކަންތައް. އަޅުގަނޑުވެސް ދުށިން، އެ މަޝްރޫޢު ހުއްޓިފައި އެހެރަ ތަން. 8 ކުލާސްރޫމެއް ހަދަން ފަށައި، މިހާރު އެހެރީ ހިޔާކުރުމާ ގާތަށްގޮސްފައި. އާދެ، މި މަސައްކަތްވެސް މިއީ، އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރުގައި މިގޮތަށް ހުރި ގިނަ މަޝްރޫޢުތަކެއްވެސް އޮތްގޮތަށް އޮތް މަޝްރޫޢެއް. އެހެންވީމާ، އަޅުގަނޑުމެން މިހާރު އެއޮތީ، ސަރުކާރުން އެކަމުގައި ދެން އެކިގޮތްގޮތުން ކުރިއަށްދާން މަސައްކަތްކޮށް، ކުރިއަށް ނުދެވުނީމާ، ޓަރމިނޭޓްކޮށް ސަރުކާރުގެ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައި. އެގޮތުން ފެނަކައާ އެއޮތީ މަސައްކަތް ހަވާލުކޮށްފައި. އެންމެ މުހިންމު ތަކެއްޗަކީ ހިޔާކުރަން ބޭނުންވާ ތަކެތި. ދެން އެ ތަކެތި ގެނައުން. ނޫނީވިއްޔާ ޓިނު، ދެންހުރި އެއްޗެހި ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. މިއަދު އަޅުގަނޑުމެންގެ މީޓިންގގައި، ކައުންސިލާއި މުއައްސަސާތަކުގެ މީޓިންގގައި ފެނަކަ އެމް.ޑީ. ވިދާޅުވި، ކުރިއަށް އޮތް ދެތިންދުވަސް ކަމަށް. އެހެންވީމާ، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ރަށަށް، މެޓީރިއަލް ޑެލިވަރ ކުރާނެކަމަށް. އޭގެ މާނައަކީ ވަރަށް އަވަހަށް ރީ-ސްޓާރޓް ވާނެ ކަމަށް.

އަޅުގަނޑު މި ހުރިހާ ތަފްޞީލަކަށް އިތުރަށް ނުގޮސް، ދޭން ބޭނުންވާ ޔަޤީންކަމަކީ، އެއީ، އަޅުގަނޑު ޔަޤީންކަން މިދެނީ، އިރާދަކުރެއްވިއްޔާ ޑެލިވަރ ކުރާނެތީ. ދިރާސީ އާ އަހަރަށް، މި އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އިރާދަކުރެއްވިއްޔާ މިތަން ނިންމައި ހަވާލުކޮށްދޭނަން. އެ ޔަޤީންކަން ދެން. އެހެންވީމާ، ދެން ކުރަންޖެހުނު ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. އެހެންވީމާ، ޓިނު ގެނައުމުގެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ. ދެންހުރި ހުރިހާ ކަމެއްވެސް ކޮށްދޭނަން. ދެން، ކޮންމެގޮތެއްވިޔަސް، މިއީ ނިންމަންޖެހޭ ކަމެއް. ވަރަށް ދިގުލައިގެން ގޮސްފައި އޮތް މައްސަލައެއް. ކުލާސްރޫމްތައް ނެތި، އެހެން ކަންކަން ނެތި، ވަސީލަތްތައް ނެތި، މިހެން ދިޔުމުގެ ސަބަބުން ސްކޫލަށް ވަރަށްދަތިވޭ.

އާދެ، ދެން ހަމަ އެފަދަ އަނެއް މަޝްރޫޢަކީ، ޞިއްޙީ ދާއިރާއާ ގުޅިފައިވާ މުހިންމު މަޝްރޫޢު. އާދެ، ހެލްތް ސެންޓަރުގެ ޖާގައާއި، ވަސީލަތްތައް އިތުރުކުރުމަކީ، މި ރަށުގެ ރައްޔިތުންނަށް ނުހަނު ބޭނުން ކަމެއް. މިކަމުގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިހާރު މިވަނީ، ބަޔަކާ މަޝްރޫޢު ހަވާލުކުރާ ހިސާބަށް ގޮސްފައޭ. ދެބުރީގެ އިމާރާތެއް، 10 ވަރޑުގެ އެނދު ހިމެނޭ، ޕްރައިވެޓް ރޫމްތައް، ޓްރައޭޖް، ކޮންސަލްޓޭޝަން ރޫމް، މި ހުރިހާ އެއްޗެއް ހިމެނޭގޮތަށް، ޖުމްލަ 20 އެނދު ހިމެނޭ، ހެލްތް ސެންޓަރުގެ އާ އިމާރާތެއް ހެދުމަށްޓަކައި، މިހާރު މި ގެންދެވޭ މަސައްކަތް ދާ ހިސާބުން، ދާގޮތަށް ބަލާއިރުގައި، މި މަސް ނިމެންވާއިރަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް މި ބަލަނީ. އެހެންވީމާ، އެންމެ ގިނަވިޔަސް، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ހަވާލުކުރެވި، މި އަހަރު ތެރޭގައި ޢަމަލީގޮތުން މަސައްކަތް ފަށާނަން. އެ ހިސާބަށް ގޮސްފައި މިވަނީ.

އެހެންވީމާ، އެއީ ޞިއްޙީ ދާއިރާ ކުރިއެރުވުމުގައި ހަމަ ޔަޤީނުންވެސް ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމެއް. އަޅުގަނޑުމެން މިހާރު މި ގޮސްފައި އޮތް ހިސާބުން، މި މަސްތެރޭގައި ސޮއިކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން. އެންމެ ލަސްވިޔަސް، މަހެއްހާ ދުވަސް ތެރޭގައި ސޮއިކުރެވޭނެ. އަދި މި ދެންނެވި ފަދައިން، މި އަހަރު ނިމެންވާއިރަށް ޢަމަލީ މަސައްކަތް އެންމެ ލަސްވެގެން ފެށޭނެ.

އާދެ އެހެންވީމާ، މިއީ މި ދެ ދާއިރާގައި އަޅުގަނޑު ހިތުން އެންމެ ބޮޑަށް ރައްޔިތުން ބޭނުންވާ ކަންކަމުގައި، އަޅުގަނޑު މި ދަންނަވާލީ، ސަރުކާރުން މިކަން ކުރަން ނިންމާފައި އޮތްގޮތް. ސްކޫލް ދާއިރާ އަދި ހެލްތް ސެންޓަރުގެ ދާއިރާގެ ކަންތައްތައް.

އާދެ، މި ދެންނެވި ކަންކަމުގެ އިތުރަށް، މިއަދު މި ސޮއިކުރެވުނު ކަންކަމާއި، ފެށުނު ކަންކަން ހިނގަމުންދާނެ. އޭގެއިތުރަށް، މި އަންނަ އަހަރަށް އަޅުގަނޑުމެން ނިންމާފައި ހުރި ކަންކަން ދަންނަވާލާނަން. ކުޅިވަރުގެ ދާއިރާ މައިގަނޑު ގޮތެއްގައި. އެއީ، ފުޓްބޯޅަ ދަނޑު ހަދައިދިނުން. ފުޓްބޯޅަ ދަނޑު ފުލް ފްލެޑްޖް، ނޫނީވިއްޔާ ޓޯޓަލް ކޮމްޕްލީޝަނާ އެކީގައި، މި ދެންނެވީ، ދަނޑު ހެދުމާއި، ލައިޓްޖެހުމާ އެކީގައި، މި ރަށުގައި، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފުޓްބޯޅަ ދަނޑެއް ހަދައިދީ، ވޮލީކޯޓެއް އަޅައިދީ، ހޭންޑްބޯލް ކޯޓެއް އަޅައިދޭނަން. މައިގަނޑު ގޮތެއްގައި، އެއީ މި އަންނަ އަހަރަށް އާ މަޝްރޫޢުތައް ގޮތުގައި އަޅުގަނޑުމެން ފާހަގަކޮށްފައި ހުރި ކަންކަމަކީ. ދެން މިހިރީ މިއަދު ފެށުނު މަޝްރޫޢުތަކާއި، ސޮއިކުރެވުނު މަޝްރޫޢުތައް ކުރިއަށް ގެންދިޔުން. ދެން، ނިންމަން ހުރި މަޝްރޫޢުތައް. ދެން، މި އަހަރު ފަށަށް މިއޮތް ހެލްތް ސެންޓަރު މަޝްރޫޢާ، މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުން.

މީގެއިތުރަށް، މި ރަށަކީ ދަނޑުވެރިކަމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަމުންދާ ރަށަކަށްވާއިރުގައި، ދަނޑުވެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތަކަށްވާއިރުގައި، މި ރަށަށް އެކަމުގައި ކޮށްދޭންޖެހޭ މުހިންމު ކަންތައްތައް ކޮށްދިނުން. އޭގެތެރޭގައި، ކަރަންޓު، ނޫނީވިއްޔާ އިތުރު ޔޫޓީލިޓީޒް ފޯރުކޮށްދިނުން ކަމުގައިވިޔަސް. އަޅުގަނޑު އެގްރިކަލްޗަރ މިނިސްޓްރީ މެދުވެރިކޮށް، ތިޔަބޭފުޅުންނަށް އެކަމުގައި ކުރިއަށްދެވޭނެ މަގުތައް ފަހިކޮށްދޭނަން. އަދި، ކަމާބެހޭ ޔޫޓިލިޓީ ކުންފުނިންވެސް އެކަމުގައި މަސައްކަތް ކުރަމުންދާނެ. އަދި އިތުރު ވަސީލަތްތައް ފޯރުކޮށްދިނުމުގައިވެސް، ދަނޑުވެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ، އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތެއް. އެހެންވީމާ، މި ރަށުގައި އެކަމުގައި އެހީތެރިކަން ލިބޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނަން.

ދެން، މަދިރީގެ އުނދަގޫ ދިމާވާ ޙާލަތްތައް އާދޭ. އެހެންވީމާ، އެއީވެސް މީގެތެރެއިން، މި ރަށުގައި މި ދިމާވާ މައްސަލައަށްވެސް ކަމާބެހޭ ވުޒާރާގައި މިކަމުގައި ކުރިއަށްދާނެ ގޮތެއް ހަމަޖައްސަން އަޅުގަނޑު ދަންނަވާނަން.

އާދެ، ޖުމްލަކޮށް މިހިރަ ކަންތައްތައް މިގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން، އަދި ނިންމައިދޭނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑު ރައްޔިތުން ގާތަށް މި އަންނަނީ، މި ދެންނެވި ފަދައިން، ރައްޔިތުންނަށް އަޅުގަނޑު ވީ ވަޢުދުތައް ފުއްދައިދިނުމަށާއި، އިތުރަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައްޔިތުން ގާތުން އޮޅުންފިލުވައި، އެކަންކަން ކޮށްދިނުމުގެ ބޭނުމުގައި، ކޮށްދިނުމަށްޓަކައި، އަދި ނަތީޖާ ނެރެދިނުމަށްޓަކައި. މި ސަރުކާރުގައި ނެތް ނަތީޖާ ނެރެދިނުން ފިޔަވައި، އިތުރު އެއްވެސް ޝައުގުވެރިކަމެއް. އަޅުގަނޑުމެންގެ ހުރިހާ ފޯކަސްއެއް ހުރީ ނަތީޖާ ނެރެދޭން. ރައްޔިތުންނަށް މި ހުރިހާ ދުވަހު ނުވެފައި ހުރި ކަންކަމާއި، ރަނގަޅަށް ނުގޮސްހުރި ކަންކަމާއި، މި ހުރިހާ ކަމަކަށް އެޑްރެސްކޮށް، ކަންކަން ކޮށްދޭން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައާއި، މި އަންނަ އަހަރު ތެރޭގައި ފެނިވަޑައިގަންނަވާނީ މިގޮތަށް. މި ރަށުގައިވެސް ކަންކަން ވަމުންދާ ތަން، ނިމެމުންދާ ތަން.

އާދެ، އަޅުގަނޑު ކުރުކޮށްލާނަން. އަޅުގަނޑު އުންމީދުކުރަން، މި ދެންނެވިހެން މިކަންކަން ނިންމާލެވިގެން، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން އަރިހަށް އަނެއްކާވެސް އަންނަން، މިކަންކަން ފާހަގަކުރުމުގައި ތިޔަބޭފުޅުންނާ ބައިވެރިވުމަށް. އެ އުންމީދުގައި ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.