بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކަނޑިތީމުގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، އަދި ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ އަޑުއައްސަވާ، އަދި ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި އަތޮޅަށް މިކުރާ ދަތުރުގައި، ކަނޑިތީމަށް އާދެވުނު ވަގުތު، ރަށުގެ ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މީގެ ކުރިންވެސް ތިޔަބޭފުޅުންނާ އަޅުގަނޑު ވާނީ ބައްދަލުވެފައި. އަދި ރިޔާސީ އިންތިޚާބުގައި، އެކި ކަންކަމުގައި ރައްޔިތުންނަށް ވަޢުދުތަކެއްވެސް ވިން. އާދެ، ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، މިގޮތަށް ފަށަންހުރި، ކުރަންހުރި މަސައްކަތްތައްކޮށް، ވަޢުދުތައް ފުއްދުމުގައި ވީހާވެސް އަވަހަކަށް ނަތީޖާ ނެރެދިނުމަށް. އެގޮތުން، މިއަދު އަޅުގަނޑުމެން މީގެތެރެއިން ބައެއް މަސައްކަތްތައް މި ފެށީ. އަދި ސޮއިކުރެވިގެން މިދިޔައީ. ފެށިގެންދިޔަ، ރަސްމީކޮށް ބިންގާއެޅި، ޢަމަލީ މަސައްކަތުގެ، މަރުޙަލާއަށް ދެވުނު ކޮންމެ މަޝްރޫޢަކާއި، އަދި ދެންމެ ސްޓޭޖްމަތީގައި ސޮއިކުރެވިގެން މިދިޔަ މަޝްރޫޢުތަކާ، މިއިން ކޮންމެ ކަމެއްވެސް އިރާދަކުރެއްވިއްޔާ، ވަރަށް ބާރު ސްޕީޑްގައި، ވަރަށް ރަނގަޅަށް ކުރިއަށްގެންގޮސް ނިންމައިދޭނަން. މިކަންކަން އަޅުގަނޑުމެން މި ފަށަނީ، މިކަންކަމަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައިގެން. މިކަން ކުރެވޭނެ ގޮތާއި، ކުރިއަށްދާނެ މަގާއި، ވަސީލަތްތަކާއި، ހުރިހާ ކަމަކާ އެކީގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް މީގެ ސަބަބުން އެއްވެސް ކަންބޮޑުވުމެއް ކުރިމަތިވިޔަކަ އަޅުގަނޑުމެން ނުދޭނަން. ކަމާބެހޭ ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކާއި، ރައްޔިތުންނާ ވަރަށް ގާތުން މިކަމުގައި މަސައްކަތް ކުރަމުންދާނެ. އެހެންވީމާ، މިއަދު މި ފެށިގެންދިޔަ މަޝްރޫޢުތައް، އަދި ސޮއިކުރެވުނު ހުރިހާ ކަމެއްވެސް އަޅުގަނޑު މި ދެންނެވި ގޮތަށް ކުރިއަށްދާނެ.

އާދެ، އޭގެއިތުރަށްވެސް އެބަހުރި ވަރަށް ގިނަ ކަންކަން ރަށުގެ ކުރިއެރުމަށް، ތަރައްޤީއަށް ބޭނުންވާ، ކުރަންޖެހިފައި ހުރި ކިތަންމެ ކަމެއް. ފެށިފައި ހުރި، އަދި މާ ބާރު ސްޕީޑްގައި ނުދާ، ހުއްޓިފައި ހުރި ބައެއް ކަންކަންވެސް މީގެތެރޭގައި ހިމެނޭ. މިކަންކަމަކީ، ހަމަ ޔަޤީނުންވެސް މި ރަށުގެ ތަރައްޤީގައި މުހިންމު ކަންކަން. އޭގެ ކޮންމެ މަޝްރޫޢަކީވެސް، އެކަމެއްގެ ދާއިރާއިން ރަށަށް ކޮންމެހެންވެސް ތަރައްޤީ ބޭނުންވާ ކަންކަން.

މިސާލެއްގޮތުން، ހޯލުގެ މަޝްރޫޢު. މަލްޓި ޕަރޕަސް ހޯލުގެ މަޝްރޫޢު، މިއީ ވަރަށް ވަރަށް ބޮޑު މަޑުޖެހުމެއް، ނޫނީ ލަސްކަމެއްގެ ތެރެއިންދާ ކަމެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، މިކަން ޙައްލުކުރަން. އެކަން ހަމަޖެހިގެން ގޮސްފައި މިހާރު މިއޮތީ. އިރާދަކުރެއްވިއްޔާ ދެން، އަޅުގަނޑުމެންނަށް މިކަމުގައި ސްޕީޑް ގެއިން ކުރެވޭނެ، މަސައްކަތްތައް ދާނެގޮތް ހަމަޖެހިގެން ގޮސްފައިވާތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިހާރު މިއޮތް މަޑުޖެހުން ނިމުމަކަށް ގެނެސް، މަސައްކަތްތައް ދާދި އަވަހަށް، ހަލުވި ސްޕީޑްގައި ދާނެގޮތް ހަމަޖެހިގެންދާނެ. ހަމަ ޔަޤީނުންވެސް، އެއީ މި ސްކޫލްގެ އެންމެ މުހިންމު އިންފްރާސްޓްރަކްޗަރ މަޝްރޫޢުކަން އަޅުގަނޑަށް އެނގޭ.

ހަމައެއާއެކީގައި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި، އަޅުގަނޑުމެން ކުރަން ނިންމާފައި މިއޮތް މަސައްކަތަކީ، ކުރިން ހަވާލުކޮށްފައި، ކުރިއަށްނުގޮސް އޮތް މަސައްކަތެއް. އެކަން އަޅުގަނޑުމެން ޓަރމިނޭޓް ކޮށްފައި، މި މަސް ތެރޭގައި މިއުޅެނީ، އިރާދަކުރެއްވިއްޔާ ބަޔަކާ ހަވާލުކުރުމަށް ކޮންޓްރެކްޓެއްގައި ސޮއިކުރަން. މި މަޝްރޫޢުގެ ތެރެއިން، ދެބުރީގެ އިމާރާތެއް އެޅިގެންދާއިރުގައި، 10 ވޯޑު އެނދާއި، ޕްރައިވެޓް ރޫމްތައް، ކޮންސަލްޓޭޝަން ރޫމް، މި ހުރިހާ ކަމެއް ހިމެނޭހެން، ޖުމްލަ 20 އެނދު ހިމެނޭ އިމާރާތެއް، މީގެތެރެއިން ހަމަޖެހިގެން މިދަނީ. އެހެންވީމާ، މި މަޝްރޫޢު މިހާރު މިދާގޮތަށް ދާކަމުގައިވާނަމަ، ނޫނީވިއްޔާ ނިމިގެންދާއިރު، މި މަސް ތެރޭގައި އަޅުގަނޑުމެން ބަޔަކާ ހަވާލުކުރާނަން. ހަވާލުކުރެވި، އަޅުގަނޑު ދެންމެ މި ދެންނެވި ސްކޯޕްގައި، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށޭނެ. އެ ޔަޤީންކަން އަޅުގަނޑު ރަށުގެ ރައްޔިތުންނަށް އަރުވަން.

އެހެންވީމާ، ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން މިއީ އެންމެ ބޮޑު މައިގަނޑު އެއް މަޝްރޫޢު. ދެން މަލްޓި ޕާޕަސް ހޯލު ނިންމާލަދިނުން. މި ދެ ކަންތައް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ގާތުން ބަލައި، އެ ކަންތައްތައް ކުރިއަށް ގެންދާނަން.

ހަމައެއާއެކީގައި ކުޅިވަރުގެ ދާއިރާއިން، ދަނޑަށް އިތުރު ކުރިއެރުން ގެނެސްދިނުންވެސް އެބައޮތް. ފުޓްބޯޅަ ދަނޑުގައި އަދި ރޭގަނޑު ކުޅެވޭނެ ނިޒާމެއް ނެތް. އަޅުގަނޑުމެން މިހާރު ހުރިހާ ދަނޑުތަކެއްވެސް ހަދަނީ ވަށާފާރު ރާނައި، ފެންސު ޖަހައި، ލައިޓް ހަރުކޮށް، ޗޭންޖިންގ ރޫމް ހަދާފައި. މިކަހަލަ ހުރިހާ ކަމެއްވެސް އެބަ ކުރަން. އެހެންވީމާ، މި ރަށުގެ ފުޓްބޯޅަ ދަނޑަށް މި ތަރައްޤީ އަދި ނާދޭ. އަޅުގަނޑުމެން ނިންމާފައި މިއޮތީ، މި އަންނަ އަހަރު އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއްގެ ގޮތުގައި، މި ރަށުގެ ދަނޑު ތަރައްޤީކޮށްދިނުމަށްޓަކައި، މި ދެންނެވި ހުރިހާ ކަމެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ފުރިހަމަކޮށްދިނުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ އެގޮތުގައި އެކަން ކުރިއަށްދާނެ.

ދެން ހަމަ ވަރަށް އިސްކަމެއްދީގެން، ދެންހުރި ކަންކަމުގައިވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަ ދަން. އަލަށް އާބާދުވި ސަރަޙައްދަށް ކަރަންޓުލުމާއި މިކަންކަމަކީ، އަޅުގަނޑު ކުރިން ވަޢުދުވެފައިވެސް ހުރި ކަންކަން. ވަރަށް ގިނަ ރަށްތަކުގައި މިއީ ޙައްލުކުރަން ޖެހިފައި ހުރި ކަންކަން. މިހާރު ފެނަކައަށް އެކަމަށް ބޭނުންވާ ފެސިލިޓީ، ފެސިލިޓޭޓް ކޮށްދޭންޖެހޭ ކަންކަން އެދަނީ ހަމަޖެހެމުން. ރާއްޖޭގައި މިހެންހުރި ޕަވަރ އަޕްގްރޭޑިންގ، ޔުޓިލިޓީ ފުޅާކުރަންޖެހޭ ހުރިހާ ތަންތަނާއި، ކޭބަލް އަޅަންޖެހޭ ރަށްރަށުގައި ކޭބަލް އިތުރަށް އެޅުމާއި، ޕަވަރހައުސް ރީލޮކޭޓް ކުރުން، މިހެންގޮސް ވަރަށް ގިނަ ކަންތައް އެބަހުރި، އަޅުގަނޑުމެން ކުރަންޖެހިފައި. އެކަންކަން ތަރުތީބެއްގެ ތެރެއިން މިދަނީ. އެހެންވީމާ، މި ރަށުގައި މި ދެންނެވި ކަންތައްވެސް އެބައޮތް ވަރަށް އަވަހަށް ކުރިއަށްގެންދަން ހަމަޖައްސާފައި.

އެހެންވީމާ، އިތުރު ބައެއް މަޝްރޫޢުތައްވެސް ކުރިއަށް ގެންދެވޭނެ، މި ދެންނެވި ކަންކަމުގެ އިތުރަށް. އަޅުގަނޑު ދެންމެ މި ފާހަގަކުރި ކަންކަމާއި، ސޮއިކުރެވިގެންދިޔަ ހުރިހާ މަޝްރޫޢެއް އެއީ، ރައްޔިތުން ބޭނުންވާގޮތަށް ބަނދަރަށް ގެންނަންވާ ތަރައްޤީ ގެނައުމުގެ ކަންކަމުގެ މަޝްރޫޢު، ގޮނޑުދޮށް ޙިމާޔަތްކުރުން، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުން، މަގުހެދުން، މިއިން ކޮންމެ ކަމެއްވެސް ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް، އުންމީދުތަކާ އެއްވަރަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކަން ކުރާނީ. އެހެންވީމާ، އެގޮތަށް އެ ހުރިހާ ކަމެއް ކުރިއަށްދާނެ. ހަމަ ފެށުނު މަޝްރޫޢުތައްވެސް އެގޮތުގައި ކުރިއަށްދާނެ.

ބޭންކުގެ ބުރާންޗަކީ އަޅުގަނޑުމެން މި އަންނަ އަހަރުގެ ކުރީކޮޅު، އެންމެ ލަސްވެގެން މާރިޗުމަހާ ހަމައަށްދާއިރުގައި ނިމޭނެ ތަނެއް. ދެން މިހެން ހަމަ ގިނަ މަޝްރޫޢުތަކެއް ހަލުވި ސްޕީޑްގައި ކުރިއަށްދާނެ.

އެހެންވީމާ، އަޅުގަނޑު ހަމަ ދޭން ބޭނުންވާ ޔަޤީންކަމަކީ، ކަނޑިތީމުގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވެފައި ހުރި ވަޢުދުތަކާއި އަދި އޭގެ އިތުރަށްވެސް މިހިރަ ގިނަ ކަންތައްތަކަކީ، ރައްޔިތުންގެ އުންމީދުތައް ހާސިލުވާގޮތަށް، ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަންކަމޭ. އަޅުގަނޑުމެން މިހާތަނަށް މިއައީ، މިހިރަ ކަންކަމުގައި ޢަމަލީ ސިފަ ޖެއްސުމަށްޓަކައި، ރަނގަޅަށް ގެންދިޔުމަށްޓަކައި ކަންކަން ތަރުތީބު ކުރަމުން. ބައެއް ކަންކަން ކުރުމުގައި، އިތުރު ވަގުތު ބޭނުންވީ އެހެންވެގެން. ގިނަ ކަންކަމުގައި ހުރީ، ފެށިފައި ހުރި ކަންކަމުގައި ހުރީ، ވަރަށް ގިނަ މައްސަލަތައް ދިމާވެފައި. މިސާލަކަށް، ސްކޫލް މަޝްރޫޢު، ނޫނީވިއްޔާ ހެލްތު ސެންޓަރުގެ މަޝްރޫޢު. އެހެންވީމާ، ބައެއް ކަންކަން ލަސްވެގެންވެސް ދިޔައީ އެހެންވެގެން.

އާދެ، އެހެންވީމާ، މި ދެންނެވި ގޮތަށް އަޅުގަނޑުމެން މި ހުރިހާ ކަމެއް ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް، ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

އަޅުގަނޑުގެ އުންމީދަކީ މި ގިނަ ކަންކަން ނިންމާލުމަށްފަހު، އަނެއްކާވެސް ތިންވަނަ ފަހަރަކަށް ތިޔަބޭފުޅުންނާ ބައްދަލުކުރުމަށް އައުން. އެ އުންމީދުގައި އަޅުގަނޑު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމުގެ އުފާފާގަތިކަން ހާސިލުކުރުމުގައި އަޅުގަނޑުމެންނަށް ކާމިޔާބީ މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.