މަންދޫގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން، އެންމެ އިސްކަންދެއްވާނެ އެއް މަޝްރޫޢަކީ ސްކޫލްގެ ބާރަ ކްލާސްރޫމްގެ މަޝްރޫޢު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެންމެ ފަހު ރަށް ކަމަށްވާ މަންދުއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ.
ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު، މަންދޫ ސްކޫލްގައި ކުރިއަށް ގެންދެވި މި މަޝްވަރާބައްދަލުކުރެއްވުމުގައި، މަންދޫ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވަނީ މަންދޫ ސްކޫލްގެ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑާއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލުގެ ޢަމަލީ މަސައްކަތް ނޮވެމްބަރު މަހު ފައްޓަވާ، 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމުމަށް ކަނޑައަޅުއްވަފައިވާ ކަމަށެވެ.
ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު މަންދުއަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ރަށުގައި މިއަދު އަމަލީ މަސައްކަތް ފެށިގެންދިޔަ ހުރިހާ މަޝްރޫޢުތައް ނިންމަވާ އެކަންކަން ހަޤީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން މިއަދު މަންދޫގައި ވަނީ ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގެ ބިންގާ އަޅުއްވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި، ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމެއް ހުޅުއްވައިދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.