بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ނޫމަރާގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ކައުންސިލަރުން، އަތޮޅު ކައުންސިލްގެ ރައީސް، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، އަޑުއައްސަވާ، ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، ށ. އަތޮޅަށް މިއަދު އަޅުގަނޑުމެން މި ފެށި ދަތުރުގައި، އެންމެ ފުރަތަމަ މި ރަށަށް މި އާދެވުނީ. ރަށަށް އާދެވުނު ވަގުތު ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ނޫމަރާގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ ފުންމިނުން، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އިރާދަކުރެއްވިއްޔާ، މި ސަރުކާރުން މި ރަށުގެ ތަރައްޤީއަށް އަޅުގަނޑު ވަޢުދުވީ ކަންކަމާއި އަދި މި ރަށުގެ ތަރައްޤީއަށް އިތުރަށްވެސް ހުރި ކަންކަމުގައި، ޙަޤީޤީކުލަ ޖައްސައިދޭނަން. އެ މަސައްކަތް މި ކުރަނީ. މިއަދު އަޅުގަނޑުމެން މި ފެށި މަޝްރޫޢުތަކުގެ މަސައްކަތްތަކަކީ، މިގޮތުން ބަލާއިރު ހަމަ މުހިންމު ބައެއް މަޝްރޫޢުތައް. އަދި އިތުރަށްވެސް މި ރަށުގެ ތަރައްޤީއަށް ގިނަގުނަ ކަންކަން ކުރަން އެބަހުރި.
އަޅުގަނޑުމެން މިއަދު ބިންގާއަޅައި، ޢަމަލީ މަސައްކަތް ރަސްމީކޮށް މި ފެށި ތިން މަޝްރޫޢުވެސް އެއީ ފުލުހުންގެ މަރުކަޒު ކަމުގައިވިޔަސް، ކުޅިވަރު، ފިޓްނަސް ރިކްރިއޭޝަން ސެންޓަރު، އަދި މިސްކިތް ކަމުގައިވިޔަސް، މި ކޮންމެ މަސައްކަތަކީވެސް ވަރަށް މުހިންމު މަސައްކަތްތަކެއް މި ރަށުގެ ތަރައްޤީއަށް. މިއިން ކޮންމެ މަސައްކަތެއްވެސް ވަރަށް ބާރު ސްޕީޑްގައި، ވަރަށް ރަނގަޅަށް ގެންގޮސް ނިމިގެންދާނެ. އަދި އިތުރަށްވެސް، ހިނގަމުންދާ ކަންކަންވެސް މީގެތެރޭގައި ހިމެނޭ.
އެންމެ މުހިންމީ ބަނދަރުގެ މައްސަލަ. އެކަމަށް ބޭނުންވާ ތަކެތި ގެނައުމުގެ ކަންތައް އެބަ ކުރިއަށްދޭ. ބޮޑުހިލައާއި އަދި މިކަހަލަ ކަންކަން. އެކަންވެސް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ގެންދާނަން. ދެން ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާއިރުގައި، ރަށުގެ ރައްޔިތުންގެ އެދިވަޑައިގަތުމުގެ މަތިން، ނޫނީވިއްޔާ ބޭނުންފުޅުވާ ކަންކަން އޭގެތެރޭގައި ހިމެނޭގޮތަށް އަޅުގަނޑުމެން ގެންދާނީ އިރާދަކުރެއްވިއްޔާ. މި ދެންނެވީ ދޯނި އެހެލާތަނެއް، ބަނދަރު ހެދިގެންދާއިރުގައި ޑިޒައިނަށް ބަދަލުގެނެސް އިތުރުކޮށްދޭނަން. އަދި އޭގެ އިތުރަށް، މޫދަށްއެރެވޭނެ ގޮތަށް، މޫދަށްއެރޭ ސަރަޙައްދެއްވެސް ހިމެނޭގޮތަށް، އިރާދަކުރެއްވިއްޔާ ބަނދަރު މަޝްރޫޢު ހަމަޖެހިގެންދާނެ.
އެހެންވީމާ، މި ދެންނެވި ދެބައި އިތުރުވާގޮތަށް، މޫދަށްއެރޭ ތަނާއި، ދޯނި އެހެލާ ތަން ހިމެނޭގޮތަށް، ބަނދަރު މަޝްރޫޢު ކުރިއަށް ގެންދަން އަޅުގަނޑު މިހާރުވާނީ، އެމް.ޓީ.ސީ.ސީ.އަށް ދަންނަވާފައި. ދެން އެހެންވީމާ، އެގޮތަށް ދާނީ. ދެން ހަމަ ތަކެތި ގެނައުން ކުރިއަށް މިއޮތީ. މައިގަނޑު އެއްޗަކަށް ބޮޑުހިލަ.
އެހެންވީމާ، މި ދެންނެވި ގޮތަށް ފެށިފައި ހުރި ކަންކަމަށް ބަލާއިރުގައި، ފެނާއި ނަރުދަމާވެސް ހަމަ މިހާރު އެވަނީ ބާކީހުރި ކަންކަން ނިންމަން އެމް.ޑަބްލިޔު.އެސް.ސީ.އާ އަޅުގަނޑުމެން ހަވާލުކޮށްފައި. އެމް.ޑަބްލިއު.އެސް.ސީ. އިން އެކަން ވަރަށް ރަނގަޅަށް ގެންދާނެ. އާދެ، އެހެންވީމާ، އެއީ ފެށިފައި ހުރި ކަންކަންވެސް ހުރިގޮތް.
ދެން މިގޮތުން ބަލާއިރުގައި، އަލަށް ކުރަންހުރި، ނޫނީވިއްޔާ އިތުރަށް ބޭނުންވާ ކަންކަމަށްވެސް އަޅުގަނޑުމެން ވަރަށް އިސްކަންދޭނަން. މިސާލަކަށް، ކުޅިވަރުގެ ދާއިރާއިން އިރާދަކުރެއްވިއްޔާ، އިތުރު މަޝްރޫޢުތައް އަޅުގަނޑުމެން ރަށަށް ގެންނާނަން، ރައްޔިތުން، ޒުވާނުން، ކުޅިވަރުކުޅޭ ފަރާތްތައް ބޭނުންވެލައްވާ. އާދެ، މި އަންނަ އަހަރަށް މިހާރު ބަޖެޓު ހުށަހެޅުމުގެ މަރުޙަލާގައި އަޅުގަނޑުމެން މިއުޅެނީ. މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި އަޅުގަނޑުމެން އާ މަޝްރޫޢުތަކުގެ ތެރޭގައި ހިމަނައިދޭނަން، މި ރަށުގައި ޒަމާނީ ފެންވަރުގެ ރަނގަޅު ފުޓްބޯޅަ ދަނޑެއް އެޅުން. އަދި އޭގެއިތުރަށް، ވޮލީ ކޯޓެއް އެޅުން. އެހެންވީމާ، މި ދެ މަޝްރޫޢު އަޅުގަނޑުމެން މި އަންނަ އަހަރަށް ބަޖެޓު ހުށަހަޅާއިރު، އޭގައި ނިއު ޕޮލިސީ އިނީޝިއޭޓިވް، އާ މަޝްރޫޢުތަކުގެ ތެރޭގައި ހިމަނާނަން. ހިމަނައިގެން ކުރިއަށްދާނެ.
އިތުރު އާ މަޝްރޫޢެއްގެ ގޮތުގައި މި ސްކޫލަށް މަލްޓި ޕާރޕަސް ހޯލެއްވެސް މި އަންނަ އަހަރުގެ އާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިގެންދާނެ. އެހެންވީމާ، އެއީ މައިގަނޑުކޮށް އާ މަޝްރޫޢުތައް ގޮތަށް މި ރަށަށް މި އަންނަ އަހަރު އަޅުގަނޑުމެން ހިމަނާނެ ކަންކަމަކީ.
ދެން މަގުހެދުން އެއީ، އަޅުގަނޑު ވީ ވަޢުދެއް ރާއްޖޭގެ ހުރިހާ ރަށްތަކަށް. އެހެންވީމާ، އެކަން އަދި އެބައޮތް. އެއަށްވުރެ އަޅުގަނޑުމެން އިސްކަން މިދެނީ، މި އަންނަ އަހަރަށް މި ދެންނެވި ކަންކަން ހިމަނަން. ދެން މަގުހެދުންވެސް ހަމަ ކުރިއަށްދާނެ. އަޅުގަނޑު ވީ ވަޢުދެއް އެއީ، މި ދައުރުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި، އެންމެ މަދުމިނުން މައި މަގުތައް ހަދައިދިނުން. އެހެންވީމާ، އެއީ ފަސް އަހަރުގެ ތެރެއަށް ބަހާލައިގެންދާ ކަމެއްވީމާ، އަޅުގަނޑު ސީދާ މިއަދު މިތާނގައި މި އަންނަ އަހަރޭ ނުދެންނެވިޔަސް، ހަމަ އަޅުގަނޑުމެން ބަލާނަން އެކަންވެސް ވީ އެންމެ އަވަހަކަށް ފަށަން.
ދެން އެހެން ކަމެއްގެ ގޮތުގައި އަޅުގަނޑު ޞިއްޙީ ދާއިރާއިން ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު އޮންނާނެ މިހާރު އެތައް ތަނެއްގައި ދަންނަވާފައި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަކީ، އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ދާއިރާއޭ. ވަރަށް ބޮޑު އިސްކަމެއްދެން ޙަޤީޤަތުގައިވެސް ހުރިހާ ގޮތަކުންވެސް. އެއީ، ވަޒީފާއަށް މީހުން ނެގުންކަމުގައި ބެއްޔަސް. ޙަޤީޤަތުގައި މި އަހަރުވެސް އާންމު އުޞޫލުން ސަރުކާރުގެ ތަންތަނަށް، ވަޒީފާތަކަށް މީހުން ނުނަގަން. ވަރަށް ހަމަ ލިމިޓެޑްކޮށް ގެންދަނީ. އެހެންވިޔަސް، ޞިއްޙީ ދާއިރާއަށް މި އަހަރުވެސް އެންމެ އިސްކަންދީގެން ގިނަ އަދަދެއްގެ ވަޒީފާތައް ނަގައިދީފިން ރަށްރަށަށް. މި އަންނަ އަހަރުވެސް ހަމަ އެހެން އޮންނާނީ.
އެހެންވީމާ، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ އޭންގަލުން ބެއްޔަސް، ޞިއްޙީ ދާއިރާ ކުރިއެރުވުން އެއީ، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތު. ރަށްރަށުގައި ހުރި ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކަށް ބޭނުންވާ އެކި ދާއިރާތަކުން އެއީ، އެޑްމިން މުވައްޒަފުން ކަމުގައިވިޔަސް، ލެބްގެ މުވައްޒަފުން ކަމުގައިވިޔަސް، ޑޮކްޓަރުން ކަމުގައިވިޔަސް، މިހެންހުރި ހުރިހާ ދިމާއަކަށް މުވައްޒަފުން ހޯދައިދިނުން އެއީ، އަޅުގަނޑުމެންގެ ހަމަ އެންމެ މުހިންމު އެއް ސިޔާސަތު، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުން.
އޭގެއިތުރަށް، ލެބްތައް ޤާއިމުކޮށްދިނުން. މި ރަށަށްވެސް އަޅުގަނޑުމެން ނިންމާފައި މިއޮތީ. ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި، އެއީ މި ހިނގާ އަހަރާއި، މި އަންނަ އަހަރާ، ދެ އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ، ލެބޯރެޓަރީ ޚިދުމަތް ޤާއިމުކޮށް ނިންމައިދިނުން. އޭގެތެރޭގައި، މިއަދުގެ ބައްދަލުވުމުން އަޅުގަނޑަށް އެނގުނީ، މި ރަށުގައި ފިޒިކަލީ އިމާރާތެއް، ނޫނީވިއްޔާ ޖާގައެއް އެބަހުރި. ދެން ބޭނުންވާނީ ތަކެތި އިންސްޓޯލް ކޮށްދީފައި، މުވައްޒަފުން ޓްރެއިން ކުރަން، ނޫނީވިއްޔާ މުވައްޒަފުން ގެނެސްދޭން، ހަމަޖައްސައިދޭން. އެހެންވީމާ، އެ ހިސާބުގައި މި ރަށް މިއޮތީ.
އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން އިސްކަންދީގެން، މި ރަށުގައި އިރާދަކުރެއްވިއްޔާ ލެބޯރެޓަރީގެ ޚިދުމަތް، ހަމަ މި ރަށުގައި ޓެސްޓުތައް ހެދޭނެގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. މާގިނަދުވަހެއް ނުވާނެ. އެހެން ރަށަކަށް ބޭސިކް ޓެސްޓުތައް ހަދަން ދާންޖެހޭ ޖެހުން ނިމުމަކަށް ގެނެސްދީ، މި ރަށުގެ ހެލްތު ސެންޓަރުގައި ލެބޯރެޓަރީ ޚިދުމަތް އަޅުގަނޑުމެން ވަރަށް އަވަހަށް، ތަކެތީގެ ގޮތުންނާއި، މުވައްޒަފުންގެ ގޮތުން ހަމަޖައްސައިދޭނަން. އެކަން އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި ދެންނެވިހެން، މި އަންނަ އަހަރުގެ ނިޔަލަށް ދާއިރުގައި ނުހުންނާނެ، ހަމަ ޔަޤީން އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމޭއިރަކު ނުހުންނާނެ ރާއްޖޭގައި އެންމެ ރަށެއްވެސް، އެ ރަށުގެ ނިސްބަތުން، އެ ރަށުގައި ހެދޭނެ ޓެސްޓުތައް، އެ ޓެސްޓުތައް ހެދޭނެގޮތް ޤާއިމުނުކުރާ ރަށެއް ނުހުންނާނެ. ހެލްތު މިނިސްޓްރީން ކަނޑައަޅާ ސްޓޭންޑަޑެއް އޮންނާނެ. އެ ޔަޤީންކަން އަޅުގަނޑު ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދެން. އެއީ، އަޅުގަނޑު ކުރިންވެސް ދިން ޔަޤީންކަމެއް. އެހެންވީމާ، އެގޮތަށް މިގެންދަނީ. އެކަން ދާނެ އެގޮތަށް. އަޅުގަނޑުމެންގެ ސިޔާސަތު މި އޮންނަނީ ހަމަ ހުރިހާ ރަށަކަށް ކަންތައްތައް ކޮށްދިނުން.
މި ރަށުގައި ކުޑަކުދިންގެ ޕާކެއް އެބައޮތް. އެހެންނަމަވެސް، ކުޑަކުދިންގެ ޕާކުތައް ނެތް ރަށްރަށާއި، އަދި އާކުރަންޖެހޭ ރަށްރަށާ. މި ރަށުގައި ފަހަރެއްގައި އާކުރަންޖެހިދާނެ. ތަކެތި ބަދަލުކޮށްދީ، އިތުރުކޮށްދޭންވެސް ޖެހިދާނެ. ހުރިހާ ރަށެއްގެ ކުޑަކުދިންގެ ޕާކުތައް، މި އަހަރާއި މި އަންނަ އަހަރަށް ބަހާލައިގެން ޤާއިމުކޮށްދޭނެ ވާހަކައާއި، އައުޓްޑޯ ޖިމްތައް ހަދައިދޭނެ ވާހަކައާއި، މިއަދު މި ފެށި ކަހަލަ ފިޓްނަސް ރިކްރިއޭޝަން މަރުކަޒުތައް ހަދައިދޭނެ ވާހަކަ. މި ވަޢުދުތަކަކީ، އަޅުގަނޑު ރިޔާސީ ބަޔާނުގައި، މި އަހަރު ފެބުރުވަރީގައި މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުގައި ވީ ވަޢުދުތަކެއް. މި އަންނަނީ އެކަން ކުރަމުން އިރާދަކުރެއްވީތީ. މިހާރު މި ނިމެނީ ވަރަށް ގިނަ ރަށްތަކުގައި. މި ދެންނެވި ތިން މަޝްރޫޢު އެބަ ހިނގާ، ފެށިއްޖެ. މި އަންނަ އަހަރު ބާކީހުރި ރަށްތަކުގައި ހަދާނެ. ބަޖެޓު ހުށަހެޅިގެންދާއިރުގައި، އޭގައި އޮންނާނެ އެބައި ހިމަނާފައި.
މިގޮތަށް ކޮންމެ ރަށެއްގައި މިހެންހުރި ކަންތައްތައް، ކޮމަން ކަންތައްތަކެއް އަންނާނެ. އެގޮތަށް ކުނި މެނޭޖްކުރުން މި ރަށަށްވެސް ބޭނުންވޭ. އެހެންވީމާ، ކޮންމެ ރަށެއްގައި ކުނި މެނޭޖްކުރެވޭ މަރުކަޒުވެސް ޒަމާނީ ފެންވަރުގައި ހަދައިދިނުން. ކޮންމެ ރަށެއްގައި ދެންހުރި، މި ދެންނެވި ކަންކަން ކޮށްދިނުން. މިކަންކަމަކީ، ސްކޫލަށް ބެއްޔަސް، މަލްޓި ޕަރޕަސް ހޯލު، ނޫނީވިއްޔާ ކްލާސްރޫމް ބޭނުންވާ ރަށްރަށަށް އިންފްރާސްޓްރަކްޗަރ އިތުރުކޮށްދިނުން، މިއީ ދެ އަހަރަށް ބަހާލައިގެން ގެންދެވޭނެ ކަންތައްތައް. ހެލްތު ސެންޓަރުތައްވެސް ހަމަ މިގޮތަށް މިގެންދަނީ. އެހެންވީމާ، ވަރަށް ބާރު ސްޕީޑްގައި މިކަންކަން ދާނެ.
ދެން، މި ރަށަށް ވަރަށް ދަތިވެފައި އޮތް ކަމެއް، މިހާރު ހަދަން ފަށާފައި ހުރި ޕަވަރހައުސް ނިންމާފައި، އަވަހަށް އެތަނަށް ރީ-ލޮކޭޓް ކުރުން. ދެންމެ އޮތް ބައްދަލުވުމުގައި އެ ވާހަކަ ދެކެވުނު. ފެނަކައިގެ އެމް.ޑީ.ވެސް ޔަޤީންކަމެއް ދެއްވާފައި އެބައޮތް. މި އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިއަށް، މިހާރު ހުރި ތަނުން، މިހާރު ބަދަލުކުރަން އެ މަސައްކަތްކުރާ ތަނަށް، އެކީގައި ބަދަލުކޮށްދީ ނިންމައިދޭނެ ކަމަށް. އެހެންވީމާ، އެގޮތަށް ފެނަކަ އެމް.ޑީ. ޔަޤީންކަން ދެއްވާފައި އޮތީމަ، އަޅުގަނޑު އެ ވާހަކަ މި ދަންނަވާލީ. އަޅުގަނޑު އެންޝުއަރ ކޮށްދޭނަން، އިރާދަކުރެއްވިއްޔާ ސަރުކާރު ތެރެއިން ފެނަކައަށް ބޭނުންވާ ކަމެއްވިއްޔާ ފަހިކޮށްދޭނަން. ޔަޤީނުންވެސް އެ ބޭފުޅުން އެކަން ކޮށްދޭނެ. އެހެންވީމާ، މިއީ މިކަން އޮތްގޮތް.
ދެން، އާރު.ޓީ.އެލް. ފެރީ، މި ރަށަށް އޮންނަ ރޫޓު ދިގުވުމާއި، މި ދަތިކަން ޙައްލުކޮށްދޭންވެސް އަޅުގަނޑު ވާނީ އެމް.ޓީ.ސީ.ސީ.އަށް ދަންނަވާފައި. ބަލައިދޭށޭ، މި ރަށަށް މިހާރު މި ނަގާ ވަގުތު ކުރުކުރެވޭނެ ގޮތެއް އޮތްތޯ. އެހެންވީމާ، އެއަށްވެސް އެޑްރެސްކުރާނަން.
މިއީ، އަޅުގަނޑު ޙަޤީޤަތުގައި ރައްޔިތުން ގާތަށް މި އަންނަ ސަބަބަކީ. އަޅުގަނޑަށްވެސް ހަމަ ކުރީ ޒަމާނުގައި، ކުރީ ޒަމާނޭ މި ކިޔަނީ، މީގެކުރިން އޮންނަގޮތަށް މަޑުކޮށްލެވުނީސް މާލޭގައި. އެކަމަކު، އެއީ އަޅުގަނޑުގެ ގޮތެއް ނޫން. އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވެސް ވަޢުދުވިން، ރައްޔިތުން ގާތަށް ދާނަމޭ. މަދުވެގެން ދެފަހަރު ދައުރުތެރޭގައި. މި ރަށަށް ފުރަތަމަ ފަހަރު ރަސްމީކޮށް މިއައީ. ބައެއް ރަށްތަކަށް މިހާރު ދެވަނަފަހަރުވެސް ދެވިއްޖެ. މިދާ ސަބަބަކީ، މިގޮތަށް ރައްޔިތުން ގާތަށް އައީމަ، މާ ރަނގަޅަށް ކަންކަން އެނގި، ރައްޔިތުންނަށްވެސް އަޅުގަނޑު ގާތުގައާއި، އަޅުގަނޑުމެންނާ އެކީގައި މި އަންނަ ޓީމުގެ ގާތުގައި ކަންކަން ވިދާޅުވެވި، ވަގުތުން ޙައްލުތައް ގެނެވޭ ކަންކަމުގައި ޙައްލު ގެނެސްދީ، ދެންހުރި ކަންކަމަށް ޙައްލު ގެނައުމަށް މަސައްކަތް ރާވާލަން އެބަ ފަސޭހަވޭ. މި ރައްޔިތުންގެ ބައްދަލުވުމާއި، އޭގެ ކުރިން މި ބޭއްވޭ މުއައްސަސާތަކުގެ ބައްދަލުވުމާއި، މި އެތައް ބައްދަލުވުމަކާއެކު، ޙަޤީޤަތުގައި އެ ކުޑަ ވަގުތުކޮޅު ތެރޭގައި ކަންކަން މިދަނީ ޙައްލުވަމުން.
އެހެންނޫނީވިއްޔާ، މިވާގޮތަކީ މިސާލަކަށް، ކައުންސިލް އިނގޭތޯ، ކައުންސިލުން ދާނީ މާލެއަށް. މިހާރުވެސް އެ ބޭފުޅުން ބޭނުންފުޅުވަންޏާ އަމިއްލަފުޅަށް ވަޑައިގަންނަވާނެ. ހަމަ މަރުޙަބާ ކިޔަން. މާލެ ވަޑައިގެން، މިދަނީ އެކިއެކި ވުޒާރާތަކަށް. އެ އެތައް ވަގުތެއް، އެތައް ޚަރަދެއް. ދެން އެ މީޓީންގއަށްފަހު ރަށަށް އެނބުރި އަންނަނީ. ކަމާބެހޭ ހުރިހާ މިނިސްޓަރުންނާއި، އެމް.ޑީ.އިން ގޮވައިގެން މިހާރު މިތަނަށް އަޅުގަނޑު އައިސް، ހުރިހާ ކަމެއް ވަގުތުން އެއްމޭޒެއްގެ ދޮށުގައި، އެއް މީޓިންގއަކުން ޙައްލުކޮށްދީ، ނޫނީވިއްޔާ ޙައްލުކުރާނެގޮތް އައިޑެންޓިފައި ކުރެވުނީމަ، އެދަނީ އެތައް ކަމެއް. ސްކޫލްވިޔަސް، ހެލްތު ސެންޓަރު ކަމުގައިވިޔަސް، ފެނަކަ ކަމުގައިވިޔަސް، އަދި ކައުންސިލް ކަމުގައިވިޔަސް، ޑަބްލިޔު.ޑީ.ސީ.ވިޔަސް، ދެން އަދި އެހެން މުއައްސަސާއެއްވިޔަސް. ހުރިހާ ބައްދަލުވުމެއް، އެއް ބައްދަލުވުމެއްގައި މި ހިނގަނީ. މިއީ ނޫންތޯ ޙަޤީޤީ ލާމަރުކަޒީ ނިޒާމުން ވެރިކަން ކުރުމަކީ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެގޮތަށް. ރައްޔިތުންގެ ގާތަށް އައިސް، ރައްޔިތުންގެ ކަންކަން ރައްޔިތުން ގާތުން އަޑުއަހައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކުރަނީ. އެހެންވެގެން މިކަން މި ކުރަނީ. އެއީ އަޅުގަނޑު ހިތުން، ރައްޔިތުންވެސް ބޭނުންވާނެ ގޮތަކީ.
އެހެންވީމާ، މި ރަށުގެ ކަންކަން، މިހާރު މި ފެށުނު ކަންކަމާއި، ހިނގަމުންދާ ކަންކަމާއި، ކުރަންހުރި ކަންކަން އަޅުގަނޑު މި ދެންނެވި ގޮތަށް، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން، އަނެއްކާވެސް ތިޔަބޭފުޅުންނަށް އަރުވަން. އެއާއެކީގައި އަޅުގަނޑު ދެން، އަނެއްކާވެސް މާލަސްތަކެއްނުވެ، ދެވަނަބުރަށް މި ރަށަށް އައުމުގެ އުންމީދުގައި ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން އުފާފާގަތި މަގުން ކުރިއަށް ގެންދިޔުމުގައި ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.