بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالسَّلَامُ عَلَى أَشْرَفِ الأَنْبِيَاءِ وَالْمُرْسَلِينَ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ

ކުޅިވަރާބެހޭ ވަޒީރު މިނިސްޓަރ ޢަބްދުﷲ ރާފިޢު، އަދި ސްޕޯޓްސް ކޮމިޝަނަރ، އަދި އެސޯސިއޭޝަނުގެ އިސްވެރިންނާއި، ކުޅިވަރާބެހޭ ވުޒާރާގެ އިސްވެރިން، އަދި އަޅުގަނޑުމެން ފަޚުރުވެރިވާ ދިވެހި ޤައުމީ ވޮލީ ޓީމުގެ އެންމެހައި ކުޅުންތެރިންނާއި، ކޯޗުން، އަދި ސްޓާފުން؛

السّـلام عليـكم ورحـمة اللّـه وبـركاتـه.

އާދެ، ޤައުމީ ޓީމު ނުހަނު މުހިންމު މުބާރާތަކަށް ފުރުމުގެ ކުރިން ބައްދަލުކޮށްލުމަށް އަޅުގަނޑަށް މި ފުރުޞަތު ތަނަވަސްކޮށްދެއްވީތީވެ، ކުޅިވަރާބެހޭ ވަޒީރަށާއި، އަދި އެސޯސިއޭޝަނުގެ އިސްވެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް، އަދި ޚާއްޞަކޮށް، ޓީމުގެ އެންމެހައި ބައިވެރިންނަށް އަޅުގަނޑު ދަންނަވަން.

އާދެ، މި އަލަށް ޤައުމީ ވޮލީބޯލް ޓީމަކާ މުޚާޠަބުކޮށް، އެއްޗެއް ދަންނަވާލަން އަޅުގަނޑަށް ފުރުޞަތު ލިބުނީތީވެ ދަންނަވާލަން ބޭނުންވޭ. ރާއްޖޭގެ ނެޝަނަލް ޓީމު، އަޅުގަނޑު ހަނދާނަށް އަންނަނީ 1979 ހިސާބުގައޭ އެކުލަވައިލީ. މިހާ ހިސާބަށް އައިއިރުގައި، މި މަސައްކަތުގައި ވަރަށް ބުރަކޮށް، ރެޔާއި ދުވާލު މި ކުޅިވަރު އާލާކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވި، މި ޢާއިލާތަކުގެ ތެރޭގައި ތިއްބެވި އެންމެހައި ފަރާތްތަކަށް، އަޅުގަނޑު އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އަޅުގަނޑު މިހެން މި ދަންނަވަނީ، މި ކުޅިވަރު މިހާ ހިސާބަށް އަޅުގަނޑުމެން ތެރޭގައި ދެމިއޮތްއޮތުމަށް ވިސްނާފައި. ވަރަށް ބުރަ މަސައްކަތެއް. އަޅުގަނޑުމެންގެ ރަށްތަކުގައި، އެކި ފެންވަރުތަކުގައި މި ކުޅިވަރު އާލާކޮށް، އަޅުގަނޑުމެންގެ އެކިއެކި ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެ ފަރާތްތަކުން ވަނީ، ވަރަށް ދަތި އުނދަގޫތަކުގައި ބުރަ މަސައްކަތްތަކެއް ކޮށްފައި. އެހެންވީމާ، މިހާރުވެސް އެ ކުރަމުންދާ މަސައްކަތްތައް ފާހަގަކުރަމުން، އަޅުގަނޑު މި ޝުކުރު މި ޙިއްޞާކޮށްލީ.

އާދެ، ދެން އަޅުގަނޑު އިތުރަކަށް ފާހަގަކޮށްލާކަށް ބޭނުމެއްނުވޭ، ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަ ތަކުރާރުކުރާކަށް. އެހެންނަމަވެސް، އޭގެތެރެއިން އެސޯސިއޭޝަންގެ ނައިބު ރައީސް ފާހަގަކޮށްލެއްވި ވާހަކަ ތަކުރާރުކުރާކަށެއް ނޫން. އެހެންނަމަވެސް، މިއިން ކޮންމެ ކަމަކަށް އަޅުގަނޑުމެން ތައްޔާރުވާއިރު، ސްކޫލްތަކުގައިވެސް، ނެޝަނަލް ޓީމުތަކުގައިވެސް، މުބާރާތަކަށްދާއިރު އަޅުގަނޑުމެން ދައްކާ އެއް ވާހަކައެއް އެއީ، ޤައުމު ތަމްސީލު ކުރާއިރުގައިވެސް، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ބައެއްކަހަލަ އާދަތަކުގެ ވާހަކަ. މިއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެ ވާހަކަ އަޅުގަނޑުމެންނަށް އަޑުއިވޭތީވެ، ތަންކޮޅެއް އާދައިގެ ވާހަކަތަކަކަށް ވެދާނެ. އެހެންނަމަވެސް، ޤައުމެއްގެ ނިސްބަތުން ޤައުމެއް ދިރުވުމާއި، އާލާކުރުމާއި، އެ ސަގާފަތް ނަގަހައްޓައި، ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ވެރިންނާއި، އަޅުގަނޑުމެންގެ ރައްޔިތުންގެ އަތްމަތީގައި އޮތް ވަރަށް މުހިންމު އެއްކަމެއް އެއީ، އެކަންކަން ތަންފީޒުކުރުން. އެއީ، އަޅުގަނޑުމެންގެ ޤައުމަށް ލިބޭނެ އެންމެ ރީތިނަން. އެންމެ ފަޚުރުވެރި ނަން. އެންމެ ޝަރަފުވެރި ނަން. އަދި ކުރިއަށް އޮތް ޖީލަށްޓަކައި، އަޅުގަނޑުމެން މަތިކޮށްފައިވާ ޒިންމާއަކަށްވާތީ، އެ ވާހަކަ މިފަދަ މާޙައުލުތަކުގައި އަޅުގަނޑުމެންނާ ހަމައަށް ތަކުރާރުކޮށް އިވެމުންދަނީ.

އަޅުގަނޑު އެ ވާހަކަވެސް ކުރުކޮށްލާފައި އަޅުގަނޑު އެދެނީ، ހަމަ ޔަޤީނުންވެސް ތިޔަ ކުޅުންތެރިންގެ ފަރާތުން، ދިވެހި ރައްޔިތުން އެދެނީ އެންމެ ކަމެއް. އެއީ، ޤައުމަށް ތަށިހޯދުން. މިއީ، މިއަދު އަޅުގަނޑުމެން ބޭނުންވާ ކަމަކީ. އެހެންނަމަވެސް، މިއާ ހަމައަށް ވާސިލުވުމަށްޓަކައި، މިހާ ހިސާބަށް އައިއިރު ހުރި ގޮންޖެހުންތައްވެސް އެބަހުރި. އެއީ، އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންގެ ކަންކަމާ ހަވާލުވެ ތިއްބެވި ފަރާތްތައް، ނޫނީ އެސޯސިއޭޝަންތައް ހިންގަން ތިއްބެވި ފަރާތްތަކުގެ ޒިންމާއެއް. އެއީ، ކުޅުންތެރިންނަށް ލިބެންޖެހޭ ފުރިހަމަ ތަމްރީނުތަކާއި، ބައިނަލްއަޤްވާމީ ތަޖުރިބާ އަޅުގަނޑުމެންގެ ކުޅުންތެރިންގެ ގައިގައި އަށަގެންނެވުމުގެ ފުރުޞަތު ހޯދައިދިނުން. އެހެންނަމަވެސް، މިކަންކަންވެސް ގޮސް މި ހުއްޓެނީ، އަޅުގަނޑުމެންގެ މުޅި ޤައުމުގެ މަޞްލަޙަތާއި، މުޅި ޤައުމުގެ ޙާލަތާ. މި އުނދަގޫ ދަތި ހާލަތައިގެންވެސް، އިރާދަކުރެއްވީތީވެ ސަރުކާރުން، ވޮލީބޯލް އެސޯސިއޭޝަނާ ގުޅިގެން ބުރަ މަސައްކަތްތަކެއް އެބަކުރޭ. ކޮންމެ ކުޅިވަރަކަށްވެސް ދޭންޖެހޭ އަހަންމިއްޔަތުކަން ދީގެން، އެކަމަކަށް ލިބެންޖެހޭ އެހީތެރިކަން ފޯރުކޮށްދެވޭތޯ. އަޅުގަނޑު މި ދަންނަވަނީ، ޤައުމުގެ އިޤްތިޞާދީ ހާލަތު އޮތްގޮތުން. މި ހާލަތު އޮތްގޮތުން، އަޅުގަނޑުމެން ބޭނުންވޭ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، ކުޅުންތެރިންނަށް ލިބެންޖެހޭ ފުރިހަމަ ތަމްރީނުތައް ލިބި، އެ ޓްރޭނިންގތަކުގައި ބައިވެރިކުރުވައިގެން، މިފަދަ ޓީމުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ބައިވެރިވެ، ރަނގަޅު ނަތީޖާތައް ނެރޭތަން ދެކެން. އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރު، މި ގޮންޖެހުންތަކާ އެކީގައިނަމަވެސް، މި ކުރެވޭ މަސައްކަތް އަޅުގަނޑު ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ މިކަންކަމަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި، އެ މަނިކުފާނަށް އަޅުގަނޑު މި ފުރުޞަތުގައި ވަރަށް ފުރިހަމަ މަރުޙަބާއަކާއި، ޝުކުރެއް ދަންނަވަން.

މިފަދަ ކޮންމެ ހާލަތެއްގައިވެސް، ދިވެހިން، ދިވެހިންގެ ގޮތުގައި ދައްކައިދެމުންދަނީ، އެއްބައިވަންތަކަން، އެކުވެރިކަން، ވަރަށް ވަރުގަދަ ރޫޙެއް. އަޅުގަނޑުމެން ގޮސްފައި، ރާއްޖެއިން ބޭރުގައިވެސް ތަމްސީލުކޮށްގެން، ރީތިނަމަކައިގެން ޓީމުތައް މި އަންނަނީ، އެއީ އޭގެ ނަތީޖާ. ދިވެހިން ފަޚުރުވެރިވޭ، ޤައުމީ ޓީމުތައް އެ ހޯދާ ކާމިޔާބީއަށްޓަކައި. އަދި، ވޮލީބޯލް ޓީމު މިހާ ހިސާބަށް، ކަވަރކަޕުގައި އެބަހުރި އަޅުގަނޑުމެން ފަޚުރުވެރިވާފަދަ، ވަރަށް ރަނގަޅު ނަތީޖާތައް ނެރެދީފައި. އެއީ، އަޅުގަނޑުމެން ބޭނުންވާ ނަތީޖާއަކީ.

ރާއްޖޭގައި މިހާރު މި ކުޅިވަރަށް އާންމު ރައްޔިތުންދޭ ތަރުޙީބު ވަރަށް އިތުރުވެއްޖެ. ތިއިން ކޮންމެ ކުޅުންތެރިއެއްގެ ފަހަތުގައި، ތިއިން ކޮންމެ ކުޅުންތެރިއަކަށް ތާއީދުކުރާ ފޭންސްތަކެއް އުފެދިފައި އެބަތިބި. އެހެންވީމާ، މިއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ކަމަކީ. މި ކުޅިވަރު، އަޅުގަނޑުމެންގެ ތެރޭގައި އާލާވެ، ދިރިގެންދާ ސަބަބުތައް މި ދެންނެވީ.

އެހެންވީމާ، އަޅުގަނޑުމެން އެދެނީ އެންމެ ކަމެކޭ. އެއީ، ކާމިޔާބު. ކާމިޔާބަށްވެދާނެ، ކުރިން މި ދެންނެވި ގިނަ ކަންކަމުގެ ތެރެއިން، ތަށި ނުލިބުނުކަމުގައިވިޔަސް، އެހެން މަރުޙަލާއަކަށް ވާސިލުވެވުނަސް. އެއީ ލިބޭނެ ވަރަށް ބޮޑު ފަޚުރަކަށް ވެގެންދާނެ، މި ދިވެހި ދަރިންނާއި، ދިވެހި މުޖުތަމަޢަށް.

އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން. އަދިވެސް އެއްފަހަރު މި ފުރުޞަތު އަޅުގަނޑަށް ލިބުނީތީވެ، އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަދި ޤައުމީ ޓީމަށް ކާމިޔާބަށް އެދެމުން. ޝުކުރިއްޔާ!


وَالسَّلَامُ عَلَيْكُمْ.